2020 ވަނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓަކީ 37.5 ބިލިއަން ރުފިޔާއެވެ. މިއީ މިސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ފުރަތަމަ ބަޖެޓެވެ. އަންނަ އަހަރަށް އާމްދަނީގެ ގޮތުގައި ލިބޭނެ ކަމަށް ލަފާ ކުރަނީ 29.92 ބިލިއަން ރުފިޔާ އެވެ. އެއީ ހިލޭއެހީއާއި ޓެކުހަށް ލިބޭނެ ކަމަށް އަންދާޒާކުރާ މިންވަރެވެ. އަންނަ އަހަރަށް ލަފާ ކޮށްފައި ވަނީ 5.7 ބިލިއަން ރުފިޔާގެ ޑެފިސިޓް ބަޖެޓެކެވެ.
ދައުލަތުގެ ބަޖެޓުން އަންނަ އަހަރު ވެސް އެންމެ ބޮޑު ޚަރަދެއް ކަނޑައަޅައިފައިވަނީ ރިކަރަންޓަށެވެ. އެއީ 22.2 ބިލިއަން ރުފިޔާ އެވެ. އެއީ ޖުމްލަ ޚަރަދުގެ 59 އިންސައްތައެވެ. ޕީއެސްއައިޕީ އަށް 10 ބިލިއަން ރުފިޔާ ކަނޑައަޅާފައިވެއެވެ. އެހެނިހެން ކެޕިޓަލް ޚަރަދުތަކަށް ކަނޑައަޅަsއިފައިވަނީ 5 ބިލިއަން ރުފިޔާ އެވެ.
ބަޖެޓްގެ މުހިއްމު ބައިތައް:
ޖުމްލަ ބަޖެޓް: 37.5 ބިލިއަން ރުފިޔާ
ރިކަރަންޓް ޚަރަދު: 22.2 ބިލިއަން ރުފިޔާ
ޕީއެސްއައިޕީ: 10.2 ބިލިއަން ރުފިޔާ
ކެޕިޓަލް: 5.1 ބިލިއަން ރުފިޔާ
އާމްދަނީ: 29.9 ބިލިއަން ރުފިޔާ
ޑެފިސިޓް: 5.7 ބިލިއަން ރުފިޔާ
މާލީ ވަޒީރު އިބްރާހީމް އަމީރު ވިދާޅުވީ 2020 ގެ ބަޖެޓް ވެގެންދާނީ ރައްޔިތުންނަށް ބުރަބޮޑުނުވެ ޖަޒިރާ ދިރިއުޅުމަށްކަމަށް މަގު ކޮށައިދޭ ބެޖެޓަކަށް ކަމަށެވެ. 2020 ގެ ބަޖެޓް މަޖިލީހުން ފާސްވެގެންދާނީ ޖުމުލަ ބެޖެޓް ނަމްބަރެއްގެ ބަދަލުގައި ބަޖެޓް ބައިކުރެވޭ ގޮތް ނުވަތަ އެޕްރޮޕްރިއޭޝަން ސްޓަރަކްޗަރއެއްގެ މައްޗަށްކަމަށްމާލީ ވަޒީރު ވިދާޅުވިއެވެ. މިއީ މިފަދަ ގޮތަކަށް ބަޖެޓް އެކުލާވާލައި މަޖިލީހުން ފާސްކުރެވޭނެ ފުރަތަމަ ފަހަރުކަން ވެސް ފާހަގަ ކުރެއްވިއެވެ. 2020 ގެ ބަޖެޓަކީ ތަރައްޤީގެ ލަނޑުދަނޑިތަކާ ހަމައަށް ވާސިލްވުމަށް ސަރުކާރުން ވެފައިވާ ވަޢުދުތައް ފުރިހަމަ ކުރުމަށް އަމާޒު ހިފައިފައިވާ ބަޖެޓެކަމަށް މާލީ ވަޒީރު އިބްރާހީމް އަމީރު ފާހަގަ ކުރެއްވިއެވެ.
