ކީރިތި ރަސޫލާ މަތިވެރި މައުލިދަކީ އީމާންކަން އައުކޮށްދޭ، ލޮބުވެތިކަން ހަރުދަނާކޮށްދޭ ތެދުވެރިކަމާއެކު ތަބާވުން ކަށަވަރުކޮށްދޭ ވަސްމީރު ޒިކްރާއެއް

ރަބީޢުލްއައްވަލު މަހަކީ ދުނިޔޭގެ ހަތަރު ބިތުގައި ދިރި އުޅޭ އެންމެހާ މުސްލިމުންގެ ހިތްތަކުގައި މަތިވެރި މަޤާމެއް ލިބިފައިވާ މަހެކެވެ. އެއީ އެމަހުގެ ދުވަސްތަކުގެ ތެރޭގައި ޚައިރުއްބަޝަރިއްޔާ ، މުޙައްމަދުގެފާނު ދުނިޔެއަށް ވަޑައިގެން ޛިކްރަޔާތުތައް ހިމެނޭތީއެވެ. ސަލާމާއި ޞަލަވަތް ލެއްވި މި އުއްމަތުގެ ނަބިއްޔާ ދުނިޔެއަށް ވަޑައިގަތުމުގެ ސަބަބުން އީމާންކަމުގެ ނޫރުން ދުނިޔެ އުޖާލާވެގެން ދިޔައެވެ. އެކަލޭގެފާނުގެ ސީރަތަކީ ޢާލަމުތަކަށް ވޮށެއްކަމުގައި ވެފައިވާ ޢަމަލީ މަންހަޖެކެވެ. اللهُ تَعَالَى ވަޙީ ކުރައްވިއެވެ. (( يَـٰٓأَيُّهَا ٱلنَّبِىُّ إِنَّآ أَرْسَلْنَـٰكَ شَـٰهِدًا وَمُبَشِّرًا وَنَذِيرًا [1] - އޭ ނަބިއްޔާއެވެ! ހަމަކަށަވަރުން، ތިމަންރަސްކަލާނގެ، ކަލޭގެފާނު ފޮނުއްވީ ހެކިވަނިވި ބޭކަލަކު ކަމުގައްޔާއި (مؤمن ންނަށް) އުފާވެރިކަމުގެ خبر ދެއްވާ ބޭކަލަކު ކަމުގައްޔާއި (كافر ންނަށް) ބިރުވެރިކަމުގެ خبر ދެއްވާ ބޭކަލަކު ކަމުގައެވެ. ))

އެކަލޭގެފާނުގެ ސީރަތަކީ ޠާހިރުކަމާއި ސާފުކަމުގެ މިސާލެކެވެ. ދެފުށް އެއްގޮތްކަމާއި، ހިތްތިރިކަމުގެ ނަމޫނާއެކެވެ. ތެދުވެރިކަމާއި އިޚްލާޞްތެރިކަމާއެކު މަސައްކަތް ކުރުމުގެ ލާސާނީ މިސާލެކެވެ. ތޭވީހަކަށް އަހަރުގެ ކުރު މުއްދަތެއްގެ ތެރޭގައި ވަރުގަދަ އުއްމަތެއް އެކަލޭގެފާނު ވަނީ ބިނާ ކުރައްވައިފައެވެ. އެއްވެސް ޒަމާނެއްގައި މި ފަދަ ކުރު މުއްދަތެއްގެ ތެރޭގައި ވަރުގަދަ ޙަޟާރަތަކާއި، މަދަނިއްޔަތަކާއި، ރަށްވެހިކަމެއް ބިނާ ކުރެއްވި ދެވަނަ ޝަޚްޞިއްޔަތެއް ތާރީޚުން ފެންނާކަށް ނެތެވެ. މި ފަދަ ވަރުގަދަ ޙަޟާރަތެއް ، މި ފަދަ މަތިވެރި އުއްމަތެއް ޤާއިމު ވެގެން ދިޔައީ،  އެކަލޭގެފާނުގެ މަދުރަސާއިން ދަސްވެނިވެ ވަޑައިގެން ދަރިވަރުންގެ މޮޅުކަމުންނެވެ. އެކަލޭގެފާނަށް މި ފަދަ ދަރިވަރުންތަކެއް ދަސްވެނި ކުރެއްވުނީ އަދި ދަސްވާރު ކުރެއްވުނީ އެކަލޭގެފާނަށް ﷲ ދެއްވި ތަރްބިޔަތާއި އަދަބު އަޚްލާޤުގެ ސަބަބުންނެވެ.

އެކަލޭގެފާނުންގެ ބަސްފޮތުން ހުރިހާ ބާވަތެއްގެ ނިކަމެތިކަން ވަނީ ފުހެލައްވައިފައެވެ. އެކަލޭގެފާނު އުފުއްލަވައިފައި ވަނީ ކަރާމަތާއި، ޢިއްޒަތާއި. ހިތްވަރުގަދަކަމާއި. ޝަހާމަތްތެރިކަމުގެ ދަންމަރެވެ. އެކަލޭގެފާނު މީސްތަކުންގެ ހިތްތައް ފަތަޙަ ކުރައްވައިފައި ވަނީ ރިވެތި ޙިކްމަތާއި، ރިވެތި ވަޢުޡުންނެވެ. އެކަލޭގެފާނާ ދެކޮޅު ހެދި މީހުންނާ ރިވެތި ގޮތުގައި  ޖަދަލު ކުރައްވައިގެންނެވެ. އެކަލޭގެފާނުގެ މަދުރަސާއިން ދަސްވެނިވެފައިވަނީ އިސްލާމީ ގިޔުގަނޑުގެ  ތެރޭގައި އުޅެން ތަރްބިޔަތު ލިބިފައިވާ  ޒުވާނުންނާއި، ޞާލިޙު އަންހެނުންނާއި، ހެޔޮ ލަފާ އެދުރުންނާއި ، ހަނގުރާމަމަތީ ފަހުލަވާނުންނާއި ، ހަރުދަނާ މުރައްބީންނާއި، ސިޔާސީ  ޒަޢީމުންނާއި ދީނީ އިސްވާރުންނެވެ.

