ރައީސް ޔާމީނަށް ޙުކުމް އިއްވުން މިމަހު 28 އަށް ތާވަލުކޮށްފި

ރައީސް ޔާމީންގެ މައްސާލައިގެ ޝަރީއަތް ގޮސްފައިވާ ހީސާބުން އެމައްސަލަ ކުރިއަށް ގެންދަން ރައީސް ޔާމީންގެ މައްސަލަ ބެލުމަށް ކަނޑައަޅާފައިވާ ބެންޗުން ނިންމައިފިއެވެ. އެގޮތަށް ނިންމެވީ އެމައްސަލައަކީ ހެކިބަސް ނަގައި ޚުލާސާ ބަޔާން ވެސް ނިންމައިފައިވާ ކަމަކަށްވާތީ ކަމަށް އިސްގާޒީ ޢަލީ ރަޝީދު ވިދާޅުވިއެވެ.

އެގޮތަށް ނިންމެވުމަށްފަހު ޝަރީއަތުން ވަނީ އިތުރުވާހަކައެއް ދައްކަވަން ބޭނުންފުޅުވޭތޯ ދެފަރާތަށް ވެސް ފުރުސަތު ދެއްވައިފައެވެ. އެފުރުސަތުގައި ދައުލަތުން ވިދާޅުވީ ދައްކަވާނެ އިތުރު ވާހަކައެއްނެތްކަމަށެވެ. ރައީސް ޔާމީންގެ ފަރާތްޕުޅުން އެދިވަޑައިގެންނެވީ މައްސަލަ ބައްލަވާ ބެންޗުގައި އިންނެވި ގާޒީ އަލީ ރަޝީދަށް އިތުބާރު ނުކުރައްވާތީ ރައީސް ޔާމީންގެ މައްސަލަ ބެއްލެވުމުން އޭނާ ތަނާޒުލުވެ ވަޑައިގެން އެހެން ގާޒީއަކު އައްޔަން ކޮށްދެއްވުމަށެވެ.

ރައީސް ޔާމީން ވިދާޅުވީ އެމަނިކުފާނާ ނުގުޅޭ މައްސަލައެއްގައި އެމަނިކުފާނު ވަނީ ޖަލަށް ލައިފައި ކަމަށެވެ. އެހެންކަމުން ފެށުމުން ވެސް އެމަނިކުފާނަށް އިންސާފު ނުލިބިފައިވާ ކަމަށެވެ. މިހާރު މައްސަލަ ބައްވާ އިސްގާޒީއާމެދު އެމަނިކުފާނު ވެސް ނުތަނަވަސް ވެފައިވާ ކަމަށެވެ. ފުރަތަމަ ދުވަހުން ފެށިގެން އެމަނިކުފާނު ވަނީ އިންސާފުން މަހުރޫމް ކޮށްފައި ކަމަށް ވެސް ވިދާޅުވިއެވެ. އެގޮތުން އެމަނިކުފާނުގެ އެކައުންޓު ފްރީޒް ކޮށްފައިވުމަކީ ނާއިންސާފެއް ކަމަށް ވިދާޅުވިއެވެ. އެހެން ކަމުން އެކަންކަމަށް ރިއާޔަތްކޮށްދެއްވައި އިންސާފު ގާއިމްކޮށް ދެއްވުމަށް އެދިވަޑައިގެންނެވިއެވެ. މިހުށަހެޅުއްވުންތަކާމެދު މަޝްވަރާ ކުރެއްވުމަށް މިހާރުވަނީ ޝަރީއަތް މެދުކަނޑާލައްވައިފައެވެ.

ރައީސް ޔާމީންގެ މައްސަލަ ކުރިން ބައްލަވަމުން ގެންދެވި އަހުމަދު ހައިލަމް ސަސްޕެންޑް ކުރެއްވިއިރު އެމައްސަލަ އޮތީ ހުކުމް އިއްވަން ތައްޔާރުވެފައެވެ. މަނީލޯންޑަރިންގެ މައްސަލައިގެ ތުހުމަތުގައި ހިންގާ ޝަރީއަތް ކުރިން ގޮސްފައިވާ ހިސާބުން ފަށާ ކަމަށްވާނަމަ ރައީސް ޔާމީންގެ މައްޗަށް މިއަދު ހުކުމް އިއްވުން އެކަށީގެންވެއެވެ.

ބެންޗުން މަޝްވަރާ ކުރެއްވުމަށްފަހު ވިދާޅުވީ ގާޒީ ބޭނުންވުމުން މައްސަލައަކުން ތަނާޒުލް ނުވެވޭ ކަމަށެވެ. އަދި ދައުވާ ލިބޭފަރާތުން ހުށަހެޅި އެއްވެސް ކަމެއް ގާޒީ އަލީ ރަޝީދު ކޮށްފައި ނުވާ ކަމަށް ފަސް ގާޒީންގެ ބެންޗުން ނިންމާފައިވާ ކަމަށެވެ.

އެގޮތަށް ނިންމެވުމަށްފަހު ނޮވެމްބަރު 28 ވަނަ ދުވަހު 1:30 ގައި މައްސަލައި ހުކުމް އިއްވުމުގެ އަޑުއެހުން ބާއްވާނެ ކަމަށް ބެންޗުން ވަނީ ނިންމައި އެކަން އިޢުލާން ކުރައްވައިފައެވެ. މިއަދުގެ އަޑުއެހުން ނިންމަވާލައްވަމުން އިސް ގާޒީ ވިދާޅުވީ މި މައްސަލާގައި ވަކިފަރާތަކަށް ނުޖެހި އިންސާފުން ހުކުމް ކުރައްވާނެ ކަމުގެ ޔަގީންކަން ދެފަރާތަށް ވެސް ދެއްވާ ކަމަށެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.