ފަލަކް - 8

(25 ނޮވެންބަރު 2019ގައި  ޝާއިއުކުރި ބަޔާގުޅޭ)

"އެއީ މައްސަލައެއް ނޫން. ބަހައްޓާ." އޭނާ އެކުއްޖާގެ މުށު ތެރެއަށް ފައިސާ ލެއްވިއެވެ. އެކުއްޖާ ވަރަށް އުފާވިއެވެ. ސަތޭކަ ރުފިޔާ ޖީބަށް ލުމަށްފަހު އޭނާ އެނބުރިދިޔައެވެ. އެކުއްޖާ ދިޔަތަން ބަލަން ފަލަކް އޮތެވެ. އަވީގައި އެކުއްޖާ އުޅޭ ހާލު ފެނިފައި އޭނާގެ ހިތުގައި ހަމްދަރްދީ އުފެދުނެވެ. ކުއްލިއަކަށް އެކުއްޖާ މަގު ހުރަސްކުރަން އުޅެނިކޮށް ފަހަތުން އައި ކާރަކުން ޖެހި އޭނާ ގޮސް ޖެހުނީ މަގުގެ އަނެއް ފަރާތުގައެެވެ. ޓްރެފިކާ ހެދި ފަލަކަަށް އެކުއްޖާ ގެއްލުނެވެ. ޕޭވްމަންޓުން ހިނގާފައި ދިޔަ މީހުން ދުވެފައި ކަހަލަ ގޮތަކަށް އެކުއްޖާއަށް އެހީވުމަށް ދިޔައެވެ. ފަލަކް ދޮރު ހުޅުވަން އުޅެނިކޮށް އޭނާގެ މަންމަގެ އަޑު އިވުނެވެ.

"ކިހިނެއްވީ ފަލަކް؟ ކޮންތާކަށް ދާން ތިއުޅެނީ؟" ކާރަށް އަރަމުން މައިމޫނާ އެހިއެވެ.

"މަންމާ، ކުއްޖަކު އެކްސިޑެންޓު ވެގެން އެ އުޅެނީ. މިދަނީ އެތަނަށް ދާން." އެ ދިމާއަށް އިޝާރާތް ކުރަމުން ފަލަކް ބުންޏެވެ.

"ތިކަހަލަ އެކްސިޑެންޓް ހިނގާނެ ކޮންމެ ދުވަހަކު. ދަރިފުޅު އެތަނަށް ގޮސް ކީއްކުރާނީ؟" އޭނާ ފަހަތަށް ލެނގިލާފައި ދޮރު ލެއްޕިއެވެ.

"މަންމާ، އެ ކުއްޖާ... ނޭނގޭ އޭނަ..." ފަލަކުގެ އަޑު ތުރުތުރު އަޅައެވެ. މައިމޫނާ ކާރު ދުއްވާލިއެވެ.

"އެތާ އެތައް ބަޔަކު އެބަތިބި. އެމީހުން އޭނަ ހޮސްޕިޓަލަށް ގެންދާނެ. އަހަރެމެން އެތަނަށް ގޮސް ކީއްކުރާނީ؟ އެހެން ނޫނަސް އަހަރެން ވަރަށް އަވަހަށް ގެއަށް ދާން ޖެހޭ. ރައްޓެއްސެއްގެ ސެލޫން މިއަދު ހުޅުވާނެ. އެތަނަށް އަހަރެން ކޮންމެހެން ވެސް ދާންޖެހޭނެ." ގަބޫލުކުރަން ދަތިވެފައި އިނދެ ފަލަކް އޭނާގެ މަންމަގެ މޫނަށް ބަލައިލިއެވެ. މައިމޫނާ ދުއްވާފައި ދިޔައީ ނުލާހިކު ބާރަށެވެ.

"މަންމަގެ އެއްވެސް އިންސާނިއްޔަތު ކަމެއް ނެތީތަ؟ އެ ކުޑަ ކުއްޖާ އިންސާނަކަށް ނުވަނީތަ؟" ފަލަކް ފުން ޚިޔާލަކަށް ގެއްލިފައި އިނެވެ.