ކައުންސިލްތައް މާލީގޮތުން ބާރުވެރިކުރުމަށް 1.6 ބިލިއަންރުފިޔާ :-
2020 ގެ ބެޖެޓަކީ ،ލާމަރުކަޒުކުރުމުގެ ސިޔާސަތުގެ ދަށުން ކައުންސިލްތައް މާލީގޮތުން ބާރުވެރި ކުރުމަށް ހިލޭ އެހީގެ ގޮތުގައި ފައިސާ ދިނުމަށް ކަނޑައަޅޭ ފުރަތަމަ ބަޖެޓެވެ. ކައުންސިލްތައް މާލީގޮތުން ބާރުވެރިކުރުމަށް 1.6 ބިލިއަން ރުފިޔާ ވަނީ ކަނޑައަޅައިފައެވެ. މިއީ މިއަހަރުގެ ބަޖެޓުގައިވާ 656 މިލިއަން ރުފިޔާއަށް ވުރެ 4.2 ގުނަ އިތުރު އަދަދެކެވެ. ކައުންސިލުތަކަށް ހިލޭ އެހީ ދޫކުރަން ފެށުމުން، ފަސް ސަތޭކައަށްވުރެ ދަށުގެ އާބާދީގެ ރަށްރަށަށް ވެސް ހިލޭ އެހީގެ ގޮތުގައި އެވްރެޖުކޮށް ހަތަރު މިލިއަން ރުފިޔާ ލިބޭނެކަމަށް ބަޖެޓް ހުށަހަޅުއްވަމުން މާލީ ވަޒީރު ފާހަގަ ކުރެއްވިއެވެ. މި ބަދަލާ ގުޅިގެން ދައުލަތުގެ އޮފީސްތަކުގެ ބައެއް މަސައްކަތްތަކާއި، މިނިސްޓްރީތަކުގެ ދަށުން ހިންގާ ކުދި މަޝްރޫޢުތައް ކައުންސިލުތަކުގެ ދަށަށް ގެންދެވޭނެއެވެ. މިކަމުގެ ސަބަބުން ރައްޔިތުންނާ ވީހާވެސް ގާތުން ޚިދުމަތްތައް ފޯރުކޮށްދިނުމުގެ މަގު ތަނަވަސްވެގެންދާނެކަމަށްވެސް މާލީ ވަޒީރު ފާހަގަކުރެއްވިއެވެ. ހިލޭ އެހީގެ އިތުރުން ބިމާއި، ރަށްރަށާއި، ފަޅާއި، ފަރު ފަދަ ތަންތަނުން ކުލީގެ ގޮތުގައި ލިބޭ އާމްދަނީގެ 40 އިންސައްތަ ވެސް ކައުންސިލްތަކަށް ލިބޭނެއެވެ. މީގެއިތުރުން ކައުންސިލުތަކުން ފޯރުކޮށްދޭ މުނިސިޕަލް ޚިދުމަތްތަކުގެ ފީގެ ގޮތުގައި ލިބޭ އާމްދަނީ ވެސް އެއީ ކައުންސިލުތަކަށް ލިބޭނެ އާމްދަނީއެކެވެ.
ތަރައްޤީގެ މަޝްރޫޢުތަކަށް 10.2 ބިލިއަން ރުފިޔާ :-
އަންނައަހަރަށް ލަފާ ކުރާ ދައުލަތުގެ ބަޖެޓްގައި އެންމެ ބޮޑު އަމާޒަކީ އަސާސީ ޢުމްރާނީ ވަޞީލަތްތައް ޤާއިމްކުރުން ކަމަށް ބަޖެޓް ބަޔާނުގައި މާލީ ވަޒީރު ވިދާޅުވެފައިވެއެވެ. ޕީއެސްއައިޕީގެ މަޝްރޫޢުތަކަށް އަންނަ އަހަރު 10.1 ބިލިއަން ރުފިޔާ ވަނީ ކަނޑައަޅައިފައެވެ. މިއީ 2020 ވަނައަހަރަށް ލަފާ ކުރާ ދައުލަތުގެ ބަޖެޓްގެ ޚަރަދުގެ 27 އިންސައްތައެވެ.