ރަބީޢުލް އައްވަލު މަހަކީ ކީރިތި ރަސޫލާ ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމް ދުނިޔެއަށް ވަޑައިގެންނެވި މަހެވެ. އެކަލޭގެފާނުގެ މީލާދު ވެފައިވަނީ،  ޖާހިލުކަމާއި ޝިރްކުގެ ސުންޕާކަމުން ދުނިޔެ ސަލާމަތް ކުރި ވަރުގަދަ ރިސާލަތެއްގެ އުފަންވުމަކަށެވެ. އެއީ ވަރުގަދަ އުއްމަތެއް ބިނާކޮށް އާރާސްތު  ކުރި  މައުލިދެކެވެ. އެއީ ދުނިޔޭގެ ތާރީޚުގެ މޫނުމަތި ބަދަލުކޮށްލި ޙަޟާރަތެއްގެ  މީލާދެކެވެ.ކީރިތި ރަސޫލާ ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމް ގެންނެވި އިސްލާމީ ދަޢުވަތުގެ ސަބަބުން އިމާންކަން މުޅި  ދުނިޔެއަށް ޢާއްމުވެ ، އަމަންއަމާންކަން  ފެތުރި،  އެއްގަމަށާއި، ކަނޑުތަކަށާއި، އިންސާނުންނަށާއި ، ޖިންނިންނަށާއި ، ގަސްގަހާގެއްސަށާއި ދިރުންހުރި އެއްޗެއްސަށާއި ދިރުން ނެތް އެއްޗެއްސަށް އަލިކަމާއި ރައްކައުތެރިކަމާއި، އުފާވެރިކަން ލިބިގެން ދިޔައެވެ. މާޔޫސްކަން ނެތިގޮސް އުއްމީދު ފެޅިއެވެ.

ކޮންމެ އަހަރަކު އަޅުގަނޑުމެން މި ވަސްމީރު ޛިކްރާ އައުކުރާއިރު އަޅުގަނޑުމެންގެ ހިތަށް ގެންނަންވީ މި ލޮބުވެތި ރަސޫލާގެ އިންސާނީވަންތަކަމާއި އަޚްލާޤީ މަތިވެރިކަމެވެ. އެކަލޭގެފާނުގެ ސީރަތުން ނަމޫނާ ލިބިގަނެގެން ، އަޅުގަނޑުމެންގެ އުޅުމާއި ގުޅުން އަލުން ރަނގަޅު ކުރުމަށް ޓަކައެވެ. އެކަލޭގެފާނު ވެވަޑައިގެންފައި ވަނީ ނަމޫނާ އިންސާނަކަށެވެ.އެކަލޭގެފާނުންގެ އަހްލުންނާއި، އަވަށްޓެރީންނާއި ޤައުމުގެ އެންމެހާ މީސްތަކުންނާއެކު މަޢީޝަތުގެ ކަންތައްތަކުގައްޔާއި ޙަޔާތުގެ ބުރަތަކާއި ދަތިތައް ތަޙައްމުލު ކުރެއްވުމުގައި އެއްބާރު ލައްވައިފައިވެއެވެ.އެކަލޭގެފާނުންގެ ގާތްތިމާގެ ބޭފުޅުންނާއެކު މުޞީބާތްތަކުގައި ހަމްދަރްދީވެ ވަޑައިގެންފައިވެއެވެ. އެކަލޭގެފާނުގެ ނޯކަރުންނަށް އިޙްސާންތެރިވެ ވަޑައިގެންފައިވެއެވެ. އަވަށްޓެރީންނަށް ހެޔޮފޯރުއްވާފައި ވެއެވެ. މެހެމާނުންނަށް ކަމޭ ހިއްތަވައިފައި ވެއެވެ. އިޚްވާނުންނަށާއި ރަޙްމަތްތެރިންނަށް ހެޔޮކޮށް ހިތްތަވައިފައިވެއެވެ. ޣައިރު މުސްލިމުންނާ އެކުގައި ވެސް ރިވެތި ގޮތުގައި މުޢާމަލާތު ކުރައްވައިފައި ވެއެވެ.ރަސޫލުﷲ ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމް ހުރިހާ ވަގުތެއްގައި ވެސް ވެވަޑައިގެންފައިވަނީ ރަޙީމުވަންތަ އޯގާވަންތަ ދީލަތި ބޭކަލަކަށެވެ.ތެދު ބަސް ވިދާޅުވެ، އަމާނަތްތައް އަދާކުރެއްވިއެވެ. ނިކަމެތީންނަށް އަޅައިލެއްވިއެވެ.

