ކުޑަ ކުއްޖަކު ޖިންސީ ޝިކާރައަކަށް ހެދިވާހަކަ ދައްކަންޖޭނީ ޝިދާތާ އަޒުލު ކުރުމަށްފަހު: ޝިޔާމް

އުމުން 13 އަހަރުގެ އަންހެން ކުއްޖަކު ޖިންސީ ޝިކާރައަކަށް ހެދި މައްސަލައާ ގުޅިގެން، ރައްޔިތުންގެ މަޖިލީހަށް ކުއްލި މައްސަލަ ހުށަހަޅައި ބަހުސް ކުރަންޖޭނީ މިނިސްޓަރ އޮފް ޖެންޑަރ ފެމެލީ އެންޑް ސޯޝަލް ސާވިސް ޝިދާތާ ޝަރީފު އެ މަގާމުން އަޒުލް ކުރުމަށްފަހު ކަމަށް އިދިކޮޅު ޕީޕިއެމްގެ ޕާލަމެންޓްރީ ގްރޫޕުގެ މެންބަރު އަހުމަދު ޝިޔާމު ވިދާޅުވެއްޖެ އެވެ.

އުމުން 13 އަހަރުގެ ކުޑަ ކުއްޖާ ޖިންސީ ޝިކާރައަކަށް ހެދުމާ ގުޅުން ހުރި އެންމެންނަށާއި، އެފަދަ އަމަލުތައް ހިންގާ ހުރިހާ ފަރާތްތަކަށް ވަގުތުން ވަގުތަށް ފިޔަވަޅު އެޅުމަށް ގޮވާލައި ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާއަށް ހުށަހަޅައިގެން ކުރިއަށްގެންދިޔަ ކުއްލި މައްސަލައިގެ ބަހުސްގައި ނައިފަރު ދާއިރާގެ މެންބަރު ޝިޔާމު ވިދާޅުވީ، އެ ކުއްޖާގެ މައްސަލަ ސަރުކާރުގެ ސަމާލުކަމަށް އައިސްފައިވާތާ އަހަރު ދުވަސް ވެފައިވާ ކަމަށް ސަރުކާރަށް ނިސްބަތްވާ މެންބަރު ހުށަހެޅި ކުއްލި މައްސަލައިގައި ބުނާ ކަމަށެވެ.

އެހެންކަމުން އެކަން ހައްލު ކުރުމުގައި ޖެންޑަރ މިނިސްޓަރުގެ އިހުމާލު ވަރަށް ބޮޑަށް ހިމެނޭ ކަމަށާއި އެކަން އެހެން އޮއްވައި މި މައްސަލަ ހުށަހަޅާން ޖެހޭނީވެސް ޖެންޑަރ މިނިސްޓަރު އަޒުލު ކުރުމަށްފަހުގައިކަމަށް ޝިޔާމު ވިދާޅުވިއެވެ.

އެ ކުއްލި މައްސަލަ ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާއަށް ހުށަހެޅުއްވީ ހެންވޭރު ދެކުނު ދާއިރާގެ މެންބަރު ހުސައިން ޝަހީމްއެވެ. ޝިޔާމް ވިދާޅުވީ މި މައްސަލައަކީ އެކަމުގައި ޖެންޑަރ މިނިސްޓަރުގެ އިހުމާލުވުން ފޮރުވައި، ދީނީ އިލްމު ވެރިންނަށް ތުހުމަތުކޮށް އެމީހުންގެ އަނގަމަތީގައި ޓޭޕް އެޅުމަށް ސަރުކާރުން ހިންގާ ޖަރީމާއެއް ކަމަށެވެ.

ނަމަވެސް އެކަންވިޔަ ނުދޭނެ ކަމަށާއި، އެކުއްޖާގެ މައްސަލައިގައި އަހަރު ވީއިރު އެއްވެސް ފިޔަވަޅެއް އެޅިފައިނުވާކަމަށް ބުނެފައިވުމަކީ މިހާރުން މިހާރަށް ޖެންޑަރ މިނިސްޓަރު އަޒުލު ކުރަންޖެހޭ ކަމަށް ވިދާޅުވިއެވެ.

މިއަދު ހުށަހެޅި ކުއްލި މައްސަލައިގައި ބުނެފައިވަނީ ކުޑަކުދިންނަކީ ސިއްހީ ގޮތުންނާއި ނަފްސާނީ ގޮތުން ބޮޑެތި މީހުންނާ އެއް މިންވަރަކަށް ހެދި ބޮޑުވެފައިވާ ބައެއްނޫން ކަމަށެވެ. އެހެންކަމުން އެކުދިންނަކީ އާއިލާގެ ފަރާތުންނާއި މުޖުތަމައުގެ ފަރާތުންނާއި ދައުލަތުގެ ފަރާތުން ޚާއްސަ އެހީތެރިކަމާއި ރައްކާތެރިކަން ލިބިދޭންޖެހޭ ބައެއް ކަމުގައި ގާނޫނުއަސާސީއާއި ކުޑަކުދިންގެ ހައްގުތައް ރައްކާތެރި ކުރުމުގެ ގާނޫނުގައި ބުނާ ކަމަށްވެސް ބުނެފައިވެއެވެ.

ނަމަވެސް ކުޑަކުދިންގެ ނާޖާއިޒް މަންފާ ނަގައި އެ ކުދިންނާ ޖިންސީ ގުޅުން ހިންގައި ނުރައްކަލުގެ ތެރެއަށް ކުޑަކުދިން ހުށަހެޅުމުގެ އަމަލުތައް ތިލަވެފައިވާ ކަމަށް ކުއްލި މައްސަލައިގައި ފާހަގަކޮށްފައިވެއެވެ.

"އެގޮތުން 13 އަހަރުގެ ކުޑަކުއްޖަކާ މެދު މިފަދައިން ޖިންސީގުޅުން ހިންގައި އެކަމުގެ މައުލޫމާތު ކަމާބެހޭ ފަރާތްތަކަށް ލިބުނުފަހުން އަހަރެއް ވުމާ ގާތްވެފައި ވާއިރު މިކަމުގައި ޝިކާރައަކަށްވި ކުޑަކުއްޖާ މިހާރުވެސް ދިރިއުޅެމުން ގެންދަނީ މި ނުރައްކަލަށް އެކުއްޖާ ހުށަހެޅު ފަރާތްތަކާ އެކުކަން ފާހަގަ ކޮށް، އަދި މިކަމުގައި ޝާމިލް ވެފައިވާ އެއްވެސް ފަރާތަކާމެދު މިހާތަނަށް އެއްވެސް ފިޔަވަޅެއް ނޭޅޭހިނދު ކުޑަކުދިންގެ ރައްކާތެރިކަން ކަށަވަރުކޮށް، މިފަދަ ނުރައްކާތެރި ކަންކަމުގައި ޝާމިލްވާ އަދި އިހުމާލްވެފައިވާ ހުރިހާ ފަރާތްތަކާމެދު މި ހިނދުން މިހިނދަން ފިޔަވަޅު އެޅުމަށް ގޮވާލަން،" ކަމަށް ކުއްލި މައްސަލައިގައި ވެއެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.