އަމާޒަކީ ސިފައިންގެ ގާބިލްކަން މިހާރަށްވުރެ އިތުރު ކުރުން: މިނިސްޓަރ މާރިޔާ

ރައީސް އިބްރާހީމް މުޙައްމަދު ސާލިހުގެ ސަރުކާރުގެ އަމާޒަކީ ދިވެހި އަސްކަރިއްޔާގެ ގާބިލްކަން މިހާރަށްވުރެވެސް ބޮޑަށް އިތުރުން ކަމަށް ޑިފެންސް މިނިސްޓަރ މާރިޔާ އަހުމަދު ދީދީ ވިދާޅުވެއްޖެއެވެ.

މިނިސްޓަރ މިހެން ވިދާޅުވީ ނަސްރުގެ ދުވަހާ ގުޅިގެން މިރޭ ބޭއްވި ރަސްމީ ޖަލްސާގައި ވާހަކަ ދައްކަވަމުންނެވެ.

އެކަމަނާ ވިދާޅުވީ ދިވެހި އަސްކަރިއްޔާގައި މަސައްކަތްކުރާ ސިފައިންނަކީ ހިތްވަރުގަދަ ޚިދުމަތްތެރިން ކަމަށެވެ. އެކަން ނޮވެމްބަރު ތިނެއްގެ ޢުދުވާނީ ހަމަލާ ނާކާމިޔާބު ކޮށްލުމަށް ދެއްކި ހިތްވަރާއި އަޒުމުން ފެނިގެންދިޔަ ކަމަށް ވިދާޅުވިއެވެ. ގައުމަށް ދިމާވާ ކޮންމެ ކަމެއްގައި ވެސް އެންމެ އިސްކޮށް ޚިދުމަތް ކޮށްދޭން ތިބެނީ ވެސް ސިފައިން ކަމަށް ވިދާޅުވިއެވެ.

ހަނގުރާމައެއް ކުރިމަތިވިޔަސް، ފެންބޮޑުވިޔަސް، އަލިފާން ރޯވިޔަސް އަދި އެފަދަ އެހެން ކޮންމެ ހާލަތެއްގައި ވެސް އެންމެބޮޑަށް އެހީތެރިކަން ލިބެނީ ސިފައިންގެ ފަރާތުން ކަމަށް ވިދާޅުވިއެވެ

އެފަދަ ބޭފުޅުންގެ ކުރިއެރުމާއި ތަރައްގީއަށް އަބަދުވެސް މިސަރުކާރުން މަސައްކަތް ކުރައްވާނެކަމަށް އެކަމަނާ ވިދާޅުވިއެވެ. މިހާރުވެސް ސިފައންގެ ހުނަރާއި ގާބިލްކަން އިތުރު ކުރުމަށް ތަފާތު ގައުމުތަކަށް ފޮނުވައިގެން ތަމްރީން ކުރަމުންދާ ކަމަށް ވިދާޅުވިއެވެ. ނޮވެމްބަރު 3 ގެ އުދުވާން ރާއްޖެއަށް ކުރިމަތިވި އިރު އަސްކަރިއްޔާ އޮތްގޮތާއި އެފަހުން އެތަން ތަރައްގީވަމުން އައިސް އަދާހަމައަށް އައިއިރު ވަރަށްބޮޑަށް ކުރިއަރައިފައިވާ ކަމަށް ވެސް އެމަނާ ވިދާޅުވިއެވެ. މިސަރުކާރުން މަސައްކަތް ކުރައްވާނީ އަދިވެސް އިތުރަށް ކުރިއަރުވަން ކަމަށް މާރިޔާ ވިދާޅުވިއެވެ.

މިނިސްޓަރ ވިދާޅުވީ ނޮވެމްބަރު ތިނެއްގައި ރާއްޖެއަށް އައިސް މާލެ އެ އަރައިގަތް ގޮތަށް އަރަން ފަސޭހަ ނުވާނެ ކަމަށެވެ. ރާއްޖެއިން ބޭރުން އަންނަ އެފަދަ ފަރާތްތަކަށް ރާއްޖޭގެ ސަރަހައްދަށް ވަނުމުގެ ފުރުސަތުވެސް މިހާރުވަރަށް ބޮޑަށް ހަނިވެފައިވާ ކަމަށް އެކަމަނާ ވިދާޅުވިއެވެ.

މިނިސްޓަރ ވިދާޅުވީ ދިވެހި ސިފައިންގެ ސަފުތައް އޮތީ ވަރަށް ބަދަހިކޮށް ވަރުގަދަކޮށް ކަމަށެވެ. ސިފައިންގެ ހުވަޔަށް އިހުތިރާމްކޮށް ހުވައިގެ މަތީގައި ހުރިހާ ސިފައިންވެސް ދެމިތިބުމަށް މިނިސްޓަރ ވަނީ ނަސޭހަތް ދެއްވައިފައެވެ.

މިރޭގެ ޖަލްސާގައި އެކަމަނާ ވަނީ ސިފައިންގެ މަޖައްލާ "އައްޑަނަ" ގެ 26 ވަނަ ޢަދަދު ވެސް ނެރެދެއްވައިފައެވެ. އައްޑަނަ މަޖައްލާއަކީ، ކޮންމެ އަހަރަކު ދެފަހަރު އެމްއެންޑީއެފުން ނެރެމުންދާ ފޮތެކެވެ. މިފަހަރުގެ ޢަދަދުގައިވެސް ކިޔަލަން ކަމުދާ އެތައް މަޒުމޫނަކާއި ރިޕޯޓެއް ހިމަނާފައިވެއެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.