ޕީއެސްއައިޕީން 2020 ވަނައަހަރަށް މާލޭ ސަރަހައްދަށް 3.3 ބިލިއަން ރުފިޔާގެ މަޝްރޫޢު ކަނޑައަޅައިފައިވާއިރު އަތޮޅުތަކަށް ކަޑައަޅައިފައި ވަނީ 2.5 ބިލިއަން ރުފިޔާގެ މަޝްރޫޢެވެ. އަތޮޅުތަކަށް ބަލާއިރު އެންމެ ބޮޑު ހޭދައެއް ކުރާ ގޮތަށް ރާވާފައި ވަނީ އައްޑުއަށެވެ. އެއީ 523 މިލިއަން ރުފިޔާގެ މަޝްރޫއެވެ. ދެން އެންމެ ބޮޑު ބަޖެޓެއްކަނޑައެޅިފައިވަނީ ގދ. އަތޮޅުގައި ހިންގާ މަޝްރޫޢުތަކަށެވެ. އެއީ 486 މިލިއަން ރުފިޔާއެވެ.
ފެނާއި ނަރުދަމާގެ 143 މަޝްރޫޢަށް 1.3 މިލިއަން ރުފިޔާ :-
ރާއްޖޭގެ ހުރިހާ ރަށެއްގައި ފެނާއިނަރުދަމާ ގާއިމުކުރުމަކީ މި ސަރުކާރުގެ މުހިންމު ވަޢުދެކެވެ. އެހެންކަމުން 2020 ވަނަ އަހަރުގެ ބަޖެޓުގައި ފެނާއި ނަރުދަމާ ޤާއިމުކުރުމަށް ޚާއްޞަ އިސްކަމެއް ދީފައިވެއެވެ. ފެނާއިނަރުދަމާގެ 143 މަޝްރޫޢަށް 1.3 މިލިއަން ރުފިޔާ އަންނައަހަރުގެ ދައުލަތުގެ ބަޖެޓުގައި ހިމަނައިފައެވެ. ރޭވިފައިވާ ފެނާއި ނަރުދަމާ މަޝްރޫޢުތަކުގެ ތެރޭގައި މިއަހަރު ހަވާލުކުރެވުނު ފެނާއި ނަރުދަމާގެ މަޝްރޫޢުތަކުގެ ޢަމަލީ މަސައްކަތް ކުރިއަށް ގެންދިއުންވެސް ހިމެނޭކަމަށް ބަޖެޓް ބަޔާން ހުށަހަޅުއްވަމުން މާލީ ވަޒީރު ވަނީ ވިދާޅުވެފައެވެ. ފެނާއި ނަރުދަމާގެ ޚިދުމަތް ނުދެވޭ ހުރިހާ ރަށެއްގައި ކުރިއަށް އޮތް ދެ އަހަރުގެ ބަޖެޓުގެ ތެރެއިން މަސައްކަތް ފަށައިގެން ކުރިއަށްގެންދިއުން ހިމެނޭ ކަމަށް ވެސް މާލީ ވަޒީރު ފާހަގަ ކުރެއްވިއެވެ.
ޞިއްޙީ ދާއިރާއަށް 141 މިލިއަން ރުފިޔާ:-
2020 ގެ ބަޖެޓްގައި ރާއްޖޭގައި ސަރަހައްދީ ހަބުތަކެއް ތަރައްޤީކުރުން ހިމެނެއެވެ. އަދި އެ ހަބުތަކުގައި ދައުލަތުގެ އާއްމު ޚިދުމަތްތައް ދިނުމުގެ ޤާބިލުކަމާއި، ޚިދުމަތުގެ ފެންވަރު ރަނގަޅުކުރުމަށް ރޭވިފައިވާކަމަށް ބަޖެޓް ބަޔާނުގައި މާލީ ވަޒީރު ވަނީ ފާހަގަކުރައްވައިފައެވެ. އެގޮތުން ފަސް ސަރަހައްދެއްގައި ފަސް ޓާޝަރީ ހޮސްޕިޓަލް ތަރައްޤީކުރުމަށް ވަނީ ބަޖެޓްކުރައްވައިފައެވެ. މިފަސް ހޮސްޕި ޓަލް ތަރައްޤީކުރުމަށް ނިންމަވައިފައި ވަނީ ގދ. ތިނަދޫ، ރ. އުނގޫފާރު، ހދ. ކުޅުދުއްފުށި، ލ. ގަން އަދި ސ. ހިތަދޫގައެވެ. އަދި