ގިރިފުށީގައި ހަދަމުންދިޔަ ތަމްރީނެއްގައި މީހެއްގެ ގަޔަށް ވަޒަނެއް އަރައިފި

ގިރިފުށީގައި ދިވެހި ސިފައިން މިއަދު ހަދަމުންދިޔަ ޓްރެއިނިން އެއްގައި ބަޑިޖަހަމުން ދަނިކޮށް ހިންމަފުށީ ބޭރުގައި އަޅާފައިއޮތް ސަފާރީއެއްގައިހުރި ފަތުރުވެރިއެއްގެ ކަރަށް ވަޒަނެއް އަރައިފިއެވެ.

އެމްއެންޑީއެފްގެ ތަރުޖަމާނު މޭޖަރ އިބްރާހީމް ޢާޒިމް ވިދާޅުވީ އެމީހަކަށް ކަރަށް އަރައިފައިވަނީ ތަނެއްޖެހި ބާރުކެނޑިފައިވާ ވަޒަނެއް ކަމަށެވެ. އެވަޒަން ދިޔައީ އެމީހާގެ ކަރުގައި "ކޭއްތިފައި" ކަމަށް އޭނާ ވިދާޅުވިއެވެ. ކަރުގައި ކޭއްތިލާފައި ދިޔައީ ރިކޮޝެޓު ވަޒަނެއް ކަމަށް ޢާޒިމް ވިދާޅުވިއެވެ.

 ސީއެމްބިޔުލާންސްގައި އެމީހާ ހުޅުމާލެއަށް ގެނެސް މިހާރުދަނީ ޓްރީޓޮޕް ހޮސްޕިޓަލުގައި ފަރުވާ ދެމުންނެވެ. ވަޒަން އަރާފައިވަނީ ޖަރުމަނުވިލާތުގެ ފަތުރުވެރިއެއްގެ ކަރަށެވެ. ވަޒަންއެރީ އިތުރު ފަތުރުވެރިންނާއެކު ސެލްފީ ނަގަން އޭނާ ހުއްޓައި ކަމަށް މަޢުލޫމާތު ލިބިފައިވެއެވެ.

އެމްއެންޑީއެފުން ވިދާޅުވީ ފުލުހުން ގެންދަނީ އެމައްސަލަ ތަހުގީގު ކުރަމުން ކަމަށެވެ. ފުލުހުން ވިދާޅުވީ އެމައުލޫމާތު ލިބިފައިވަނީ މިއަދު ހަވީރު 3:28 ގައި ކަމަށެވެ. ފުލުހުން ވެސް ވިދާޅުވީ އެމައްސަލަ ބަލަމުން ގެންދާކަމަށެވެ. އޭނާއަށް ލިބުނު އަނިޔާގެ އެއްވެސް ތަފްސީލެއް އެމްޑީއެފުން ވެސް ފުލުހުން ވެސް ނުދެއްވައެވެ.

ގިރިފުށީގައި ސިފައިން ބާއްވާ ތަމްރީން ތަކުގައި ލައިވް ވަޒަން ބޭނުންކުރާ ކަމަށްވާނަމަ އެކަން ކުރިން އާންމުކޮށް އިއުލާން ކުރެއެވެ. އަދި ވަޒަން ދަތުރުކުރާނެ ދިމާގެ އިތުރުން އުސްމިނާއި ދުރުމިންވެސް ބުނެދެއެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.