އިސްލާމް ދީން ޙިމާޔަތްކުރުމަކީ އިސްލާމީ ޝަރީޢާގެ އެންމެ އިސް މަޤުޞަދު

"އިސްލާމް" މި ލަފުޒުން އަޅުގަނޑަށް ދޭހަވާ އެންމެ ޢާއްމު މާނައަކީ ސަލާމަތްކަން ލިބިގެންވުމެވެ. މި ނަން ލިބިގެންވާ ދީނަކީ އިސްލާމް ދީނެވެ. މި ދީނުގެ އަހުލުވެރީންނަށް ކިޔަނީ މުސްލިމުންނެވެ. "މުސްލިމު" މި ނަމުން އަޅުގަނޑަށް ދޭހަވަނީ "ސަލާމަތްކަން ލިބިގެންވާ މީހާ" މި މާނައެވެ. އެހެނީ މުސްލިމެއް ނަމަ، އޭނާ ވާނީ، ދުނިޔެއާއި އާޚިރަތުގައި ވެސް ސަލާމަތްކަން ލިބިގެންނެވެ. މި ދެންނެވީ ނަމުން މުސްލިމަކަށް ވެގެން އުޅޭ މީހެއްގެ ވާހަކައެއް ނޫނެވެ. ނިޔަތާއި ޢަމަލާއި ބަހުން މުސްލިމަކަށްވެގެން ދީނަށް ފުރިހަމައަށް ޢަމަލުކުރަމުން އަންނަ ތެދުވެރި މުސްލިމުންގެ ވާހަކައެވެ.

އިސްލާމީ ޝަރީޢާގެ މަޤްޞަދުތައް (މަޤާޞިދުއްޝަރީޢާ) ވަރަށް ސާފެވެ. އިސްލާމީ ޝަރީޢާގެ އަމާޒަކީ އެ ޝަރީޢާގެ ތެރެއިން މުޅި އިންސާނިއްޔަތުގެ ފައިދާ ދެނެގަތުމެވެ. ކުރު ގޮތަކަށް ދަންނަވާނަމަ، މި ޝަރީޢާގެ އިބްތިދާއީ މަޤްޞަދަކީ މުޅި އިންސާނިއްޔަތަށް ދުނިޔެއާއި އާޚިރަތުގައި ލިބެން ހުރި ފައިދާތަކުގެ ޙަޤީޤަތް އަންގައިދިނުމެވެ.

މިއަށްވުރެ ތަފްޞީލުކޮށް ދަންނަވާނަމަ، މުޅި ޝަރީޢާގެ މަޤުޞަދަކީ އިންސާނާގެ އަސާސީ އަގުތައް (ފަންޑަމެންޓަލް ވެލިޔުސް) ރައްކާތެރިކޮށް ޙިމާޔަތްކުރުމެވެ. މި ދެންނެވި އަގުތަކަކީ: (1) ދީން (ނުވަތަ އިސްލާމީ ޢަޤީދާ)، (2) ނަފްސު (ނުވަތަ އަބުރާއި ފުރާނަ ނުވަތަ ދިރިހުރުން)، (3) ދަރިފަސްކޮޅު (ނުވަތަ ނަސްލު)، (4) ފިކުރު ނުވަތަ ބުއްދި (އިންޓެލެކްޓް)، (5) މުދާ (ނުވަތަ މާލު) މިއީއެވެ. އެހެންކަމުން މުޅި އިސްލާމީ ޝަރީޢާގެ މަޤުޞަދުގެ އެންމެ ކުރީގައި މިވަނީ އިސްލާމްދީން ޙިމާޔަތްކުރުމުވެ. މުޅި އިސްލާމީ ޝަރީޢާގެ ހުރިހާ އަސާސްތަކެއް ބިނާވެފައިވަނީ އިސްވެ މިދެންނެވި މަޤުޞަދުތައް ޙާޞިލުކުރުމުގެ މައްޗަށެވެ. ދީނުގެ އެއްވެސް ކަމެއް މި އަސާސްތަކާ ޚިލާފެއް ނުވާނެ އެވެ.

