ނިއު ޕޯޓް ވިއު ހިންގަމުންދާ ބިން ހުސްކުރުމަށް ސިވިލްކޯޓުން މިއަހަރު ސެޕްޓެމްބަރު 26 ވަނަ ދުވަހު ކުރައްވާފައިވާ ޙުކުމާ އެއްގޮތަށް އެތަން ހިންގާ ފަރާތުން އެތަން ހުނުކުރުމުން އެ އަމުރު ތަންފީޒު ކޮށްދިނުމަށްއެދި ދައުލަތުގެ ފަރާތުން އެ މައްސަލަ ކޯޓަށް ހުށަހަޅުއްވައިފި އެވެ.
މިނިސްޓްރީ އޮފް ނެޝަނަލް ޕްލޭނިން އެންޑް އިންފްރާސްޓްރަކްޗަރ އިން ވިދާޅުވެފައިވަނީ ނިއުޕޯޓު ވިއު ހިންގާ ސްޓްރާޑާ ޕްރައިވެޓް ލިމިޓެޑުން ސިވިލްކޯޓުގެ ޙުކުމާ އެއްގޮތަށް ޢަމަލު ކޮށްފައި ނުވާ ކަމަށެވެ.
ސިވިލް ކޯޓުން ކުރައްވާފައިވާ ޙުކުމުގައި ވަނީ ނިއުޕޯޓު ހިންގަމުންދާ ބިމަށް ދައްކަން ޖެހޭ ބިމުކުއްޔާއި ޖޫރިމަނާ ފައިސާގެ ގޮތުގައި އެއްމިލިއަނަށްވުރެ ގިނަ ފައިސާ ސަރުކާރަށް ދެއްކުމަށެވެ. އެހެންނަމަވެސް އެތަން ހިންގާ ކުންފުނިން އެ ޙުކުމަށް ޢަމަލު ނުކުރާ ކަމަށް ޕްލޭނިން މިނިސްޓްރީން ވަނީ ވިދާޅުވިއެވެ.
ޙުކުމާ އެއްގޮތަށް "ސްޓްރާޑާ ޕްރައިވެޓް ލިމިޓެޑުން ޢަމަލުކޮށްފައެއް ނެތެވެ. އެހެންކަމުން ތަން ހުސްކުރުމަށް ސިވިލްކޯޓުގެ ޙުކުމުގައި އަންގަވާފައިވާ ގޮތަށް ތަންފީޒު ކުރުމަށް ދައުލަތުން ކޯޓުގައި މިހާރުވަނީ އެދިފައެވެ." ޕްލޭނިން މިނިސްޓްރީން ވިދާޅުވެފައިވެއެވެ.
އެ ބިމުގައި ރެސްޓޯރެންޓެއް ހިންގުމަށް އެސްޓްރާޑާއަށް އޭރުގެ ސަރުކާރުން އެތަން ދީފައިވަނީ 2016 ވަނަ އަހަރު ސެޕްޓެމްބަރ 22 ގައެވެ. އެފަހަރު އެތަންދިނީ ތިން އަހަރަށެވެ. އެހެންނަމަވެސް ފަހުންވަނީ 8 އަހަރަށް އިތުރު ކޮށްދީފައެވެ. އޭރުވެފައިވާ އެއްބަސްވުން ޕްލޭނިން މިނިސްޓްރީން ބާތިލްކޮށް ބިން ހުސްކުރަން އެންގީ ދައްކަންޖެހޭ ކުލި ބަރާބަރަށް ދައްކަމުންނުދާތީއެވެ.
އެ މައްސަލަ ކޯޓަށް ހުށަހެޅުމުން ސިވިލްކޯޓުން އެސްޓްރާޑާގެ މައްޗަށް ޙުކުމް އިއްވީ ޙުކުމްކުރާ ދުވަހުން ފެށިގެން 15 ދުވަސްތެރޭގައި އެ ބިން ސަރުކާރާ ޙަވާލުކުރުމަށެވެ. އަދި ކުއްޔާއި ޖޫރިމަނާ ފައިސާގެ ގޮތުގައި ދައްކަންޖެހޭ 1،149،271 ރުފިޔާ ދައުލަތަށް ދެއްކުމަށެވެ.