މި މުނާސަބަތުގައި އަޅުގަނޑުމެންގެ މައްޗަށް ވާޖިބުވެގެން ވަނީ އެކަލަނގެފާނު ދެކެ ލޯބިވުން އިތުރުކޮށް އެކަލޭގެފާނުގެ ރިސާލަތަށް ތަބާވެ ، އެކަލޭގެފާނު ގެންނެވި އުޞޫލުތަކުގައި ހިފެހެއްޓުމެވެ. އެކަލޭގެފާނު ދެކެ ލޯބިވުމަކީ އީމާންކަމުގެ ޢަލާމަތްތަކުގެ ތެރެއިން ޢަލާމަތެކެވެ.މާތްﷲ ރުއްސުންލެއްވި އަނަސު ބުނު މާލިކުގެ އަރިހުން ރިވާވެގެންވެއެވެ. ނަބިއްޔާ r  ޙަދީޘް  ކުރެއްވިއެވެ. ((  لاَ يُؤْمِنُ أَحَدُكُمْ حَتَّى أَكُونَ أَحَبَّ إِلَيْهِ مِنْ وَالِدِهِ وَوَلَدِهِ وَالنَّاسِ أَجْمَعِينَ[2] - އެމީހެއްގެ މައިންބަފައިންނާއި ދަރިންނާއި އެހެން އެންމެހާ މީސްތަކުން ދެކެ ލޯބިވާ ވަރަށް ވުރެ ތިމަން ކަލޭގެފާނު ދެކެ ލޯބިވާ މިންވަރު އިތުރުވެއްޖައުމަށް ދާނދެން ތިޔަބައިމީހުންގެ ތެރެއިން ހަމަ އެކަކުގެ ވެސް އީމާންކަން ފުރިހަމަ ވެގެން ނުވެތެވެ.))

ރަސޫލާ ދެކެ ލޯބިވެވޭނީ އެކަލޭގެފާނުގެ ސުންނަތް ދިރުވައިގެންނެވެ. އެކަލޭގެފާނު ގެންނެވި ހިދާޔަތަށް ތަބާވެގެންނެވެ.އެކަލޭގެފާނުންގެ މަތިވެރި އަޚްލާޤުން ގަހަނާ އަޅައިގެންނެވެ. މާތްﷲ ރުއްސުން ލެއްވި އަބޫ ހުރައިރަތުގެފާނުގެ އަރިހުން ރިވާވެގެންވެއެވެ. ރަސޫލުﷲ r ޙަދީޘް ކުރެއްވިއެވެ. (( مِنْ أَشَدِّ أُمَّتِي لِي حُبًّا نَاسٌ يَكُونُونَ بَعْدِي يَوَدُّ أَحَدُهُمْ لَوْ رَآنِي بِأَهْلِهِ وَمَالِهِ [3] -  ތިމަންކަލޭގެފާނު ސުވަރުގެ ވަޑައިގަތުމަށް ފަހު ތިމަންކަލޭގެފާނުގެ އުއްމަތުގެ މީހުންގެ ތެރެއިން ތިމަންކަލޭގެފާނު  ދެކެ ލޯބިވާ ބަޔަކު ،ތިމަންކަލޭގެފާނު ދެކެ  ލޯބިވާލެއް ބޮޑުކަމުން އެމީހުންގެ  އަހްލުންނާއި މުދާތައް ޤުރްބާން ކޮށްގެން ވެސް ތިމަންކަލޭގެފާނު ދުށުމަށް އެދޭނެތެވެ." މާތްﷲ ވަޙީ ކުރައްވަނީ  ((  قُلْ إِن كُنتُمْ تُحِبُّونَ ٱللَّهَ فَٱتَّبِعُونِى يُحْبِبْكُمُ ٱللَّهُ وَيَغْفِرْ لَكُمْ ذُنُوبَكُمْ [4]  -   ކަލޭގެފާނު ވިދާޅުވާށެވެ! ތިޔަބައިމީހުން، اللَّه އަށް ލޯބިވާކަމުގައި ވަނީނަމަ، ފަހެ، ތިޔަބައިމީހުން، ތިމަންކަލޭގެފާނަށް تبع ވާށެވެ! އޭރުން، اللَّه، ތިޔަބައިމީހުން ދެކެ ލޯބިވެވޮޑިގެންވާނެތެވެ. އަދި، ތިޔަބައިމީހުންނަށްޓަކައި، ތިޔަބައިމީހުންގެ ފާފަތައް ފުއްސަވައިދެއްވާނެތެވެ.))

