އަންޖުމް މަރުވި އެކްސިޑެންޓްވި މަންޒަރު ފެނުނު މީހުން ފުލުހުން ހޯދަނީ

ރޭ 22:30 ހާއިރު ހުޅުމާލޭ ނިރޮޅު މަގުން، ބްރިޖު ހައިވޭއަށް އަރާ ހިސާބުން އެމްޓީސީސީގެ ބަހަކާއި، ސައިކަލެއް ޖެހި ހިނގި އެކްސިޑެންޓްގެ މަންޒަރު ފެނުނު މީހުން ހޯދުމުގެ މަސައްކަތް ފުލުހުން ފަށައިފިއެވެ.

ޖަމާލުއްދީން ސްކޫލްގެ ގްރޭޑް 7 ގައި ކިޔަވަމުން އަންނަ އުމުރުން 13 އަހަރުގެ ފާތިމަތު އަންޖުމް ޝަފީގް، މި އެކްސިޑެންޓްގައި ނިޔާ ވެފައިވާއިރު، ފުލުހުން މިއަދު ވަނީ އެ އެކްސިޑެންޓް ހިނގި މަންޒަރު އެވަގުތު ފެނުނު މީހަކު ހުރިނަމަ އެކަމުގެ މައުލޫމާތު ފުލުހުންނާ ޙިއްސާ ކުރުމަށް އެދިފައެވެ.

"އެކްސިޑެންޓްވި ޙާދިސާގެ މަންޒަރު ދުށް ފަރާތެއް ވާނަމަ ނުވަތަ މި ޙާދިސާއާއި ގުޅޭގޮތުން އެއްވެސް މައުލޫމާތެއް ލިބިލައްވާފައިވާ ފަރާތެއް ވާނަމަ އެ މައުލޫމާތު ޙިއްސާ ކުރުމަށް އެސްއޯސީޑީގެ ނަންބަރު 9911099 އަށް ގުޅުއްވާ މައުމޫމާތު ޙިއްސާ ކޮށްދެއްވުން އެދެން" އެކްސިޑެންޓްގެ މައްސަލަ ތަހުގީގު ކުރަމުން އަންނައިރު ފުލުހުން އެކަމާބެހޭ ގޮތުން މިއަދު އާންމުކުރި ލިޔުމެއްގައި ވެއެވެ.

މި އެކްސިޑެންޓް ހިނގާފައި ވަނީ ރޭ 22:30 ހާއިރު އަންޖުމް އާއި އޭނާގެ މަންމަ ހުޅުމާލޭގައި ދިރިއުޅޭ އާއިލާ ބަޔަކާ ބައްދަލު ކުރުމަށް ފަހު އެނބުރި މާލެ ދިޔުމަށްޓަކައި ސަކަލުގައި ގޮސް ބްރިޖް ހައިވޭއަށް ނުކުންނަ ހިސާބުން، އެމްޓީސީސީގެ ބަހެއް ފަހަތުން އައިސް ސައިކަލުގައި ޖެހިގެން ކަމަށްވެއެވެ.

ބަސް އައިސް ސައިކަލުގައި ޖެހުމާއެކު ސައިކަލް ވެއްޓުނުއިރު 13 އަހަރުގެ އަންޖުމް ވަނީ ވިއްސައިގެން ގޮސް މާދުރުގައި ޖެހިފައެވެ. އޭނާ ވެއްޓި ބިންމަތީގައި ބޯ ޖެހުނުއިރު އަޅައިގެން އިން ހެލްމެޓްވެސް ވަނީ ހަލާކުވެފައެވެ. އަދި ބޮލަށާއި ސިކުނޑިއަށް ވަނީ ބޮޑެތި ޒަޚަމްތަކެއް ލިބިފައެވެ. ޓްރީޓޮޕް ހޮސްޕިޓަލަށް އަންޖުމް ގެންދިޔައިރުވެސް އޭނާގެ ފުރާނަ ނެތް ކަމަށްވެއެވެ. ޙާދިސާގައި އަންޖުމްގެ މަންމައަށް ޖިސްމާނީ ގޮތުން މާބޮޑު ގެއްލުމެއް ނުވާކަމަށްވެއެވެ. އެކްސިޑެންޓުގައި ނިޔާވި އަންޖުމް މިއަދު މެންދުރު ނަމާދަށް ފަހު ހުޅުމާލޭ ސަހަރާގައި ވަނީ ވަޅުލާފައެވެ.

މި އެކްސިޑެންޓް ހިނގި ނަމަވެސް ބަސް ވަނީ ނުހުއްޓައި ގޮސްފައެވެ. އެ ސަރަހައްދުގައި އޭރު ތިބި ފުލުހުން ބަސް ހުއްޓުވީ ބްރިޖް ހައިވޭއިން އަޅައިގެން ގޮސް އަތިރިމައްޗަށް އަނބުރާލި ތަނުން ކަމަށްވެއެވެ. ބަސް ދުއްވަން އިން ޑްރައިވަރު ބުނާ ކަމަށް ވަނީ އޭނާ ނުހުއްޓައި ދިޔައީ ސަކަލެއް އެ ބަހުގައި ޖެހުނުކަން ނޭނގޭތީއެވެ. މި ޙާދިސާއާބެހޭ ގޮތުން އެމްޓީސީސީންވެސް މީޑިޔާގައި ބުނެފައި ވަނީ ބަހުގައި ސައިކަލު ޖެހުނުކަން ބަސް ޑްރައިވަރަށްވެސް އަދި ބަސް ޑްރައިވަރު ކައިރީ ހުންނަ އެހީތެރިޔާއަށްވެސް ނޭނގޭ ކަމަށެވެ. އަދި އޭރު ބަހުން ދަތުރުކުރި ސާދަ ވަރަކަށް މީހުން ތިބިއިރު އޭގެތެރެއިން މީހަކަށްވެސް އެ ބަހުގައި ސަކަލެއް ޖެހުނުކަން ނޭނގޭ ކަމަށް އެމްޓީސީސީން މީޑިޔާއަށް މައުލޫމާތު ދީފައިވެއެވެ.

އަންޖުމްއަކީ އޭނާގެ މަންމަ އާއި ބައްޕަގެ ހުރި ހަމައެކަނި ދަރިފުޅެވެ. މި ދެމަފިރިންނަށް މީގެކުރިން ލިބުނު ދަރިފުޅުވެސް ފުރާވަރަށް އެޅުނުތަނާ ވަނީ ނިޔާވެފައެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި ދެމަފިރިންނަށް އަންޖުމް ލިބުނީ ދަރިޔަކު ނުލިބިގެން އެކަމަށް ވިއްސަކަށް އަހަރު ފަރުވާ ހޯދިފަހުންނެވެ.

ޖަޢުފަރު ރަޝީދު
ޖަޢުފަރު ރަޝީދަކީ ކުޅިވަރުގެ ލިޔުންތަކާއި ޚަބަރުތައް ލިޔުމުގެ ދާއިރާއިން މަޝްހޫރުވީ ލިޔުންތެރިއެކެވެ. އާފަތިހުގައި ވަރަށް ގިނަ ދުވަހު ޚިދުމަތް ކުރެއްވި އަދި މިހާރުވެސް ޚަބަރާއި ރިޕޯޓު ލިޔުއްވަމުން ގެންދަވާ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.