އިތުބާރު - 10

(29 އޮކްޓޯބަރ 2019 ގައި ޝާއިއުކުރި ބަޔާ ގުޅޭ)

ޢާރިފީންގެ އެންމެ ދޮށީ ދައްތަ ތިރިއަށް ގޮސް ބޮޑުބޭބެ ގާތު ވާހަކަ ދެއްކީ ބޮޑުދައިތަ ބުނި ގޮތަށެވެ. އޭނާ މަތީބުރިއަށް އެރި އިރުވެސް ހުރީ ރުޅި އައިސް ރަތްވެފައެވެ. ބޮޑުބޭބެ ފެނުމާއެކު ބޮޑުދައިތަ ރޮއިގެންފައި އޭނާގެ ޝަކުވާ އޮއްސައިލައިފިއެވެ. ޞަބާ ފެނުމާއެކު ބޮޑުބޭބެގެ ރުޅި ކޮޅުން ލައިފިއެވެ. ޞަބާ ދެއްކި އެއްވެސް ވާހަކައެއް އަޑެއް  ނޭހިއެވެ. މިހާރަކު އެކަކުވެސް އޭނާގެ ވާހަކަ އަޑެއް ނާހައެވެ. އޭނާ މަންމަންވީއޭ ނުވަތަ ދެން ތިބި މީހުން ބީރު ވީއޭ ހިތަށް އެރިއެވެ. ބޮޑުބޭބެގެ ދުލުން ނުކުންނާން ފެށި ވާހަކަތައް އަޑު އެހުމަކީވެސް ބޮޑު ވޭނަކަށް ވެއްޖެއެވެ.

"އަހަރެން މިއަދަކު މި ގޮތްކުޑަ އަންހެންމީހާ ދުލެއް ނުކުރާނަން. ބަޑި ޖަހައި މަރައިލާނީ. ދެން މިކަހަލަ ކަމެއް ކުރަން ދުނިޔޭގައި ނުހުންނާނީ އޭރުން."

ޞަބާއަށް އާދަޔާ ޚިލާފު ޚިޔާލެއް ކުރެވިއްޖެއެވެ. ޢާދިލް ހެދި ގޮތަށް ސިޑިއާ ދިމާއަށް ދުއްވައިގެންފިއެވެ. ދެން ތިބި މީހުންވެސް އޭނާގެ ފަހަތުން ދުއްވައިގެންފިއެވެ.

"ސުންޕާ ޑައިނު... ދޭ... ގެއަށް ދޭ. މިތާނގައި ހުރެގެން ކޮން ކުޅިއެއް ކުޅޭކަށް؟ ކަލޭ ބޭނުން ވަނީ އަހަރެންގެ ބައްޕަގެ އަތުން މަރުވާންތަ؟ އާނ... އޭރުންތާ އަހަރެންގެ ބައްޕަ ދަން ޖައްސާނީ. އަހަރެމެންގެ ގެ ބަރުބާދު ވާނީ އޭރުންނެއްނު؟ ދޭ... ރައްކާވޭ. މިގެއިން ނުކުމެގެން ދޭ." ސިޑިން ތިރިއަށް ފޭބުމާއެކު އޭނާގެ އަތުގައި ހިފީ ޢާރިފީންގެ އެންމެ ދޮށީ ދައްތައެވެ. ދަމާފައި ބޭރަށް ގެންދަމުން ހަޅޭއް ލަވަމުން ދިޔައެވެ. އޭނާގެ ދޯޕައްޓާ ބިންމައްޗަށް ވެއްޓިއްޖެއެވެ. ދޯޕައްޓާ ނަގާނޭ ފުރުސަތެއްވެސް ދައްތައެއް ނުދިނެވެ. އޭނާ ލޮލުން ފައިބާ ކަރުނަ ހިފެހެއްޓޭތޯ މަސައްކަތް ކުރަމުން ދިޔައެވެ.

ތިރީގެ ހައިޖާނު ވަރަށް ބޮޑެވެ. ބޮޑުބޭބެ ފިސްތޯލަ ނަގަނީއެވެ. ބޮޑުދައިތައާއި އޭނާގެ ދެ ފިރިހެން ދަރިން ބޮޑުބޭބެ ހިފެހެއްޓޭތޯ މަސައްކަތް ކުރަނީއެވެ. ސަރްމުދް ކުއްލިއަކަށް ބޮޑުބޭބެގެ އަތުގައި އޮތް ފިސްތޯލަ ޖަހައިގެންފިއެވެ. ޞަބާ ބާރަށް ދުވެފައި ގޮސް ގޯތި ތެރެއަށް ނުކުމެއްޖެއެވެ.

