ޖީ.ސީ.އެފް ގެ އެހީ ހޯދުމަށް، ބާއްވާ އެންމެ ފަހު ބައްދަލުވުން ފަށައިފި

ގްރީން ކްލައިމެޓް ފަންޑް (ޖީ.ސީ.އެފް.) ގެ އެހީ ހޯދުމަށް، ކުރިއަށް އޮތް ފަސް އަހަރު ރާއްޖެއިން އިސްކަންދޭނެ ދާއިރާތައް ކަނޑައެޅުމަށް ފަށާފައިވާ މަސައްކަތުގެ ދަށުން ބާއްވާ އެންމެ ފަހު ބައްދަލުވުން މިއަދު ފަށައިފިއެވެ. މި ބައްދަލުވުން މާދަމާގެ ނިޔަލަށް ކުރިއަށްދާނެއެވެ. މި ބައްދަލުވުމުގައި ރާއްޖޭގެ ހުރިހާ ކައުންސިލްތަކުން ބައިވެރިވެއެވެ.

ޖީ.ސީ.އެފްއަކީ މޫސުމަށް އަންނަ ބަދަލުތަކާބެހޭ މައްސަލަތަކަށް ހައްލުހޯދުމަށް އެހީދިނުމަށް އ.ދ. ގެ މޫސުމީ ބަދަލުތަކާބެހޭ މުއާހަދާގެ ދަށުން އެކުލަވާލެވިފައިވާ ބައިނަލްއަޤްވާމީ ފަންޑެކެވެ. މި ބައްދަލުވުމަކީ މި އަހަރު ފެބްރުއަރީ މަހު އިފްތިތާހްކުރި، ޖީ.ސީ.އެފް އާއި އދ. ގެ ތިމާވެށްޓާބެހޭ ޖަމްޢިއްޔާގެ އެހީ ލިބިގެން ހިންގާ މަޝްރޫޢުގެ ދަށުން އެކުލަވާލެވުނު އުސޫލުތަކާއި، ޖީ.ސީ.އެފް އަށް ތައްޔާރުކުރާ ރާއްޖޭގެ ކަންޓްރީ ޕްރޮގްރާމް ފާސްކުރުމަށްޓަކައި ކަމާބެހޭ ފަރާތްތަކާއެކު ބާއްވާ ބައްދަލުވުމެއް ކަމަށް ތިމާވެއްޓާބެހޭ މިނިސްޓްރީން ވިދާޅުވެފައިވެއެވެ. ޖީ.ސީ.އެފް ފަންޑުން 24 މިލިއަން ޑޮލަރުގެ ހިލޭ އެހީ ލިބިގެން ރާއްޖޭގެ އުތުރުގެ ރަށްރަށް އިރުވައިމޫސުމުގައި ފެނަށް ޖެހުމުގެ މައްސަލަ ހައްލުކުރުމުގެ މަޝްރޫޢެއް މިހާރު ވެސް ކުރިއަށް އެބަދެއެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.