ޣައްޒާއަށް އިސްރާއީލުން ދޭ އުދުވާނީ ހަމަލާ ކުރިއަށް ދާއިރު، ޝަހީދުވީ މީހުންގެ އަދަދު 24 އަށް

އިސްރާއީލުގެ އުދުވާނީ ހަމަލާގައި ފުނޑުފުނޑުވެފައިވާ ގެއެއް

އިސްރާއީލުން ހިފާފައިވާ ޣައްޒާއަށް އަލަށް ދޭން ފެށި އުދުވާނީ ހަމަލާ ދެވަނަ ދުވަހުވެސް ކުރިއަށް ދާއިރު، މި ހަމަލާތަކުގައި ޝަހީދުވި ފަލަސްޠީނު މީހުންގެ އަދަދު ވަނީ 24 އަށް އަރާފައެވެ. މީގެ ތެރެއިން 10 މީހުން ޝަހީދުވެފައި ވަނީ އިއްޔެވެ. ޒަޚަމްވި މީހުންގެ އަދަދުވެސް ވަނީ 70 އަށްވުރެ މައްޗަށް ގޮސްފައެވެ.

ފަލަސްޠީނު ހެލްތު މިނިސްޓްރީން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވާ ގޮތުގައި ޣައްޒާގެ އެކި ތަންތަނަށް އިސްރާއީލުގެ ވައިގެ ސިފައިން ދިން ހަމަލާތަކުގައި މިއަދު 14 މީހަކު ޝަހީދުވެފައި ވެއެވެ.

ޚާން ޔޫނުސްގައި އެއްވެ ތިބި ފަލަލަސްޠީނު ބަޔަކަށް އިސްރާއީލުގެ ވައިގެ ސިފައިން ދިން ހަމަލާއެއްގައި ދެ މީހުން މަރުވެފައިވާއިރު، އުދުވާނީ ސިފައިންގެ ވައިގެ ހަމަލާއެއްގައި ރަފަޙުގެ ގެއެއް ވަނީ ބިމާ ހަމަކޮށްލާފައެވެ.

ޣައްޒާގެ ސަރުކާރުގެ މަސްއޫލުވެރިންނާ ހަވާލާދީ ލިބޭ ޚަބަރުތައް ބުނާގޮތުއި އިސްރާއީލުގެ މިފަހަރުގެ އުދުވާނުގައި މިހާތަނަށް ފަލަސްޠީނުގެ 48 ގެއެއް ވަނީ ހަލާކުވެފައެވެ. އޭގެ ތެރެއިން ބައެއް ގޭގެ  ވަނީ މުޅިން ފުނޑުފުނޑުވެފައެވެ. އިއްޔެއާއި މިއަދު އިސްރާއީލުން ވަނީ ޣައްޒާއަށް ވައިގެ 50 ހަމަލާއާ  ބޮޑުބަޑީގެ 21 ހަމަލާ ދީފައެވެ.

އިސްރާއީލާއި ޣައްޒާ ގުޅޭ ސަރަހައްދީ ރޮނގާ ކައިރި ހިސާބުތަކުގައި އިސްރާއީލުން ކުއްލި ހާލަތު އިއުލާންކޮށްފައިވާއިރު، ރިޒާވް ސިފައިންގެ އެތައް ސަތޭކަ ބަޔަކު ޑިއުޓީއަށް ނުކުތުމަށް ވަނީ އަންގާފައެވެ.

އިސްރާއީލުން މިފަހަރުގެ އުދުވާން ފަށާފައި މިވަނީ އިއްޔެ ޣައްޒާއަށް ދިން ވައިގެ ހަމަލާއެއްގައި އިސްލާމިކް ޖިހާދުގެ އަސްކަރީ ގޮފި ޤުދްސު ބްރިގޭޑްސްގެ ކޮމާންޑަރަކު ކަމުގައިވާ ބަހާއު އަބުލްޢަޠާ ޝަހީދުކޮށްލުމާއެކުގެވެ.

މިހާރު ޣައްޒާއަށް ދެމުން ގެންދާ އުދުވާނީ ހަމަލާއާ  ގުޅިގެން އިސްލާމިކް ޖިހާދު ޖަމާއަތުން ބުނެފައިވާނީ އިސްރާއީލަށް ގުޑުން އަރާވަރުގެ ވަރުގަދަ ހަމަލާތަކެއް ދޭނެކަމުގައެވެ. މި އިންޒާރާ އެއްގޮތަށް އިސްލާމިކް ޖިހާދާއި ޙަމާސްއިން ދަނީ އިސްރާއީލަށް  ވަރުގަދަ ރޮކެޓުހަމަލާތަކެއް ދެމުންނެވެ.

ޣައްޒާއިން މިއަދު އިސްރާއީލުގެ ތެރެއަށް  ފޮނުވާލި ރޮކެޓުތަކުގެ އަދަދު 120 އަށް އަރާކަމުގައި އިސްރާއީލުން ވެސް ވަނީ ބުނެފައެވެ. އެހެން ނަމަވެސް ޣައްޒާގައި ހަރަކާތްތެރިވާ ފަލަސްޠީނުގެ ޖަމާއަތްތަކުން ބުނެފައި ވަނީ ޣައްޒާއަށް 220 ރޮކެޓް ފޮނުވާފައި ވާކަމުގައެވެ.

މުޙައްމަދު ޢަބްދުﷲ
މުޙައްމަދު ޢަބްދުﷲ އަކީ އާފަތިހަށް ލިޔުއްވާތާ އެތައް އަހަރެއް ވެފައިވާ ޢިލްމުވެރި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. ދީނީ ލިޔުމާއި ދުނިޔޭގެ ޚަބަރުތަކަށް އަރައިހުންނެވި ކުޅަދާނަ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.