ޞިއްޙީ ޚިދުމަތުގެ ފެންވަރު ވަކި މިންގަނޑެއްގައި ހިފަހައްޓައި، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ޞިއްޙީ ޚިދުމަތްދޭ ތަންތަނަށް ބޭނުންވާ ވަ ސީލަތްތައް ހަމަކޮށް، ފަންނީ މީހުން ތަމްރީނުކުރުމަށްޓަކައި ވަނީ ބަޖެޓުކޮށްފައެވެ. މީގެއިތުރުން، 2020 ގައި ޤައުމީ ޞިއްޙީ ވިއުގަ ޑިޖިޓަލައިޒްކުރާނެ އިންފޮމޭޝަން ޓެކްނޮލޮޖީ އިންފްރާސްޓްރަކްޗަރ ޤާއިމުކުރުމަށް ވެސް ހަމަޖެހިފައިވާކަމަށް ބަޖެޓް ބަޔާނުގައި މާލީ ވަޒީރު ވިދާޅުވިއެވެ. ރާއްޖޭގެ އެކި ހިސާބުތަކުގައި ދެވޭ ޞިއްޙީ ޚިދުމަތުގެ ފެންވަރު ރަނގަޅު ކުރުމަށް ދައުލަތުގެ ބަޖެޓުން މިހާތަނަށް ނުކުރާވަރުގެ ބޮޑު ހޭދައެއް ކުރުމަށް 2020 ގެ ބަޖެޓުގައި ކަނޑައެޅިފައިވާކަމަށް މާލީ ވަޒީރު ވަނީ ފާހަގަ ކުރައްވައިފައެވެ. ޖަޒީރާ ވަންތަ ޞިއްޙީ ޚިދުމަތުގެ ސަބަބުން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ރަނގަޅު ފެންވަރުގެ ބޭސްފަރުވާގެ ޚިދުމަތް ލިބި ބޭސްފަރުވާ އަށް މާލެއަށް އަންނަންޖެހޭ މީހުން ޢަދަދު މަދުކުރެވޭނެކަމަށް ސަރުކާރުން ފާހަގަ ކުރައްވައެވެ.
ތަޢުލީމީ ދާއިރާއަށް 4.41 ބިލިއަން ރުފިޔާ:-
އިންސާނީ ވަސީލަތް ތަރައްޤީކުރުމަކީ ރާއްޖެ ފަދަ ތަރައްޤީވަމުން އަންނަ ޤައުމަކަށް ވަރަށް މުހިންމު ކަމެއްކަމަށް ބަޖެޓް ހުށަހަޅުއްވަމުން މާލީ ވަޒީރު ވިދާޅުވިއެވެ. ކުރިއަށް އޮތް ގަރުނަށް ބެލިކަމުގައިވީނަމަވެސް، މި ދަނޑިވަޅަކީ ރާއްޖޭގެ ޒުވާނުންގެ އާބާދީ ނިސްބަތުން އެންމެ މަތީގައި ހުންނާނެ ވަގުތުކަމުގައި ބެލެވޭތީ، މިފުރުޞަތުގެ ބޭނުން ރަނގަޅަށް ހިފައި، ހަރުދަނާ، ތަޢުލީމީ ޒުވާން ޖީލެއް އުފައްދައި ޑިމޯގްރެފިކް ޑިވިޑެންޓުގެ ފައިދާލިބިގަންނަންޖެހޭ ކަމަށް ވަޒީރު ވިދާޅުވިއެވެ.
ޤާބިލު މީހުން ބިނާކޮށް، ހުނަރުވެރިން ތަމްރީނުކުރުމަކީ ސަރުކާރުން އެންމެ ބޮޑަށް އަހައްމިއްޔަތުކަންދޭ އެއް ކަންތައްކަމަށް ވެސް ފާހަގަ ކުރެއްވިއެވެ. ވޭތުވެދިޔަ އަހަރުތަކާ އަޅާބަލާއިރު މަތީތަޢުލީމަށް އެންމެ ބޮޑު ބަޖެޓެއް ކަނޑައެޅިފައިވަނީ 2020 ގެ ބަޖެޓްގައިކަމަށް ވެސް މާލީ ވަޒީރު ފާހަގަ ކުރެއްވިއެވެ.
