ފެނަށް ޖެހުން ފަދަ މައްސަލަތައް ހައްލުކުރުމަށް ކުރަންޖެހޭ ޚަރަދުވަނީ ބޮޑުވެފައި: ޑރ. ޙުސައިން

މޫސުމަށް އަންނަ ބަދަލުތަކާބެހޭ މަޝްރޫޢުތަކަށް ހޭދަކުރާ މިންވަރު މިފަހަކަށް އައިސް ވަނީ ވަރަށް ބޮޑަށް އިތުރު ކުރަންޖެހިފައި ކަމަށް ތިމާވެއްޓާ ބެހޭ ވަޒީރު ޑރ. ޙުސައިން ރަޝީދު ޙަސަން ވިދާޅުވެއްޖެއެވެ.

އެގޮތުން ގޮނޑުދޮށް ހިމާޔަތްކުރުމާއި، ފެންބޮޑުވުން ހައްލުކުރުމާއި، ފެނަށް ޖެހުމުގެ މައްސަލަ ޙައްލުކުރުމާއި، ކާބޯތަކެތީގެ ޔަޤީންކަން ރައްޔިތުންނަށް ހޯދައިދިނުމަށް ދައުލަތުން ކުރާ ހޭދަ ވަނީ ވޭތުވެދިޔަ ހަތަރުވަރަކަށް އަހަރު 6 ގުނައަށް އިތުރުކުރަންޖެހިފައި ކަމަށް ވަޒީރު ވިދާޅުވިއެވެ.

ގްރީން ކްލައިމެޓް ފަންޑް (ޖީ.ސީ.އެފް.) ގެ އެހީ ހޯދުމަށް، ރާއްޖޭގެ ފަރާތުން ކުރިއަށް އޮތް 5 އަހަރު ދުވަހު އިސްކަންދޭނެ ދާއިރާތައް ކަނޑައެޅުމަށް ފަށާފައިވާ މަސައްކަތުގެ ދަށުން ބާއްވާ އެންމެ ފަހު ބައްދަލުވުން ފެށުމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ވަޒީރު ޑރ. ޙުސައިން ރަޝީދު ޙަސަން ވިދާޅުވީ އަންނަ އަހަރުގެ ޕީ.އެސް.އައި.ޕީ. އަށް ސަރުކާރުން ހުށަހަޅާފައިވާ ބަޖެޓުގައި ތިމާވެށި ރައްކާތެރި ކުރުމަށް 518 މިލިއަން ރުފިޔާއާއި، ފެނާއި ނަރުދަމާ ނިޒާމުގެ މަޝްރޫޢުތަކަށް 907.9 މިލިއަން ރުފިޔާ ސަރުކާރުން ހުށަހަޅާފައިވާ ކަމަށެވެ.

ތިމާވެށި ހިމާޔަތްކުރުމަށް ގިނަ ވަސީލަތްތަކެއް މިހާރު ކަނޑައަޅާފައިވީ ނަމަވެސް، މޫސުމަށް އަންނަ ބަދަލުތަކުގެ މަޝްރޫޢުތަކަށް ކުރަންޖެހޭ ހޭދަ ދުވަހުން ދުވަހަށް އަދިވެސް ދަނީ އިތުރުވަމުންކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އެހެންކަމުން ބޭރުގެ އެހީ އެ ދާއިރާއަށް ހޯދުން އިތުރުކުރުން މިހާރު ވަނީ އިންތިހާއަށް މުހިއްމުވެފައި ކަމަށް ވެސް ވިދާޅުވިއެވެ.

ތިމާވެށީގެ މަޝްރޫޢުތަކަށް ފައިސާ ހޯދާނެ "އިނޮވޭޓިވް ގޮތްތައް" ހޯދުމުގެ މަސައްކަތް ސަރުކާރުން ގެންދަނީ ކަމާބެހޭ ފަރާތްތަކާ ގުޅިގެން ކުރަމުންނެވެ. ފަތުރުވެރިންގެ އަތުން ނަގަމުން އަންނަ ގްރީން ޓެކްސް މިހާރު ބޭނުންކުރެވެނީ މޯލްޑިވްސް ގްރީން ފަންޑްގެ ތެރެއިން ހަމައެކަނި ތިމާވެށީގެ މަޝްރޫޢުތައް ހިންގުމަށެވެ. އަދި ބޭންކް އޮފް މޯލްޑިވްސް މެދުވެރިކޮށް ގްރީން ލޯނާއި، އިޔާދަކުރަނިވި ހަކަތައިގެ އިންވެސްޓްމަންޓްތަކަށް ލުއިލޯނު ދޫކުރާ ދެ ފަންޑެއް ވަނީ ޤާއިމްކޮށްފައެވެ. އަދި ބ. އަތޮޅު ކޮންޒަވޭޝަން ފަންޑަކީ ސަރުކާރާއި ފަތުރުވެރިކަން ފަދަ އަމިއްލަ ވިޔަފާރިތައް ގުޅިގެން މިފަދަ މަޝްރޫޢުތަކަށް އެހީދޭ ފަންޑެކެވެ.

ރާއްޖޭގެ ތިމާވެށީގެ މައްސަލަތައް ހައްލުކުރުމަށް ރާއްޖެއަށް އެހީދޭ ފަރާތްތަކާއެކު މަޝްވަރާކޮށް، ލިބެން އޮތް އެންމެ ބޮޑު މިންވަރަކުން އެފަރާތްތަކުގެ އެހީތެރިކަންވެސް ސަރުކާރން ގެންދަވަނީ ހޯއްދަވަމުންނެވެ. މީގެ ތެރޭގައި ރާއްޖެއާ އެކުވެރި ޤައުމުތަކާއި، ޑިވެލޮޕްމަންޓް ބޭންކްތަކާއި، އ.ދ ގެ އިދާރާތަކާއި، މޫސުމަށް އަންނަ ބަދަލުތަކަށް އެހީދޭ ބައިނަލްއަޤްވާމީ ފަންޑްތައް ހިމެނެއެވެ.

މޫސުމީ ބަދަލުތަކުގެ މަޝްރޫޢުތަކަށް އެހީދޭ ބައިނަލްއަގުވާމީ އެންމެބޮޑު ފަންޑަކީ 2014 ވަނަ އަހަރު ގާއިމްކޮށްފައިވާ ޖީސީއެފް އެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.