ސުޕްރީމް ކޯޓާބެހޭ ދެމައްސަލައަކާއި ދައުލަތުގެ މުހިންމު ދެމަޤާމަށް މީހުން އައްޔަންކުރުމުގެ ވޯޓް މިއަދުގެ ޖަލްސާގައި

ސުޕްރީމް ކޯޓާބެހޭ ދެމައްސަލައަކާއި ދައުލަތުގެ މުހިންމު ދެމަޤާމަށް މީހުން އައްޔަންކުރުމުގެ ވޯޓް ނެގުން ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާއަށް ވަނީ އެޖެންޑާ ކުރައްވައިފައެވެ.

ސުޕްރީމް ކޯޓާ ބެހޭ އެއްމައްސަލައަކީ، އެކޯޓުން ނިންމައިފައިވާ ޤާނޫނު އަސާސީއާ ޚިލާފު ނިންމުންތަކާ ގުޅޭގޮތުން ޖުޑީޝަލް ސަރވިސް ކޮމިޝަނުން މަޖިލީހަށް ފޮނުއްވައިފައިވާ ރިޕޯޓާ ގުޅޭ މައްސަލަ، ޖުޑީޝަރީ ކޮމިޓީން ދިރާސާކޮށް ނިންމިގޮތުގެ ރިޕޯޓަށް ވޯޓަށް އެހުމެވެ. އަނެއް މައްސަލައަކީ ހިޔުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސްގެ ބާރު، ސުޕްރީމް ކޯޓުން ނިގުޅައިގެންފައިވާކަމށް ބުނެ ހުށަހަޅުއްވައިފައިވާ ޤަރާރާ ގުޅޭ މައްސަލަ، ރައްޔިތުންގެ މަޖިލީހުގެ ޖުޑީޝިއަރީ ކޮމިޓީން ދިރާސާ ކޮށް ނިންމިގޮތުގެ ރިޕޯޓަށް ވޯޓަށް އެހުމެވެ.

ކްރިމިނަލް ކޯޓުގައި ނުނިމި ހުރި މައްސަލަތަކާގުޅޭ ރިޕޯޓުގެ މައްސަލަ، ރައްޔިތުންގެ މަޖިލީހުގެ ޖުޑީޝަރީ ކޮމިޓީން ދިރާސާކޮށް ނިންމިގޮތުގެ ރިޕޯޓަށްވެސް މިއަދުގެ ޖަލްސާ ވޯޓަށް އަހާނެއެވެ.

ދައުލަތުގެ މުހިންމު ދެމަޤާމަށް މީހުން އައްޔަން ކުރުމަށް މަޖިލީހުން ރުހުން ދިނުމުގެ ވޯޓަށް އަހާނީ ސްޕްރީމް ކޯޓްގެ ހުސްވެފައިވާ ގޮޑިއަށް ފަނޑިޔާރަކު އައްޔަން ކުރުމަށާއި ކޮމިޝަނާ ޖެނެރަލް އޮފް ޓެކްސޭޝަންގެ މަޤާމަށް ބޭފުޅަކު އައްޔަކުރެއްވުމަށެވެ.

ސުޕްރީމް ކޯޓުން ހުސްވެފައިވާ ފަނޑިޔާރު ކަމުގެ މަގާމަށް އައްޔަން ކުރުމަށް ޑްރަގް ކޯޓުގެ ގާޒީ މަހާޒް ޢަލީ ޒާހިރާއި ކުރީގެ ބަންޑާރަ ނައިބު ފާތުމަތު ދިޔާނާ ސަޢީދުގެ ނަން ރައީސުލް ޖުމްހޫރިއްޔާ ވަނީ މަޖިލީހަށް ފޮނުއްވައިފައެވެ. މިމައްސަލައާގުޅޭ ގޮތުން މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީން އެކުލަވާލި ރިޕޯޓް މަޖިލީހުގެ ތަޅުމަށް މިއަދު ހުށަހެޅައި ވޯޓަށް އައްސަވާނެއެވެ.

ކޮމިޝަނަރ ޖެނެރަލް އޮފް ޓެކްސޭޝަނާއި ޑެޕިއުޓީ ކޮމިޝަނަ ޖެނެރަލް އޮފް ޓެކްސޭޝަނަށް އައްޔަންކުރުމަށް މަޖިލީހުގެ ރުހުން ހޯދުމަށް ރައީސުލްޖުމްހޫރިއްޔާ ފޮނުއްވި ނަންފުޅުތައް ދިރާސާކޮށް ނިންމި ގޮތުގެ ރިޕޯރޓްވެސް މިއަދުގެ ޖަލްސާގެ ތަޅުމަށް ހުށަހަޅާނެއެވެ.

ކޮމިޝަނަރ ޖެނެރަލް އޮފް ޓެކްސޭޝަންގެ މަޤާމަށް، ރައީސުލްޖުމްހޫރިއްޔާ ހުށަހެޅުއްވި ދެނަންފުޅަކީ، މީރާ ގެ ކުރީގެ ޑިރެކްޓަރ ތ. ތިމަރަފުށީ ފިނިފެންމާގޭ ފަތުޙުﷲ ޖަމީލް އާއި ހ. ސެނާ އިސްމާޢީލް ނާޝިދެވެ. ނާޝިދަކީ ކަސްޓަމްސްގެ ކުރީގެ އެސިސްޓެންޓް ކޮމިޝަނަރއެވެ. ކޮމިޝަނާ ޖެނެރަލް އޮފް ޓެކްސޭޝަންގެ މަޤާމަށް ފަތުޙުﷲ ޖަމީލް އައްޔަން ކުރަން އެމްޑީޕީގެ ޕާލިމަންޓަރީ ގުރޫޕުން ތްރީލައިން ވިޕެއް ވަނީ ނެރެފި އެވެ. އެމްޑީޕީން ނިންމައިފިނަމަ އެމަޤާމަށް މަޖިލީހުގެ ރުޙުން ލިބިގެންދާނީ ފަތުޙުﷲ ޖަމީލަށެވެ.

ޑެޕިއުޓީ ކޮމިޝަނަރ ޖެނެރަލްގެ މަޤާމަށް އައްޔަން ކުރުމަށް ވެސް ރައީސް ވަނީ ހަ ބޭފުޅެއްގެ ނަން ފޮނުއްވައިފައެވެ. އެމަޤާމަށް ބޭފުޅަކު އައްޔަން ކުރުމަށް ރުހުން ދިނުމުގެ ވޯޓްވެސް މިއަދުގެ ޖަލްސާގައި ކުރިއަށް ގެންދަވާނެއެވެ.

ޑެޕިއުޓީ ކޮމިޝަނަރ ޖެނެރަލް މަޤާމަށް ނަން ހުށަހެޅުއްވި ހަ ބޭފުޅުނަކީ,

  • މުޙައްމަދު ޝިރާޖް މުނީރު ، ނިއުލައިޓް ، ދަނޑިމަޑު / ފުވައްމުލައް
  • އަސްމާ ޝަފީޢު، ވައިޖެހޭގެ / ހއ. އިހަވަންދޫ
  • އިސްމާޢީލް ޝާޖިދު، މއ. ވިލާރޮދި
  • އަޙްމަދު ޝަރީފް ، އަނބުގަސްދޮށުގެ/ ނ. މަނަދޫ
  • އަޙްމަދު ވާފިރު، ވ. އެލަމް
  • ޙަމްދީ އަޤީލް، ހ. ރަންގިލި އެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.