ފަލަކްގެ ސިކުނޑީގައި ހިނގާ ޚިޔާލެއް މަންމައަކަށް ނޭނގެއެވެ. މައިމޫނާ އޭނާއާ ވާހަކަ ދައްކަން ފެށިއެވެ. ފަލަކުގެ މޭގައި ރިއްސަން ފެށިއެވެ. ގައިން ބައެއް އުނިވެފައިވާ ކަމުގެ އިހުސާސް ކުރެވެން ފެށިއެވެ.

އަހަރެމެން މިހާ އިންސާނިއްޔަތުކަން ކުޑައީ ކީއްވެހެއްޔެވެ؟ މިއީ މި ފެންވަރުގެ މީހުންގެ ޒާތެވެ. މީހަކަށް އަނިޔާވިޔަސް އެމީހަކީ އަހަރެމެން ދަންނަ މީހަކަށް ނުވާނަމަ އަޅާލުމެއް ނެތެވެ. އަދަބާއި ސުލޫކުގެ ވާހަކަ އަބަދު ދައްކަނީވެސް އަހަރެމެންނެވެ. އިންސާނިއްޔަތު ކަމެއް ނެތުމަކީ އަދަބުގެ ތެރޭގައި ހިމެނޭ ކަމެއް ނޫންހެއްޔެވެ؟ ހަމައެކަނި ކާން، ބޯން، އިށީންނަން، ތެދުވަން، އަދި ވާހަކަ ދައްކަން އެނގުމުން ފުދޭހެއްޔެވެ؟ ކަލާނގެއާއި އަހަރެމެންނާ އޮންނަ ގާތްކަން އެހާ ކުޑައިރު އަހަރެމެންނަށް ޝަކުވާ ކުރެވޭނެ ހެއްޔެވެ؟

މިއީ ފަލަކުގެ ހިތަށް އަރައި ފައިބަމުން ދިޔަ ސުވާލުތަކެވެ. ފަލަކް އަނެއްކާވެސް އޭނާގެ މަންމަގެ މޫނަށް ބަލައިލިއެވެ. އޭނާ ހުއްޓާނުލާ ވާހަކަ ދައްކަމުން ދިޔައެވެ. ފަލަކަކަށް އެއިން އެއްވެސް ވާހަކައެއް ދޭހައެއް ނުވެއެވެ. އޭނާގެ ލޯމަތިން ފެންނަނީ އެ ނިކަމެތި ކުއްޖާއެވެ. ކާރުގައި ޖެހިފައި އެކުއްޖާ ވިއްސައިގެން ގޮސް މަގުގެ އަނެއް ފަރާތުގައި ޖެހުނު މަންޒަރެވެ. ހިރަފުސްކޮޅަކަށް ވުރެ ވެސް އޭނާ ނިކަމެތިކަން އިހުސާސް ކުރެވުނެވެ.

"ހުއްޓާލަބަލަ މަންމާ. ކޮންހާ ވާހަކައެއް ތިދައްކަނީ. އަހަރެން ނޭވާ ހާސްވެގެން މަރުވަނީ. އަނގަ މަޑުންލައިގެން އިނދެބަލަ، ހެޔޮނުވާނެ. އަހަންނަކަށް ތި ވާހަކަ މުހިއްމެއް ނޫން." އޭނާ ކަންފަތުގައި ދެ އަތް އެޅިއެވެ. އަދި ބާރަށް ހަޅޭއްލަވަން ފެށިއެވެ.

މައިމޫނާ ވަގުތުން ވާހަކަ ދެއްކުން ހުއްޓާލައިފިއެވެ. "ސައިކޭޓްރިސްޓަކަށް މީނަ ދެއްކިތާ އަދި ބައިގަޑިއިރު ނުވޭ. މިހިރީ ހާލަތު." މައިމޫނާގެ ހިތަށް އެރިއެވެ.