"މިއަދުން ފެށިގެން އަހަރެންގެ ދޮށި ދަރިއެއް ނެތް. އަހަރެން ބަލާނީ ކަލޭ މަރުވީ ކަމަށް. އަހަރެންގެ ގެއަށް ވަންނާނަމޭ ހިތަށްވެސް ނާރުވާތި. ކަލޭ ދާނެ ތަނަކަށް ދޭ. އަހަރެންގެ ގެއަށް ވަދެގެން ނުވާނެ." ދުވެފައި ދިޔައިރު އޭނާއަށް އޭނާގެ މަންމަގެ އަޑު އިވެއެވެ.

ބޭރަށް ނުކުމެ އޭނާ، އޭނާގެ ކޮއްކޮ އަޤްޞާގެ އަތުގައި ހިފިއެވެ. އަދި އޭނާގެ ގެޔާ ދިމާއަށް ހިނގައިގެންފިއެވެ. ގެޔާ ކައިރިއަށް ގޮސްފައި ކުއްލިއަކަށް ހުއްޓިއްޖެއެވެ. އޭނާގެ ގެ ފިޔަވައި އަނެއް ތިން ގޭގެ ކުރިމަތީގައި މީހުން ޖަމާ ވެފައި އޮތެވެ. އޭގެ ތެރެއިން ބައެއް މީހުން އޭނާއަށް އެނގެއެވެ. ބައެއް މީހުން އޭނާއަކަށް ނޭނގެއެވެ. އެކަމަކު މިއަދުގެ ފަހުން އެއިން އެއްވެސް މޫނެއް އޭނާގެ ހަނދާނަކުން ނުފިލާނެއެވެ. އޭނާގެ ކަކުލު ހުޅުން ވާގި ދޫވީ ކަހަލައެވެ. އޭނާއަށް ބިންމަތީގައި އިށީނދެވިއެްޖެއެވެ. އަދި ކުރުގެޅިގެން ކަހަލަ ގޮތަކަށް އިނދެ، ދެ ކަކުލުން މޫނު ފޮރުވޭތޯ މަސައްކަތް ކުރިއެވެ. ނުރައްކާތެރި ކަމެއް ދިމާވީމާ ކޮތަރު ލޯ މަރައިލަނީ ކީއްވެގެން ކަމަށް އޭނާއަށް އެނގުނީ މިއަދުއެވެ.

ކުއްލިއަކަށް އިވޭން ފެށީ ބޮޑުބޭބެގެ އަޑެވެ. އޭނާ އިސް އުފުލައި ބަލައިލިއެވެ. ބޮޑުބޭބެ ގޯތި ތެރެއަށް ނުކުމެގެން ހިނގާފައި އަންނަނީ އޭނާޔާ ދިމާއަށެވެ. އޭނާ ކޮޅަށް ތެދުވެއްޖެއެވެ.

"އަހަންނާ މެދު ކަންތައް ކުރެވުނު ގޮތް އަހަރެން ބޮޑުބޭބެއަށް ކިޔައި ދޭނަމެވެ. ހުރިހައި ވާހަކައެއް ކިޔައި ދޭނަމެވެ." އޭނާގެ ހިތަށް އެރިއެވެ. ބޮޑުބޭބެގެ މޫނު ހީވަނީ ރަތް އަނގުރުގަނޑެއްހެންނެވެ.

"ބޮޑުބޭބޭ. އަޅުގަނޑުގެ ވާާހަކަ އައްސަވާާ..." ބޮޑުބޭބެ ކައިރިއަށް އައީމާ އޭނާ ވަރަށް ބާރަށް ބުންޏެވެ. އެކަމަކު ބޮޑުބޭބެ ހުރީއަކީ އެއްވެސް ވާހަކައެއް އަޑުއަހާ ކަހަލަ ފިކުރެއްގައެއް ނޫނެވެ. "ތިޔަހެން ނުހައްދަވާ..." އޭނާ ބިރުން ހުރެ ކިޔަމުން ދިޔައެވެ.

ހަތަރުގޭގެ އެންމެންނާއި ބޭރުން އައިސް ތިބި އެންމެން އެތަނަށް ޖަމާ ވެއްޖެއެވެ. ކުޑަކުދިންވެސް ވާ ނުވާ ބަލަން ވެގެން ނުކުމެއްޖެއެވެ.

