ހުޅުދެލި ކައިރިން މަސްކިރޭނެ ގޮތް ހަދާނެކަމަށް ރައީސް ވިދާޅުވިތާ ހަތަރު ދުވަސް، ހުޅުދެލި ކައިރިން މަސް ކިރަން ފަށައިފި

ހުޅުދެލި ކައިރިން އިއްޔެ ކޫއްޑޫ ބޯޓު ގޮސް މަސް ދޯންޏަކުން މަސް ކިރަނީ. ފޮޓޯ: ފޭސްބުކް

މިމަހުގެ 16 ވީ ބުދަ ދުވަހު ރައީސުލްޖުމްހޫރިއްޔާ ދ. އަތޮޅު ހުޅުދެއްޔަށް ވަޑައިގަތުމުން އެރަށުގެ މަސްވެރިންގެ ވަރަށް ބޮޑު އެދުމެއް ރައީސަށް ދެންނެވިއެވެ. ހުޅުދެލީ މަސްވެރިން ރައީސްގެ އަރިހުން އެދުނީ އެރަށާ ވީހާވެސް ކައިރިން މަސް ކިރޭނެ އިންތިޒާމެއް ހަމަޖައްސަވައި ދެއްވާށެވެ.

މަސްވެރިންގެ އަޑު އެއްސެވުމަށްފަހު ރައީސް އެރަށުން ފައިބައިވަޑައިގަތުމުގެ ކުރިން އެރަށުގެ މަސްވެރިންނަށް ޔަގީންކަމެއް ދެއްވިއެވެ. ހުޅުދެލި ކައިރިން މަސްކިރޭނެ އިންތިޒާމު ލަސްތަކެއްނުވެ ހަމަޖައްސަވައި ދެއްވާނެ ކަމެވެ. މިފްކޯއާ ވާހަކަ ދައްކަވައިގެން އެކަމަށް ރަނގަޅު ޙައްލެއް ވަރަށް އަވަހަށް ގެނެސްދެއްވާނެ ކަމަށް ރައީސް ވިދާޅުވިއެވެ.

ހުޅުދެލީ ރައްޔިތުންނާ ބައްދަލު ކުރައްވައި އެ ޔަގީންކަން ދެއްވުމަށްފަހު އެމަނިކުފާނު އެނބުރި މާލެ ވަޑައިގެންނެވިތާ އެންމެ ހަތަރު ދުވަސް ފަހުން، ހުޅުދެލި ކައިރިއަށް އެއްފަހަރާ 30 ޓަނު މަސް ކިރޭ ސައިޒުގެ ބޯޓެއް މިފްކޯއިން ފޮނުވައިފިއެވެ. އެއީ ކޫއްޑޫ ބޯޓެކެވެ. ކޫއްޑޫ މަސްކިރާ ބޯޓު ހުޅުދެލި ކައިރިއަށް ގޮސް އެ ސަރަހައްދުން މަސްކިރަން ފެށީ އިއްޔެގެ ވަގުތެއްގައެވެ. މިފްކޯއިންވެސް ވަނީ އިއްޔެ ހުޅުދެލި ކައިރިއަށް މަސް ކިރާ ބޯޓެއް ފޮނުވައިގެން މަސް ކިރުމުގެ އިންތިޒާމު ފެށިކަން ކަށަވަރު ކޮށްދީފައެވެ.

މިއީ ހުޅުދެލީގެ އިތުރުން އެ ސަރަހައްދުގެ އެހެން ރަށްރަށުގެ މަސްވެރިންނަށްވެސް ލިބުނު ވަރަށް ބޮޑު ވަރަށް ބޮޑު ލުޔެކެވެ. ފަސޭހައެކެވެ. އެކަން ހުޅުދެލީ މަސްވެރިންނާއި، އެ ސަރަހައްދުގެ އެހެން ރަށްރަށުގެ މަސްވެރިންވެސް ދަނީ ފާހަގަކޮށް ސޯޝަލް މީޑިޔާގައި އެ ޝުއޫރު ފާޅު ކުރަމުންނެވެ.

ހުޅުދެލި ހިމެނޭ ސަރަހައްދުގެ މަސްވެރިން ދަނީ ސޯޝަލްމީޑިޔާގައި ރައީސް ސޯލިޙަށް ޝުކުރުގެ ބަސްތައް ލިޔަމުންނެވެ.

"ޝުކުރިއްޔާ އިބޫ. އުންމީދަކީ ތާއަބަދުވެސް ހުޅުދެލި ކައިރީގައި މަސްކިރޭނެ ގޮތެއް އޮތުން" އެ ސަރަހައްދުގެ މަސްވެރިޔަކު ފޭސްބުކުގައި ބުނެފައިވެއެވެ.

ރާއްޖޭގައި މަސްވެރިން އަބަދުވެސް ކުރަމުން އަންނަ އެންމެ ބޮޑު އެއް ޝަކުވާއަކީ މަސްކޮޅު ބާނައިގެން، އެ މަސްކޮޅު ކިރުމަށްޓަކައި އެތައް ބައިވަރު ތެލެއް އަންދައިގެން ދުރަށް ދުއްވާފައިދާން ޖެހުމެވެ. އެހެންވެ ރާއްޖޭގެ އެކި ސަރަހައްދު ތަކުން މަސްކިރޭނެ އިންތިޒާމު ހަމަޖެއްސުމަށްޓަކައި މަސައްކަތް ކުރަމުން އަންނަ ކަމަށް ސަރުކާރުން ވަނީ ބުނެފައެވެ.

 

ޖަޢުފަރު ރަޝީދު
ޖަޢުފަރު ރަޝީދަކީ ކުޅިވަރުގެ ލިޔުންތަކާއި ޚަބަރުތައް ލިޔުމުގެ ދާއިރާއިން މަޝްހޫރުވީ ލިޔުންތެރިއެކެވެ. އާފަތިހުގައި ވަރަށް ގިނަ ދުވަހު ޚިދުމަތް ކުރެއްވި އަދި މިހާރުވެސް ޚަބަރާއި ރިޕޯޓު ލިޔުއްވަމުން ގެންދަވާ ލިޔުންތެރިއެކެވެ.

2 ޚިޔާލު

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.