ހަ މީހުންނާއެކު ދަތުރުކުރި ލޯންޗެއް ބަންޑުންޖަހާލައި އެކަކު ނިޔާވެއްޖެ

ހަ މީހުންނާއެކު ދަތުރު ކުރަމުންދިޔަ ޑިންގީއެއް މިއަދު ބަންޑުން ޖަހާލައި އެއިން ދަތުރުކުރި އެކަކު ނިޔާވެއްޖެއެވެ.

އެމްއެންޑީއެފުން ވިދާޅުވީ ޑިންގީ ބަންޑުން ޖަހާލައިފައިވަނީ ދ. ކުޑަހުވަދޫ ކަނޑުއޮޅިއަށެވެ.

ޑިންގީ ބަންޑުންޖަހާލި އިރު އޭގައި ތިބި 6 މީހުން ތިބި ކަމަށް އެމްއެންޑީއެފުން ވިދާޅުވިއެވެ. އޭގެތެރެއިން 4 މީހުންނަކީ ބިދޭސީންނެވެ. އަނެއް 2 މީހުންނަކީ ދިވެހީންނެވެ. އެހެންނަމަވެސް ކުޑަހުވަދޫން ވާހަކަ ދެއްކި މީހަކު ބުނީ އެއިން ދަތުރު ކުރީ ޖުމްލަ 7 މީހުން ކަމަށެވެ. އެއީ 3 ދިވެހީންނާއި 4 ބިދޭސީން ކަމަށް އެމީހާ ބުންޏެވެ. އެއިން ދަތުރުކުރި ބޭރުމީހުންނަކީ ފަތުރުވެރިން ކަމަށް ވެސް އެމީހާ ބުންޏެވެ.

މި ހާދިސާގައި ކަނޑުވި މީހުން ސަލާމަތްކޮށްގެން ކުޑަހުވަދޫ ހޮސްޕިޓަލަށް ގެނެސްދީފައިވަނީ ހާދިސާ ހިނގި ސަރަޙައްދަށް އެރަށުން ދިޔަ ޖެޓުސްކީއަކުން ކަމަށް އެމްއެންޑީއެފުން ވިދާޅުވިއެވެ.

ކުޑަހުވަދޫ ހޮސްޕިޓަލުގެ ޒިންމާދާރު ވެރިޔާ އިބްރާހީމް ފަޒީލު ވިދާޅުވީ ހޮސްޕޮޓަލަށް ގެނައިއިރު ވެސް އެމީހާ ނިޔާވެފައިވާ ކަމަށެވެ. ނަމަވެސް އޭނާއާއެކު ދެން ގެނައި އެހެން އެންމެންގެ ހާލު ރަނގަޅު ކަމަށް އޭނާ ވިދާޅުވިއެވެ. އެމީހުންނަށް އެއްވެސް ކަހަލަ އަނިޔާއެއް ލިބިފައިވޭތޯ ބެލުމުގެގޮތުން އިތުރަށް ބައްލަވަމުން ގެންދަވާ ކަމަށް އޭނާ ވިދާޅުވިއެވެ.

މަޢުލޫމާތު ލިބިފައިވާ ގޮތުގައި ނިޔާވެފައިވަނީ ސްވިޑަންއަށް ނިސްބަތްވާ ފަތުރުވެރިއެކެވެ. އެމީހުން ޑީންގީގައި ނުކުތީ މަސްވެރިކަން ކުރާށެވެ. "މަސްވެރިކަން ކުރަން ނުކުމެ އުޅެނިކޮށް މާބޮޑަށް ފަރާ ކައިރިކުރެވުނު ވަގުތު ނެގި ރާޅެއްގެ ސަބަބުން ޑިންގީ ބަންޑުންޖަހާލި ކަމަށް މަޢުލޫމާތު ލިބިފައިވަނީ،" އެރަށުން ވާހަކަ ދެއްކި މީހާ ބުންނެވެ. އެ ޑިންގީއާއެކު އެހެން ޑިންގީއެއް ވެސް ދިޔަ ކަމަށް މަޢުލޫމާތު ލިބިފައިވެއެވެ. އެކަމަކު އެޑިންގީގެ އެއްވެސް މަޢުލޫމާތެއް ލިބިފައެއް ނުވެއެވެ.

މިހާދިސާގެ މަޢުލޫމާތު އެމްއެންޑީއެފަށް ލިބިގެން ހާދިސާ ހިނގި ސަރަޙައްދަށް އެމްއެންޑީއެފް ސެންޓްރަލް އޭރިއާ ކޯސްޓްގާޑު ސްކޮޑްރަންގެ ސިފައިން  ދިޔައިރު، ރަށުން އައި ޖެޓްސްކީ ވަނީ މީހުން ސަލާމަތްކޮށްގެން ގެންގޮސްފައެވެ.

މީހާދިސާގެ މަޢުލޫމާތު އެމްއެންޑީއެފް ސެންޓްރަލް އޭރިއާއަށް ލިބިފައިވަނީ މިއަދު ހަވީރު 16:22 ގައި ކަމަށް އެމްއެންޑީއެފްގެ ތަރުޖަމާނު މޭޖަރ އިބްރާހީމް ޢާޒިމް ވިދާޅުވިއެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.