އިސްލާމީ އުއްމަތުގެ މިއަދު ޙާލަތަށް ބަލާއިރު ކީރިތި ރަސޫލާގެ ސީރަތުން ޢިބްރަތް ވަނީ ޙާޞިލުކުރަން ޖެހިފައެވެ.ފިލާވަޅުތައް ވަނީ ދަސްކުރަން ޖެހިފައެވެ. މި އުއްމަތް މިއަދު  ވެއްޓިފައިވާ މި ފުންވަޅުގަނޑުން އަރައި އުއްމަތުގެ ކަރާމަތާއި ޢިއްޒަތް  އަނބުރާ ލިބޭތޯއެވެ. އެކަލޭގެފާނުގެ މައުލިދަކީ ހިދާޔަތުގެ އުފަންވުމެކެވެ. ތެދުމަގު ކުރަހައިދިނުމެކެވެ. އިންސާނިއްޔަތަށް ގެނެސްދިން ދިރުމެކެވެ.  ކެނޑިފައިވާ ގުޅުން އަލުން ވާޞިލުކުރުމެވެ.
އެއީ ދުނިޔެ މިލްކުކުރި އުއްމަތެއްގެ މީލާދެކެވެ. އެއީ ޙައްޤުގެ ދިދަ ދުނިޔޭގެ ކަންކޮޅުތަކުގައި ވިހުރުވި އުއްމަތެކެވެ.އެއީ ޢަދްލު އިންސާފުގެ މުންނާރުތައް ބިނާކުރި އުއްމަތެކެވެ. މާތް ﷲ އެކަލޭގެފާނު  ސިފަކޮށްދެއްވައި ވަޙީ ކުރެއްވިއެވެ. (( لَقَدْ كَانَ لَكُمْ فِي رَسُولِ اللَّهِ أُسْوَةٌ حَسَنَةٌ لِمَنْ كَانَ يَرْجُو اللَّهَ وَالْيَوْمَ الآخِرَ وَذَكَرَ اللَّهَ كَثِيرًا[5] - ހަމަކަށަވަރުން، اللَّه ގެ رسول އާގެ ކިބައިގައި، ތިޔަބައިމީހުންނަށް ރިވެތިވެގެންވާ ނަމޫނާއެއްވެއެވެ. (އެއީ) اللَّه ގެ ދަރުމައާއި، آخرة ގެ ثواب އަށް އެދޭ، އަދި ގިނަގިނައިން اللَّه ހަނދުމަކުރާ ކަމުގައިވާ މީހަކަށެވެ. ))

 މުސްލިމުންނަކީ އަބަދުވެސް ތަޤްވާވެރިންގެ ހިދާޔަތަށް ތަބާވެ އެމީހުންގެ މަގުޗާޓާ އެއްގޮތަށް ދަތުރުކުރާ ބައެކެވެ. މާތް ﷲ ގެ ބަސްފުޅަކީ ((أولَئِكَ الَّذِينَ هَدَى اللَّهُ فَبِهُدَاهُمْ اقْتَدِهِ[6] - އެބޭކަލުންނީ، اللَّه، ތެދުމަގު ދެއްކެވި ބޭކަލުންނެވެ. ފަހެ، އެބޭކަލުންގެ ތެދުމަގާ ކަލޭގެފާނު تبع ވެވަޑައިގަންނަވާށެވެ!  ))

މި މުނާސަބަތުގައި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމް ގެ ސީރަތުގެ ބުސްތާނަށް ވަދެ އެ ބުސްތާނުގެ މޭވާތައް ބިންނަ މީހަކަށް ވަރަށް ރަހަމީރު މޭވާތައް ބިންނަން ލިބޭނެއެވެ.މި ސީރަތުން ފިލާވަޅުތައް އެނގެނި ދަސްކުރެވިދާނެއެވެ.  