ބޮޑުބޭބެ އޭނާގެ އިސްތަށިގަނޑުގައި ހިފައި ބިން މައްޗަށް ވައްޓައިލިއެވެ. އަދި އަރައިގެން ހުރި ހަން ފައިވާންކިބަ ބޭލިއެވެ. ޞަބާ ބިރުންގޮސް ތުރުތުރު އަޅާން ފަށައިފިއެވެ.

"ބޮޑުބޭބޭ..!" އޭނާގެ އަޑު އަރު ތެރޭގައި ތާށި ވެއްޖެއެވެ. ބޮޑުބޭބެ އެޔެއް މިޔެއް ނުބަލައި ފައިވާން ކިބައިން އޭނާގެ ބޮލުގަޔާއި ބުރަކަށީގަޔާއި ކަންކަށިމަތީގައި ތަޅާން ފަށައިފިއެވެ. އޭނާ ބޮޑުބޭބެގެ އަތުގައި ހިފެހެއްޓޭތޯ މަސައްކަތް ކުރިއެވެ. އެކަމަކު ތެޅުން ހުއްޓުވޭ ގޮތެއް ނުވިއެވެ. އޭނާ ދެއަތް ޖޯޑު ކޮށްފައި ބޮޑުބޭބެޔާ ދިމާއަށް ބަލައިލިއެވެ. "ބޮޑުބޭބޭ. މިތާނގައި އެންމެންގެ ކުރިމަތީގައި އަޅުގަނޑުގެ ގައިގައި ނުތަޅުއްވާ. ތަޅުއްވަން ބޭނުން ވެލައްވަންޏާ ގޭތެރެއަށް އަޅުގަނޑު ވައްދަވައިގެން ތަޅުއްވާ. އެހެން ނޫނީ އަޅުގަނޑުގެ ގަޔަށް ބަޑި ޖައްސަވާ. ނޫނީ އަޅުގަނޑުގެ އަތަށް ފިސްތޯލަަ ދެއްވާ. އަޅުގަނޑު އަމިއްލައަށް މަރު ވެގެންފާނަން."

ބޮޑުބޭބެގެ ތެޅުމެއް ނުހުއްޓުނެވެ. ހަން ފައިވާނުގެ ހޫނު އެތިފަަހަރުތައް އޭނާގެ ބޮލަށް އަރަމުން ދިޔައެވެ. އޭނާ އެއްވެފައި ތިބި މީހުންނާ ދިމާއަށް ބަލައިލުމަށް ފަހު ދެ ކަކުލުން މޫނު ފޮރުވޭތޯ އަނެއްކާވެސް މަސައްކަތް ކުރިއެވެ. މިހާރު އޭނާ އަނގައިން ބުނާކަށް މަސައްކަތެއް ނުކުރެއެވެ. އަދި ސަލާމަތް ވާކަށްވެސް ނޫޅެއެވެ. ބޮޑުބޭބެ ތަޅާނެ ވަރަކަށް ތަޅާން އޭނާގެ ހަށިގަނޑު ދޫކޮށްލައިފިއެވެ.

އޭރު އޭނާއަށް އަޤްޞާގެ އަޑު އިވެއެވެ. "ދައްތާ. ދައްތަ ތިޔަހެން ހެދީ ކީއްވެގެން؟ ތިޔައީ ކީއްވެގެން ކުރިކަމެއް؟"

ތަދާއި ވޭން ދިޔައީ ބޮޑު ވަމުންނެވެ. އެއް ފަހަރު އިސް އުފުލައި އަޤްޞާއާ ދިމާއަށް ބަލައިލާން އޭނާ ބޭނުން ވިއެވެ. އެކަމަކު އިސް އުފުލައެއް ނުލެވުނެވެ.

އޭނާއަށް ފެންނަނީ މަހުޝަރުގެ މައިދާނެވެ.

