ޢަޤީދާ ބަލިކަށިވެގެންނެއް ނޫޅެން

މުންކަރާތްތައް ނަހީކުރުމަކީ މުސްލިމުންގެ މައްޗަށް އޮންނަ ދީނީ ވާޖިބެކެވެ. އެއީ ހެޔޮ އުއްމަތެއް ކަމުގައި މި އުއްމަތް ވުމުގެ ޝަރުޠެކެވެ. މުންކަރާތޭ އަޅުކަނޑު މި ދެންނެވީ ޢާއްމު އިޖުތިމާޢީ މިންގަނޑުތަކުން ވެސް އަދި އިސްލާމީ ނަޒަރަކުން ވެސް ނުރުހެވޭ ނަފުރަތު ކުރެވޭ އިންކާރުކުރެވޭ ކަންކަމަށެވެ. ހެޔޮ ކޮންމެ ކަމެއްގެ އިދިކޮޅަށެވެ.

އިސްލާމް ދީނަށް ގޮންޖަހައި ކީރިތި ރަސޫލާއަށް ފުރައްސާރަކޮށް ޤުރުއާނަށް ތައުހީނުކޮށް ﷲގެ ވޮޑިގެންވުމަށް އިންކާރުކޮށް ހެދުމަކީ އާދައިގެ ކަންކަމެއް ނޫނެވެ. އެއީ ދުނިޔޭގައި އިންސާނަކު ކުރާނެ އެންމެ ނުބައި ޢަމަލެވެ. އެންމެ ބޮޑު މުންކަރާތެވެ. އެއީ ހައްދު ފަނަނަޅައިފައިވާ ޝައިޠާނީ ޢަމަލުތަކެކެވެ. މިއީ މުޅި އިސްލާމީ އުއްމަތަށް އޮތް ބޮޑުވެގެންވާ މުޞީބާތެކެވެ. ދާދި ފަހުން މިކަން މިވަނީ މި ސައްތައިން ސައްތަ ދިވެހި އުއްމަތަށް ކުރިމަތިވެފައެވެ. ލާދީނިއްޔަތަށް ނުވަތަ ޢަލްމާނިއްޔަތަށް ވާގިދޭ ބަޔަކު ދިރާސާއެއްގެ ނަމުގައި މިއަހަރު ފެބްރުއަރީ މަހުގެ ތެރޭގައި ތާކުންތާކު ނުޖެހޭ "ހާސަރެއް" ޢާއްމުކޮށްގެން މިވަނީ މި ނުބައިވެގެންވާ ޝައިޠާނީ ޢަމަލު ހިންގައިފައެވެ. މި ކަމާ ލަދުގަނެ ބިރުގަތް ބަޔަކު އުޅެއެވެ. "އަށްޑިހަ ފަހަކަށް" ރުޅިއައި މީހުން ވެސް މަދެއް ނޫނެވެ.

މި ނުބައި ޢަމަލާ ދެކޮޅަށް އެތައް ހާސް ބަޔަކު މުޒާހަރާކޮށް އެއްވުންތައް ބާއްވައި އަޑުއުފުލައި، ބަޔާންތައް ނެރެ، ޤަރާރުތައް ފާސްކޮށް ހެދިއެވެ. އެބަ ހަދައެވެ. މެދު ކެނޑުމެއް ނެތި ސޯޝަލް މީޑިއާގައި ނުރުހުމުގެ ޝުޢޫރުތައް ފާޅުކުރިއެވެ. އަދިވެސް އެބަ ކުރެއެވެ. އިސްލާމާ ދީނުގެ ޙިމާޔަތުގައި ދުޢާކޮށް ހެދި ބަޔަކު ވެސް އުޅުނެވެ. އަދިވެސް އެބަ އުޅެއެވެ. މި ދަނޑިވަޅުގައި މި އިސްލާމީ ދިވެހި ޤައުމުން ފެންމަތިވި އެންމެ ލަދުވެތި ކަމަކީ، މި ކަމަކީ އާދައިގެ ކަމެއްކަމަށް ދުށް ބަޔަކު ވެސް ދިވެހީންގެ ތެރެއިން ފެންމަތިވި ކަމެވެ. އެ ޢަމަލު ހިންގި މީހުންނާއި އެ "ރިޕޯޓު" ދިފާޢުކުރި "ބަޔަކު" އުޅުނު ކަމެވެ. އަދި މިކަން ކުރި މީހުން އެ ހިންގި ޢަމަލަކީ ދިވެހިރާއްޖޭގައި ހަދައިފައިވާ ވަޟޫޢީ އެތައް ޤާނޫނެއްގައި ވެސް ކުށެއް ކަމަށް ބަޔާންކޮށް ފައި އޮތް އިރު ވެސް އަދި މިއީ ދިވެހި ރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީއާ ވެސް ކަނޑައެޅިގެން ޚިލާފު ޢަމަލެއް ކަމަށް ވާ އިރު ވެސް، މި ކަމަށް ފިޔަވަޅުއަޅާން "ކަމާ ބެހޭ ފަރަތްތަކުން" ޖެހިލުންވެ ފަހަތަށް ޖެހުނުކަމެވެ. އަދި މިކަން ކުޅަ ޖަމާޢަތްކަމަށްވާ އެމްޑީއެން އުވައިލާން ރައްޔިތުން ފިއްތުންތައް ކުރިމަތިކުރާން ފެށުމުން އެ ކަން ކުރާންޖެހި ދާނެތީ، "އުވައިލުމުގެ" ކުރީން އެ ފަދަ މީހުންނަށް ފުރުޞަތު ފަހިވާނޭ ގޮތްގޮތަށް ޖަމުޢިއްޔާތަކާ ބެހޭ ޤާނޫނަށް ބަދަލު ގެނައުމަށްޓަކައި މަޖިލީހަށް ބިލެއް ހުށަހެޅުނު ކަމެވެ.

