އެމްޑީޕީގެ ޗެއަރޕަރސަން ކަމުން ޢަލީ ވަޙީދު އިސްތިޢުފާ ދެއްވައިފި

އެމްޑީޕީގެ ޗެއަރޕަރސަން ކަމުން ޢަލީ ވަޙީދު އިސްތިޢުފާ ދެއްވައިފިއެވެ.

އޭނާ އެމްޑީޕީއަށް ފޮނުއްވި އިސްތިޢުފަގެ ސިޓީގައި ވިދާޅު ވެފައި ވަނީ ޖަލަށް ލެވި، އަމިއްލަ ވަޒަނުން އަރުވާލެވި، ބޭރު ގައުމެއްގެ ހިމާޔަތުގައި ހުރެ އިތުރަށް މަގާމު ދެމެހެއްޓުމަށް ވުރެ ރާއްޖޭގައި ދެމިހުންނަ މީހަކަށް އެ ފުރުސަތު ދެއްވުން މާ ރަނގަޅު ކަމަށް ފެނިވަޑައިގަންނަވާތީ އިސްތިޢުފާ ދެއްވީ ކަމަށެވެ.

ޗެއަރޕަރސަން ކަމުން އިސްތިއުފާ ދެއްވުމުގެ އިތުރަށް އޭނާ ވަނީ ޔުނައިޓެޑް އޮޕަޒިޝަންގެ ނާއިބު ލީޑަރު ކަމުންވެސް އިސްތިއުފާ ދެއްވާފައެވެ. ޔުނައިޓެޑް އޮޕަޒިޝަނަކީ މިހާރު ރާއްޖޭގައި އޮތް ސަރުކާރާ ދެކޮޅަށް މަސައްކަތް ކުރުމަށްޓަކައި އެމްޑީޕީ އިސްވެ އއޮވެގެން އުފައްދާފައިވާ އިއްތިހާދެކެވެ.

ޢަލީ ވަޙީދަކީ ރާއްޖޭގައި ހުންނެވި ދުވަސްވަރުވެސް އަދި ރާއްޖެއިން ބޭރުގައި ހުންނަވައިގެންވެސް ސަރުކާރަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެފައިވާ ބޭފުޅެކެވެ. ސަރުކާރު ވައްޓާލަން އެކި ވަރުގެ މުހުލަތުތައް އެކި ފަހަރު މަތީން އޭނާ ވަނީ ދެއްވައިފައެވެ. އަދި ރައީސް ޔާމީނުގެ އިސްތަށިފުޅުގައި ވަރަށް ގިނަ ތުހުމަތުތައް އަޅުއްވައި، އިތުރު ދިރާސާާތައް ކުރައްވަމުން ގެންދަވާ ކަމަށާއި، އެ މަނިކުފާނާ ދެކޮޅަށް ވަރަށް ވަރުގަދަ ހެކިތައް އެބަހުރި ކަމަށް ތަކުރާރުކޮށް އެތައް ފަހަރަކު ވަނީ ވިދާޅު ވެފައެވެ. އަދި ކިތަންމެ ބޮޑު ހުރަހަކާ ދިމާވިޔަސް ޖެހިލުންވެ ވަޑައި ނުގަންނަވާނޭ ކަމަށާއި، ބާރަށް ކުރިއަށް ވަޑައިގަންނަވާނޭ ކަމަށްވެސް ވަނީ ވިދާޅު ވެފައެވެ.

މަގާމުތަކުން ވަކިވެ ވަޑައިގަތުމަށް ފަހު ހައްދަވާނޭ ގޮތެއްގެ އިޝާރާތެއް އޭނާގެ ސިޓީފުޅަކު ކުރައްވައިފައެއް ނެތެވެ.

ޢަލީ ވަޙީދު އިނގިރޭސި ވިލާތަށް ވަޑައިގަތް ފަހުން އޭނާގެ މައްޗަށް ދައުލަތުން ވަނީ ޓެރަރިޒަމްގެ ދަޢުވާ އުފުލައިފައެވެ. އޭނާ ލަންޑަނަށް ވަޑައިގަތީ މަޝްހޫރު މޭ 1 ގެ މުޒާހަރާޔާ ގުޅިގެން ބައެއް ބޭފުޅުން ހައްޔަރުކޮށް ތަހުގީގު ފެށުމުންނެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.