ބޮޑުޗުއްޓީއާ ދިމާކޮށް ކަނޑުއުޅަނދު ފާސްކުރަން ފަށައިފި

ބޮޑުޗުއްޓީއާ ދިމާކޮށް ކަނޑު ދަތުރުކުރާ އުޅަނދުފަހަރު ޗެކް ކުރުމުގެ ޚާއްސަ ޕްރޮގްރާމެއް އެމްއެންޑީއެފް ކޯސްޓްގާޑުން މިއަދު ފަށައިފިއެވެ.

"އޮޕަރޭޝަން ނިޔާމަ" ގެ ނަމުގައި މިއަދު ފެށި އޮޕަރޭޝަނަކީ ކޮންމެ އަހަރެއްގެ ބޮޑުޗުއްޓީއާ ދިމާކޮށް އެމްއެންޑީއެފް ކޯސްޓްގާޑުން ކުރިއަށްގެންދާ ޚާއްސް  އޮޕަރޭޝަނެކެވެ. މިއީ ބޮޑުޗުއްޓީގައި ކަނޑުމަގުން ގިނަ އަދަދެއްގެ ބަޔަކު ކަނޑު ދަތުރުކުރާ ދުވަސްވަރަކަށްވުމާ އެކު، ދަތުރުކުރާ އުޅަނދާއި ޕަސިންޖަރުންގެ ސަލާމަތާއި ރައްކާތެރިކަމަށް އަޅަންޖެހޭ ފިޔަވަޅުތައް އަޅާފައިވޭތޯ ބެލުމުގެ ގޮތުން ކުރިއަށްގެންދާ އޮޕަރޭޝަނެކެވެ.

މި އޮޕަރޭޝަންގައި އުޅަނދުފަހަރުގައި ޕަސިންޖަރުން އުފުލުމަށް ކަނޑައެޅިފައިވާ އަދަދަށްވުރެ އިތުރަށް އުފުލާތޯއާއި، އުޅަނދުފަހަރުގެ ސަލާމަތީ ސެޓްފިކެޓްގައި ބަޔާންކޮށްފައި ހުންނަ ކަންކަން ފުރިހަމަ ކުރެވިފައިވޭތޯ އެމްއެންޑީއެފް ކޯސްޓްގާޑުން ބަލަމުން ގެންދާނެއެވެ.

އޭގެ ތެރޭގައި މެރިން ވީއެޗްއެފް ޗެކް ކުރުމާއި އުޅަނދުފަހަރުގެ ކެޕްޓަން އަތުގައި ކަނޑުގެ އުޅަނދުފަހަރު ދުއްވުމުގެ ލައިސަންސް އޮތްތޯ ބެލުމުގެ އިތުރުން ދަތުރުވެރިންގެ ސަލާމަތާއި ރައްކާތެރިކަމާ ގުޅޭ ގިނަ ކަންތައްތައް ބެލުމަށް ވެސް ވަނީ ހަމަޖެހިފައެވެ.

މާލޭގެ އިތުރުން، އެމްއެންޑީއެފް އޭރިއާ ކޮމާންޑްތަކުގައި ވެސް މި އޮޕަރޭޝަން ކުރިއަށްގެންދާނެއެވެ. މާލެއާއި ރަށްރަށުގެ ބަނދަރުތަކުން ފުރާ އުޅަނދުތަކާއި ބަނދަރުތަކަށް ވަންނަ އުޅަނދުފަހަރުތައް އަދި ކަނޑުމަގުން ބައެއް އުޅަނދުތައް ކޯސްޓްގާޑުން ޗެކްކުރަމުން ގެންދިއުމަށް ހަމަޖެހިފައިވާ ކަމަށް އެމްއެންޑީއެފުން ވިދާޅުވިއެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.