އިސްވެ ދެންނެވުނު ފަސް މަޤުޞަދަށް ބަލާއިރު ދީން ޙިމާޔަތްކުރުން މި ވަނީ ކުރީން ވެސް ދެންނެވި ފަދައިން އެ މަޤުޞަދުތަކުގެ އެންމެ ކުރީގައެވެ. މާތް ﷲގެ ޙަޟުރަތުގައި ހަމައެކަނި ދީނަކީ އިސްލާމްދީންކަމަށް އަންގަވައިފައިވަނީ މި އަސާސްގެ މަތީންނެވެ. އަދި ދީނެއްގެ ގޮތުން އިސްލާމް ދީން ފިޔަވައި އެހެން ފަލްސަފާއެއް (ދީނެއް) ލިބިގެންފި މީހެއްގެ ކިބައިން އެ ކަން ގަބޫލުނުކުރެއްވޭނެކަމަށް މާތް ﷲ ވަނީ އަންގަވައިފައެވެ.  އަނިޔާވެރިވުމާއި ޙައްޤަކާ ނުލައި މީހުން މެރުން ޙަރާމްކުރައްވައިފައިވަނީ އިންސާނާގެ ދިރިހުރުން ނުވަތަ ނަފްސުގެ ޙިމާޔަތުގައެވެ. ދޮގު ވާހަކަދެއްކުމާއި ޤަޛުފުކުރުން ފަދަ ނުބައި ކަންކަން ޙަރާމްވެފައިވަނީ އިންސާގެ އަބުރު ރައްކާތެރިކޮށްދެއްވުމަށްޓަކައެވެ. ދަރިފަސްކޮޅު އޮޅުންބޮޅުންވުމުން ރައްކާތެރިކޮށްދީ ގައިންގަޔަށް އަރާ ނުރައްކާތެރި ބަލިތަކުން ދަރިފަސްކޮޅު ޙިމާޔަތްކޮށްދެއްވުމަށްޓަކައި ޒިނޭކުރުމާއި ޒިނޭއާ ކައިރިވުން ވެސް ވަނީ ޙަރާމްކުރައްވައިފައެވެ. އަދި އެކަމުގެ ޢުޤޫބާތް ޤުރުއާނުގެ ނައްޞުންވަނީ ކަނޑައަޅުއްވައިފައެވެ. އިންސާނާގެ ވިސްނުމާއި ފިކުރާއި ބުއްދި ޙިމާޔަތްކުރެއްވުމަށްޓަކައި ބަނގުރަލާއި އަމަލުވާ ޒާތުގެ ހުރިހާ އެއްޗެއް ވަނީ ޙަރާމްކުރައްވައިފައެވެ. ވައްކަމާއި ޓެމުމާއި ފޭރުމާއި ޚިޔާނާތް ފަދަ ކަންކަން ޙަރާމްކުރައްވައިފައިވަނީ މުދާ ޙިމާޔާތްކުރެއްވުމަށްޓަކައެވެ. މި ދަންނަވައިލީ މި ކަންކަން ޙިމާޔަތްކޮށްދެއްވުމަށްޓަކައި ހުރި މައިގަނޑު ބައެއް ކަންކަމެވެ. އިސްލާމީ ޝަރީގެ ހަމަ ކޮންމެ ޙުކުމެއް އައިސްފައިވަނީ މި މަޤުޞަތުތަކުގެ އިމުގެ ތެރޭގައެވެ.

އިސްވެ ދެންނެވުނު ހުރިހާ މަޤުޞަދުތަކެއްގެ އެންމެ ކުރީގައި އިސްކުރެވިފައިވަނީ ދީން ޙިމާޔަތްކުރެއްވުމެވެ. އެހެނީ މި މަޤުޞަދު ޙިމާޔަތް ނުކުރެވިއްޖެ ނަމަ، އެހެން ހުރިހައި އަސާސްތަކެއް ފުނޑުފުނޑުވެގެން ދާނެތީއެވެ. އިސްލާމް ދީން ނެތިއްޖެ ނަމަ، ރާބުއިމާއި ޒިނޭކުރުމާއި ވައްކަންކުރުމާއި ދޮގުހެދުމާއި މި ނޫން ވެސް ނުބައި ހުރިހާ ކަންކަން މުޖުތަމަޢުގައި ޢާއްމުވާނެއެވެ. ނަތީޖާއަކަށް ވާނީ އިންސާނީ އަގުތައް ވެއްޔާ މޮޑެވުމެވެ.

