ދަރިންގެ ތަރުބިއްޔަތުގައި ކުރައްވަން ރަނގަޅު ތަޖުރިބާއެއް

ދަރިން ތަރުބިއްޔަތު ކުރުމުގެ މައްސަލަ އަކީ އެއްވެސް ދުވަސްވަރެއްގައި ފަސޭހަ ކަމަކަށް ވެފައި އޮތް ކަމެއް ނޫނެވެ. ދަރިން ހެޔޮ ގޮތުގައި ތަރުބިއްޔަތު ކުރުމުގެ މަގަށް އެކި ދުވަސްވަރު އެޅިފައި އޮންނަނީ އެކި ހުރަހެވެ. އަދި އެންމެންނަށް ކުރިމަތި ލާން ޖެހޭ މައްސަލަ މުޅީން އެއް ގޮތެއްވެސް ނޫނެވެ.

ތުއްތު ކުދިންގެ ވިސްނުން ތަރައްޤީ ކުރުމަށާއި، އެ ކުދިން އަލަށް ހޭލައިގަންނަ މާޙަވްލު ދަސްކޮށް ދޭން ބޭނުން ކުރަން ޖެހެނީ ހަމައެކަނި ވާހަކައެއް ނޫނެވެ. ކުޅޭ އެއްޗެއްސާއި، ޤުދުރަތީ މަންޒަރާއި، ބޮޑެތި މީހުންގެ ޙަރަކާތްތައް ވަސީލަތެއްގެ ގޮތުގައި ބޭނުން ކުރާން ޖެހެއެވެ.

އިނގިރޭސި ވިލާތުގެ ޓީވީ ޗެނަލެއް ކަމަށްވާ "ގްރެނާޑާ" އިން ފޮނުވި ޕްރޮގްރާމެއްގައި ކުޑަ ކުދިން ކުޅެން ދޭން ޖެހޭ ބުދު ފަދަ ކުޅޭ ކުޅޭ އެއްޗެތީގެ މައްޗަށް ބަލައިލެވުނެވެ. މި ޕްރޮގްރާމް ގައި ވާހަކަފުޅު ދެއްކެވީ ކަމުގެ ތަޖުރިބާކާރުންނެވެ. އޭގެ ތެރޭގައި ކުޅޭ ކުޅޭ އެއްޗެތި ހަދާ ކާރުޚާނާއެއްގެ ވެރިއަކުވެސް އިންނެވިއެވެ. އެ ޕްރޮގްރާމުން އަޅުގަނޑަށް ފާހަގަ ކުރެވުނު ވާހަކައެއް ދަންނަވައިލާނަމެވެ.

އެ ޕްރޮގްރާމް ގައި އެންމެ ބޮޑަށް އަލި އަޅުވައި ލެވުނީ ކުދިން ކުޅެން ދޭ އެއްޗަކުން އެ ކުދިންނަށް ކުރާ އަސަރުގެ މައްޗަށެވެ. އެއްކޮޅުން ވާހަކަފުޅު ދެއްކެވި ބޭފުޅުން ވިދާޅު ވަމުން ގެންދެވީ މި ޒަމާނުގެ ފެންވަރު ރަނގަޅު ކުޅޭ ކުޅޭ އެއްޗިއްސަކީ ކުދިންގެ ސިކުނޑި ޙަޤީޤަތުގައި ތަރައްޤީ ވާން ޖެހޭ މިންވަރަށް ތަރައްޤީ ވުމުގައި އެހީތެރިވެދޭ އެއްޗިއްސެއް ނޫން ކަމުގައެވެ. މިސާލަކަށް ބެޓެރި ލައްވައިގެން ނުވަތަ ޗާބީ ދީގެން ދުއްވާ ކާރެއްގެ ސަބަބުން ކުއްޖެއްގެ ސިކުނޑި ތަރައްޤީ ވެގެން ދެއެވެ. ކާރަކީ ކިހިނެއް ޙަރަކާތް ކުރާ އެއްޗެއްކަން ވިސްނޭން ފަށައެވެ. އެކަމަކު އެއަށްވުރެ ދުރަކަށް ކުދިންނެއް ނުވިސްނާނެއެވެ. މިޔާ ޚިލާފަށް ލަކުނޑި ގަނޑެއް ނުވަތަ މި ނޫނަސް އެއްވެސް ޚާއްޞަ ސިފައެއް ނެތް އެއްޗެއް ކުއްޖެއްގެ އަތަށް ދެއްވީމާ އެ ކުއްޖާ އަމިއްލަ އަށް ވިސްނާނޭ ޖާގަ ދެވުނީއެވެ. ބައެއް ފަހަރަށް އެއީ މަތިންދާ ބޯޓެކޭ ކިޔާފައި އުދުއްސާނެއެވެ. ބައެއް ފަހަރަށް އެ އެއްޗެއް ވެގެން ދާނީ ދޯންޏަކަށެވެ. ނުވަތަ މި ނޫނަސް މި ފަދަ އެއްޗަކަށެވެ. އެހެންވީމާ ކުދިންގެ އަތަށް މި ފަދަ އެއްޗެތި ދެއްވުން މާ ރަނގަޅު ކަމަށް އެ ޕްރޮގްރާމް ގައި ވާހަކަ ދެކެވުނެވެ.