ރަސޫލާ ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމް ދުނިޔެ އިސްލާޙު ކުރެއްވުމަށް ޓަކައި ހިންގެވީ ކައުނީ ، އިޖްތިމާޢީ، ނަފްސާނީ ، ޢަޤްލާނީ ސުންނަތާއި ޤާނޫނާ އެއްގޮތަށެވެ. މީސްތަކުންނަށް މި އައު ދީނަށް ގޮވައިލެއްވުމަށް ޓަކައި އަދި މީސްތަކުން ޝިރްކުގެ އަދިރިކަމުން ހިދާޔަތުގެ އަލިކަމަށް ނެރުއްވުމަށް ޓަކައ އެކަލޭގެފާނަށް ލިބިވަޑައިގެންފައިވާ ހުރިހާ ހުނަރުތަކަކާއި، ޙިއްސުތަކަކާއި، ކެރިފޯރުންތެރިކަމަކާއި ވަސީލަތްތަކެއް ބޭނުންފުޅު  ކުރެއްވިއެވެ.އަވަހާރަފުޅު ލެއްޕެވުމެއްނެތި ރޭތައް ހޭދަކުރެއްވިއެވެ. ހަނަސްޞަޙަރާތަކާއި ބިންތައް ކަޑައްތު ކުރެއްވިއެވެ. ބޭއްވެމުްދިޔަ ކޮންމެ ބައްދަލުވުމަކާއި ކޮންމެ ފޯވައްސެއް،  ކޮންމެ ބާޒާރަކާއި ކޮންމެ ޖަމާޢަތެއް ، ކޮންމެ ތިމާގެފުޅުކަމަކާއި  ކޮންމެ ގުޅުމެއްގެ ބޭނުންފުޅު ހިއްޕެވިއެވެ. ﷲ ތަޢާލާ " ވާށޭ  " ވަޙީ ކުރެއްވުމުން  އެކަމެއް ވެގެންދާނެ ކަން ރަސޫލާއަށް އެނގިވަޑައިގެންނެވިޔަސް މި ބަސްފުޅުގެ މައްޗަށް ބަރޯސާވެ ވަޑައިނުގަންނަވައި،  އެކަލޭގެފާނު ނަޞްރާއި ކާމިޔާބު ހޯއްދެވީ މަސައްކަތާއި ﷲގެ މަދަދާއި ވާތްގާއެކު ބުރައާއި ދުއްތުރާތައް ބަރދާސްތު ކުރައްވައިގެންނެވެ. އެކަލޭގެފާނު ކަންއޮތް ގޮތް ބައްލަވައި އެއާއެކު  މުޢާމަލާތު ކުރެއްވިއެވެ. ސިކުނޑިތައް ދިރާސާކުރައްވައި އިރްޝާދު ދެއްވިއެވެ. އާދަކާދަތަކަށް ބައްލަވައި އެއަށް ރިޢާޔަތް ކުރެއްވިއެވެ.ހުރަސްތައް ބައްލަވައި އެއަށް ބޭނުންވާ ވަސީލަތް ތައްޔާރު ކުރެއްވިއެވެ.އެއްވެސް ކަމެއް ޒުރޫފަށް ނުވަތަ  ވެދާނެކަމަށް ދޫކޮށެއް ނުލައްވައެވެ.   ރަސޫލާ  صلى الله عليه وسلم- ފުރްޞަތުގެ ބޭނުން އެންމެ ރަނގަޅު ގޮތުގައި ހިއްޕެވިއެވެ. މުނާސަބު ވަގުތު ބައްލަވައި ފިޔަވަޅުތައް އެޅުއްވިއެވެ. ސިކުނޑިތައް ބޭނުން ކުރެއްވިއެވެ. ކަންތައްތައް ރަނގަޅު މިންގަނޑުތަކުން މިނެ ވަޒަން ކުރެއްވިއެވެ. ހަނގުރާމައިގެ ވަގުތުތަކުގައްޔާއި ޞުލްޙަމަސަލަސްކަމުގެ ވަގުތުތަކުގައި އެކަލޭގެފާނުގެ ސިޔާސަތަކީ އަބަދުވެސް ތައްޔާރުވެ ހުރުމެވެ. ދުޝްމަނުންނަށް ބައުގަނޑެއް ހަދާނެ ފުރްޞަތު ނުދެއްވުމެވެ. އެކަލޭގެފާނުގެ ސިޔާސަތަކީ ކުރިއަށް އަރަންޖެހޭ ވަގުތުތަކުގައި އިސްވެ ކުރިއަށް ނުކުތުމެވެ. އެކަމުގައި ފައިދާއެއް އޮތްނަމަ ދޫދެއްވުމެވެ. އެކަލޭގެފާނު ނަޞްރު ހޯއްދެވީ ޙުއްޖަތުންނެވެ. ފަތަޙަ ކުރެއްވީ ތަޢުލީމުންނެވެ. އެކަލޭގެފާނު އެއްވެސް ނަފްސެއްގެ އަގު ވައްޓައެއް ނުލައްވައެވެ. ތައުހީނެއް ނުކުރައްވައެވެ. މާތް ﷲ އެކަލޭގެފާނު ސިފަކުރެއްވި ބަސްފުޅުގައި ވަނީ (( لَقَدْ جَاءَكُمْ رَسُولٌ مِّنْ أَنفُسِكُمْ عَزِيزٌ عَلَيْهِ مَا عَنِتُّمْ حَرِيصٌ عَلَيْكُم بِالْمُؤْمِنِينَ رَءُوفٌ رَّحِيمٌ[7] - ހަމަތިޔަބައިމީހުންގެ ތެރެއިންވާ رسول އަކު ހަމަކަށަވަރުން، ތިޔަބައިމީހުންގެ ގާތަށް ވަޑައިގެންފިއެވެ. ތިޔަބައިމީހުންނަށް އުނދަގޫވެ ދަތިވެއްޖެ ކޮންމެ ކަމެއް، އެކަލޭގެފާނަށް ބޮޑުކަމަކަށް ވެއެވެ. އެކަލޭގެފާނީ (ތިޔަބައިމީހުންނަށް ތެދުމަގު ލިބުމުގެ މައްޗަށް) ދަހިވެތިވެވަޑައިގެންވާ ބޭކަލެކެވެ. مؤمن ންނަށް ނުހަނު އޯގާވެރި، رحم ހުރި ބޭކަލެކެވެ ))   