2020ގެ ބަޖެޓްގައި ތަޢުލީމީ ދާއިރާއަށް 4.41 ބިލިއަން ރުފިޔާ ވަނީ ކަނޑަޅައިފައެވެ. އޭގެތެރޭގައި މަތީތަޢުލީމުގެ ފުރުޞަތުތަކަށް އެކަނިވެސް 750 މިލިއަން ރުފިޔާ ވަނީ ކަނޑައަޅައިފައެވެ. މަތީ ތަޢުލީމަށް ބަޖެޓް ކުރެވިފައިވާ ކަންކަމުގެ ތެރޭގައި، ދަރިވަރުންނަށް ދެމުންގެންދާ ހަޔަރ އެޑިއުކޭޝަން ލޯން ސްކީމަށާއި، ހިލޭ ފަސްޓް ޑިގްރީއާ ހަމައަށް ކިޔެވުމުގެ ޕްރޮގްރާމް ހިމެނެއެވެ. އަތޮޅުތަކުގައި ތަޢުލީމީ ވަޞީލަތްތައް ޤާއިމްކުރުމަށްވެސް 330 މިލިއަން ރުފިޔާ ވަނީ ކަނޑައަޅައިފައެވެ. ވަށާޖެހޭ ތަޢުލީމީ ނިޒާމެއް ޤާއިމުކުރުމަށް އެއް ދަންފަޅިއަށް ސްކޫލުތައް ބަދަލުކުރުމަށް 104 ރަށެއްގައި ވަޞީލަތްތައް ޤާއިމްކުރުމަށް ވަނީ ކަނޑައަޅައިފައެވެ. ސްކޫލު ނާސްތާއާއި ޓީޗަރުންގެ ފެންވަރުމަތިކުރުމާއި ޓެކްނޮލޮޖީ ދާއިރާއިން ވަޞީލަތްތައް ކުރިއެރުވުމަށް ވެސް ވަނީ ބަޖެޓްކުރައްވައިފައެވެ.
2020 ގެ ބަޖެޓްގައި ތަޢުލީމީ ދާއިރާއަށް ކެޕިޓަލް ޚަރަދުގެ ގޮތުގައި 617 މިލިއަން ރުފިޔާ ކަނޑައަޅައިފައިވާއިރު އެންމެ ބޮޑު ޢަދަދެއް ކަނޑައެޅިފައިވަނީ އަތޮޅުތަކުގައި ތަޢުލީ ވަޞީލަތްތައް ޤާއިމުކުރުމަށެވެ. އެއީ 330 މިލިއަން ރުފިޔާއެވެ. ދަރުމަވަންތަ ސްކޫލު ޢިމާރާތްކުރުމަށް 65 މިލިއަން ރުފިޔާ އާއި ހުޅުމާލޭގައި އާ ސްކޫލެއް ޢިމާރާތްކުރުމަށް 54 މިލިއަން ރުފިޔާ ވަނީ ކެޕިޓަލް ޚަރަދުގެ ގޮތުގައި ހިމަނައިފައެވެ. މެޑިކަލް ސްކޫލެއް ޤާއީމް ކުރުމަށް 35 މިލިއަން ރުފިޔާ ވަނީ ކަނޑައަޅައިފައެވެ. ޓެކްނިކަލް އަދި ވޮކޭޝަނަލް އެޑިއުކޭޝަން އެންޑް ޓްރެއިނިންގ އިންސްޓިޓިއުޝަނެއް މާލެ އާއި ފުވައްމުލަކުގައި ޤާއިމްކުރުމަށް 27 މިލިއަން ރުފިޔާ ކަނޑއަޅައިފައި ވެއެވެ. މީގެ އިތުރުން ސީއެޗްއެސްއީގައި 8 ބުރީގެ ކްލާސްރޫމް ޢިމާރާތަށް 22 މިލިއަން ރުފިޔާ ކެޕިޓަލް ޚަރަދަށް ކަނޑައަޅައި ބަޖެޓްގައި ވަނީ ހިމަނުއްވައިފައެވެ.
