ކޮންމެކަމެއް ވެސް ޝަރީޢަތާ އެއްގޮތަށް ކުރުމަށް އިސްލާމިކް މިނިސްޓަރ އެދިވަޑައިގެންފި

ކޮންމެ ކަމެއްކުރުމުގައި ވެސް އިޚްލާޞްތެރިވެ ޝަރީޢަތުގައި އަންގަވައިފައިވާ ގޮތަށް ކުރުމަށް އިސްލާމިކް މިނިސްޓަރ ޑރ. އަޙުމަދު ޒާހިރު އެދިވަޑައިގެންފިއެވެ.

މިނިސްޓަރ މިކަމަށް އެދިވަޑައިގެންނެވީ ރޭ ހިރިޔާ ސްކޫލުގައި ބޭއްވި، ދޮންދޫނީ ލިޓްލް ލާނަރސް ޕްރީ ސްކޫލުގެ ގުރެޖުއޭޝަން ޖަލްސާ ޝަރަފްވެރިކޮށް ދެއްވުމުގެ ގޮތުން ދެއްކެވި ވާހަކަފުޅުގައެވެ.

އިޚްލާސްތެރިވެ ޝަރީޢަތާ އެއްގޮތަށް ކަންކަން ކުރުމަކީ ކޮންމެ ކަމެއްގައިވެސް ފުރިހަމަ ކުރަންޖެހޭ ދެ ޝަރުތުކަމަށް ޑރ. ޒާހިރު ފާހަގަކުރެއްވިއެވެ. މުޅިޙަޔާތުގައި ކޮންމެކަމެއް ކުރާއިރު ވެސް މިދެޝަރުތު ފުރިމަވޭތޯ ބަލަންޖެހޭނެކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އިޚްލާޞްތެރިވުމާއި ޝަރީޢަތުގައި އަންގަވައިފައިވާ ގޮތަށް ކަންކަންކުރުމުން އެކަމެއްގައި ބަރަކާތްލައްވައި އެ ޢަމަލު ﷲ ސުބުޙާނަހޫވަތަޢާލާގެ ޙަޒްރަތުގައި ޤަބޫލުކުރައްވާނެކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

ދަރިންނަކީ ﷲ ސުބުޙާނަހޫ ވަތަޢާލާގެ އަމާނެއްތެއްކަމަށާއި ހެޔޮގޮތުގައި އެކުދިން ތަރުބިއްޔަތުކުރުމަކީ ބެލެނިވެރިންގެ ބޮލުގައި އެޅިފައިވާ ވަރަށްބޮޑު ޒިންމާއެއްކަން ވެސް އިސްލާމިކް މިނިސްޓަރ ފާހަގަކުރެއްވިއެވެ. ދަރިއަކު ރަނގަޅު ގޮތުގައި ބޮޑު ކުރުމަކީ ދާއިމަށް ދެމިގެންދާނެ ޞަދަޤާތެއްކަމަށް ވެސް މިނިސްޓަރ ފާހަގަކުރެއްވިއެވެ.

މިނިސްޓަރގެ ވާހަކަފުޅުގައި ފާހަގަކުރެއްވިގޮތުގައި އުނގެނުމުގައި ބައެއްކުދިން ހޯދާ ފެންވަރުގެ މޮޅުނަތީޖާ، އަނެއްބައި ކުދިންނަށް ނުހޯދިދާނެއެވެ. ނަތީޖާ ހޯދުމަށް ވާދަވެރިވާން ޖެހޭނެކަމަށާއި ނަމަވެސް ނަތީޖާ ހޯދައިދިނުމަށް އެކުދިން ވާދަވެރިކުރުވަން ޖެހޭނީ އެކުއްޖަކަށް ތަޙައްމަލު ކުރެވޭ މިންވަރަށްކަމަށް މިނިސްޓަރ ފާހަގަކުރެއްވިއެވެ.

ކުދިނަށް އިނާމު ދެއްވަމުންގެންދެވިއިރު އެކުދިންގެ ދުލުން ފާޅުކުރުމުންދިޔައީ ހެޔޮބަސްތައްކަން ފާހަގަކުރައްވާ، ޅަފަތުގައި އެފަދަ ހެޔޮބަސްތައް ބޭނުންކުރަން ދަސްކޮށްދެއްވުމުގެ މުހިންމުކަން ފާހަގަކުރެއްވިއެވެ. އެފަދަ ކުދިން ބޮޑުވަމުން އަންނައިރު އެކުދިންގެ ފަރާތުން އެހެންކުދިންނަށް އެހެޔޮކަމުގެ އަސަރުކުރާނެކަން ފާހަގަ ކުރެއްވިއެވެ. އެއްކުއްޖަކު އެނެއްކުއްޖަކަށް ވާގިވެރިވެ ކަމޭހިތަން ދަސްކޮށްދޭން ޖެހޭނެކަން ފާހަގަކުރައްވައި މިނިސްޓަރ ވިދާޅުވީ، ހެޔޮލަފާ ޖީލެއް ބިނާކުރުމުގައި އެއީ ލިބޭނެ ވަރަށްބޮޑު ކުރިއެރުމެއް ކަމަށެވެ.

އިސްލާމީ ތަރުބިއްޔަތާއެކު ދޮންދޫނި ސްކޫލުން ދެމުންދާ ތަޢުލީމަށް އިޝާރާތްކުރައްވައި، އިސްލާމިކް މިނިސްޓަރ ވިދާޅުވީ، އެ ސްކޫލުގެ މެނޭޖްމެންޓާއި މުދައްރިސުން ކުރައްވަމުން ގެންދަވަނީ މުޖުތަމައަށް ވަރަށްރަނގަޅު ލާބަޔާއިމަންފާ ލިބެނިވި މަސައްކަތެއް ކަމަށެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.