ރަސޫލާ ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމް އަޅުގަނޑުމެންނަށް އުނގަންނާ ދެއްވި އެއްފިލާވަޅަކީ ބަދަލުކުރުމުގެ އަސާސަކީ މީހުންކަމެވެ. ރަސޫލާއަށް ތަފާތު ހަނގުރާމަތަކެއްގައި ނަޞްރު ހޯއްދަވަން ޖެހިވަޑައިގަތެވެ.ޖާހިލީ ނަފްސުތަކެއްގެތެރޭގައި ހަނގުރާމަތަކެއް ކުރައްވަން ޖެހިވަޑައިގަތެވެ. މުޖްތަމައުގެ ތެރޭގައްޔާއި އެ މުޖްތަމަޢުގެ ތަފާތު މައިދާންތަކުގައި ހަނގުރާމަތަކެއް ކުރައްވަން ޖެހިވަޑައިގަތެވެ.އެކަލޭގެފާނަށް ކަޅިއަޅައަޅައި އޮތް  ބޭރުގެ ޢަދާވަތް ތެރިންތަކެއްގެ މައްޗަށްވެސް ކާމިޔާބުތަކެއް ހޯއްދަވަން ޖެހިވަޑައިގަތެވެ. ޖާހިލިއްޔަތާ ދެކޮޅަށް ކުރައްވަން ޖެހިވަޑައިގެން  ހަނގުރާމަތަކަކީ ހަރުކަށި ، ބޮޑާ ، ޒާތީ ތަޢައްޞުބާއި ނަސްލީ އިމްތޔާޒާއި ބޯދާ އާދަކަދަތަކާއި ބާޠިލު ޢަޤީދާތަކެއް ހިމެނޭ ހަނގުރާމަތަކެކެވެ. ފާސިދު ދީންތަކާ ދެކޮޅަށް ކުރައްވަން ޖެހިވަޑައިގެން ހަނގުރާމަތަކަކީ ކާހިނުންނައި ރާހިބުންނާއި ފާދިރީންނާއި ،މަކަރާއިޙީލަތާއި އޮޅުވައިލުމުގެ ޢުންޞުރުތަކެއް ހިމެނުނު ހަނގުރާމަތަކެކެވެ. މި ހަނގުރަމަތަކަށް ޓަކައި ތިން ޢުންޞުރެއް ބޭނުންވާނެއެވެ.  އެއީ ފުރިހަމަ އީމާންކަމާއި ، ސާބިތު ކެތްތެރިކަމާއި ވަގުތެވެ.ކީރިތި ޤުރްއާން ވަނީ ރަސޫލާ މި ތިން ޢުންޞުރާ ދިމާއަށް މިޞްރާބު ކުރުވައިފައެވެ. ކީރިތި ޤުރްއާނުގެ ވަރަށް ގިނަ އާޔަތްތަކެއް ރަސުލާއަށް މި ޢުންޞުރުތައް ހޯއްދެވުމަށް އިރްޝާދު ދެއްވައި މިސްރާބު ކުރުވައިފައި ވެއެވެ. މާތް ﷲ ވަޙީ ކުރެއްވިއެވެ. (( يَا أَيُّهَا الْمُزَّمِّلُ ﴿١﴾ قُمِ اللَّيْلَ إِلَّا قَلِيلًا ﴿٢﴾ نِّصْفَهُ أَوِ انقُصْ مِنْهُ قَلِيلًا ﴿٣﴾ أَوْ زِدْ عَلَيْهِ وَرَتِّلِ الْقُرْآنَ تَرْتِيلًا ﴿٤﴾ إِنَّا سَنُلْقِي عَلَيْكَ قَوْلًا ثَقِيلًا[8] - އޭ ފޭރާންތައް (ގައިކޮޅުގައި) އޮޅުއްވައިގެން އޮންނެވި ކަލޭގެފާނެވެ!ރޭގަނޑުގެ އަޅުކަން ކުރެއްވުމަށް ތެދުވެވަޑައިގަންނަވާށެވެ! ވަރަށްކުޑަ ވަގުތުކޮޅަކަށް މެނުވީއެވެ.އެ ރޭގަނޑުގެ ދެބައިކުޅަ އެއްބައިގައެވެ. ނުވަތަ އެޔަށްވުރެ ކުޑަތަންކޮޅެއް އުނިކޮށްލައްވާށެވެ!ނުވަތަ އެޔަށްވުރެ އިތުރުކޮށްލައްވާށެވެ! އަދި ލަސްލަހުން قرآن ކިޔަވައި ވިދާޅުވާށެވެ!ހަމަކަށަވަރުން، ތިމަންރަސްކަލާނގެ ކަލޭގެފާނުގެ މައްޗަށް ބަރުދަންހުރި ބަހެއް ބާވައިލައްވާހުށީމެވެ. )) އެހެން ބަސްފުޅެއް ގައި ވަޙީ ކުރެއްވިއެވެ. (( فَاصْبِرْ كَمَا صَبَرَ أُولُو الْعَزْمِ مِنَ الرُّسُلِ وَلَا تَسْتَعْجِل لَّهُمْ ۚ - ފަހެ، رسول ންގެ ތެރެއިން ގަދަހިތްވަރުފުޅުގެވެރި رسول ން (އެބަހީ: أولوالعزم ގެ ބޭކަލުން) ކެތްކުރެއްވި ފަދައިން ކަލޭގެފާނުވެސް ކެތްތެރިވެ ވަޑައިގަންނަވާށެވެ! އަދި އެއުރެންނަށް (عذاب) އަވަސްވުމަށް ކަލޭގެފާނު އެދިވަޑައިނުގަންނަވާށެވެ! )) ރަސޫލާ e މި ހަނގުރާމަތަކުގައި ނަޞްރު ހޯއްދެވީ އީމާންކަމާއި ކެތްތެރިކަމާއި އަވަސްއަރުވައިނުގަތުމުގެ ތިން ޢުންޞުރުން ކާނާ ހޯއްދަވައިގެންނެވެ. މި ތިން ޢުންޞުރުން އެކަލޭގެފާނު އެކަލޭގެފާނުގެ އުއްމަތް ބިނާކުރެއްވިއެވެ. މި އުއްމަތް އެކަލޭގެފާނުގެ ޖިހާދު ކުރިއަށް ގެންދިޔައެވެ.  ކާމިޔާބީތައް ހޯދިއެވެ.

