ދޮންދޫނި ސްކޫލުގެ ދަރިވަރަކު އަނެއްކާ ވެސް މުޅި ޤުރުއާން ހިތުދަސްކޮށްފި

ދޮންދޫނި ލިޓްލް ލާނާރސް ޕްރީ ސްކޫލުގެ ދަރިވަރަކު އަނެއްކާވެސް މުޅި ޤުރުއާން ހިތުދަސްކޮށްފި އެވެ. މިއަހަރު އެސްކޫލުން މުޅި ޤުރުއާން ހިތުދަސްކޮށްފައި ވަނީ އެސްކޫލުގެ ޔޫކޭޖީގައި ތައުލީމް ޙާޞިލް ކުރަމުންދާ ރ. އިނގުރައިދޫ، ޔޫސުފް ބިން މާޒިން އެވެ. އޭނާގެ ޢުމުރަކީ ހަ އަހަރެވެ.

ހިރިޔާ ސްކޫލުގައި ރޭބޭއްވި ދޮންދޫނި ސްކޫލުގެ ގުރެޖުއޭޝަން ޖަލްސާގައި މި ދަރިވަރަށް ދޮންދޫނީގެ ޝަރަފްގެ ޓްރޮފީ ޙަވާލުކޮށް ދެއްވީ އިސްލާމިކް މިނިސްޓަރ އަޙްމަދު ޒާހިރެވެ.

ޔޫސުފް ގުރުއާން ހިތުދަސް ކުރަން ފަށާފައިވަނީ ބޭބީ ނާސަރީން ފެށިގެންނެވެ. ބޭބީ ނާސަރީގައި އެއް ފޮތް ހިތުދަސްކުރިއިރު ނާސަރީގައި 2 ފޮތް ދަސްކުރި އެވެ. އަދި އެލްކޭޖީގައި ފަސް ފޮތް ދަސްކުރުމަށްފަހު މިއަހަރު ޔޫކޭޖީގައި މިވަނީ 22 ފޮތް ދަސްކޮށް، މުޅި ޤުރުއާން އެކީގައި ދަސްކޮށްފަ އެވެ.

ދޮންދޫނި ސްކޫލުން މިއަހަރު ދެން އެންމެ ގިނަ ފޮތް ދަސްކޮށްފައިވަނީ ވެސް ޔޫސުފާ ދެބެން ދެދަރި ކުއްޖެއްކަމަށްވާ ޒައިދު އެވެ. އޭނާ ވަނީ 11 ފޮތް ހިތުދަސްކޮށްފައެވެ. ޔޫސުފްގެ މަންމަ އުންމުހާނީ އިބްރާހިމަކީ ވެސް ޓީވީއެމްގެ އެންމެ އަލިގަދަ ތަރި ޤްރުއާން މުބާރާތުން ދެވަނަ ހޯދައިފައިވާ ބައިވެރިއެކެވެ.

މިދިޔަ އަހަރުވެސް ދޮންދޫނި ޕްރީ ސްކޫލުގެ ޔޫކޭޖީގެ  ދަރިވަރަކު ވަނީ ޢުމުރުން ފަސް އަހަރުގައި މުޅި ޤުރުއާން އެއްކޮށް ހިތުދަސް ކޮށްފައެވެ. އެހެންކަމުން މިއަހަރު މުޅި ޤުރުއާން ހިތުދަސްކުރި ދަރިވަރާ އެކު އެސްކޫލުގެ ދެ ދަރިވަރަކު މިވަނީ ކީރިތި ޤުރުއާން ހިތުދަސްކޮށްފައެވެ.

ދޮންދޫނި ސްކޫލުން ގުރެޖުއޭޓްވާ ހުރިހާ ކުދިންނަކީ ވެސް ޤުރުއާނުން ކޮންމެ ވެސް ވަރެއް ހިތުދަސްވެފައި ތިބޭ ކުދިންނެވެ. ގިނަ ކުދިންނަކީ ގުރެޖުއޭޓް ވާއިރު ޤުރުއާނުން އެއްފޮތް ހިތުދަސް ކުދިންނެވެ.

ދޮންދޫނި ޕްރީ ސްކޫލަކީ އިސްލާމީ ތަރުބިޔަތައް ވަރަށް ބޮޑަށް އިސްކަން ދީގެން ކިޔަވައިދޭ ރާއްޖޭގެ ނަމޫނާ ޕްރީ ސްކޫލެކެވެ. އެސްކޫލުގެ ދެ ކެމްޕަސް މިހާރު މާލޭގައި ހުރެއެވެ.

1 ޚިޔާލު

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.