މި ވާހަކަ މި ލިޔަނީ ލަދުވެތި ކަމާއެކީގައެވެ. އެހެނީ މިއީ ސައްތައިން ސައްތަ މުސްލިމު ޤައުމެއްގެ ގޮތުގައި އިސްލާމީ އުންމަތުގައި ޝުހުރަތު ލިބިފައިވާ ޤައުމެކެވެ. އިސްލާމީ ވަޙުދަތަކީ އަޅުގަނޑުމެންގެ ކާބަފައިންގެ ފުށުން އަޅުގަނޑުމެންނަށް ވާރުތަވެފައިވާ އެންމެ މަތިވެރި ޤައުމީ ތަރިކައެވެ. އިސްލާމް ދީނަކީ ދިވެހި ޤައުމިއްޔަތުގެ މައި ތަނބެވެ. މި ޝުހުރަތު ދިފާޢުކުރުމަކީ އަޅުގަނޑުމެންނާ ޙަވާލުވެފައިވާ ވަރަށް ބޮޑު އަމާނާތެކެވެ. އަޅުގަނޑުމެންގެ ބޮލުގައި އެޅިފައިވާ އެންމެ ބޮޑު ޒިންމާއެވެ. އިސްލާމް ދީނަކީ މި ބިންމަތީގައި ބަޔަކަށް ލިބޭނެ އެންމެ ބޮޑު ނިޢުމަތެވެ. މި ނިޢުމަތް ދެއްވި ކަމަށްޓަކައި ﷲއަށް ޙަމްދުކުރަމެވެ.

މިކަން މިހެން އޮތް ނަމަވެސް މި ބޮޑު މުންކަރާތް މި ޤައުމުގައި ހިނގުމުން އެއީ އާދައިގެ ކަމަކަށް ހަދާން ބަޔަކު މަސައްކަތް ކުރީ ކަމަކީ ހާދަބޮޑު ލަދުވެތިކަމެކެވެ. މި ކަމަށް ފިޔަވަޅު އަޅާން ނުކެޅުދުމަކީ މުންކަރާތްތައް ނަހީކުރުމަށް ﷲ ކުރައްވައިފައިވާ އަމުރަށް އުރެދުމެވެ. މިއީ އެތައް ސަތޭކަ އަހަރެއް ވަންދެން ސައްތައިންސައްތަ މުސްލިމު ޤައުމެއްގެ ގޮތުގައި ދެމި އޮތް ޝަރަފުވެރި ޤައުމެކެވެ. ދުނިޔޭގެ ބިޔަ ބައްރުތަކުގެ ބަނޑުދޮށުގައި އޮވެ، އަޅުގަނޑުމެންގެ ކާބަފައިން މި ޝަރަފު ދެމެހެއްޓީ ފަޚުރުވެރިކަމާއެކީގައެވެ. ހިތްވަރާއި ޢަޒުމާއެކީގައެވެ. އެތައް ބުރަތަކެއް އުފުއްލައިގެންނެވެ. އެތައް ޤުރުބާނީއެއް ވެގެންނެވެ. މި ޝަރަފުވެރި ޤައުމުގައި ބަޔަކު ފާޅުގައި ކައު ސާހިބާއަށް ފުރައްސާރަކުރުމުން ފިޔަވަޅުއަޅާން ފަސްޖެހުމަކީ ކޮންފަދަ ބޮޑު ހިތާމައެއްތޯއެވެ! ކިހާ ބޮޑު ލަދުވެތި ކަމެއްތޯއެވެ!

