ސެޕްޓެންބަރު 11 ގެ ހަަމަލާއަށް ފަހު އެމެރިކާއިން 'ޓެރަރިޒަމާ ދެކޮޅަށް' ކުރި ހަނގުރާމަތަކަށް 6.4 ޓްރިލިއަން ޑޮލަރު

2001 ވަނަ އަހަރުގެ ސެޕްޓެންބަރު މަހުގެ 11 ވަނަ ދުވަހު ނިއުޔޯކުގެ ވާލްޑް ޓްރޭޑް ސެންޓަރު ގޮއްވާލި ވަރުގަދަ ހަމަލާއަށް ފަހު އެމެރިކާއިން ދުނިޔޭގެ ކަންކޮޅުތަކުގައި 'ޓެރަރިޒަމާ ދެކޮޅަށް' ކަމަށް ބުނެ ކުރަމުންދާ ހަނގުރާމަތަކަށް މިހާތަަނަށް 6.4 ޓްރިލިއަން (6400 ބިލިއަން) އެމެރިކާ ޑޮލަރު ޚަރަދުކޮށްފި ކަމަށް ރިޕޯޓަކުން ދައްކަައިފިއެވެ.

އެމެރިކާގެ ރޯޑް އައިލޭންޑްގައި ހުންނަ ބްރައުން ޔުނިވަސިޓީގެ ވޮޓްސަން އިންސިޓިޓިއުޓުން ބުދަ (13 ނޮވެންބަރު) ދުވަހު އާއްމުކުރި ދިރާސާ ރިޕޯޓުން ދައްކާ ގޮތުގައި މި ޚަރަދުތަކުގެ ތެރޭގައި ޕެންޓަގަންއިން ކުރި ސީދާ އަސްކަރީ ޚަރަދުގެ އިތުރަށް އެމެރިކާގެ ސަލާމަތީ ކަންކަން ވަރުގަދަ ކުރުމަށް ޑިޕާޓްމަންޓް އޮފް ހޯމްލޭންޑް ސެކިއުރިޓީއިން ކުރި ޚަރަދާއި، ހަނގުރާމަކުރާ ގައުމުތަކަށް ދޭ އެހީގެ ގޮތުގައި ސްޓޭޓް ޑިޕާޓްމަންޓްގެ ޔޫއެސްއެއިޑުން ކުރި ޚަރަދާއި، ހަނގުރާމައިގައި މަރުވެ އަނިޔާވީ މީހުން އާއިލާތަކަށް ބަދަލު ދިނުމަށް ކުރި ޚަރަދު ހިމެނެއެވެ.

ސެޕްޓެންބަރު 11 ގެ ހަަމަލާއަށް ފަހު 'ޓެރަރިޒަމް ނައްތާލުމަށް' އެމެރިކާ ކުރި ހަނގުރާމަތަކުގައި 7 ލައްކަ 70 ހާހާއި، 8 ލައްކަ 1 ހާހާ ދެމެދު އަދަަދަކަށް މީހުން މަރުވެފައިވާ ކަމަށް ލަފާކޮށްފައި ވާއިރު، އެމެރިކާ ސިފައިންގެ ތެރޭން މަރުވެފައި ވަނީ އެންމެ 7 ހާސް މީހުންނެވެ. އަދި އެމެރިކާގެ ކޮންޓްރެކްޓްގެ ދަށުން ހަނގުރާމަކުރި ގުރޫޕްތަކުގެ 8 ހާސް މީހުން މަރުވެފައިވާކަމަށްވެސް ރިޕޯޓުގައި ފާހަގަކޮށްފައި ވެއެވެ.

އެމެރިކާގެ ހަނގުރާމަތަކުގައި އެންމެ ގިނަ ބަޔަކު މަރުވެފައި ވަނީ އަފްޣާނިސްތާނު، އިރާގު، ސީރިޔާ އަދި ޕާކިސްތާނުންނެވެ. މި ގައުމުތަކުގެ ގައުމީ ސިފައިންނާއި ފުލުހުންގެ ތެރެއިން 1 ލައްކަ 70 ހާހަށްވުރެ ގިނަ މީހުން މަރުވެފައިވާއިރު، ހަނގުރާމައިގައި އެއްވެސް ގޮތަކަށް ބައިވެރި ނުވާ 3 ލައްކައަށްވުރެ ގިނަ މީހުން މަރުވެފައި ވެއެވެ.

އެެންމެ ވަރުގަދަ އަސްކަރީ އޮޕަރޭޝަންތައް ހިންގީ މި ހަތަރު ގައުމުގައި ކަމަށް ވިޔަސް، ޖިބޯޓީ، އެރިޓްރިއާ، އިތިއޯޕިޔާ، ޖޯޑަން، ކެންޔާ، ކިރްގިޒްސްތާން، ޕާކިސްތާން، ފިލިޕީންސް، ސޫދާން، ތަޖިކިސްތާނު، ތުރުކީ އަދި އުޒްބެކިސްތާނުގައި ވެސް އެމެރިކާއިން އަސްކަރީ އޮޕަރޭޝަންތައް ހިންގާފައި ވެއެވެ.

މި ރިޕޯޓުގައި ފާހަގަކޮށްފައިވާ ގޮތުގައި އެމެރިިިކާގެ 'ޓެރަރިޒަމާ ދެކޮޅު' ހަނގުރާމައިގައި، އިދިކޮޅު ހަނގުރާމަވެރިންގެ 2 ލައްކަ 50 ހާހަށްވުރެ ގިނަ މީހުން ވަނީ މަރާލެވިފައެވެ.

އެންމެ ބޮޑަށް ފާހަގަވި ކަމަކީ އެމެރިކާއިން ޓްރިލިއަނުން ޚަރަދުކުރި ނަމަވެސް އެމެރިކާ ސިފައިންނަށް ލިބުނު އިންސާނީ ގެއްލުން އިންތިހާއަށް ކުޑަވެފައި، ހަނގުރާމައިގައި ބައިވެރިވި ގައުމުތަކުގެ ސިފައިންނާއި، ފުލުުހުންނާއި، އައްމުންނަށް ލިބުނު އިންސާނީ ގެއްލުން އިންތިހާއަށް ބޮޑުވެފައި ވުމެވެ.

މުޙައްމަދު ޢަބްދުﷲ
މުޙައްމަދު ޢަބްދުﷲ އަކީ އާފަތިހަށް ލިޔުއްވާތާ އެތައް އަހަރެއް ވެފައިވާ ޢިލްމުވެރި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. ދީނީ ލިޔުމާއި ދުނިޔޭގެ ޚަބަރުތަކަށް އަރައިހުންނެވި ކުޅަދާނަ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.