* * *

ޙައިދަރުގެ އިންޒާރަކުން އޭނާއަކަށް އެއްވެސް އަސަރެއް ނުކުރެއެވެ. ވަޒީފާއެއް ހޯދާން ކުރާ މަސައްކަތް ކުރިއަށްވުރެ ހަލުވި ކޮށްލީއެވެ. ހައެއްކަ ހަފުތާ މި ގޮތުގައި ފާއިތުވެ ދިޔަ ފަހުން އެކަޑެމީއެއްގެ އެހީތެރިކަމާއެކު އޭނާއަށް ކުޑަކުއްޖަކަށް ހިސާބު ޓިއުޝަން ދޭނޭ ވަޒީފާއެއް ލިބިއްޖެއެވެ. އެއީ ދެ ގަޑިއިރަށް ދެހާސް ރުފިޔާ ލިބޭ ވަޒީފާއެކެވެ. އެވަރުން އޭނާއަށް ފުދޭނެއެވެ. ކިޔަވައި ދޭން ދާން ޖެހެނީ މެންދުރު ފަހު ދޭއް ޖަހާއިރުއެވެ. ނިމެނީ ހަވީރު ހަތަރެއް ޖެހީމައެވެ. އޭނާ ޢާރިފީން ޢައްބާސް ގާތު ބުނީ އެހެން ވާހަކައެކެވެ. ކޮންމެވެސް ތަނަކަށް ފަހަން ދަސްކުރާން ދާ ވާހަކައެވެ. ކޮންމެ ދުވަހަކު ދެގަޑިއިރު ދާން ޖެހޭ ކޯހެެއް ކަމުގައެވެ. ޢާރިފީން ދެކޮޅުހެދުމެއް ނެތި ވަގުތުން ހުއްދަ ދީފިއެވެ. ޙައިދަރު ސުވާލު ކުރީމާވެސް އޭނާ ބުނީ އެހެންނެވެ. ވަޒީފާ ހޯދާން ދުވާލު ހަތަރުދަމު ދެފައި އެއްތާ ނުޖަހައި ހިނގި މީހަކު ކުއްލިއަކަށް ކިޔަވަން ދާން ފެށީމާ ޙައިދަރު ހައިރާން ވިއެވެ. އެކަމަކު އެކަމަކާ އެވަރަކަށް ނުވިސްނައެވެ. އޭނާ ނިންމީ އޭނާގެ ވާހަކައިގެ އަސަރު ސާރާއަށް ކުރީ ކަމަށެވެ.

ބަންދު ދުވަހެކެވެ. ޙައިދަރު އޭނާގެ ރައްޓެއްސަކު ގޮވައިގެން ގެއަށް އަތުވެއްޖެއެވެ. ސާރާއާއި ޢާރިފީން އާ ދެމީހުން ތިބީ ބަގީޗާ ތެރޭގައި ހުރި މޭޒެއްގެ ދޮށުގައި އިށީނދެގެންނެވެ. ޙައިދަރު އޭނާގެ ރަހުމަތްތެރިޔާ ގޮވައިގެން ދިޔައީ ބޮޑުކޮޓަރިއަށެވެ. އެތާނގައި ތިބޭ އިރު ބޭރުން ސާރާމެން އިށީނދެގެން ތިބިތަން ފެނެއެވެ. ރަހުމަތްތެރިޔާއަށް ސާރާ ފެނުނީމާ ސިހިފައި އަހައިލިއެވެ. "އެއީ ކާކު؟"

ޙައިދަރުވެސް ހައިރާން ވެފައި ބުންޏެވެ. "ބައްޕަގެ ދެބެއިންގެ ދެދަރި މީހެއްގެ ދަރިއެއް. މި ގޭގައި މިހާރު އުޅެނީ. އޭނާ ދަންނަމުތަ؟"

"ނޫނޭ. ނުއެއް ދަންނަން. އަހަރެންގެ ދައްތަގެ ދަރިފުޅަށް ކިޔަވައިދޭން އޭނާ ދޭ. މިގެއިން ފެނުނީމާ ހައިރާންވީ. އެހެން ވެގެން އަހައިލީ."

ޙައިދަރަކަށް ބުނާނޭ އެއްޗެއް ނޭނގުނެވެ. "ކިޔަވައި ދޭތާ ކިހައި ދުވަހެއް ވެއްޖެ؟" އޭނާ އެންމެ ފަހުން އަހައިލިއެވެ.

"އެޔެއް ނޭނގޭ އަހަންނަކަށް. ދައްތަގެ ގެއަށް ދިޔަ ދެތިން ދުވަހަކު އެގެއިން ދުށިން. ކިޔަވައިދޭން ދާތާ ވީ ކިހައި ދުވަހެއް ކަމެއް އަހަންނަކަށް ނޭނގޭ."

