ކަޅުބެ ޢަބްދުއްލަތީފުގެ ދަރިއަކު އައިސް އަޅުގަނޑަށް އިސްލާމްދީނަށް ދަޢުވަތު ދޭންޖެހޭ ސަބަބެއް ނުވިސްނޭ: ރައީސް ނަޝީދު

ހެންވޭރު، ކަޅުބެ ޢަބްދުއްލަތީފްގެ ދަރިއަކު އައިސް އެމަނިކުފާނަށް އިސްލާމްދީނަށް ދަޢުވަތު ދެއްވަންޖެހޭ ސަބަބެއް ނުވިސްނޭ ކަމަށް ރާއްޖޭގެ ކުރީގެ ރައީސުލްޖުމްހޫރިއްޔާ އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ މިމަހު 23 ވަނަ ދުވަހުގެރޭ ލ. ގަމު ތުނޑީ އަވަށް ވަޑައިގެން އެއަވަށު ރައްޔިތުންނާ ބައްދަލު ކުރައްވައި ދެއްކެވި ވާހަކަފުޅުގައެވެ.

އެ މަނިކުފާނު ވިދާޅުވީ އިސްލާމްދީން މަތީގައި ދިވެހީން ތިބޭތާ މިހާރު 800 އަހަރަށްވުރެ ގިނަ އަހަރު ވެއްޖެ ކަމަށެވެ. އެހެން ކަމުން އެހެން މީހަކު އައިސް އިސްލާމްދީނަށް ދަޢުވަތު ދޭންޖެހޭ ސަބަބެއް ނުވިސްނޭ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

"އަޅުގަނޑުމެން އިސްލާމްދީން މަތީގައި މިރާއްޖޭގައި ތިބޭތާ އަށްސަތޭކަ އަހަރަށްވުރެ ގިނަ އަހަރު ވެއްޖެ. ދެން އަޅުގަނޑު މި އިންނަންވީ އެހެން މީހަކު އައިސް އަޅުގަނޑަށް އިސްލާމްދީނަށް ދަޢުވަތު ދެންދެކަށް؟" ރައީސް ނަޝީދު ވިދާޅުވިއެވެ.

"އަޅުގަނޑު ދަންނަވަންތޯ އަޅުގަނޑަކީ ގަލޮޅު ކެނެރީގޭ މުޙައްމަދު ނަޝީދު ކިޔާމީހެއް. އަޅުގަނޑުގެ ބައްޕައަކީ ކެނެރީ ޢަބްދުއްސައްތާރު. ހެންވޭރު ކަޅުބެ ޢަބްދުއްލަތީފުގެ ދަރިއެއް އައިސް އަޅުގަނޑަށް އަނެއްކާ އިސްލާމްދީނަށް ދަޢުވަތުދޭންޖެހޭ ސަބަބެއް އަޅުގަނޑަކަށެއް ނުވިސްނޭ،" އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސް ނަޝީދު ވިދާޅުވީ އެމަނިކުފާނު ހުންނެވީ އިސްލާމްދީން މަތީގައި ކަމަށެވެ. ރާއްޖެއަކީ ސަތޭކައިންސަތޭކަ އިސްލާމީ ޤައުމެއް ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ. އެހެންވީމާ އެހެން މީހަކު އައިސް އިސްލާމްދީނަށް ދެން ދަޢުވަތު ދޭންޖެހޭ ތަނެއް ނެތް ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.

"އަޅުގަނޑު މިހުރީ އިސްލާމްދީން މަތީގައި. މިއީ ސަތޭކައިންސަތޭކަ އިސްލާމީ ޤައުމެއް. މިތަނުގައި އެހެން މީހަކަށް ދެން ދަޢުވަތު ދޭކަށެއް ތަނެއްނެތް،" ރައީސް ނަޝީދު ވިދާޅުވިއެވެ.

އެމަނިކުފާނު ވިދާޅުވީ އެންމެން ވެސް ޞާލީޙު ގޮތުގައި އިސްލާމްދީނަށް އުޅުނީމައި ރާއްޖެ ދާނީ ބިނާވަމުންނެވެ. "އަޅުގަނޑުމެން އެންމެން ޞާލިހު ގޮތުގައި އިސްލާމްދީނަށް އުޅުނީމާ މިރާއްޖެދާނީ ބިނާވަމުން،" ރައީސް ނަޝީދު ވިދާޅުވިއެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

2 ޚިޔާލު

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.