އުއްތަމަ ފަނޑިޔާރާއި އާދަމް މުޙަންމަދު މަގާމުން ވަކިކުރަން މަޖިލީހަށް ފޮނުވައިފި

އުއްތަމަ ފަނޑިޔާރު ޑރ. އަހުމަދު އަބްދުﷲ ދީދީ އާއި ސުޕްރީމް ކޯޓުގެ ފަނޑިޔާރު އާދަމް މުހައްމަދު މަގާމުން ސަސްޕެންޑްކޮށް، އެ ދެ ބޭފުޅުން ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމުން ވަކިކުރަން ރައްޔިތުންގެ މަޖިލީހަށް ފޮނުވަން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ނިންމައިފިއެވެ.

ޖޭއެސްސީން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ އުއްތަމަ ފަނޑިޔާރާއި، އާދަމް މުޙަންމަދު ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމުން ވަކިކުރަން މަޖިލީހަށް ފޮނުވަން ނިންމަން ޖެހުނު ސަބަބަކީ އެދެބޭފުޅުންނާ ބެހޭގޮތުން އެ ކޮމިޝަނުން ބަލަމުންދިޔަ މައްސަލައެއްގައި ފަނޑިޔާރެއްގެ ސުލޫކީ ސިފަތައް ނެތިގެންދާނެ ފަދަ އަމަލުތަކެއް ހިންގަވާފައިވާ ކަމަށް، ތަހުގީގު ކޮމެޓީއަށް ސާބިތުވެފައި ވާތީ ކަމަށެވެ.

ޖޭއެސްސީން ވަނީ މަގާމުން ވަކުރަން މަޖިލީހަށް ފޮނުވަން ނިންމުމުގެ އިތުރުން އޮފީހަށް ނުކުމެވަޑައިނުގެންނެވޭ ގޮތަށް 60 ދުވަހަށް ސަސްޕެންޑްވެސް ކޮށްފައެވެ. ސަސްޕެންޑްކުރި ސަބަބެއް ކަމަށް ޖޭއެސްސީން ބުނީ ދެބޭފުޅުންނާ ބެހޭގޮތުން ބަލަމުންދާ މައްސަލަތަކުގެ ސަބަބުން ފަނޑިޔާރު ކަމުގެ މަސައްކަތުން ވަގުތީ ގޮތުން ދުރުކުރަންޖެހޭ ކަމަށް ކޮމިޝަނުގެ ތަހުގީގު ޓީމަށް ފެނުމެވެ.

އުއްތަމަ ފަނޑިޔާރާބެހޭ ގޮތުން ކޮމިޝަނުން ބަލަމުންދާ މައްސަލައިގައި ޖަވާބުދާރީވެ ވަޑައިގަތުމަށް ކޮމިޝަނަށް ޙާޒިރުވެވަޑައިގަތުމަށް އެންގިނަމަވެސް އެމަނިކުފާނު ވަނީ ކޮމިޝަނަށް ހާޒިރުވެވަޑައިގަތުމަށް ދެކޮޅު ހައްދަވާފައެވެ. ފަނޑިޔާރު އާދަމް މުޙަންމަދު ކޮމިޝަނުގެ އެންގެވުމަށް މީގެކުރިން ހާޒިރުވެވަޑައިގެންފައި ވެއެވެ.

ޖަޢުފަރު ރަޝީދު
ޖަޢުފަރު ރަޝީދަކީ ކުޅިވަރުގެ ލިޔުންތަކާއި ޚަބަރުތައް ލިޔުމުގެ ދާއިރާއިން މަޝްހޫރުވީ ލިޔުންތެރިއެކެވެ. އާފަތިހުގައި ވަރަށް ގިނަ ދުވަހު ޚިދުމަތް ކުރެއްވި އަދި މިހާރުވެސް ޚަބަރާއި ރިޕޯޓު ލިޔުއްވަމުން ގެންދަވާ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.