އެދުވަހު ގެއަށް ދިޔަގޮތަށް އެތައް ދުވަހެއް ވަންދެން ފަލަކު ކޮޓަރިން ނުނުކުމެއެވެ. އެއްވެސް މީހަކާ ވާހަކައެއް ނުދައްކައެވެ. ބޭރަށް ނުކުންނަށް ކިތަންމެ މަސައްކަތެއް ކުރިޔަސް ނުނުކުމެވެއެވެ. ފަޅި ސިކުންތަކަށް ވެސް އެކުއްޖާގެ ހަނދާންތަކާ ދުރަކަށް ނުދެވެއެވެ. އެކުއްޖާއަށް ލިބުނީ ކިހައިވަރުގެ އަނިޔާއެއް ކަމެއް އޭނާއަކަށް ނޭނގެއެވެ. ދިރިހުރި ކަމެއްވެސް ނޭނގެއެވެ. އެ ނޫން ކަމެއް އޭނާގެ ސިކުނޑިއަކު ނެތެވެ. އަސްރު ނަމާދުކޮށް ނިމުނުތަނާ އޭނާއަށް ކުޑަ ކުއްޖެެއްގެ އަޑު އިވެންފެށިއެވެ. އެއީ ޑްރައިވަރުގެ ދަރިފުޅުގެ އަޑެވެ. އެކުއްޖާ ފިލާވަޅު ދަސްކުރާ އަޑެވެ.

"އަބޫ ބިން އަދްހަމް (ސޫފީ އިލްމުވެރިއެއް ކަމުގައިވާާ އިބްރާހީމް ބިން އަދްހަމް) އަކީ ތަގުވާވެރި، ވަރަޢަވެރި ބޭކަލެކެވެ. އޭނާ އެއް ރެއަކު އަވަހާރަފުޅުގައި އޮންނަވައިފައި ކުއްލިއަކަށް ހޭފުޅުލެއްވުނު އިރު ކޮޓަރިކޮޅު ވަނީ އަލިވެ އުޖާލާ ވެފައެވެ. އޭނާއަށް ފެނިވަޑައިގަތީ މަލާއިކަތްބޭކަލަކު އެބޭކަލެއްގެ ރަން ފަތްކޮޅުގައި އެއްޗެއް ލިޔުއްވާން ހުންނަވަނިކޮށެވެ."

ފަލަކް ލޯ ހުޅުވައިލިއެވެ. އެކުއްޖާ އިނގިރޭސި ލަފުޒުތައް ތަލައްފުޒު ކުރަމުން ދިޔައީ ރޯ ނުބައިކޮށެވެ. އެކަމަކުވެސް ފަލަކަށް އޭނާ ކިޔާ އެއްޗެއް ދޭހަވިއެވެ.

"ތިޔަ ލިޔުއްވަނީ ކޮން އެއްޗެއްތޯ އަބޫ ބިން އަދްހަމް ސުވާލު ކުރެއްވިއެވެ. އެބޭކަލަކު ވިދާޅުވިއެވެ. މި ލިޔަނީ ﷲ ދެކެ ލޯބިވާ މީސްމީހުންގެ ނަމެވެ." ފަލަކް ނޭވާ ހިފަހައްޓައިލިއެވެ. އޭނާގެ ހިތް ބާރަށް ތެޅެން ފަށައިފިއެވެ. ރަޒިއްޔާ ކިޔަމުން ދިޔައީ ލަސްލަހުންނެވެ. "އޭނާގެ ނަންފުޅު އެ ލިސްޓުގައި އޮތްތޯ އަބޫ ބިން އަދްހަމް ސުވަލު ކުރެއްވިއެވެ. މަލާއިކަތާ ވިދާޅުވިއެވެ. ނެތެވެ. ދެން އަބޫ ބިން އަދްހަް ދެންނެވިއެވެ. އިންސާނިއްޔަތު ދެކެ ލޯބިވާ މީހުންގެ ލިސްޓުގައި އަޅުގަނޑުގެ ނަން ހިމެނުއްވިދާނެތޯއެވެ؟ މަލާއިކަތާ އަބޫ ބިން އަދްހަމްގެ ނަންފުޅު ލިޔުއްވުމަށް ފަހު ޣާއިބުވެވަޑައިގެންފިއެވެ. އަނެއް ރޭ އަނެއްކާވެސް މަލާއިކަތާ ވަޑައިގެންފިއެވެ. އަދި ﷲ ދެކެ ލޯބިވާ މީހުންގެ ލިސްޓު އަބޫ ބިން އަދްހަމަށް ދައްކަވައިފިއެވެ. އެ ލިސްޓުގެ އެންމެ ކުރީގައި ރަން އަކުރުން ވިދަވިދާ އޮތީ އޭނާގެ ނަންފުޅެވެ."

