ހުރިހާ އޮފީހެއްގައި ޕަބްލިކް އެކައުންޓިން ސިސްޓަމް ބޭނުން ކުރުމަށް ހިތްވަރު ދެއްވައިފި

ދައުލަތުގެ އެކި އޮފީސްތަކުގައި މާލީ ހިސާބު ބެލެހެއްޓުމަށް އެ އޮފީހަކަށް ޚާއްސަ ސޮފްޓްވެއާތައް ބޭނުން ކުރަމުންދާ ކަމަށާއި އޭގެ ބަދަލުގައި ހުރިހާ އޮފީސްތަކުން ވެސް "ޕަބްލިކް އެކައުންޓިން ސިސްޓަމް" ބޭނުން ކުރުމަށް ފިނޭންސް މިނިސްޓްރީން އޮފީސްތަކަށް އަންގައިފިއެވެ.

އެ މިނިސްޓްރީން ނެރެފައިވާ މާލިއްޔަތާބެހޭ ސާކިއުލާއެއްގައި ބުނެފައިވަނީ ޕަބްލިކް އެކައުންޓިން ސިސްޓަމް ނޫން އެހެން ސިސްޓަމެއް ނުވަތަ ސޮފްޓްވެއާއެއް ބޭނުން ކުރާނަމަ ފައިނޭންޝަލް ކޮންޓްރޯލަރަށް ހުށަހަޅައި ހުއްދާ ހޯދައިގެން ބޭނުން ކުރުމަށެވެ. ފައިނޭންޝަލް ކޮންޓްރޯލަރ ގެ ހުއްދަ ނުހޯއްދަވައި އެފަދަ ސިސްޓަމެއް ބޭނުން ކުރާނަމަ އެކަން އެ މިނިސްޓްރީއަށް ލިޔުމުން އަންގައިދިނުމަށް ވެސް އެ ސާކިއުލާގައި ވަނީ އެދިފައެވެ.

"ދައުލަތުގެ ހިސާބުތައް ބެލެހެއްޓުމަށްޓަކައި މިހާރު ބޭނުން ކުރަމުންދާ ޕަބްލިކް އެކައުންޓިން ސިސްޓަމް ނޫން އެހެން ސިސްޓަމެއް ނުވަތަ ސޮފްޓްވެއާއެއް ދައުލަތުގެ އެއްވެސް އޮފީހަކުން ބޭނުން ކުރައްވާނަމަ މާލިއްޔަތު ގަވާއިދުގެ 1.3 ވަނަ މާއްދާގެ (ނ) ގައިވާ ގޮތަށް ފައިނޭޝަން ކޮންޓްރޯލަރަށް ހުށަހަޅައި ހުއްދަ ހޯދުމަށް ދަންނަވަމެވެ. އަދި ހަވާލާދީފައިވާ މާއްދާއާ އެއްގޮތަށް ފައިނޭންޝަލް ކޮންޓްރޯލަރ ގެ ހުއްދަ ނުހޯއްދަވައި އެފަދަ ސިސްޓަމެއް ބޭނުން ކުރައްވާނަމަ އެކަން މިމިނިސްޓްރީއަށް ލިޔުމުން ހުށަހެޅުމަށް ވެސް ދަންނަވަމެވެ." ފިނޭންސް މިނިސްޓްރީގެ ސާކިއުލާގައި ވެއެވެ.

ދައުލަތުގެ ހިސާބުތައް ބެލެހެއަޓުމަށާއި ރިޕޯޓު ކުރުމަށް ގިނަ ޚަރަދުތަކެއް ކޮށްގެން ފިނޭންސް މިނިސްޓްރީން ތައްޔާރުކޮށް 2009 ވަނަ އަހަރުން ފެށިގެން ބޭނުން ކުރަމުން އަންނަ ސޮފްޓްވެއާއަކީ ދައުލަތުގެ ހުރިހާ އޮފީހަކަށް ބޭނުން ކުރެވޭ އެއްޗެކެވެ. އެ ސޮފްޓްވެއާ އިތުރަށް ހަރުދަނާ ކުރުމުގެ މަސައްކަތް ކެނޑިނޭޅި ކުރަމުންދާ ކަމަށް ވެސް ފިނޭންސް މިނިސްޓްރީން ވިދާޅުވެފައިވެއެވެ.

"މި މިނިސްޓްރީން މިފަދަ ސްފްޓްވެއާއެއްގާއިމް ކުރުމުގެ އެންމެ މުހިންމު މަގުސަދަކީ ދައުލަތުގެ ހުރިހާ އޮފީހެއް އެއް ސިސްޓަމެއް މެދުވެރިކޮށް ހިސާބުތައް ބަލަހައްޓައި ދައުލަތުގެ މާލިއްޔަތު ގާނޫނުގެ 38 ވަނަ މާއްދާގެ (ހ) ގައި ކަނޑައަޅާފައިވާ ގޮތަށް ދައުލަތުގެ އަހަރީ ހިސާބު ތައްޔާރު ކުރުމެވެ. އަދި ދައުލަތުގެ މާލިއްޔަތު ގާނޫނުގައި ކަނޑައަޅާފައިވާ މުއްދަތަށް ދައުލަތުގެ ހިސާބުތައް ނިންމުމެވެ." މިނިސްޓްރީގެ ސާކިއުލާގައިވެއެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.