ކޮންމެ ބޭފުޅަކު މަޖިލީހުގައި އިންނެވިޔަސް ޢަމަލުކުރަންވާނީ ޤަވާޢިދާއެއްގޮތަށް- ރޮޒައިނާ

ކޮންމެ ބޭފުޅަކު މަޖިލީހުގައި އިންނެވި ނަމަވެސް ޢަމަލުކުރަންވާނީ ޤަވާޢިދާއެއްގޮތަށްކަމަށް ރައްޔިތުންގެމަޖިލީހުގެ އައްޑޫ މީދޫ ދާއިރާގެ މެމްބަރ ރޮޒައިނާ އާދަމް ވިދާޅުވެއްޖެއެވެ.

ރޮޒެއިނާ މިހެން ވިދާޅުވެފައި މިވަނީ ރައްޔިތުންގެ މަޖިލިހުގެ މިއަދުގެ ޖަލްސާގައި ނިޒާމީ ނުކުތާއަށް އެދިވަޑައިގެން އަޑުގަދަކުރެއްވުމާ ގުޅިގެން، އޭނާގެ ނަން އިއްވައި މަޖިލިހުގެ ތަޅުމުން ބޭރުކުރުމާ ގުޅިގެން، ހިތްޕުޅު ހަމަޖެހިވަޑައިނުގެން ކުރައްވައިފައިވާ ޓްވީޓެއްގައެވެ. ރޮޒައިނާ ކުރައްވައިފައިވާ ޓްވީޓްގައި މަޖިލީހިގެ ޤަވާއިދުގެ 61 ވަނަ މާއްދާގެ (ނ) އާއި (ރ) އާ ހަވާލާދެއްވައި ވިދާޅުވެފައިވަނީ މަޖިލީހުގެ ރައީސް އޭނާއަށް ފުރުޞަތު ނުދެއްވީ ޤަވާއިދާ ޚިލާފަށް ކަމަށެވެ.

ނަން އިއްވައި މަޖިލީހުގެ ތަޅުމުން ބޭރު ކުރުމާގުޅިގެން ސަރުކާރު ފަރާތުން ރޮޒައިނާ މަޖިލީހަށް ހުށަހެޅުއްވި ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރިކުރުމާ ބެހޭ ބިލަށް ވޯޓް ދެއްވުމުގެ ފުރުޞަތު ގެއްލުމުން، އެކަމުގެ ހިތްހަމަ ނުޖެހުންވެސް ރޮޒައިނާ ވަނީ ފާޅުކުރައްވައިފައެވެ.

"އަޅުގަނޑު ހުށަހަޅައި އަޅުގަނޑު ވޯޓްދޭން އެންމެ ބޭނުންވި ބިލަށް މިއަދު ވޯޓް ނުދެވުނީ، ނިޒާމީ މައްސަލަ ނެގީތީ، އަޅުގަނޑުގެ ނަން އިއްވައި ބޭރުކޮށްގެން. އަޅުގަނޑަށް މަޖިލީހުގެ ޤަވާޢިދުން ލިބޭ ޙައްޤެއްގެ ބޭނުންކުރީމާ، އަދި ޙައްޤު ހޯދަން މަސައްކަތް ކުރީމާ. މިވެސް އިންސާފުގެ ވައްތަރެއް." ރޮޒައިނާ ކޮށްފައިވާ ޓްވީޓްގައި ވިދާޅުވެފައި ވެއެވެ.

މަޖިލީހުގެ ރައީސް ޕީޕީއެމްގެ ޕީޖީ ލީޑަރގެ ޙައްޤު ހޯއްދަވައިދެއްވަން މަސައްކަތްކުރެއްވިއިރު އޭނާގެ ޙައްޤު ކޮބައިތޯ ރޮޒައިނާ ވަނީ ސުވާލު އުފައްދަވައިފައެވެ. ކުރިން ވެސް މަޖިލީހުގެ ރައީސް ޕީޕީއެމްގެ ޕީޖީ ލީޑަރގެ ޙައްޤު ހޯއްދަވައިދެއްވިކަމަށް ރޮޒައިނާ ވަނީ ވިދާޅުވެފައެވެ. އެދުވަހު މޫނަށް ކުޅުއައި ކަމަށާއި މިއަދު މަޖިލީހުން ނުކުންނަށް ޖެހުނީކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ. އަދި މަޖިލީހުގެ ޤަވާޢިދުގެ ބޭނުމެއް ނެތްކަމަށް ވެސް ވިދާޅުވިއެވެ.

މެމްބަރ ރޮޒައިނާ ނިޒާމީނުކުތާ ނަންގަވަން މަސައްކަތްކުރައްވަމުން ގެންދެވީ ޕީޕީއެމް ޕީޖީ ލީޑަރ، ނައިފަރު ދާއިރާގެ މެމްބަރު އަޙްމަދު ޝިޔާމް، ދައުލަތުގެ ބަޖެޓުގެ ބަހުސް ގައި ވާހަކަދައްކަވަމުން ގެންދަވަނިކޮށެވެ. މެމްބަރ ރޮޒެއިނާގެ ނަން އިއްވީ މަޖިލިހުގެ ޤަވާޢިދަށް ބޯލެނބުމަށް ދެ ފަހަރެއްގެ މަތިން، މަޖިލީހުގެ ރައީސް، ނަސޭހަތްތެރިވެވަޑައިގަތުމަށް ފަހު އެވެ.

މިއީ 19 ވަނަ ރައްޔިތުންގެމަޖިލީހުގައި، އެމްޑީޕީގެ މެމްބަރެއްގެ ނަން އިއްވައި މަޖިލިހުގެ ތަޅުމުން ބޭރުކުރެއްވި ފުރަތަމަ ފަހަރެވެ. ނަމަވެސް ކުރިން އިދިކޮޅު ބައެއް މެމްބަރުންގެ ނަން އިއްވައި ވަނީ މަޖިލީހުން ބޭރުކޮށްފައެވެ.

1 ޚިޔާލު

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.