ރާޒިއާ އަނެއްކާވެސް ފިލާވަޅު ފަރިތަކުރަން ފެށިއެވެ. އެ ފިލާވަޅު އަޑުއަހަން އިންއިރު ފަލަކްގެ ލޮލުން ހުއްޓުމެއް ނެތި ކަރުނަ ފައިބަމުން ދިޔައެވެ.

ކަލާނގެ ރުހުން ހޯދަން އަހަރެން މިއުޅެނީ އެހެން މީހަކަށް ދުވަހަކު އެހީތެރިކަމުގެ އަތެއް ދިއްކޮށްނުލައެވެ. އަހަންނަށް ތެދުމަގު ދައްކަވާނީ ކިހިނެއްހެއްޔެވެ؟ ނިކަމެއްޗަކަށް އެހީތެރިކަން ފޯރުކޮށްދީގެން އަހަންނަށް ކަލާނގެ ރުއްސެވުން ލިބިދާނެހެއްޔެވެ؟ ކަލާނގެ ރަހްމަތް ލިބިފައިވާ މީހުންގެ އުޅުން ހުންނަނީ ކިހިނެއްހެއްޔެވެ؟ އެ އުޅުން ލިބިގަނެވޭނީ ކިހިނެއްހެއްޔެވެ؟ އެމީހުންގެ ކިބައިގައި ހުންނަނީ ޚާއްސަ ކޮން ސިފަތަކެއް ހެއްޔެވެ؟

ފަލަކުގެ ބޯ ފަޅައިގެންދާވަރު ވެއްޖެއެވެ.

"ދައްތާ، މިއީ އެކުއްޖާގެ ގެ." ފަލަކު ގޮވައިގެން އެގެއަށް ދިޔައީ ކުޑަ ފިރިހެން ކުއްޖެކެވެ. އޭނާ އެގޭ ދޮރުގައި ޓަކިޖެހިއެވެ. އިރުކޮޅަކުން އުމުރުން ސަތާރަ ނުވަތަ އަށާރަ އަހަރުގެ ކުއްޖަކު އައިސް ދޮރު ހުޅުވިއެވެ. "ދައްތަ މިއައީ މާޖިދުގެ ހާލު ބަލައިލަން." އެ ފިރިހެން ކުއްޖާ ބުންޏެވެ. އެ އަންހެން ކުއްޖާ ސުވާލުގެ ނަޒަރުން ފަލަކަށް ބަލައިލިއެވެ.

"ތީ މާޖިދުގެ ދައްތަ ތަ؟" ފަލަކު އެހިެއވެ.

"އާނ."

"އެތެރެއަށް ވަންނަންތަ؟"

އެކުއްޖާ ފަލަކަށް ތަން ދައްކަމުން އެއްފަރާތަކަށް ޖެހިލިއެވެ. އެތެރެއަށް ވަދެވުމުން އެ ޖިފުޓީގައި އުޅޭ މީހުންގެ ހާލު ފަލަަކަށް ފެނުނެވެ. ކޮންމެ އެއްޗަކުން ފެންނަނީ އެމީހުންގެ ފަގީރު ކަމެވެ. ނިކަމެތިކަމެވެ. މުޅިތަނަށް އޮތީ ހިމޭންކަން ވެރިވެފައެވެ. ޖިފުޓީގެ ތެރެއިން ވައި ދައުރުވާނެ ގޮތެއްވެސް ނެތެވެ.

ކުއްލިއަކަށް ފަލަކުގެ ހިތަށް އޭނާގެ ގެ އައެވެ. އެގޭގެ ފާޚާނާ ވެސް މި ޖިފުޓިގަނޑަށްވުރެ ބޮޑުވާނެއެވެ. އެ އަންހެން ކުއްޖާއަށް ފަލަކު ގާތު އިށީންނާނެ ތަނެއް ބުނެދޭކަށް ނޭނގުނެވެ. އާދައިގެ ކޮޓަން ފޮތީގެ ހެދުމެއް ލައިގެން ހުއްޓަސް އެއީ އާދައިގެ މީހެއްހެން ހިއެއް ނުވެއެވެ. ފެންނަފެނުމަށް އެއީ ފުދުންތެރި މީހެއްކަން އެކުއްޖާއަށް އެނގެއެވެ.