އިސްލާމީ ޝަރީޢާގެ މަޤްޞަތުތައް ޙިމާޔަތްކުރުމަކީ އެންމެހައި މުސްލިމުންގެ މައްޗަށް އޮތް ވަރަށް ބޮޑު ދީނީ ވާޖިބެކެވެ. އަދި އިސްލާމީ ޤައުމެއްގައި ވެރިކަމުގެ ފަރާތުން އެންމެ ބޮޑު ސަމާލުކަމެއް ދޭންޖެހޭނީ މި މި މަޤްޞަދު ޙިމާޔަތްކުރާށެވެ. ދީން ޙިމާޔަތްކުރުމަށް އެންމެ ބޮޑު އިސްކަމެއް ނުދޭނަމަ، އިސްލާމީ ވެރިކަމެއްގެ ބޭނުމެއް ވެސް ނެތެވެ.

އިސްލާމް ދީން ޙިމާޔަތްކުރުމަށްޓަކައި ދީނަށް ފުރައްސާރަކުރުން ހުއްޓުވަންޖެހެއެވެ. ދީނުގެ އަސާސްތަކަށް ތަޙައްދީކުރުމަށް ޖާގަދެވިގެންނުވާނެއެވެ. ކީރިތި ޤުރުއާނަށް އިންކާރު ކުރެވިގެން ނުވާނެއެވެ. ކައު އިތުރު ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމް އަށް ހަޖޫޖެހިގެން ނުވާނެއެވެ. މުޅި ކާއިނާތުގެ ވެރި ގަދަކީރިތިވަންތަ މާތް ﷲ އަށް ތައުހީނުކުރެވިގެން ނުވާނެއެވެ. މިފަދަ ކަމެއް ކޮށްފި މީހަކަށް ވަގުތުން ފިޔަވަޅު އެޅެންޖެހެއެވެ. މިއިން ކަމަކީ ވާހަކަދައްކައި ދިރާސާކޮށްގެން މަޝްވަރާކޮށްގެން ދޭތެރޭ މެދުގެ ޙައްލެއް ހޯދޭނެ (ކޮމްޕްރަމައިޒް ކޮށްގެންވާނެ) ކަންކަމެއް ނޫނެވެ. މިއީ އެންމެ ހަރުކަށި އަދަބު ލަސްނުކޮށް ދޭންޖެހޭނެ ނުބައި ޝައިޠާނީ ޢަމަލުތަކެކެވެ. އިސްލާމީ މުޖުތަމާއެއްގައި އުފެދޭނެ އެންމެ ބޮޑު ފިތުނައެވެ. މިފަދަ ފިތުނަތަކަށް ޖާގަދެވިއްޖެ ނަމަ، ދެން ނުކުންނާނެ ނުބައި ނަތީޖާތައް އަންދާޒާކޮށްލާން ވެސް ނޭނގޭނެއެވެ. އިސްލާމީ ޚިލާފަތުގެ ދުވަސްވަރު ވެސް އުފެދުނު އެންމެ ބޮޑު ފިތުނައަކީ އިސްލާމް ދީނުގެ ބައެއް ރުކުންތަކަށް އިންކާރުކޮށް މުރުތައްދުވުމުގެ ނުބައި ފިތުނައެވެ. މި ފިތުނައިގެ ސަބަބުން މުސްލިމުންނަށް ލިބުނު ގެއްލުންތައް އިސްލާމީ ތާރީޚުން އެހެރީ ފެންނާށެވެ.

މި ދެންނެވި އަސާސްތަކާ ޚިލާފަށް ކުރެވޭ ނުބައި ހައްދު ފަހަނަޅައިފައިވާ ޢަމަލުތަކަށް ދެކޮޅު ހެދުމަކީ ކޮންމެ މުސްލިމެއްގެ މައްޗަށް އޮތް ދީނީ ވާޖިބެކެވެ. މި ފަދަ ދީނީ ވާޖިބެއް އަދާކުރުމާ ދެކޮޅު ހަދާ ކޮންމެ މީހަކީ އިސްލާމް ދީނުގެ ދުޝްމަނުންކަމާ މެދަކު އެއްވެސް ޝައްކެއްނެތެވެ.