ޕްރޮގްރާމް ގައި އަނެއް ކޮޅުން ވާހަކަފުޅު ދެއްކެވި ބޭފުޅުންވެސް މި ވާހަކަޔާ މުޅިއަކުން ދެކޮޅެއް ނުހައްދަވައެވެ. އެހެން ނަމަވެސް އެ ބޭފުޅުން ވިދާޅު ވަނީ މި ޒަމާނުގެ ކުޅޭ ކުޅޭ އެއްޗިއްސަކީވެސް ކުދިންގެ ވިސްނުން މުޅިން ހުއްޓުވާ ކަހަލަ އެއްޗިއްސެއް ނޫން ކަމަށެވެ. ކުދިންނަކީ ހަމައެކަނި އެ ކުދިންނަށް ފެންނަ އެއްޗަކާ މެދު ވިސްނާ ބައެއް ނޫނެވެ. އެ ކުދިންގެ ވިސްނުން ދަތުރު ކުރަނީ އެކި ފަހަރު އެކި ދިމާއަށެވެ. އެހެންވީމާ ޗާބީދޭ ކާރެއް ފަދަ އެއްޗަކުން އެ ކުދިންގެ ވިސްނުން ވަކި ދާއިރާއެއްގެ ތެރޭގައި ހިފެހެއްޓޭ ކަމަކަށް އެ ބޭފުޅުންނެއް ޤަބޫލުފުޅެއް ނުކުރައްވައެވެ.

މި ބަހުސުގައި ފާހަގަ ކުރެވޭ ފަދަ އެހެން ވާހަކައެއްވެސް ދެކެވުނެވެ. އެއީ ކުޅޭ ކުޅޭ އެއްޗެއް ގެނެސްދިނީމާ ކުދިން އެޔަށް ހަދާ ގޮތުގެ މައްޗަށް ދެކެވުނު ވާހަކައެވެ. ޕްރޮގްރާމް ގައި ވާހަކަފުޅު ދެއްކެވި ހުރިހައި ބޭފުޅުންވެސް ފާހަގަ ކުރެއްވި ގޮތުގައި ފޮށްޓެއް ކަހަލަ އެއްޗަކަށް ލައިގެން ކާރެއް ގެނެސް ދިނީމާ ކުއްޖާ ބޮޑަށް ސަމާލުކަން ދެނީ ފޮށްޓަށެވެ. މިއީ ލަކުޑި ބުރިއެއް ކަހަލަ އެއްޗެއް ކުއްޖާއަށް ދިނުމާ ބެހޭ ގޮތުން ވާހަކަފުޅު ދެއްކެވި ބޭފުޅުންގެ ވާހަކަފުޅަށް ލިބުނު އިތުރު ބާރެކެވެ. އާދެ، ވަކި ސިފައެއްގައި އޮތް އެއްޗެއް ދޫކޮށްލާފައި ކުއްޖާ ބަލައިގަންނަނީ އެއްވެސް ސިފައަކުން ސިފައެއް ނެތް އެއްޗެކެވެ. އަނެއްކޮޅުން ވާހަކަފުޅު ދެއްކެވި ބޭފުޅުން ވިދާޅުވި ގޮތުގައި ކުދިން ފޮށްޓަށް ސަމާލުކަން ދެނީ ފޮށީގެ ބޭރުގައި ހުންނަ ކުރެހުމުގެ ސަބަބުން ކަމުގައި ވެދާނެއެވެ.

އަޅުގަނޑު މި ހުށަހަޅައިލީ އެ ވާހަކައިގެ ޚުލާޞާ އެކެވެ. މައިން ބަފައިންނާއި، މުދައްރިސުންނަށް މި ވާހަކައިގެ ސަބަބުން ކޮންމެވެސް ކަހަލަ މަންފާއެއް ކޮށްފާނޭ ކަމުގެ އުންމީދުގައެވެ. ޕްރޮގްރާމް ގައިވެސް ވަކި އަތަކަށް ބުރަވެ، ވަކި ގޮތެއް ނިންމާފައެއް ނެތެވެ. އެހެންވީމާ އަޅުގަނޑަކަށްވެސް ރަނގަޅީ ވަކި މިވެނި ގޮތެކޭ ދަންނަވާކަށް ނުކެރޭނެއެވެ. އެއީ ދަރިން ތަރުބިއްޔަތު ކުރުމުގެ ޢިލްމު ލިބިވަޑައިގެން ތިއްބެވި ބޭފުޅުންނަށް އޮތް ކަމެކެވެ.

ޕްރޮގްރާމް އަޑު އަހަމުން، ބަލަމުން ދިޔަ އިރު ވާހަކަ ދެއްކެވި ބޭފުޅުން ވިދާޅުވާ ކަންތައްތައް ކުދިންގެ ފުށުން ފެންނަ ކަމަށް އަޅުގަނޑަށްވެސް ފާހަގަ ކުރެވުނެވެ. ތިޔަ ބޭފުޅުން މިއިން ކަމެއް ތަޖުރިބާ ކޮށްލެއްވުން ކީއްތޯއެވެ؟ 

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.