ދުނިޔޭގެ އެންމެ ފައިދާ ބޮޑު ކުންފުނި، ސައޫދީ އަރާމްކޯ ހިއްސާ ވިއްކަން ތައްޔާރުވެއްޖެ

ސައޫދީ އަރަބިއްޔާގެ ވެރިރަށް ރިޔާޟުގެ ހިއްސާގެ ބަޒާރުގައި ހިއްސާ ވިއްކަން ފަށަން ތައްޔާރުވަމުން އަންނަކަން، ދުނިޔޭ އެންމެ ބިޔަ އަދި އެންމެ ފައިދާ ބޮޑު ކުންފުނި ސައޫދީ އަރަބިއަން އޮއިލް ކޮމްޕެނީ (އަރާމްކޯ)އިން ބުނެފިއެވެ.

އެ ކުންފުނިން ފުރަތަމަ އާންމުކޮށް ވިއްކަން ހުޅުވާލާ ހިއްސާ، އިނިޝިއަލް ޕަބްލިކް އޮފަރިންގ (އައިޕީއޯ) އަކީ ކުންފުންޏަކު ފަށާ އެންމެ ބޮޑު އައިޕީއޯ ކަމުގައިވާނެކަމަށް އިގްތިސާދީ ތަޖުރިބާކާރުން ދެކެއެވެ.

އަރާމްކޯއިން ހިއްސާ ވިއްކަން ފަށަން ތައްޔާރުވާކަން މިއަދު ހާމަކުރި އިރު، ހިއްސާ ވިއްކާނެ ދުވަސްތަކާއި މުއްދަތު އަދި ވިއްކަން ނިންމާފައިވާ ހިއްސާގެ މިންވަރު އެކުންފުނިން ހާމަކޮށްފައި ނުވެއެވެ. ނަމަވެސް، ކަމާ ގުޅުންހުރި  ބައެއް ފަރާތްތަކުން ބޭރުގެ ޚަބަރުފަތުރާ ބައެއް އިދާރާތަކަށް މައުލޫމާތު ދިން ގޮތުގައި، ކުންފުނިން ހިއްސާ ވިއްކުމާ ބެހޭ ފޮތް މި ނޮވެންބަރު މަހުގެ ދިހަވަނަ ދުވަހު ނެރޭނެއެވެ. އަދި އެ ކުންފުނީގެ ހިއްސާގެ %1 ނުވަތަ %2 ސައޫދީ ހިއްސާގެ ބާޒާރުގައި ވިއްކަން ނެރުމަކީ ގާތް ކަމެކެވެ. އެ އަދަދަށް ހިއްސާ ވިއްކުމުން 20 ބިލިއަނާ 40 ބިލިއަން އެމެރިކާ ޑޮލަރާ ދެމެދުގެ އަދަދަކަށް ފައިސާ ލިބޭނެ ކަމަށް ލަފާކުރެވެއެވެ. 25 ބިލިއަން އެމެރިކާ ޑޮލަރަށް ވުރެ އިތުރަށް ހިއްސާ ވިއްކިއްޖެއްޔާ 2014 ވަނަ އަހަރު ޗައިނާގެ އަލީބާބާ ކުންފުނިން ހަދާފައިވާ ރިކޯޑް މުގުރާލެވޭނެއެވެ.

ބޭންކުތަކުން ލަފާކޮށްފައިވާ  ގޮތުގައި އަރާމްކޯގެ ޖުމްލަ އަގު 1.5 ޓްރިލިއަން (1500 ބިލިއަން) އެމެރިކާ ޑޮލަރަށް އަރައެވެ.

ހިއްސާގެ ބާޒާރަށް އަރާމްކޯއިން ނުކުންނަން މި ނިންމީ، އެ ކުންފުނީގެ ތެޔޮ ސާފުކުރާ ދެ ކާރްޚާނާއަކަށް މީގެ ހަތް ހަފުތާކުރިން ދިން ހަމަލާތައްގައި ބޮޑެތި ގެއްލުންތަކެއް ވެފައި ވަނިކޮށެވެ.

މިއަދު އެކުންފުނިން އާއްމު ކުރި ބަޔާނުގައި ވާގޮތުން، ސެޕްޓެންބަރު 30 ގައި ނިމުނު މިއަހަރުގެ ފުރަތަމަ 9 މަސްދުވަހުގެ ތެރޭގައި އެ ކުންފުނިން ވަނީ ސާފު އާމްދަނީގެ ގޮތުގައި 68 ބިލިއަން އެމެރިކާ ޑޮލަރު ހޯދާފައެވެ. އަދި އެ މުއްދަތުކުގައި އެ ކުންފުނިން ކުރި ވިޔަފާރިން 244 ބިލިއަން އެމެރިކާ ޑޮލަރުގެ އާމްދަނިއެއް ވަނީ ލިބިފައެވެ.

ސައޫދީ ސަރުކާރުގެ %100 ހިއްސާ އޮތް ކުންފުނީގެ ހިއްސާ އާއްމު ހިއްސާގެ ބާޒާރުގައި ވިއްކައިގެން ފައިސާ ހޯދުމުގެ މައިގަނޑު އެއް ބޭނުމަކީ ސައޫދީ ވަލީއަހުދު މުޙައްމަދު ބިން ސަލްމާންގެ 2030 ގެ  ތަރައްގީގެ ތަސައްވަރުގައި ހިމެނޭ މަޝްރޫއުތައް ހިނގައިގަތުން އަވަސްކުރުމެވެ.

1933 ވަނަ އަހަރު ކެލިފޯނިއަން އަރަބިއަން ސްޓޭންޑަޑް އޮއިލް ކޮމްޕެނީގެ ނަމުގައި ފެށި ކުންފުނި، 1944 ވަނަ އަހަރު ވަނީ އަރަބައިން އެމެރިކަން އޮއިލް ކޮމްޕެނީ (އަރާމްކޯ) ގެ ނަމަށް ބަދަލުވެފައެވެ. އަދ ފަހުން 1988 ވަނަ އަހަރު ސައޫދީ އަރަބިއަން އޮއިލް ކޮމްޕެނީއަށް ކުންފުނީގެ ނަން ބަދަލުކުރިނަމަވެސް، ކުރިން ބޭނުންކުރި ކުރު ނަން 'އަރާމްކޯ' ބަދަލުކޮށްފައި ނުވެއެވެ.

ދުނިޔޭގައި ދުވާލަކު އުފައްދާ ތެލުގެ ކޮންމެ އަށް ފީފާއަކުން އެއް ފީފާ އުފައްދާ އަރާމްކޯގައި 65 ހާހަށް ވުރެ ގިނަ މުވައްޒަފުން ވަޒީފާ އަދާކުރެއެވެ.

މުޙައްމަދު ޢަބްދުﷲ
މުޙައްމަދު ޢަބްދުﷲ އަކީ އާފަތިހަށް ލިޔުއްވާތާ އެތައް އަހަރެއް ވެފައިވާ ޢިލްމުވެރި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. ދީނީ ލިޔުމާއި ދުނިޔޭގެ ޚަބަރުތަކަށް އަރައިހުންނެވި ކުޅަދާނަ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.