ޤައުމުގެ އެއްބައިވަންތަކަން ނަގައިލުމުގެ ފުރުސަތު ދެވިގެންނުވާނެ: ރައީސް މައުމޫން

ޤައުމުގައި ސުލްޙަމަސްލަސްކަން ނަގާލައި އެއްބައިވަންތަކަން ފުނޑުފުނޑުކޮށްލުމުގެ ޖާގަ އެއްވެސް ފަރާތަކަށް ދެވިގެން ނުވާނެ ކަމަށް ރާއްޖޭގެ ކުރީގެ ރައީސުލްޖުމްހޫރިއްޔާ އައްލްއުސްތާޒު މައުމޫން ޢަބްދުލްޤައްޔޫމް ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވެފައިވަނީ ރާއްޖޭގެ ޤައުމީދުވަހާ ގުޅިގެން ނެރުއްވި ބަޔާނެއްގައެވެ.

އެމަނިކުފާނުގެ ބަޔާނުގައި ވިދާޅުވެފައިވަނީ ދިވެހި މުޖުތަމަޢަކީ، އެކަކު އަނެކަކަށް ކަމޭހިތާ، އެކަކު އަނެކަކަށް ހެޔޮއެދޭ، އެކަކު އަނެކަކަށް ޖާގަދޭ، އެއްބައިވަންތަ ސަމާޙަތްތެރި މުޖުތަމަޢަކަށް ހަދަންޖެހޭ ކަމަށެވެ.

ރައީސް މައުމޫން ވިދާޅުވެފައިވަނީ ޤައުމީދުވަހުގެ ޙާދިސާ އަކީ ޢިބުރަތުގެ ނަޒަރަކުން ބަލާ، ވިސްނަންޖެހޭފަދަ ހާދިސާއެއް ކަމަށެވެ. "ދިވެއްސަކަށްވީތީ މިކަމާމެދު ފަޚުރުވެރިވެ، ދިވެހި ކޮންމެ ދަރިއަކީވެސް ޤައުމަށްޓަކައި ޤައުމުގެ ކޮންމެ ގޮވާލުމަކަށް އިޖާބަދޭން ތައްޔާރަށްހުރި ފަރުދަކަށް ވާންޖެހެއެވެ. ޤައުމަށް ތިބާ ބޭނުންވެއްޖެ ކޮންމެ ހިނދެއްގައި ތިމާއަށް ޤައުމަށް ކޮށްދެވޭނީ ކޮން ކަމެއްތޯ އަހާނެ ބަޔަކަށްވާން ޢަޒުމު ކަނޑައަޅަން ޖެހެއެވެ."

ޤައުމީ ދުވަހަކީ، ދިވެހިރާއްޖެ ޕޯޗުގީޒުންގެ އަތްދަށުގައި 15 އަހަރު އޮތުމަށްފަހު، ޕޯޗުގީޒުންގެ އަތްދަށުން މާތްﷲ ގެ ރަޙުމަތާއި މިންވަރުފުޅާއި އެކު މިނިވަންކުރެއްވި ދުވަހެވެ. އެ ނިޢުމަތް ﷲ މިންވަރުކުރެއްވި ދުވަހަކީ 1 ރަބީޢުލްއައްވަލް 981 ހ، (2 ޖުލައި 1573 މ) ވަނަ ދުވަހެވެ.

ޕޯޗުގީޒުންގެ އަނިޔާވެރިކަމުން ދިވެހިން ސަލާމަތް ކުރެއްވުމަށް މާތްﷲ މެދުވެރި ކުރެއްވީ އުތީމު ޙުސައިން ޚަތީބު ތަކުރުފާނުގެ ތިން ދަރިކަލުންގެ ކަމަށްވެސް މައުމޫން ވިދާޅުވެފައިވެއެވެ. އެތިން ބެއިންނާއި ދެ ހާޖީންނާއި ދަންޑަހެލާއެކު "ކަޅުއޮފުންމި" ކިޔާ އަނގަމަތީ ދޯންޏެއްގައި ކުރެއްވި ހިތްވަރުގަދަ ޖިހާދުގެ ނަތީޖާއަކަށްވީ ޕޯޗުގީޒުންގެ އަނިޔާވެރިކަމުން ސަލާމަތްވުން ކަމަށްވެސް އެމަނިކުފާނު ވިދާޅުވެފައިވެއެވެ.

"މި ފަޚުރުވެރި އަދި ތާރީޚީ ޤައުމީ މުނާސަބާގައި، އަޅުގަޑުގެ ދުޢާ އަކީ އަޅުގަޑުމެން ދިވެހިންނަކީ ޤައުމިއްޔަތަށް ލޯބިކުރާ، ޤައުމިއްޔަތުގެ ރުކުން ތަކާއި އަގުތައް ނަގަހައްޓާ ދެމެހެއްޓުމުގެ ޢަޒުމާއި ހިތްވަރު ލިބިގެންވާ ބަޔެއް ކަމުގައި މާތް ﷲ ލެއްވުމެވެ." މައުމޫންގެ ބަޔާނުގައި ވިދާޅުވެފައިވެއެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.