ސިފައިން ބަޣާވާތެއް ކޮށްފާނެކަމަކަށް ނުދެކެން: ޑިފެންސް މިނިސްޓަރ

ފޮޓޯ: އެމްއެންޑީއެފް

ދިވެހި ސިފައިން އަމިއްލައަށް ނުކުމެ ބަޣާވާތެއް ކޮށްފާނެކަމަށް ދެކެޑަވައި ނުގަންވާކަމަށާއި އެފަދަ ކަމަކަށް ސިފައިން ނުކުންނަ ވަރަށްވުރެ ސަފުތައް ބަދަހިވެފައި ވާކަމަށް ޑިފެންސް މިނިސްޓަރ މާރިޔާ އަޙްމަދު ދީދީ ވިދާޅުވެއްޖެއެވެ.

އެކަމަނާ މިހެން ވިދާޅުވީ މިއަދު ހެނދުނު ރާއްޖެ ޓީވީގެ 'ފަށާއިރު' ޕްރޮގްރާމާގައި ވާހަކަ ދައްކަވަމުންނެވެ. މާރިޔާ ވިދާޅުވީ، ސިފައިންގެ ސަފުތައް ބަދަހިވެފައި ވަނީ އެމީހުންގެ ވެސް ޚިޔާލު ހޯދައިގެން އެމީހުންނަކީވެސް ބައެއް ކަމަށް ބަލައިގެން ކަމަށެވެ. އަދި ސިޔާސަތުތައް އެކުލަވާލާ ތަންފީޒުކުރަމުން ދަނީ އެމީހުންގެ އަޑު އަހައިގެން ކަމަށެވެ. އެހެންކަމުން މިހާރު އަޑީގައި ބަޔަކު ތިބެގެން ސިފައިންނަށް، ބަޣާވާތަކަށް ހިތްވަރުދީގެން ކަމެއްކުރަން އުދަނގޫވާނެ ކަމަށް ޤަބޫލު ކުރައްވާކަމަށް މާރިޔާ ވިދާޅުވިއެވެ.

"އަޅުގަނޑުމެން ބަޣާވާތެކޭ ކިޔައިއުޅުނީ 7 ފެބްރުއަރީ. އޭރުވެސް ފެނިވަޑައިގެންނެވީ ސިޔާސި ބޭފުޅުން ފުލުސް އޮފީހަށް ވެދެވަޑައިގެން ތިއްބެވިތަން. މުޙައްމަދު އަމީނާ ހަމައިންވެސް އެފަދަ ކޮންމެ ކަމެއްގައިވެސް ފެނިގެން ގޮސްފައިވަނީ ސިޔާސީ ބޭފުޅުން." މާރިޔާ ވިދާޅުވިއެވެ.

ސިފައިންނަކީ އެމީހުންގެ އެންމެ އިސްވެރިޔާ، ކޮމާންޑަރ އިން ޗީފްގެ އަމުރުތައް ތަންފީޒުކުރުމަށް ހުވާކޮށްގެން ތިބޭ ބަޔަކަށް ވުމުން. މިއަދުވެސް ކޮމާންޑަރ އިން ޗީފްގެ އަމުރު އެގޮތަށް އައިސްފިނަމަ ސިފައިންގެ ފައުޖު ސުޕްރީމް ކޯޓަށް ވަންނާނެކަމަށް މާރިޔާ ވިދާޅުވިއެވެ. ނަމަވެސް ޤާނޫނީ އިމުގެ ތެރެއިން ނޫނީ ޢަމަލު ނުކުރައްވާނެކަމަށް ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެފައި ވުމުން އެމަނިކުފާނު އެފަދަ އަމުރެއް ކުރައްވާނެކަމަށް ދެކެވަޑައި ނުގަންނަވާމަމަށް ވިދާޅުވި އެވެ. ނަމަވެސް ކުރިން ފެނިގެން ދިޔާއީ އެއާ ޚިލާފަށް ސިފައިންގެ މަތީ ވެރިޔާގެ އަމުރަށް ސިފައިންގެ ފައުޖުތައް ސުޕްރީމް ކޯޓަށް ވަދެ އުއްތަމަ ފަނޑިޔާރާއި އިތުރު ފަޑިޔާރަކު ހައްޔަރު ކުރިތަން ކަމަށް، ރައީސް ޔާމީންގެ ނަން ވިދާޅުނުވެ މާރިޔާ ވިދާޅުވިއެވެ.

އަދި ސިފައިންނަށް ކުރިއަށް ވުރެ ގިނަ ތަމްރީނުތަކުގެ ފުރުޞަތުތައް ވެސް މި ސަރުކާރު އައިފަހުން ފޯރުކޮށް ދެވިފައިވާ ކަމަށް މާރިޔާ ފާހަގަ ކުރެއްވިއެވެ. އަދި ސިފައިންގެ ފައުޖުތައް އިތުރުކުރުމަށްވެސް މަސައްކަތް ކުރެވެމުންދާކަން ފާހަގަ ކުރެއްވިއެވެ.

"އަޅުގަނޑުގެ އުއްމީދަކީ މި ފަސް އަހަރު ތެރޭގައި ސިފައިންނަކީ ވަރަށް ޕްރޮފެޝަނަލް، ރައްޔިތުން ލޯބިވާ، ރައްޔިތުންގެ ޚިދުމަތުގައި، ރައްޔިތުންގެ ސަލާމަތްތެރިކަމަށް ރައްޔިތުންނާ އެކީގައި މަސައްކަތްކުރާ ބައެއް ގޮތަށް ބައްޓަން ކުރުން." މާރިޔާ ވިދާޅުވިއެވެ.

1 ޚިޔާލު

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.