އަހަރެން ވާދަ މިކުރަނީ ޑޮނާލްޑް ޓްރަމްޕް ބަލިކުރަން: މައިކަލް ބްލޫމްބާގް

ނިއުޔޯކުގެ ކުރީގެ މޭޔަރު އަދި މަޝްހޫރު މަހުޖަނު މައިކަލް ބުލޫމްބާގް

ނިއުޔޯކުގެ ކުރީގެ މޭޔަރު އަދި މަޝްހޫރު މަހުޖަނު މައިކަލް ބުލޫމްބާގް އަންނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި ޑިމޮކެރެޓިކް ޕާޓީގެ ކެންޑިޑޭޓަކަށް ވެވަޑައިގަތުމަށް ޑިމޮކްރެޓިކް ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވަން ނިންމަވައި މިއަދު އެކަން އިއުލާންކުރައްވައިފިއެވެ. އޭނާ އެކަން ހާމަކުރެއްވީ އޭނާގެ ރަސްމީ ވެބްސައިޓުގައި މިއަދު އާއްމުކުރެއްވި ބަޔާނެއްގައެވެ.

"އަހަރެން މި އިންތިޚާބުގައި ވާދަކުރަނީ ޑޮނާލްޑް ޓްރަމްޕް ބަލިކޮށް އެމެރިކާ އަލުން ބިނާކުރުމަށް. ޑޮނާލްޑް ޓްރަމްޕުގެ ރޭވުންތެރިކަމެއް ނެތް، އުސޫލާ ހަމައިން ބޭރުވެފައިވާ ސިޔާސަތުގެ އިތުރު ހަތަރު އަހަރު ހޭދަކުރުމަކީ އަހަރުމެންނަށް ކުރެވޭނޭ ކަމެއް ނޫން. އޭނާއަކީ އެހަރުމެންގެ ގައުމާއި އަހަރުމެންގެ ގަބޫލުކުރާ ހަމަތަކު ދެމިއޮތުމަށް ހުރި ނުރައްކަލެއް." ބްލޫމްބާގް ބަޔާނުގައި ވެއެވެ.

މަޝްހޫރު ވިޔަފާރި ކުންފުނި ބްލޫމްބާގް އެލް.ޕީ ގެ ވެރިޔާ އަދި އެމެރިކާގެ 9 ވަނައަށް އެންމެ މުއްސަނދި ވިޔަފާރިވެރިޔާ ވަނީ ޑިމޮކްރެޓިކް ޕްރައިމަރީގެ ކެމްޕޭން އިޝްތިހާރުތަކަށް ކުރިއަށް އޮތް ދެ ހަފުތާ ތެރޭގައި 37 މިލިއަން ޑޮލަރު ހޭދަކުރެއްވުމަށް ނިންމަވާފައެވެ. ރިޔާސީ ރޭހަށް ނުކުންނެވެމުން މިހާރުވެސް ވާދަވެރިކަން ބޮޑު ޑިމޮކްރެޓިކް ޕާޓީގެ ރިޔާސީ ރޭހުގެ ފޯރި އިތުރަށް ގަދަވެގެން ދާނެއެވެ.

މިއަހަރުގެ މާރިޗު މަހު އޭނާ ވިދާޅުވީ ރިޔާސީ ރޭހުގައި ވާދަނުކުރައްވާނެ ކަމުގައެވެ. އަދި އޭނާ ގަސްތުކުރައްވަނީ އިއާދަކުރަނިވި ހަކަތައަށް ބަދަލުވާން އެމެރިކާ ކުރަންޖެހޭ މަސައްކަތުގައި އެހީވުމަށް ކަމަށެވެ.