އިރުކޮޅެއްފަހުން އެކުއްޖާ އެތަނުން ބާ ގޮނޑިގަނޑެއް ދައްކާފައި އިށީންނަން ފަލަކަށް އިޝާރާތް ކުރިއެވެ. ގޮނޑީގައި އިށީނުމުގެ ބަދަލުގައި އޭނާ އިށީނީ މަށިން ހަދާފައިވާ ތަޅުންމަތީގައެވެ. އެކުއްޖާ ހައިރާންވިއެވެ. އެކުއްޖާ ވެސް ތަޅުންމަތީގައި އިށީނެވެ.

"ކޮބާ މަންމަ؟" ފަލަކް އެހިއެވެ.

"މަންމަ އުޅެނީ ނޯކިރީކޮށްދީގެން. މަސައްކަތަށް ގޮސްވީ."

"ބައްޕަ؟"

"މަރުވެއްޖެ، ދެއަހަރު ކުރިން." މުޅިތަނަށް ހިމޭންކަން ވެރިވިއެވެ.

"އެއްބަނޑު އެއްބަފާ ކިތައް ބެއިން ތިބޭތަ؟"

"ދެ ފިރިހެނުންނާއިި ތިން އަންހެނުންް." އޭނާގެ މޫނުމަތިން ފެންނަނީ ހިތާމައިގެ އަސަރެވެ.

"މާޖިދު ނިޔާވުމުން އެހިތާމައިގައި އަހަރެންވެސް ބައިވެރިވަން." ފަލަކް ބުނެލިއެވެ. "ދެން ހުރި ފިރިހެން ކުއްޖާ މާޖިދަށްވުރެ ހަގުތަ؟"

"އާނ. އޭނާއަށް ހަތް އަހަރު."

"އެންމެ ދޮށްޓަށް ހުންނަނީ ކާކު؟"

"އަހަރެން. އަނެއް ދެ ކޮއްކޮ ދަނީ މަންމައާއެކު ނޯކިރީ ކުރަން. އަހަރެން އިންނަނީ ގޭގައި. ގޭގަ އިނދެގެން ފެހުމާއި، ސިޓީ އުރަ ހެދުން ފަދަ ކުދި ކުދި މަސައްކަތް ކުރަން."

ފަލަކު އޭނާގެ މޫނަށް ބަލަން އިނެވެ. އޭނާގެ މޫނުމަތިން ފެންނަނީ މޮޅިވެރިކަމެވެ. ފަލަކު ދަބަހުން ސިޓީއުރައެއް ނަގައި އެކުއްޖާގެ ކުރިމަތީގައި ބޭއްވިއެވެ. "މިއީ ކުޑަ ފައިސާކޮޅެއް. މަންމައަށް ދީ. އަދި އަންނާނަން. އެއްވެސް ކަމެއް ބޭނުން ވެއްޖެނަމަ އަހަރެން ގާތު ބުނާތި." ފަލަކް ތެދުވެގެން އެ ޖިފުޓިން ނުކުތެވެ.

އެ ދުވަހު އެ ފިރިހެން ކުއްޖާ އެކްސިޑެންޓުވީ ސަރަހައްދަށް ފަލަކު ދިޔައެވެ. އެހިސާބުގައި ތިބި މީހުންނާ ވާހަކަ ދައްކާލުމުން އެ ކުއްޖާ ނިޔާވިކަން އެނގުނެވެ. މާޖިދުގެ ގެއަށް އޭނާ ދިޔައީ އެމީހުން ކުރެން އަހައިގެންނެވެ.