އުއްމަތެއް ބިނަކުރުމަށް ޓަކައި އެކަމަށް ބޭނުންވާ މީހުން ބިނާކޮށް ތަރްބިޔަތު ކުރުން.އެކަލޭގެފާނުގެ ދަޢުވަތު ފެތުރުއްވުމށް ޓަކައި  އެކަމަށް ބޭނުންވާ ތަފާތު މީހުން އުފެއްދެވިއެވެ. އެކަލޭގެފާނުގެ މަދަރުސާއިން ދަސްވެނިކުރެއްވިއެވެ.އެކަލޭގެފާނާއެކު އަތުކުރި އޮޅައިލައިގެން ޙަޤީޤީ މައިދާނަށް ނުކުންނަން ކެރޭ އެކަމަށް ބޭނުންވާ ޢިލްމާއި ހުނަރާއި ތަމްރީނު ލިބިފައިވާ ބަޔަކު އުފެއްދެވިއެވެ. ރަސޫލާ ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމް ބިނާކުރެއްވި އުއްމަތް ބިނާކުރެއްވީ ނަފްސު ޢިއްޒަތްތެރި، ހިތްތައް ތަޤްވާވެރި،  އެތެރެފުށް ޠާހިރު ، ދޫ ރައްކައުތެރި، ޢިއްފަތްތެރި، ނަޒާހަތްތެރި ، ޒިންމާދާރު ބަޔަކު ބިނާކުރައްވައިގެންނެވެ.އެބައިމީހުން ވެފައިވަނީ ރަސޫލާގެ ދަޢުވަތާއި ރިސާލަތުގެ ތެދުވެރި ، ޙަޔަވީ މިސާލުތަކަކަށެވެ. ކީރިތި ޤުރްއާނުގައި އެބައިމީހުންނަށް ތާރީފުގެ ހެޔޮބަސްތައް އައިސްފައި ވެއެވެ. މާތް ﷲ ވަޙީ ކުރެއްވިއެވެ. ((وَلَمَّا رَأَى الْمُؤْمِنُونَ الْأَحْزَابَ قَالُوا هَـٰذَا مَا وَعَدَنَا اللَّـهُ وَرَسُولُهُ وَصَدَقَ اللَّـهُ وَرَسُولُهُ ۚ وَمَا زَادَهُمْ إِلَّا إِيمَانًا وَتَسْلِيمًا ﴿٢٢﴾مِّنَ الْمُؤْمِنِينَ رِجَالٌ صَدَقُوا مَا عَاهَدُوا اللَّـهَ عَلَيْهِ ۖ فَمِنْهُم مَّن قَضَىٰ نَحْبَهُ وَمِنْهُم مَّن يَنتَظِرُ ۖ وَمَا بَدَّلُوا تَبْدِيلًا[9] - އަދި (كافر ންގެ) جماعة ތައް مؤمن ންނަށް ފެނުނުހިނދު، އެއުރެން ބުނޫއެވެ. މިއީ ތިމަންމެންނަށް اللَّه އާއި، އެކަލާނގެ رسول އާ وعد ކުރެއްވި ކަންތަކެވެ. އަދި اللَّه އާއި، އެކަލާނގެ رسول އާ އިއްވެވީ ތެދުބަހެވެ. އަދި އެއުރެންނަކަށް އެކަމުގެ ސަބަބުން إيمان ކަމާއި، ކިޔަމަންތެރިކަން މެނުވީ އިތުރެއް ނުވެތެވެ.اللَّه އަށް އެއުރެން عهد ވީ ކަންތަކަށް ތެދުވެރިވީ ފިރިހެނުންތަކެއް مؤمن ންގެ ތެރެއިންވެއެވެ. ފަހެ، އެއުރެންގެ ތެރެއިން (شهيد ވެ) މަރުވެގެންދިޔަބަޔަކު ވެއެވެ. އަދި (شهيد ވުމަށް) انتظار ކުރާ ބަޔަކުވެސް އެއުރެންގެ ތެރެއިން ވެއެވެ. އަދި އެއުރެން (އެ عهد އަކަށް) އެއްވެސްކަހަލަ ބަދަލެއް ނުގެނެތެވެ. ))

ކީރިތި ރަސޫލާގެ ވަސްމީރު ސީރަތް އަޅުގަނޑުމެންނަށް ހާމަކޮށްދީފައިވަނީ  މަތިވެރި ޝަޚްޞިއްޔާތުތަކުގެ ސީރަތަކީ އުފެއްދުންތެރި، ކުރުންތެރި، ޖިހާދާއި ކިފާޙާއި، ހޭދަކުރުމާއި ހަދިޔާކުރުމާއި، އިރްޝާދާއި ޒަޢާމަތާއި ޤިޔާދަތާއި، ޙިކްމަތާއި ، ރަޙްމާއި، ޢަދާލަތްތެރިކަމުގެ ސީރަތެއް ކަމެވެ. ރަސޫލާގެ މާތް ޞަޚްޞިއްޔަތުން މި ހުރިހާ ސިފަތަކެއް ވަނީ ފެނިފައެވެ. އެކަލޭގެފާނަށް ތަބާވިމީހުންގެ ކުރިން އެކަލޭގެފާނުގެ ދުޝްމަނުން ވަނީ މި ކަމަށް އިޢުތިރާފުވެފައެވެ.އެކަލޭގެފާނުގެ އިސްވާރުކަމުން ޙަޤީޤީ މަތިވެރިކަމަކީ ކޮބައިކަން އެނގެއެވެ. އެކަލޭގެފާނުގެ ސީރަތުން  ބިލާހީ ޒަޢާމަތްތައް ވަކިކުރާނެ ގޮތްތައް އެނގެއެވެ. އެކަލޭގެފާނުގެ ސީރަތުން ހިދާޔަތުގެ ސީރަތާއި ޟަލާލަތުގެ ސީރަތު ވަކިކުރަން އެނގެއެވެ.މުޞްލިހުންގެ  އަޚްލާޤިއްޔާތާއި ފާސިދުންގެ އަޚްލާޤިއްޔާތު ވަކިކޮށް ދެނެގަންނާނެ މިންގަނޑުތައް އެނގެއެވެ.