ބޯހިޔާވަހި ކަމަށް ޖުމުލަ 1.3 ބިލިއަން ރުފިޔާ:
މިސަރުކާރުގެ ބޯހިޔާވަހިކަމުގެ ސިޔާސަތުގެ ދަށުން އަންނަ އަހަރުގެ ބަޖެޓްގައި ޖުމުލަ 1.3 ބިލިއަން ރުފިޔާ ވަނީ ކަނޑައަޅުއްވައިފައެވެ. ސޯޝަލް ހައުސިން ސްކީމްގެ ދަށުން ރާއްޖޭގެ އެކި ސަރަހައްދުތަކުގައި އަޅާނެ ކަމަށް ހާމަކުރައްވައިފައިވާ 20،000 ހައުސިން ޔުނިޓްގެ މަޝްރޫއު ފެށުމަށް ޓަކައި އަންނަ އަހަރުގެ ބަޖެޓްގައި 600 މިލިއަން ރުފިޔާ ވަނީ ހިމަނުއްވައިފައެވެ. މީގެ ތެރެއިން އަންނަ އަހަރަށް ކަނޑައަޅުއްވައިފައި ވަނީ 10 ހާސް ހައުސިން ޔުނިޓެވެ. މީގެ އިތުރުން މިހާރު ހިނގަމުން އަންނަ ހައުސިން މަޝްރޫއުތަކަށް 359 މިލިއަން ރުފިޔާ ވަނީ ބަޖެޓްކޮށްފައެވެ. މީގެ ތެރޭގައި ކުރީ ސަރުކާރުން ފަށާފައިވާ ހައުސިން ޔުނިޓްތައް ހިމެނެ އެވެ.
ޤައުމީ ދަތުރުފަތުރުގެ ނިޒާމަށް 150 މިލިއަން ރުފިޔާ :-
ޖަޒީރާ ރާއްޖެ ސިޔާސަތުގައި އެންމެ މުހިންމު ކަމެއްގެ ގޮތުގައި ކަނޑައަޅައިފައި ވަނީ ލުއިފަސޭހަ ދަތުރުފަތުރުގެ ނިޒާމަކުން ހުރިހާ ރަށްރަށާއި އާބާދީތައް ގުޅާލުމެވެ. މިގޮތުން ރާއްޖޭގައި ޤައުމީ ދަތުރުފަތުރުގެ ނިޒާމެއް ގާއިމުކުރުމަށް 2020 ވަނަ އަހަރުގެ ބަޖެޓުގައި 150 މިލިއަން ރުފިޔާ ހިމެނިފައިވެއެވެ. މި ނިޒާމުގެ ދަށުން ދަތުރުކުރުމަށް ބޭނުންވާ ބާރު ދުވެލީގެ ޒަމާނީ ފެރީތަކާއި، މި ނިޒާމު ހިންގުމަށް ބޭނުންވާ އިންސާނީ އަދި އެހެނިހެން ވަސީލަތްތައް ތަރައްޤީކުރެވިގެންދާނެކަމަށް މާލީ ވަޒީރު ވިދާޅުވިއެވެ. އިތުރު އެއަރޕޯޓުތައް ތަރައްޤީކުރުމާއެކު ރަށްރަށުގެ ބަނދަރުތައް އަޕްގްރޭޑްކުރުންވެސް އޭގައި ހިމަނާފައިވެއެވެ. އަދި ފަސިންޖަރުންނަށް ޚިދުމަތް ދިނުމަށް ބޭނުންވާ ޓަރމިނަލްތަކާއި، މިކަންކަމާ ގުޅޭ ވަސީލަތްތައް ތަރައްޤީކުރުމަށް ވެސް މި ބަޖެޓުގެ ތެރޭގައި ހިމަނާފައިވެއެވެ. މީގެއިތުރުން 2020 ވަނަ އަހަރުގެ ބަޖެޓުގައި 1017 ރަށެއްގެ ބަނދަރު ހެދުމަށް، 1.1 ބިލިއަން ރުފިޔާ ހިމެނިފައިވެއެވެ.