އޭނާގެ ވާހަކަ އަޑު އެހުމަށް ފަހު ޙައިދަރު އިތުރު ސުވާލެއް ނުކުރެއެވެ. އޭނާގެ މޫޑު އެއް ފަހަރުން ޚަރާބު ވެއްޖެއެވެ. ރަހުމަތްތެރިޔާ އިރުކޮޅަކު ހުރެފައި ހިނގައްޖެއެވެ. އޭނާ ދިޔައީމާ ޙައިދަރު ދިޔައީ ބޭރަށް އޭނާގެ ބައްޕައާއި ސާރާއާ ދެމީހުން ތިބި ތަނަށެވެ.

ތުންދަމައިގެން ހުރެ ގޮނޑިއެއްގައި އިށީނދެއްޖެއެވެ. "ސާރާ. ކޮންމެ ކަމެއް ކުރިޔަސް އެކަމެއްގެ ވާހަކަ ބައްޕައަށް ނަންގަންނާށޭ އަހަރެން ބުނީމެއްނު؟ އެކަމަކު ސާރާ ކަންތައް ކުރީ އެހެންނެއް ނޫން. ބައްޕަ ގާތު މުޅީން އެހެން ވާހަކައެއް ބުނެފައި ކުއްޖަކަށް ޓިއުޝަން ދޭން ދަމެއްނު؟" ޙައިދަރު ސާރާއާ ދިމާއަށް ބަލައިލިއެވެ.

ކިޔާ އެއްޗެއް ނުވިސްނެއޭ ބުނާ ކަހަލަ ގޮތަކަށް ޢާރިފީން ޢައްބާސް ޙައިދަރާ ދިމާއަށް ބަލައިލިއެވެ. އަދި އަތުގައި އޮތް ނޫސް މޭޒުމަތީގައި ބޭއްވިއެވެ. ސާރާ ކުޑަކޮށް ހާސް ވެފައި ޙައިދަރުގެ މޫނަށް ބަލާން އިނީއެވެ. މި ގޮތަށް ބޭޒާރު ވެދާނޭ ކަމަކަށް އޭނާ އެއްގޮތަކަށްވެސް ހިތަކަށް ނާރައެވެ. އަދި އެ ގޮތަށް އައިސް ޢާރިފީންގެ ކުރިމަތީގައި އޭނާ ބޭޒާރު ކުރާނޭ ކަމަކަށްވެސް ހިއެއް ނުކުރެއެވެ.

"ކިހިނެއްވީ ޙައިދަރު؟ ސާރާ ކީއްކުރީ؟" ޢާރިފީން އަހައިލިއެވެ.

"ސާރާ ކުރެން އައްސަވާ." ޙައިދަރު ސާރާއަށް އިޝާރާތް ކޮށްލިއެވެ. ސާރާ އިސް ދަށަށް ޖަހައިލިއެވެ.

"ސާރާ. ކިހިނެއްވީ؟ ޙައިދަރު މި ކިޔަނީ ކީކޭ؟" ޢާރިފީން ޢައްބާސް އަހައިލިއެވެ.

ބުނާނީ ކީކޭ ކަމެއް ސާރާއަަކަށް ނޭނގުނެވެ. އޭނާ އަނގައިން ނުބުނީމާ އެންމެ ފަހުން ޙައިދަރު ބުނެފިއެވެ. "ސާރާ އެއްވެސް ތަނަކަށް ފަހަން ދަސްކުރާކަށް ނުދޭ. އޭނާ ދަނީ ކުއްޖަކަށް ޓިއުޝަން ދޭން."

ޢާރިފީން ދިޔައީ ސިއްސައިގެންނެވެ. "ސާރާ. ޙައިދަރު އެ ދައްކަނީ ކޮން ވާހަކައެއް؟ އަހަރެން ދޭ ފައިސާއިން ނުވަނީތަ؟ ނުވަންޏާ އަހަރެން ގާތު ބުނޭ. އިތުރަށް ދޭނަން. އެކަމަކު ތިޔަހެން..."

ސާރާ އޭނާގެ ވާހަކަ މެދުކަނޑައިލިއެވެ. "ބޭބޭ. ބޭބެ އަތުން ފައިސާ އަތުލުމަކީ އަޅުގަނޑު ކުރާ ހިތްވާ ކަމެއް ނޫން. ބޭބެގެ ފައިސާއިން ދިރިއުޅޭކަށް ފަސޭހައެއް ނޫން." ސާރާ އޭނާގެ ހިތުގައި އޮތް އެއްޗެއް ހާމަ ކޮށްލިއެވެ.

