ފަނޑިޔާރުންގެ މައްސަލަތައް ޖޭއެސްސީން ބަލަމުންދަނީ ފަޓާސް ބަރިއެއްގޮތަށް: ޑރ. ޖަމީލް

ފަނޑިޔާރުގެއަށް އަތް ގަދަކޮށް، ޖުޑީޝަލްސާރވިސް ކޮމިޝަން (ޖޭއެސްސީ)ން ފަނޑިޔާރުންގެ މައްސަލަތައް ބަލަމުން ދަނީ ފަޓާސް ބަރިއެއް ގޮތަށްކަމަށް ރައީސް ޢަބްދުﷲ ޔާމީންގެ ދިފާޢީ ވަކީލުންގެ ޓީމުގައި އެންމެ އިސްކޮށް ހުންނެވި ކުރީގެ ނާއިބް ރައީސް ޑރ.މުޙައްމަދު ޖަމީލް އަޙްމަދު ވިދާޅުވެއްޖެއެވެ.

ދާދި ދެންމެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޑރ ޖަމީލް ވިދާޅުވީ ޖޭއެސްސީ އަކީ މުޅި ފަނޑިޔާރުގެ ކަމަށް ބަލައިގެން މިހާރު ހިންގަމުންދާ ޢަމަލުތަކުގެ ސަބަބުން، ރާއްޖޭގައި އިންސާފުވެރި ފަނޑިޔާރުގެއެއް ލިބިގެން ނުދާނެކަމަށެވެ. ޖޭއެސްސީގެ ޤާނޫނަށް އެންމެ ފަހުން މަޖިލީހުން ގެނައި އިޞްލާޙުގެ ދަށުން ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ) ޖޭއެސްއީގެ ދަށަށް ގެންގޮސް މުޅި ޝަރުޢީ ނިޒާމްގެ ކޮންޓްރޯލް، ޖޭއެސްސީން ނަގައިފައިވަނީ ޤާނޫނު އަސާސީއާ ޚިލާފަށްކަމަށް ޖަމީލް ފާހަގަ ކުރެއްވިއެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ ހައިޞިއްޔަތުން ޖޭއެސްސީގައި ހުންނެވި ކުރީގެ ރައީސް މުޙައްމަދު ނަޝީދު ޖޭއެސްސީން އިސްތިއުފާ ދެއްވާ ޖޭއެސްސީ އެކުލެވިގެންވާ ގޮތް ބަދަލުކުރެއްވުމަށް ޑރ. ޖަމީލް ގޮވާލެއްވިއެވެ. ދުނިޔޭގެ އެކި ޤައުމުތަކުން މިސާލު ނަންގަވައި އެތަންތަނުގައި ޖޭއެސްސީގައި މަޖިލީސް މެމްބަރުން ނުތިއްބަވާ ކަމަށް ޑރ. ޖަމީލް ވިދާޅުވިއެވެ.

ރައީސް ޔާމީނަށް ޙުކުމް އިއްވުމަށް ކުޑަތަންވެފައި ވަނިކޮށް ޖޭއެސްސީން އެމައްސަލަ ބައްލަވަމުން ގެންދެވި ފަނޑިޔާރު ސަސްޕެންޑް ކުރަން ނިންމެވުމަކީ ރާއްޖޭގެ ޢަދުލު އިންސާފު ޤާއިމްކުރުމުގެ ދާއިރާގައި ހިނގާ ދިޔަ އެންމެ ހުތުރުކަން ބޮޑު ޢަމަލުކަމަށް ޑރ. ޖަމީލް ވިދާޅުވިއެވެ. ދެންވެސް ސިޔާސީ ބޭފުޅެއްގެ މައްސަލައިގައި ޙުކުމް އިއްވާ ޤާޒީއަކަށް ސަސްޕެންޝަނެއް އައިސްދާނެކަމުގެ ބިރު މިއަދު ހިނގާދިޔަ ކަންތަކުން އެޤާޒީއަކަށް އޮންނާނެކަމަށް ޑރ. ޖަމީލް ފާހަގަކުރެއްވިއެވެ.

ސުޕްރީމް ކޯޓުގައި ނުވަތަ އުއްތަމަ ފަނޑިޔާރަކަށް ހިތްހަމަ ނުޖެހޭ މީހަކު ހުރުމަކީ މުޅި ނިޒާމް ބާރު ކަނޑުވާލަންޖެހޭ ކަމެއް ނޫންކަމަށް ޑރ. ޖަމީލް ވިދާޅުވިއެވެ. ރާއްޖޭގެ އުއްތަމަ ފަނޑިޔާރަށްވެސް އަދި އެހެން ފަނޑިޔާރަކަށް ވެސް ރައްކާތެރިކަމެއް ނެތްކަމަށް ޖަމީލް ފާހަގަ ކުރެއްވިއެވެ.

ޑރ. ޖަމީލް ވިދާޅުވީ ފަނޑިޔާރު ބަދަލުވިކަމުގައި ވިއަސް ރައީސް ޔާމީންގެ މައްސަލައިގައި އަލުން އަޑުއެހުންތައް ފަށަން ނުޖެހޭނެކަމަށެވެ. މައްސަލައިގައި ޖެހޭނީ މިހާރު އޮތް ހިސާބުން ޙުކުމް އިއްވަންކަމަށެވެ. ކުރިންވެސް ކަންކޮށްފައިވާ ގޮތަކީ އެއީކަމަށް ވިދާޅުވިއެވެ.

ރައީސް ޔާމީންގެ މައްސަލަ ބައްލަވާ ފަނޑިޔާރު ސަސްޕެންޑްކޮށްފައި ވަނީ އިޖްރާތުތައް ފުރިހަމަ ވެސް ނުކޮށްކަމަށް މިއަދުގެ ނިއުސް ކޮންފަރެންސްގައި ޑރ. ޖަމީލް ވިދާޅުވިއެވެ. އަދި ކުރިންވެސް އެފަނޑިޔާރުގެ މައްސަލައެއް ޖޭއެސްސީގައި ޕާކްކޮށްފައި އޮތުމުން މިއަދު ސަސްޕެންޑްކުރީ ކޮން މައްސަލައެއްގައި ކަންވެސް ސާފު ނުވާކަމަށެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.