ވިސްނައި ފިކުރުކުރައްވާށެވެ! މި ސައްތައިންސައްތަ މުސްލިމް ދިވެހިރާއްޖޭގައި މި ފަދަ ބޮޑު މުންކަރާތެއް ހިންގުމުން، އެ މީހުންނަށް ފިޔަވަޅުއަޅާން ކަމާބެހޭ ފަރާތްތަކުން ފަސްޖެހެނީއެވެ. އެފަދަ ނުބައި ޢަމަލުތައް ހިންގި އަދި އެ ކަމަށް ބާރުދިން މީހުން ދައުލަތުގެ އިސް މަޤާމުތަކަށް އިސްކުރެވެނީއެވެ. އަނެއް ކޮޅުން ބަލާއިރު ފަސްދޮޅަހަކަށް އިންސައްތަ މުސްލިމުން ދިރިއުޅޭ އިސްލާމީ ޤައުމެއް ކަމުގައިވާ މެލޭޝިއާގައި، މީހަކު ސޯޝިއަލް މީޑީއާގައި ސަލާމާއި ޞަލަވާތްލެއްވި ރަސޫލާއަށް ފުރައްސާރަކޮށްލުމުން އޭނާ ދިހަ އަހަރަށް ޖަލަށް ލެވުނެވެ. 80 ވަރަކަށް އިންސައްތަ ހިންދީން ދިރިއުޅޭ ހިންދީންގެ ބާރުގަދަ ވެރިކަމެއް ހިނގާ އުތުރުކަރައިގައި އިސްލާމް ދީނުގެ މާތް ރަސޫލާއަށް ރަސޫލާއަށް ޖޯކުޖެހި މީހަކު ވެސް މިވަނީ ހައްޔަރުކޮށްފައެވެ. ނަމަވެސް މި ސައްތައިން ސައްތަ ދިވެހި ބިމުގައި މި ފަދަ ނުބައި ޢަމަލެއް ހިންގި ޖަމްޢިއްޔާއަށް ނިސްބަތްވާ މީހުންނަށް ދެވިފައި ހުރީ ޢުޤޫބާތުގެ ބަދަލުގައި ޢިނާޔަތެވެ. އިސްލާމް ދީނާ އިދިކޮޅަށް ބަސް ބުނާ މީހުންނަކީ ނަފްސާނީ ބަލި މީހުން ކަމަށް ބަލައި އެ މީހުންނަށް ދެވިފައި ހުރީ ޙިމާޔަތެވެ. މިހާތަނަށް ހައްޔަރުކުރެވިފައިވަނީ އިސްލާމް ދީނަށް މަލާމާތްކުރި މީހުންނަށް އަދަބުދޭން ގޮވައިލައި އަޑު އުފުލި މީހުންނަށެވެ. އަދި މީގެ ކުރީން ވެސް ދިވެހި ރާއްޖޭގައި ނަޞާރާ ދީން ފަތުރަން އުޅެގެން ޑީޕޯޓްކޮށްލި މީހުން އަލުން ޢިއްޒަތުގައި ރާއްޖެ ގެނެސް އެ މީހުންނަށް ދައުލަތުން ހުރީ މަޤާމާއި ޢިއްޒަތްދީފައެވެ. ކޮންފަދަ ލަދުވެތި ހިތާމަވެރި ކަންތައްތަކެއްތޯއެވެ! އަޅުގަނޑުމެން ސޮއްސައިލައިފައި މިވަނީ ކޮންފަދަ ބޮޑު ޖާހިލިއްޔަތަކަށް ތޯއެވެ! އާދެވިފައިމިވަނީ ކޮންފަދަ ނުރައްކާތެރި ޒަމާނަކަށްތޯއެވެ! މި ފަދަ ނުބައި ޢަމަލުތަކުގެ ސަބަބުން އަޅުގަނޑުމެން އެންމެންގެ މައްޗަށް ޢާއްމުވެގެންވާ ކޯފާއެއް، ޢަޛާބެއް ނުފޮނުއްވުން އެދި ﷲގެ ޙަޟްރަތުގައި ޚުޝޫޢަތްތެރިކަމާއެކު ދުޢާ ދަންނަވަމެވެ.