ޢާރިފީން އޭނާގެ މޫނަށް ބަލަހައްޓައިގެން އިނެވެ.

"ބޭބެއަށް ބުރައަކަށް ވެގެން މި ގޭގައި އުޅޭކަށްވެސް އަޅުގަނޑު ބޭނުމެއް ނުވޭ."

"ކީއްވެގެން؟" ޢާރިފީން އަހައިލިއެވެ.

"ބޭބޭ. މަންމަ އަޅުގަނޑު ފޮނުވަނީ ކާކުގެ ގާތަށް ކީއް ވެގެން ކަމެއް އަޅުގަނޑު މި ގެއަށް އައި އިރަކު ނޭނގޭ. މަންމައަކީ ބޭބެގެ ކާކު ކަމެއްވެސް ނޭނގޭ. ބޭބެޔާ މަންމަޔާ އޮތީ ކޮން ގުޅުމެއް ކަމެއްވެސް ނޭނގޭ. އެ ގުޅުމެއް އޮތް ވަރަކާއި އޮތް ގޮތެއް މުޅީން ސާފުކޮށް އަދިވެސް އަޅުގަނޑަކަށް ނޭނގޭ. ކުޑަކޮށް އެނގުނު އިރު އެނގުނީއަކީ އަޅުގަނޑު މާ ބޮޑަށް އުފާވާ ކަހަލަ ކަންކަމެއް ނޫން. އަޅުގަނޑު މިހެން ނަންގަތީމާ ބޭބެ ދެރަވެލައްވާނެކަން އެނގޭ. އެކަމަކު މަންމައާއި ބޭބެގެ ގުޅުމަކީ އަޅުގަނޑު ފަޚުވެރިވާން ޖެހޭ ކަހަލަ ގުޅުމެއް ނޫން. އެހެންވީމާ އެ ގުޅުމުގެ މައްޗަށް މި ގޭގައި އުޅުމަކީ އަޅުގަނޑަށް ވަރަށް ދަތިކަމެއް. ހިތަށް އުނދަގޫވާ ކަމެއް. އަޅުގަނޑުގެ މައްޗަކަށް ބޭބެގެ އެއްވެސް ހައްގެއް ނެތް. އަޅުގަނޑަކަށްވެސް ބޭބެގެ މައްޗަކަށް އެއްވެސް ހައްގެއް ނެތް. އެހެންވީމާ މި ގޭގައި އަޅުގަނޑު އުޅެން ޖެހޭ އެއްވެސް ސަބަބެއް ނެތް. އަޅުގަނޑުގެ ކާފަޔާ ގުޅޭނޭ ގޮތް ހައްދަވައި ދެއްވާށޭ ނަންގަތީވެސް އެހެން ވެގެން. އަޅުގަނޑު ބޭނުންވީ ކާފަގެ ގާާތަށް ދާން. އެކަމަކު ބޭބެ އަޅުގަނޑަކަށް އެކަމުގެ ހުއްދައެއް ނުދެއްވީމު. އަޅުގަނޑު ވަޒީފާއެއް ލިބޭތޯ މަސައްކަތް ކުރާތާ އެތައް ދުވަހެއް ވެއްޖެ. ވަޒީފާއެއް ނުލިބި ލަސް ވާތީ ޓިއުޝަން ދޭން ދާން ފެށީ. އެއީ އަޅުގަނޑުގެ އަމިއްލަ ޚަރަދުތައް ކުރާނޭ ފައިސާ ހޯދަން ވެގެން. ވަޒީފާއެއް ލިބުނުހައި އަވަހަކަށް އަޅުގަނޑު މި ގެ ދޫކޮށްފައި ހިނގައިދާނަން."

(ނުނިމޭ)

9 ޚިޔާލު

  1. ވަރަށް ރީތި.

    ނަޢީމުގެ ލިޔުންތަކާއި ރައްޓެހިކަން އުފެދުނީ ވަރަށް ފަހުން.. އަތުޖެހެންހުރި ހުރިހާ ލިޔުމެއް ކިޔާލެވި އްޖެ.ތަރުޖަމާލިޔުންތަކާއި އަމިއްލަ ލިޔުންތަކުން ވެސް ކަމަށްފަރިތަ މިންވަރު ދައްކުވައިދޭ.ނަޢީމުގެ މަސައްކަތުގައި ކުރިއެރުންދެއްވާ ބަރަކާތްލައްވާށި..

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.