މޯލްޑިވިއަން ޑިމޮކްރަސީ ނެޓުވޯކް (އެމްޑީއެން) އިން ނެރުނު ރިޕޯޓުގައި ކީރިތި ރަސޫލާއަށާއި އިސްލާމްދީނަށް ފުރައްސާރަކޮށްފައިވާތީ އެމައްސަލައިގެ ތަޙުޤީޤަށް ފުލުހަށް ހާޒިރުކުރަންޖެހޭ މީހުން ހާޒިރު ކުރުމުގެ މަސައްކަތް ފަށައިފި ކަމަށް ފުލުހުން ތަރުޖަމާނު ވިދާޅުވެއްޖެއެވެ.
ތަރުޖަމާނު ޗީފްއިންސްޕެކްޓަރ އޮފް ޕޮލިސް އިޒްމިއާ ޒާހިރު ވިދާޅުވީ އެމައްސަލާގައި ސުވާލުކުރުމަށް ފުލުހަށް ގެންދަންޖެހޭ މީހުން ހާޒިރު ކުރުމުގެ މަސައްކަތް ފަށައިފި ކަމަށެވެ. އޭގެތެރެއިން ބައެއް މީހުންނަށް ޗިޓް ވެސް ފޮނުވާފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.
މަޢުލޫމާތު ލިބިފައިވާ ގޮތުގައި މިމައްސަލާގައި ގުޅުންހުރި ގިނަމީހުން މިވަގުތު ތިބީ ރާއްޖެއިން ބޭރުގައެވެ. އެމްޑީއެންގެ ރިޕޯޓުގައި އިސްލާމްދީނަށާއި މާތްވެގެންވާ ރަސޫލާއަށް ބަދުބަސް ބުނެ ފުރައްސާރަ ކޮށްފައިވާތީ އެކަމާ ދެކޮޅަށް ރަށްރަށުގައި ދަނީ މުޒާހަރާކުރަމުންނެވެ. އަދި އެ ޖަމިއްޔާ އުވާލައި އެކަންކުރި މީހުންނަށް ވަގުތުން ވަގުތަށް ފިޔަވަޅު އެޅުމަށް ރަށްރަށުން ދަނީ ސަރުކާރަށް ގޮވާލަމުންނެވެ.
އެ ރިޕޯޓުގެ މައްސަލާގައި ރާއްޖޭގެ ދީނީ ޢިލްމުވެރިން ގެންދަވަނީ އިންތިހާއަށް ކަންބޮޑުވުން ފާޅުކުރައްވަމުންނެވެ. އެކަން ކުރި މީހުންނަށް ފިޔަވަޅު އަޅައި އެ ޖަމިއްޔާ އުވާނުލާހާ ހިނދަކު އެއީ ހުއްޓޭނެ ވާހަކައެއް ނޫންކަމަށް ވެސް ބައެއް ޢިލްމުވެރިންވަނީ ވިދާޅުވެފައެވެ.
ރައީސް އިބްރާހީމް ވިދާޅުވެފައިވަނީ އެކަމާ މެދު ފިޔަވަޅު އަޅުއްވާނެ ކަމަށެވެ. މައްސަލަ ތަޙުޤީޤު ކުރަން ފެށުމަކީ އޭގެ ތެރެއިން ކަމެއްކަމަށް ސަރުކާރުގެ ބައެއް ބޭފުޅުންވަނީ ވިދާޅުވެފައެވެ.