އޭނާގެ ނިންމުން ބަދަލުކުރައްވަމުން އޭނާ ވިދާޅުވީ ރިޔާސީ ރޭހަށް ނުކުންނަވަން އޭނާ ގަސްތުކުރެއްވީ ޑިމޮކްރެޓިކް ޕްރައިމަރީގައި ވާދަކުރައްވާ ބޭފުޅުންގެ ތެރޭގައި ރައީސު ޓްރަމްޕް ބަލިކުރެއްވޭ ވަރުގެ ބޭފުޅަކު ނެތްކަމަށް ފެނިވަޑަތީއެވެ. އޭނާއާ ގާތް ބައެއް ފަރާތްތަކުން މައުލޫމާތުދޭ ގޮތުގައި އޭނާ އުއްމީދުކުރައްވައިގެން ހުންނެވީ ކުރީގެ ނާއިބު ރައީސު ޖޯ ބައިޑަން ވަރުގަދަ ކެންޑިޑޭޓަކަށް ވެވަޑައިގަންނަވާނެ ކަމުގައެވެ. ނަމަވެސް އަޔޯވާ ފަދަ ސްޓޭޓުތަކުގައި އޭނާގެ މަގުބޫލުކަން ދަށްވުމާއި، ކެމްޕޭން ފައިސާ އެއްކުރެއްވުގައި އޭނާއަށް ދަތިތައް ކުރިމަތިވަމުން ދާތީ ޖޯ ބައިޑަންއާ މެދު ބްލޫމްބާގް އުއްމީދު ކުޑަވެފައިވާ ކަމުގައެވެ.

ބްލޭމްބާގް ނިއުސް ޗެނެލްގެ ވެސް ވެރިޔާ މައިކަލް ބްލޫމްބާގް ވަނީ 2002 އިން 2013 އަށް ނިއުޔޯކު ސިޓީގެ މޭޔަރުކަން ކުރައްވާފައެވެ. އޭނާ ގަބޫލުފުޅުކުރައްވާ ގޮތުގައި އޭނާގެ ސިޔާސީ އަދި ވިޔަފާރީގެ ތަޖުރިބާ އަކީ އޭނާ ކާމިޔާބު ހޯއްދެވުމަށް ބޮޑު އެހީއަކަށް ވާނެއެވެ.

"އަހަރުމެން ކޮންމެހެންވެސް އިންތިޚާބު (2020 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބު) ކާމިޔާބުކުރަންޖެހޭ. އަހަރެން ގަބޫކުރާ ގޮތުގައި އަހަރެންނަށް ވިޔަފާރިއާއި، ސަރުކާރާއި، ހިލޭ އެހީގެ މަސައްކަތުގައި ކުރެވިފައިވާ އެފަދަ ދެވަނައެއް ނެތް ތަޖުރިބާ އަހަރެންނަށް ކުރި ހޯދައި މޮޅުވުމަށް މަގުފަހިކޮށްދޭނެ." އުމުރުފުޅުން 77 އަހަރުގެ ބްލޫމްބާގެ ބަޔާނުގައި ވެއެވެ.

ދުނިޔޭގެ 14  ވަނައަށް އެންމެ މުއްސަނދި މައިކަލް ބްލޫމްބާގުގެ މިލްކިއްޔާތުގައި 58 ބިލިއަން އެމެރިކާ ޑޮލަރު އެބަހުއްޓެވެ. އެމެރިކާގައި މަތީ ތައުލީމަށް އެންމެ ގިނަ ފައިސާ ހަދިޔާކުރައްވާފައި ވަނީވެސް އޭނާއެވެ. އޭނާ ވަނީ އެމެރިކާގެ ޔުނިވަސިޓީތަކަށް މިހާތަނަށް 8.2 ބިލިއަން ޑޮލަރު ހަދިޔާކުރައްވާފައެވެ.

މުޙައްމަދު ޢަބްދުﷲ
މުޙައްމަދު ޢަބްދުﷲ އަކީ އާފަތިހަށް ލިޔުއްވާތާ އެތައް އަހަރެއް ވެފައިވާ ޢިލްމުވެރި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. ދީނީ ލިޔުމާއި ދުނިޔޭގެ ޚަބަރުތަކަށް އަރައިހުންނެވި ކުޅަދާނަ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.