އެޑިޔުކޭޝަން މިނިސްޓަރ ފުރާންސަށް ވަޑައިގެންފި

ފޮޓޯ: ޕީއެސްއެމް ނިވްސް

މިނިސްޓަރ އޮފް އެޑިޔުކޭޝަން ޑޮކްޓަރ ޢާއިޝަތު ޢަލީ ފުރާންސަށް ވަޑައިގެންފިއެވެ.

މިއީ ޔުނައިޓެޑް ނޭޝަންސް އެޑިޔުކޭޝަނަލް ސައިންޓިފިކް އެންޑް ކަލްޗަރަލް އޯގައިނައިޒޭޝަން (ޔުނެސްކޯ) ގެ ޖެނެރަލް ކޮންފަރެންސްގެ 40 ވަނަ ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވުމަށް އެކަމަނާ ކުރައްވާ ދަތުރުފުޅެކެވެ. އެކަމަނާއަކީ މޯލްޑިވްސް ނެޝަނަލް ކޮމިޝަން ފޮރ ޔުނެސްކޯގެ ޗެއަރޕާރސަން ވެސް މެއެވެ.

މި ބައްދަލުވުމުގައި އެކަމަނާ ތަގްރީރު ކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ. އަދި ލެވެލް ފޯރަމްތަކުގައި ބައިވެރިވެ ވަޑައިގެންނެވުމަށްވެސް ހަމަޖެހިފައިވެއެވެ. އޭގެ އިތުރަށް  ޔުނެސްކޯ މެން އެންޑް ބައޮސްފިއަރ ކައުންސިލްގެ މެމްބަރަކަށް ދިވެހިރާއްޖެ ވާދަކުރުމަށް ހަމަޖެހިފައިވާތީ، އެކަމަށް ލޮބީ ކުރެއްވުމަށްވެސް ވަނީ ހަމަޖެހިފައެވެ.

މި ބައްދަލުވުމުގެ ތެރެއިން އެކުވެރި ޤައުމުތަކުގެ އެޑިޔުކޭޝަން މިނިސްޓަރުންނާއި، ބައިނަލްއަޤްވާމީ އެކިއެކި ޖަމްޢިއްޔާތަކުގެ އިސްބޭފުޅުން އަދި ތަޢުލީމީ އެކްސްޕަރޓުންނާއި ބައްދަލުކުރައްވާނެއެވެ. އެ ބައްދަލުވުންތަކުގައި ރާއްޖޭގެ ތަޢުލީމީ ދާއިރާގެ ތަޖުރިބާ ހިއްސާކުރައްވަން ހަމަޖެހިފައިވެއެވެ. އަދި އެފަރާތްތަކުން ރާއްޖެއަށް ފަންނީ އެހީ ހޯއްދެވުމަށް މިނިސްޓަރ މަސައްކަތް ކުރައްވާނެއެވެ. މީގެ އިތުރުން މި ބައްދަލުވުމުގެ ތެރޭގައި ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ޔުނެސްކޯގެ އެކިއެކި ބޯޑު ތަކާއި ކައުންސިލްތަކަށް މެމްބަރުން އިންތިޚާބުކުރާ ވޯޓްގައިވެސް އެކަމަނާ ބައިވެރިވެ ވަޑައިގަންނަވާނެއެވެ.

މި ދަތުރުފުޅުގައި މިނިސްޓަރގެ އަރިހުގައި މިނިސްޓްރީ އޮފް އެޑިޔުކޭޝަންގެ ސްޓޭޓް މިނިސްޓަރ ފާޠިމަތު ނަޞީރާއި މޯލްޑިވްސް ނެޝަނަލް ކޮމިޝަން ފޮރ ޔުނެސްކޯގެ ސެކްރެޓަރީ ޖެނެރަލް އަޙްމަދު މަޢުޞޫމު ބައިވެރިވެ ވަޑައިގަންނަވައެވެ. މި ދަތުރުފުޅު ނިންމަވާ ލެއްވުމަށްފަހު މިނިސްޓަރ ރާއްޖެ ވަޑައިގެންނެވުމަށް ހަމަޖެހިފައިވަނީ މި މަހުގެ 18 ވަނަ ދުވަހުއެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.