އިޖްތިމާޢީ ރައްކާތެރިކަމަށް 3.99 ބިލިއަން ރުފިޔާ:-
އިޖްތިމާޢީ ރައްކާތެރިކަމަށް ރިކަރަންޓް ޚަރަދުގެ ގޮތުގައި 2020 ވަނައަހަރުގެ ބަޖެޓްގައި 3.99 ބިލިއަން ރުފިޔާ ވަނީ ކަނޑައަޅައިފައެވެ. އެންމެ ބޮޑު ޢަދަދެއް ކަނޑައެޅިފައި ވަނީ ސިއްޙީ އިންޝުއަރެންސާއި ބޭސް ފަރުވާއަށް ދޭ އެހީއަށެވެ. އެއީ 951 މިލިއަން ރުފިޔާއެވެ. ތަކެތީގެ ނުވަތަ ޚިދުމަތުގެ އަގު ހެޔޮކުރުމަށް 445 މިލިއަން ރުފިޔާ ކަނޑައަޅައިފައިވެއެވެ. ކަރަންޓް އަގު ހެޔޮކުރުމަށް ދޭ ފައިސާގެ ގޮތުގައި 350 މިލިއަން ރުފިޔާ ވަނީ ކަނޑައަޅައިފައެވެ. ކާބޯތަކެތީގެ އަގު ހެޔޮކުރުމަށް 254 މިލިއަން ރުފިޔާ ވަނީ ކަނޑައަޅައިފައެވެ. ޚާއްޞަ އެހީއަށް ބޭނުންވާ ފަރާތްތަކަށް ދޭ ފައިސާގެ ގޮތުގައި 216 މިލިއަން ރުފިޔާ ވަނީ ކަނޑައަޅައިފައެވެ. އެކަނިވެރި މައިން ނުވަތަ ބަފައިންނަށް ދޭ ފައިސާގެ ގޮތުގައި 53 މިލިއަން ރުފިޔާ ކަނޑަ އަޅައިފައިވެއެވެ.
އިޖްތިމާޢީ ރައްކާތެރިކަމަށް ކެޕިޓަލް ޚަރަދުގެ ގޮތުގައި 62 މިލިއަން ރުފިޔާ ވަނީ ކަނޑައަޅައިފައެވެ. ކެޕިޓަލް ޚަރަދުގެ ތެރެއިން ކުޑަކުދިންނާ ގުޅޭ ޚިދުމަތް ދިނުމަށް ބޭނުންވާ ވަޞީލަތްތައް ޤާއިމުކުރުމަށް 37 މިލިއަން ރުފިޔާ ވަނީ ކަނޑައަޅައިފައެވެ. ހުޅުމާލެއާއި ލ. އަތޮޅުގައި ދުވަސްވީ މީހުންގެ މަރުކަޒެއް ޤާއިމްކުރުމަށް 14 މިލިއަން ރުފިޔާ ވަނީ ކަނޑައަޅައިފައެވެ. އަންހެނުންނަށް ފަރުވާދޭ ރެސިޑެންޝަލް ފެސިލިޓީއެއް ޤާއިމްކުރުމަށް 7 މިލިއަން ރުފިޔާ ވަނީ ކަނޑައަޅައިފައެވެ.
ރައްޔިތުންގެ މަޖިލީހުން ބަޖެޓް ދިރާސާ ކުރުމަށް މިހާރު ވަނީ މާލިއްޔަތު ކޮމެޓީއާއި އިޤްތިޞާދީ ކޮމެޓީ އެއްކޮށްލައިގެން ބަޖެޓްކޮމެޓީއެއް އުފައްދަވައިފައެވެ. ބަޖެޓްގައި ޢަދަދުތަކެއް ޖަހާ ސަރުކާރުން ހުށަހެޅިނަމަވެސް އެޢަދަދުތަކަށް ބަދަލުގެނެސް ފާސްކުރުމުގެ ބާރު ލިބިގެން ވަނީ މަޖިލީހަށެވެ. ސަރުކާރުގެ ވަޢުދުތައް ފުރިހަމަ ކުރުމަށް އަމާޒު ހިފައިދޭ ގޮތަށް މިބަޖެޓް ފާސްކުރުމުގެ ބާރު އޮތީ މަޖިލީހުގެ މެޖޯރިޓީ ޕާޓީގެ މެމްބަރުންގެ އަތްމަތީގައެވެ.
އިންފޯގްރެފިކްސް: ރައީސް އޮފީސް