ސްޕޮންސަރުންގެ ފަރާތުން ބިދޭސީ އަންހެނުންނަށް ޖިންސީ އަނިޔާ ލިބެމުންދޭ: ޕޮލިސް

ޕޮލިސް ތަރުޖަމާނު އިޒުމިއާ ޒާހިރު: ފޯޓޯ އެޑިޝަންއެމްވީ

ރާއްޖޭގައި މަސައްކަތް ކުރަން އަންނަ ބިދޭސީ އަންހެނުންގެ ސޮޕޮންސަރުން އެމީހުންނަށް ޖިންސީ ގޯނާ ކުރުމާއި ރޭޕްކުރުމުގެ ޢަމަލު ހިންގާ ކަމުގެ ރިޕޯޓުތައް ފުލުހަށް ހުށަޅާފައިވާ ކަމަށް ފުލުހުން ވިދާޅުވެއްޖެއެވެ.

ނޫސްވެރިންނަށް މަޢުލޫމާތު ދެއްވަމުން ފުލުހުންގެ ތަރުޖަމާނު ޗީފްއިންސްޕެކްޓަރ އޮފް ޕޮލިސް އިޒުމިއާ ޒާހިރު ވިދާޅުވީ ފާއިތުވި ފަސް އަހަރަށް ބަލާއިރު އެފަދަ މައްސަލަތައް ފުލުހަށް ހުށަޅައި އެކަން ބެލުމަށްފަހު ބައެއް މައްސަލަ ޕީޖީއަށް ވެސް ފޮނުވުނު ކަމަށެވެ.

އެމީހުން ރާއްޖެ ގެންނަ ސޮޕޮންސަރުންގެ ފަރާތުން އެފަދަ އަނިޔާ ލިބުމުގެ އިތުރަށް  އެމީހުން ލައްވާ ހަށިވިއްކުވުމުގެ އަމަލުވެސް އެފަދަ މީހުން ވަނީ ހިންގުވާފައި ކަމަށް އިޒުމިއާ ވިދާޅުވިއެވެ. އެކަންކަން އެމީހުން ލައްވާ ކުރުވަނީ އެކިގޮތްގޮތުން ބިރު ދައްކައިގެން، އެމީހުން ބަންދުކޮށް އަމިއްލަ މިނިވަންކަމުން ބޭރުން ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

މިފަދަ ޢަމަލުތައް ބިދޭސީންގެ ތެރޭގައި ކުރަމުންދިޔަސް ދިވެހީންގެ މެދުގައި މިފަދަ ކަމެއް ހިނގައިގެން އަދި ރިޕޯޓު ކޮށްފައި ނުވާކަމަށް ވެސް އޭނާ ވިދާޅުވިއެވެ. އެކަން އެގޮތުގައި ދެމެހެއްޓުމަށް އިތުރަށް މަސައްކަތް ކުރަންޖެހޭ ކަމަށްވެސް އިޒުމިއާ ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ އަނިޔާ ލިބެނުންދާ އަންހެނުން ހިތްވަރުކޮށްލާފައި އެކަންކަމަށް ދެކޮޅަށް ތެދުވާންޖެހޭ ކަމަށެވެ. އަދި ފުލުހުންނާއި އެހެނިގެން ކަމާބެހޭ ފަރާތްތަކުގެ އެހީތެރިކަމަށް ވެސް އެދެންޖެހޭ ކަމަށް ވިދާޅުވިއެވެ. އެކަން ކަމުގައި އެއްބަޔަކު އަނެއްބަޔަކަށް އެހީތެރިވުމަށް ވެސް އަޒުމިއާ ވަނީ އެދިވަޑައިގެންފައެވެ.

ނުކުޅެދޭ މީހުންނަށް ވެސް ޖިންސީ ގޯނާކުރުމުގެ އަމަލުތައް ރާއްޖޭގައި ކުރަމުންދާ ކަމަށް އޭނާ ވިދާޅުވިއެވެ. އޭގެ ސަބަބުން އެތައް ބަޔަކު ހާލުގައިޖެހެމުންދާ ކަމަށް ވެސް ވިދާޅުވިއެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.