ނަމަވެސް މިއަދު މުޖުތަމަޢުން ފެންނަ ހިތްދަތި މަންޒަރަކީ ހިތްދަތި މަންޒަރެކެވެ. ދީނުގެ ޙިމާޔަތުގައި ވާހަކަދެއްކުމަކީ ސިޔާސީ މަންފާ ހޯދާން ކުރާ ކަމެއް ކަމަށް ބުނެ، ލާދީނީ އަދި މުރުތައްދު ވާހަކަތައް ޙިމާޔަތްކުރާން މި ލޮބުވެތި އިސްލާމީ ދިވެހި އުއްމަތުގެ ބައެއް ރައްޔިތުން މަސައްކަތްކުރާކަމީ ހިތާމަވެރި ލަދުވެތި އަދި ކުފުރުގެ ޢަމަލެއް ކަމަށް ނޫނީ ނުވާނެއެވެ.

އިސްލާމްދީނަށް އިންކާރުކޮށް، ކައުއިތުރު ރަސޫލާއަށް މާލާމާތްކޮށް ދޮގު ބުހުނާނު ބަސްތައް ރައްދުކޮށް ރިޕޯޓެއް ލިޔެ ޢާއްމު ކުރި ބަޔަކަށް ޤާނޫނީ ގޮތުން ދޭންޖެހޭ ޢުޤޫބާތް ނުދީ، އެފަދަ ނުބައި ޝައިޠާނީ މީހުން ޙިމާޔަތްކުރާން ދައުލަތުގެ މަސްއޫލުވެރީން މަސައްކަތްކުރައްވާނަމަ އެއީ ހަމައެކަނި ލަދުވެތި ކަމަކީއެއް ނޫނެވެ. އެއީ ބިރުވެރިކަމެއް ވެސް މެއެވެ. އަދި އެއީ ޤާނޫނާ ޚިލާފުވެސް ކަމެކެވެ.

ވީމާ، އިޚުލާޞްތެރި މުސްލިމު ކޮންމެ ދިވެހި ރައްޔިތަކަށް ވާޖިބުވެގެންވަނީ އެމީހަކަށް ވީ ވަރަކުން، މި ފަދަ މުންކަރާތްތައް ހުއްޓުވައި ހެޔޮ ކަންކަމަށް އަމުރުކުރުމެވެ. މާތް ﷲގެ ވަޙީ ބަސްފުޅުގައި ވާފަދައިންނެވެ. " وَلْتَكُن مِّنكُمْ أُمَّةٌ يَدْعُونَ إِلَى الْخَيْرِ وَيَأْمُرُونَ بِالْمَعْرُوفِ وَيَنْهَوْنَ عَنِ الْمُنكَرِ وَأُوْلَـئِكَ هُمُ الْمُفْلِحُونَ." ("ހެޔޮކަމުގެ މަގަށް ގޮވާ، އަދި ހެޔޮކަންތަކަށް أمرކުރާ، އަދި ނުބައިކަންތައް ނަހީކުރާ ބަޔަކު ތިޔަބައިމީހުންގެ ތެރެއިން ވާހުށިކަމެވެ! އެއުރެންނަކީ ހަމަ، ދިންނަވާނޭ މީހުންނެވެ.") (سورة آل عمران:104) . ވީމާ އަޅުގަނޑުމެން ހައްދަވައި ބޮޑުކުރައްވައި ގެންގުޅުއްވައި ބަލަހައްޓަވާ ރައްބުލްކާއިނާތަށް ތައުހީނުކުރުމުން އެކަމަށް އެއްޗެކޭ ނުބުނެ ހަނު ތިބޭނީ އެބަޔެއްގެ ޙިއްސުތައް އުނި ބަޔެއް ކަމުގައި ނޫނީ އަޅުގަނޑު ގަބޫލެއް ނުކުރަމެވެ.  

އެހެން ހުރިހާ އެއްޗަކަށް ވުރެ ބޮޑަށް ކީރިތި ރަސޫލާދެކެ ލޯބިވާން ޖެހެއެވެ. ތިމާގެ އަމިއްލަ ނަފްސަށް ވުރެ ބޮޑަށް އެކަލޭގެފާނު ދެކެ ލޯބިވާން ޖެހެއެވެ. އަދި ތިމާގެ މައިންބަފައިންނާއި ދަރިންނަށް ވުރެވެސް ބޮޑަށެވެ.