އިސްލާމީ އުއްމަތް މިއަދު އުޅެންވީ ﷲގެ ރަސޫލާ މި ގެނެސް ދެއްވި ރިސާލަތުގައެވެ.އެހެންނޫނީ މާތްﷲ މި އުއްމަތަށް ދެއްވި ހެޔޮވަންތަކަމަށް އަނބުރައެއް ނުދެވޭނެއެވެ.  އެ އިސްނެގުމަށް ރުޖޫޢައެއް ނުވެވޭނެއެވެ. މި ހެޔޮވަންތަކަމުގެޝަރްޠުތައް މާތްﷲ ވަނީ ބަޔާންކޮށް ދެއްވައިފައެވެމި ޝަރްޠުތަކާ އެއްގޮތަށް މުސްލިމުންގެ އުޅުންތަކާއި ގުޅުންތައް ބައްޓަން ނުކޮށްފިނަމަ މި އުއްމަތުގެ މަޞީރަކަށް ވެސް ވާނީ އެހެނިހެން އުއްމަތްތަކުގެ ނިމުމެވެ. މާތް ﷲ ވަޙީ ކުރެއްވިއެވެ. ((وَاتْلُ عَلَيْهِمْ نَبَأَ الَّذِي آتَيْنَاهُ آيَاتِنَا فَانسَلَخَ مِنْهَا فَأَتْبَعَهُ الشَّيْطَانُ فَكَانَ مِنَ الْغَاوِينَ ﴿١٧٥﴾ وَلَوْ شِئْنَا لَرَفَعْنَاهُ بِهَا وَلَـٰكِنَّهُ أَخْلَدَ إِلَى الْأَرْضِ وَاتَّبَعَ هَوَاهُ ۚ فَمَثَلُهُ كَمَثَلِ الْكَلْبِ إِن تَحْمِلْ عَلَيْهِ يَلْهَثْ أَوْ تَتْرُكْهُ يَلْهَث ۚ ذَّٰلِكَ مَثَلُ الْقَوْمِ الَّذِينَ كَذَّبُوا بِآيَاتِنَا ۚ فَاقْصُصِ الْقَصَصَ لَعَلَّهُمْ يَتَفَكَّرُونَ[10] - ތިމަންރަސްކަލާނގެ آية ތައް އެމީހާއަށް ލިބިދެއްވުމުން، އެއިން ވަކިވެގަތް މީހާގެ خبر ކަލޭގެފާނު އެއުރެންނަށް ކިޔައިދެއްވާށެވެ! ދެން شيطان އާ އޭނާގެ ފަހަތުން ދިޔައެވެ. ފަހެ، މަގުފުރެދިގެންވާ މީހުންގެ ތެރެއިން އޭނާ ވިއެވެ.ތިމަންރަސްކަލާނގެ އިރާދަކުރެއްވިނަމަ، އެ آية ތަކުގެ ސަބަބުން އޭނާ މަތިވެރި ކުރެއްވީމުހެވެ. އެހެނެއްކަމަކު، އޭނާ ބިމަށް ލެނބިގަތެވެ. އަދި އޭނާގެ އަމިއްލަ އެދުމަށް تبع ވިއެވެ. ފަހެ، އޭނާގެ މިސާލު، ކުއްތާގެ މިސާލު ފަދައެވެ. އެއަށް حملة ދިނަސް، ދޫނެރެގެން އޮވެ މާނޭވާލައެވެ. ނުވަތަ އޭތިދޫކޮށްލިޔަސް، ދޫނެރެގެން އޮވެ މާނޭވާލައެވެ. ތިމަންރަސްކަލާނގެ آية ތައް ދޮގުކުޅަމީހުންގެ މިސާލަކީ އެއީއެވެ. ފަހެ، ކަލޭގެފާނު ވާހަކަތައް ކިޔައިދެއްވާށެވެ! (އެއީ) އެއުރެން ފިކުރުކުރުމަށްޓަކައެވެ. ))

 

[1] - سورة الأحزاب/ 46.

([2]) البخاري : 15.

([3]) مسلم : 2832

[4] - آل عمران :31

[5]  - الأحزاب : 21

[6]  - الأنعام : 90

[7]  - التوبة :  128

[8]  -  المزمل : 1-5

[9]  - الأحزاب : 22-23

[10]  -  الأعراف : 175- 176

އިބްރާހީމް ރަޝީދު މޫސާ
އިބްރާހީމް ރަޝީދު މޫސާއަކީ ދީނީ ރޮނގުން ހޭލުންތެރިކަން އިތުރު ކުރުމާއި، ދީނީ ފޮތް ލިޔެ އެކުލަވައިލުމާއި ޝާއިއުކުރުމުގެ ރޮނގުން ޝަރަފުވެރިކަމުގެ ގައުމީ އިނާމު ހޯއްދަވައިފައިވާ ކުޅަދާނަ ޚިދުމަތްތެރި ލިޔުންތެރިއެކެވެ. މީގެ އިތުރަށް އޭނާ ވަނީ ހިތްވަރު ދިނުމުގެ ގައުމީ ތިން އިނާމުވެސް ހޯއްދަވައިފައެވެ. އެއީ ނޫސްވެރިކަމުގެ ރޮނގުންނާއި، ތަރުޖަމާކުރުމުގެ ރޮނގުންނާއި، ލިޔުންތެރިކަމުގެ ރޮނގުންނެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.