މި ކަންކަން މި މަގަށް ހިނގަމުން އަންނަ އިރު ދާދި ފަހުން އަޑުއިވުނު ވާހަކައަކީ "މީހަކު ދައްކާ ވާހަކައަކުން، ލިޔެލާ ލިޔުމަކުން" އަޅުގަނޑުމެންގެ ޢަޤީދާއަށް އަސަރެއް ނުކުރާނެޔޭ ވިދާޅުވެ މިކަމަކީ އާދައިގެ ކަމެއްކަމަށް ދޭހަވާ ބީދައަކުން "ދައުލަތުގެ ފަރާތްޕުޅުން" ބަޔާނެއް އިއްވި ވާހަކައެވެ. ސުބްޙާނަﷲ އެވެ! އެފަދަ ބަޔާނެއް އިއްވި ކަމަށް ވާނަމަ، ނުވަތަ އެ ވަފަ ވާހަކައެއް އިސް ބޭފުޅަކު ވިދާޅުވި ކަމަށް ދެކެވޭ ވާހަކައަކީ ތެދެއްކަމުގައި ވާނަމަ... (ހުރި ހިތާމައެއްގެ ބޮޑުކަމާއެވެ!) އަޅުގަނޑުމެން މި އުޅެނީ އަޅުގަނޑުމެންގެ ޢަޤީދާ ބަލިކަށިވެގެންނެއްނޫނެވެ. މިއުޅެނީ އަޅުގަނޑުމެންގެ ޢަޤީދާ ހަރުދަނާވީމާ،  އެ ނުބައި މީހުން ހިނގި ޢަމަލުތަކަށް ރުޅިއައިސްގެންނެވެ. މިއީ ޙައްޤު ރުޅިއެކެވެ. މީސްތަކުންދެކެ، ﷲ އަށްޓަކައި ރުޅިއައުމަކީ މުސްލިމުންގެ ޙައްޤެކެވެ. އަޅުގަނޑުމެން ހައްދަވައި ބޮޑުކުރައްވައި ގެއްގުޅުއްވާ އިލާހު، ގަދަ ކީރިތިވަން މަތިވެރި މާތް ރަސްކަލާނގެއަށް ތައުހީނުކުރުމުން އަޅުގަނޑުމެން ރުޅިއަންނަނީ ޢަޤީދާ ބަލިކަށި ކަމަކުން ނޫނެވެ. އަޅުގަނޑުމެންގެ އަމިއްލަ ނަފުސަށްވުރެ އަޅުގަނޑުމެން ލޯބިވާ، އަދި ޢާލަމްތަކަށް ރަޙުމަތެއް ކަމުގައި ފޮނުއްވި ކައު ސާހިބާއަށް ފުރައްސާރަކުރީމާ އަޅުގަނޑުމެން ރުޅިގަދަވަނީ އަޅުގަނޑުމެންގެ ޢަޤީދާ ބަލިކަށި ކަމަކުންނޫނެވެ. އަޅުގަނޑުމެންގެ ދެދުނިޔޭގެ ސަލާމަތުގެ މަގު ކަމުގައިވާ އިސްލާމްދީނާސް މަލާމާތްކުރީމާ އަޅުގަނޑުމެން ރުޅިއަރަނީ ވެސް ޢަޤީދާ ބަލިކަށި ކަމަކުންނޫނެވެ. އަޅުގަނޑުމެންގެ ޢަޤީދާ ވަރުގަދަ ކަމުންނެވެ. އަޅުގަނޑުމެންގެ ޙިއްސުތައް ސަލާމަތުން ހުރީތީއެވެ. އަޅުގަނޑުމެން ހަމައިގައި ތިބޭތީއެވެ.