ސަލާމާއި ޞަލަވާތްލެއްވި މުޙައްމަދުގެފާނު ދެކެ ލޯބިވުމަކީ ކޮންމެ މުސްލިމެއްގެ މައްޗަށް އޮތް ވާޖިބެކެވެ. ދުނިޔަވީ އެދުންތަކާއި ނަފްސުގެ އެދުންތަކުގެ މައްޗަށް އެކަލެގެފާނުދެކެ ލޯބިވުން އިސްކުރަންޖެހެއެވެ.

ކީރިތި ރަސޫލާ ދެކެ ލޯބި ވުމަކީ ﷲ ދެކެ ލޯބިވުމެވެ. ﷲ ދެކެ ލޯބިވުމަކީ އިތުރުއެކަލޭގެފާނަށް ތަބާވުމެވެ. އެކަލޭގެފާނުގެ ސުންނަތަށް އަމަލު ކުރުމެވެ. އެކަލޭގެފާނު ގެންނެވި ޝަރީޢަތް ތަންފީޒު ކުރުމެވެ. އެކަލޭގެފާނުގެ އެންގެވުންތަކަށް އިޖާބަދިނުމެވެ. އެހެންކަމުން ﷲ އަށް އެކަނި އަޅުވެތިވުމަށްޓަކައި ރަސޫލާއަށް ތަބާވުން ލާޒިމެވެ. މާތް ﷲ ގެ ރަސޫލާއަށް ފުރިހަމައަށް ކިޔަމަންތެރިވެގެން މެނުވީ ފުރިހަމަ މުސްލިމަކަށް ނުވާނެއެވެ. ﷲ ގެ ރުއްސެވުމެއް ނުލިބޭނެއެވެ.

އަޅުގަނޑުމެންގެ އަމިއްލަ ނަފުސާއި އަނބިދަރީންނަށްވުރެ ބޮޑަށް ލޯބިވާ ކައު އިތުރު ރަސޫލާއަށް ފުރައްސާރަކުރާ ނަމަ، ތެދުވެރި އެއްވެސް މުސްލިމަކަށް އެކަން ތަޙައްމަލެއް ނުވާނެއެވެ. ޤުރުއާނަކީ ﷲގެ ޙައްޤު ބަސްފުޅުކަން ޢަޤްލީ ދަލީލާއި ނަޤްލީ ދަލީލުން ސާބިތުވާއިރު އެ މާތް ކަލާމްފުޅަށް އިންކާރުކުރާ އިރު ހިތުގައި އިސްލާމީ ވިންދު ޖަހާ އެއްވެސް ހިތަކަށް ކެތެއް ނުވާނެއެވެ. އެ ފަދަ ކޮންމެ މީހަކު އެކަމާ ބަސްބުނާއެވެ. އެއީ އިޚުލާޞްތެރި ޢަމަލެކެވެ. އުފުއްލާންޖެހޭ ޒިންމާއެކެވެ. އަދާކުރާންޖެހޭ މަސްއޫލިއްޔަތެވެ. ދީނީ ވާޖިބެކެވެ.

ޢިލްމަކީ ވެސް އަމާނާތެކެވެ. އިސްލާމީ ޝަރީޢާގެ ދާއިރާއިން އަޅުގަނޑަށްވެސް ކޮންމެވެސް މިންވަރެއް ﷲ މިންވަރުކޮށްދެއްވީތީ އެ އަމާނާތް އަދާކުރާންޖެހެއެވެ. އަޅުގަނޑު އެކަންޏެއް ނޫނެވެ. ޢިލްމު ފެތުރުމަކީ އެންމެންގެ ޒިންމާއެކެވެ. އެ މީހަކަށް ލިބި ހުރި މިންވަރަކުންނެވެ. އަޅުގަނޑު މިއަދާކުރަނީ މި ވާޖިބެވެ.

ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު (މާވަށު އަޒީ)
ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރަކީ ދިވެހި ލިޔުންތެރިކަމުގެ އުދަރެހުގައި ވިދާ ތަރިއެކެވެ. ރާއްޖޭގެ އެކި ނޫސް މަޖައްލާތަކަށް ގިނަ އަދަދެއްގެ ލިޔުން ލިޔުއްވައިފައިވާ މޮޅު ލިޔުންތެރިއެކެވެ. ޅެންވެރިއެކެވެ. އަދި ހަމަ އެހެންމެ ތާރީޚު ދިރާސާ ކުރައްވާ ޤާނޫނީ ވަކީލެއްވެސް މެއެވެ.

1 ޚިޔާލު

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.