އެނބުރި ގެއަށް އައިސް އޭނާއަކަށް އަމިއްލަ ގޭގެ އަރާމާއި ލައްޒަތެއް އިހުސާސެއް ނުކުރެވުނެވެ. އެ ޖިފުޓިއަށް ދެވުމުން ކުރިން އަމިއްލަ ގެއިން ލިބުނު ހިތްހަމަޖެހުމެއް މިހާރަކު ނުލިބެއެވެ. އޭނާގެ ގެއަކީ ބޮޑު ގަނޑުވަރެއް ކަހަލަ ގެއެކެވެ. ދަތުރުކުރަނީ އަށް ލައްކަ ރުފިޔާގެ ކާރެއްގައެވެ. މުޅި ގޭގައި ހުންނަނީ އަގުބޮޑު ތަކެއްޗެވެ. ބޭނުން ކޮންމެ އެއްޗެއް ކާން ލިބެއެވެ. މި ހުރިހާ ނިއުމަތެއް ލިބިފައިވާ އިރު އަޭނާއަށް ލިބޭ ހިތްހަމަޖެހުމެއް ނެތެވެ. އަހަރެން ނުލިބިގެން މިއުޅެނީ ކޮން ރަހުމަތެއް ހެއްޔެވެ؟ ކަލާނގެ އަހަންނަށް ނިއުމަތް ދެއްވަންވީ ކީއްކުރަން ހެއްޔެވެ؟ ފިރިހެނަކު އަންހެނަކު ދެކެ ލޯބިވެވިއްޖެ ނަމަ އޭނާއަށް ހޯދައިނުދެނީ ކޯޗެއްހެއްޔެވެ؟ އަގު ބޮޑު ގަހަނާއާއި ހަދިޔާއެވެ. ކިތަންމެ ބޮޑު ހޭދައެއް ކުރާކަށް ވެސް ފަހެއް ނުޖެހެއެވެ. އަންހެން މީހާ ބޭނުންވާ ހުރިހާ އެއްޗެއް ހޯދައިދެއެވެ.

އެކަމަކު ﷲގެ މަގުގައި ހޭދަކުރާނެ އެއްޗެއް ނޯވެއެވެ. ސަދަގާތް ދެނީ ބޭނުން ނުހިފޭ ނުވަތަ އުކާލަން ޖެހިފައި ހުންނަ ތަކެތިންނެވެ. އެއްވެސް އަގެއް ނުހުންނަ ތަކެތިންނެވެ. ކަލާނގެ ރަހްމަތަަށް އެދެނީ ބާ އަންނައުނާއި ބާ ބޫޓު ނިކަމެތިންނަށް ދީގެންނެވެ. އޭގެ ބަދަލުގައި އެމީހުން އުއްމީދުކުރަނީ ސުވަރުގެއިން ގަނޑުވަރެއް ދެއްވުމަށެވެ. އިންސާނާގެ ހިތުގައި ފޮރުވިފައިވާ ހުރިހާ ކަމެއް ވެސް ﷲ މޮޅަށް ދެނެވޮޑިގެންވެއެވެ. ނަމަވެސް އަހަރެމެން މަސައްކަތް ކުރަނީ ކަލާނގެއަށް އޮޅުވާލާށެވެ. ކަލާނގެ ރުހުން ހޯދަން ފަލަކް ޝޭރް އަފްޣާން ކުރަނީ ކޮން ކަމެއްހެއްޔެވެ؟ ނަމާދުކޮށްގެން މުސައްލަ މަތީގައި އިނދެ ރުއިން ނޫން ކަމެއް ނުކުރެއެވެ. އެކަމަކު ﷲގެ މަގުގައި ހޭދައެއް ނުކުރެއެވެ. ނިކަމެއްޗަކަށް އެހީތެރިކަމުގެ އަތެއް ފޯރުކޮށްދިނުމެއް ނެތެވެ.

(ނުނިމޭ)

އާމިނަތު ސަޢީދު
އާމިނަތު ސަޢީދަކީ ދިވެހިރާއްޖޭގެ ގައުމީ ޔުނިވަރުސިޓީގައި ލިންގުއިސްޓިކްސް ކިޔަވައިދެއްވާ ލެކްޗަރާރެކެވެ. ލިންގުއިސްޓިކްސް އިން މާސްޓަރސް ހާސިލު ކުރައްވައިފައިވާ ފަންނީ ލިޔުންތެރިއެކެވެ.

4 ޚިޔާލު

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.