ފުލުހަށް ހާޒިރު ވެވެން ނެތްކަމަށް އަޒްރާ އަންގައިފި

ރައްކާތެރި މާހައުލެއް ނެތްކަމަށްބުނެ، މޯލްޑިވިއަން ޑިމޮކްރެސީ ނެޓްވާރކް (އެމްޑީއެން) ގެ އިސް މެމްބަރެއް ކަމުގައިވާ އަޒްރާ ނަސީމް ފުލުހަށް ހާޒިރު ވެވެން ނެތްކަމަށް އަންގައިފި އެވެ. އޭނާ މިވަގުތު އުޅެނީ ރާއްޖެއިން ބޭރުގައެވެ.

އަޒްރާ އަކީ އިސްލާމާދީނަށާއި ކީރިތި ރަސޫލާ ޞައްލަﷲ ޢަލައިހި ވަޞައްލަމަށް ފުރައްސާރަކޮށް "ޕްރިލިމިނަރީ އެސެސްމަންޓް އޮފް ރެޑިކަލައިޒޭޝަން އިން މޯލްޑިވްސް" ރިޕޯރޓް ލިޔުމުގައި ބައިވެރިވެފައިވާކަމުގެ ތުޙުމަތުގައި ތަޙްޤީޤަށް ޙާޒިރުވުމަށް ފުލުހުން ޗިޓް ފޮނުވައިފައިވާ މީހެކެވެ.  ފުލުހަށް ހާޒިރުވުމަށް ދެ ހަފަތާގެ މުއްދަތެއް ފުލުހުން އޭނާއަށް ދެއްވިއެވެ. މަޢުލޫމާތު ލިބިފައިވާ ގޮތުގައި އެމުއްދަތު ހަމަވާނީ މިމަހު ފަސްވަނަ ދުވަހުއެވެ

ސަލާމަތީ ސަބަބުތަކަށްޓަކައި ރައްކާތެރި މާހައުލެއް ލިބޭނެކަމުގެ ޔަޤީންކަން ނެތްކަމަށް ފާހަގަކޮށް ރާއްޖެ އައުމަށް އުޒުރުވެރިވާކަމަށް އޭނާ އަންގައިފައިވާކަމަށް ފުލުހުން ބުނެއެވެ. ނަމަވެސް އެކަމުގައި ފުލުހުން ދެންއަޅުއްވާނީ ކޮން ފިޔަވަޅެއްކަމެއް ހާމައެއް ނުކުރައްވައެވެ.

އަޒްރާގެ އިތުރުން އެމްޑީއެން ގެ ރިޕޯޓު ލިޔުމުގައި ބައިވެރިވި ކަމުގެ ތުހުމަތުގައި ޝަހިންދާ އިސްމާޢީލަށް ވެސް ވަނީ ޗިޓު ފޮނުވައިފައެވެ. ފުލުހަށް ހާޒިރުނުވެވޭނެ ކަމަށް އޭނާ އަދި އަންގާފައެއް ނުވެއެވެ. އޭނާޔަށް ޗިޓު ފޮނުވި މުއްދަތުވެސް އަދި ހަމަނުވާކަމަށް ފުލުހުން ވަނީ ބުނެފައެވެ.

އެމްޑީއެންގެ ރިޕޯރޓްގައި އިސްލާމްދީނަށް ފުރައްސާރަކޮށްފައިވާ މައްސަލަ ފުލުހުން ވަނީ ޔޫތުމިނިސްޓްރީއަށް ފޮނުއްވައިފައެވެ. ފުލުހުން މިމައްސަލަ ޔޫތު މިނިސްޓްރީއަށް ފޮނުއްވުމާ ގުޅިގެން  ރިޕޯރޓް ލިޔުނު ފަރާތްތަކުގެ ހިތުގައިވާކަންކަން ނުވަތަ ނިޔަތް ދެނެގަނެވިފައިވޭތޯ އެޖަމްޢިއްޔާގެ އިސްމީހެއް ކަމަށްވާ ޝަހިންދާ ވަނީ ސުވާލު އުފައްދައިފައެވެ.

"ރިޕޯރޓް ލިޔުނު މީހުންގެ ނިޔަތް ދެނެގަތުމަށްޓަކައި މަނިކުފާނުގެ ތަޙްޤީޤް ވެރިންނާއި ޢިލްމުވެރިން ޓެލެޕަތީގެ ބޭނުން ކުރެއްވިކަމަށް ވެސް މިނިސްޓްރީއަށް އެންގެވިންތޯ؟" ސަހީންދާގެ ޓްވީޓްގައި ވެއެވެ.  އަދި އެކަމާ ހައިރާންވާ ކަމަށްވެސް ޝަހިންދާގެ ޓްވީޓްގައި ވަނީ ބުނެފައެވެ.

ރައީސް ޔާމީންގެ އާއްމު ތަޤްރީރު ތަކުގައި ދައްކަވައިފައިވާ ވާހަކަފުޅުތައް ތަޙްޤީޤްކުރަން ވެސް "ޓެލެޕަތީގެ" ބޭނުން ކުރެއްވުމަށް އޭނާ ވަނީ އެދިފައެވެ. ޝަހިންދާ އަށްވެސް ފުލުހުންވަނީ ޗިޓް ފޮނުވައިފައެވެ. އެހެންނަމަވެސް އެކަމާމެދު އޭނާ އަދި ވަކިއެއްޗެއް ނުބުނެއެވެ.

ފުލުހުން ނެރުނު ބަޔާނުގައި ވަނީ އެމްޑީއެން އިން ނެރުނު ރިޕޯޓަށް ހެދި ޢިލްމީ ދިރާސާއިން އެ ރިޕޯޓުގައި އިސްލާމް ދީނަށް ތައުހީން ކުރުމުގެ ގޮތުން ފާޑު ކިޔާފައިވާ ކަން ފާހަގަވެފައިވާ ކަމަށެވެ. އަދި އިސްލާމްދީނާއި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމައަށް ވެސް އެ ރިޕޯޓުގައި ފުރައްސާރަކޮށްފައިވާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

1 ޚިޔާލު

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.