ތެދުފުޅެކެވެ! ދުލުކުރީން ބުނެލިޔަސް އެ މީހެއްގެ ހިތުގައި އިސްލާމީ ތައުޙީދުގެ ބިންގާ އެޅިފައި ނެތް މީހަކަށް އިސްވެ ދިޔަ ކަންކަމަކުން އަސަރެއް ނުކޮށްފާނެއެވެ. ނަމަވެސް އިސްލާމް ދީން ދެކެ ލޯބިވާ ތެދުވެރި މުސްލިމު އެއްވެސް މީހަކަށް، އެމީހެއްގެ ޙިއްސުތައް ސަލާމަތުން ހުރި ނަމަ، ނުވަތަ ހަމަ ވިސްނުމުގައި ހުރި ނަމަ، މި ހިނގަމުންދާ ނުރައްކާތެރި ފިތުނައިގެ ސަބަބުން ރުޅި ނައިހެއް ނުހުރެވޭނެއެވެ. އިސްވެ ދެންނެވި ނުބައި ޢަމަލުތަކަކީ އާދައިގެ ކަމެކޭ ހީކުރާނީ، އަދި އެފަދަ ނުބައި ޢަމަލުތައް ހިންގާ ހައްދުފަހަނަޅައިފައިވާ ބަޔެއްގެ ދިފާޢުގައި ވާހަކަދައްކާނީ، ނުވަތަ އެފަދަ ނުބައި މީހުންނަށް ޢިނާޔަތާއި ޙިމާޔަތާއި ރައްކާތެރިކަން ދޭނީ، އިސްލާމީ ޢަޤީދާ ބަލިކަށި މީހުންނަށް ވެދާނެއެވެ. ކޮންމެއަކަސް "މީހަކު ދައްކާ ވާހަކައަކުން ނުވަތަ ލިޔެލާ އެއްޗަކުން އަޅުގަނޑުމެންގެ ޢަޤީދާއަކަށް ބަލިކަށިކަމެއް ނާންނާނެ" ކަމީ ޙަޤީޤަތެކެވެ. އެހެންނަމަވެސް އިސްލާމް ދީނަށް ގޮންޖަހައި ކީރިތި ރަސޫލާއަށް ފުރައްސާރަކޮށް ޤުރުއާނަށް ހަޖޫޖަހައި ﷲގެ ވޮޑިގެންވުމަށް އިންކާރުކުރާނަމަ އެކަމާ ދެކޮޅަށް އަޑު އުފުލުމަކީ އަޅުގަނޑުމެންގެ ޙައްޤެކެވެ. ވާޖިބެކެވެ. މަސްއޫލިއްޔަތެކެވެ. އަޅުގަނޑުމެން އެކަމާ ދެކޮޅަށް އަޑު އުފުލަނީ އަޅުގަނޑުމެންގެ އީމާންތެރިކަން ވަރުގަދަ ވީމައެވެ. އިސްލާމީ ޢަޤީދާ އެ މީހެއްގެ ހިތުގައި ބިންވަޅުނެގިފައިވާ ކޮންމެ މީހަކު އެފަދަ މުންކަރާތްތަކާ ދެކޮޅު ހަދާނެއެވެ. އެ މީހެއްގެ ކެރިކުޅަދާނަކަން ހުރި މިންވަރަކުންނެވެ. އަތުންނެވެ. ދުލާއި ގަލަމުންނެވެ. ނުވަތަ ހިތުންނެވެ.

އަޅުގަނޑު ނުހަނު އާދޭހާއި އަސަރާއެކު، ދިވެހި ދައުލަތުގެ "ބާރުތަކަށް" އިލްތިމާސްކޮށް އާދޭސް ދަންނަވަމެވެ! މި ޤައުމަށް ލޯތްބެއް ކުލުނެއް ހުރި ކޮންމެ ބޭފުޅަކު އެ ބޭފުޅެއްގެ ޤާބިލުކަން ހުރި މިންވަރަކުން، އެ ނުބައި ޢަމަލު ހިނގި މުޖުރިމުންނަށް ޤާނޫނުގައިވާ އެންމެ ހަރުކަށި ފިޔަވަޅުއަޅުއްވައިދެއްވާށެވެ! އެ ނުބައި ޢަމަލު ހިންގި މީހުންނަށް ތައުބާ ލައިދެއްވާށެވެ! ޙައްޤުމަގަށް އެމީހުން އާދޭތޯ މަސައްކަތް ކޮށްދެއްވާށެވެ! އަދި ލާދީނިއްޔަތަށް ހުރި ހުރިހާ ދޮރުތަކެއް ބަނދުކޮށްދެއްވައި އަބަދުގެ އަބަދަށް ތަޅުލައިދެއްވާށެވެ! މި ނުރައްކާތެރި ފިތުނައިން މި ލޮބުވެތި އުންމަތް ސަލާމަތްކޮށްދެއްވާށެވެ! މި މުސްލިމު ދިވެހި ރައްޔިތެއްގެ ހައިސިއްޔަތުން އަޅުގަނޑު ކުރާ އާދޭހެކެވެ!

ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު (މާވަށު އަޒީ)
ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރަކީ ދިވެހި ލިޔުންތެރިކަމުގެ އުދަރެހުގައި ވިދާ ތަރިއެކެވެ. ރާއްޖޭގެ އެކި ނޫސް މަޖައްލާތަކަށް ގިނަ އަދަދެއްގެ ލިޔުން ލިޔުއްވައިފައިވާ މޮޅު ލިޔުންތެރިއެކެވެ. ޅެންވެރިއެކެވެ. އަދި ހަމަ އެހެންމެ ތާރީޚު ދިރާސާ ކުރައްވާ ޤާނޫނީ ވަކީލެއްވެސް މެއެވެ.

1 ޚިޔާލު

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.