ޔާމީނަށް ޖަލުޙުކުމެއް އިއްވާނެކަމުގެ ކަށަވަރުކަންދިނުމަށް އެދުނު މައްސަލަ ސީރިއަސްކޮށް ބަލަންޖެހޭ: ކުރީގެ އެޓަރނީ ޖެނެރަލްގެ ނާއިބް

ފޮޓޯ: ރައްޔިތުންގެ މަޖިލިސް

ކުރީގެ ރައީސް ޢަބްދިﷲ ޔާމީނަށް ޖަލު ޙުކުމެއް އިއްވާނެ ކަމުގެ ކަށަވަރުކަން ދިނުމަށް އެދުނު މައްސަލަ ސީރިއަސްކޮށް ބަލަންޖެހޭކަމަށް ކުރީގެ އެޓަރނީ ޖެނެރަލްގެ ނާއިބް އަދި ރައްޔިތުންގެ މަޖިލީހުގެ ވިލިމާލެ ދާއިރާގެ މެމްބަރ އަޙްމަދު އުޝާމް ވިދާޅުވެއްޖެ އެވެ.

އުޝާމް ވިދާޅުވީ މިހާ ޔަޤީން ކަމާއެކު ފަނޑިޔާރަކު މިފަދަ ވާހަކައެއް ވިދާޅުވާނީ ކޮންމެ ވެސް ކަންތައްތަކެއް ހިނގާފައިވާތީ ކަމަށެވެ. އެހެންކަމުން މައްސަލަ ސީރިއަސްކޮށް ބަލަންޖެހޭކަމަށް އޭނާ ވިދާޅުވިއެވެ.

ޔާމީންގެ މައްޗަށް ޖަލު ހުކުމެއް އިއްވާނެ ކަމުގެ ކަށަވަރުކަން ދިނުމަށް، ސަރުކާރުގެ އިސް މަޤާމްތަކުގައި ތިއްބެވި ބޭފުޅުން އެދިވަޑައިގަތް ކަމަށް ސަސްޕެންޑް ކޮށްފައިވާ، ކްރިމިނަލް ކޯޓުގެ އިސް ޤާޒީ އަހްމަދު ހައިލަމް މިރޭ ނެރުއްވި ބަޔާނެއްގައިވެއެވެ.

އޭނާއާ މެދު ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ފިޔަވަޅު އަޅައި، ރިޝްވަތުގެ ތުހުމަތުތަކެއް ކޮށް އަބުރު ކަތިލަމުން ދަނީ ޔާމީނަށް ޖަލު ހުކުމެއް އިއްވާނެ ކަމުގެ ޔަގީންކަން ނުދިނުމުން ކަމަށް ވެސް ހައިލަމް ނެރުއްވި ބަޔާނުގައި ތުހުމަތު ކުރެއްވިއެވެ.

ރައީސް ޔާމީނަށް ދައުލަތުންކުރާ މަނީ ލޯންޑްރިންގެ ދަޢުވާގެ ޙުކުމް އިއްވުން ކުރިން ތާވަލް ކުރީ މިމަހުގެ ފަސްވަނަ ދުވަހަށެވެ. ނަމަވެސް އެދުވަހު ހެދުނު، އެމައްސަލަ ބެއްލެވި ކްރިމިނަލް ކޯޓުގެ އިސް ޤާޒީ އަޙްމަދު ހައިލަމް ޖުޑީޝަލް ސާރވިސް ކޮމިޝަން (ޖޭއެސްސީ) އިން ސަސްޕެންޑް ކުރުމުން އެދުވަހުގެ ޝަރީޢަތުގެ މަޖިލީސް ވަނީ ކެންސަލް ކުރައްވައިފައެވެ.

އިސްޤާޒީ ހައިލަމް ސަސްޕެންޑް ކޮށްފައި ވަނީ ކްރިމިނަލް ކޯޓުގެ ވައިބަރ ގްރޫޕަށް އޭނާ ފޮނުވި ނަސްރުގެ ދުވަހުގެ ތަހްނިޔާ މެސެޖެއްގައި ހުރި ކުރެހުމެއްގެ މައްސަލައިގައެވެ. އެކުރެހުމުގައި ހަޖަރާގޭ ލުޠުފީއާއި ސަގަރު ނާސިރާއި އެނޫންވެސް ބައެއް މީހުނަނާއެކު ރައީސް ނަޝީދާއި ރައީސް އިބްރާޙީމް މުޙައްމަދު ޞާލީޙުގެ ކަރުގައި ޗޭނު ޖަހައިގެން ސިފައިންގެ މީހަކު ބަޑިއެއް ހިފައިގެން ދާއިރު އޭނާގެ ގައިން ލޭތައް އޮހެރޭ މަންޒަރު ފެނެއެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.