ކައުންސިލް ތަކުގެ މުއްދަތު މިހާރު އޮތް 3 އަހަރަށްވުރެ އިތުރު ކުރަންޖެހޭ ކަމަށް ނިލަންދޫ ދާއިރާގެ މެމްބަރު އަބްދުލް މުޙްސިން ޙަމީދު (ޖޭފޯ) ވިދާޅުވެއްޖެއެވެ.
ލާމަރުކަޒީ އުސޫލުން ރާއްޖޭގެ ރަށްތައް ހިންގުމަށްޓަކައި، ކައުންސިލް ތަކަށް މާލީ އެހީދިނުމާބެހޭ ގޮތުން އިއްޔެ ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުނު ޤަރާރަށް ބަހުސް ކުރައްވަމުން މުޙްސިން ވިދާޅުވީ ރަށްރަށުގެ ތަރައްގީއަށް ހިންގަންޖެހޭ ޕްރޮޖެކްޓްތައް ޕްލޭންކޮށް ހިންގުމަށް ބަލާއިރު، ކައުންސިލް ތަކަށް މިހާރު ޤާނޫނުން ދީފައިވާ މުއްދަތު ކުޑަކަން ކައުންސިލްތަކުންވެސް ފާހަގަ ކުރަމުން އަންނަ ކަމަށެވެ.
ނަމަވެސް ޤާނޫނު އަސާސީއަށް އިސްލާޙު ނުގެނެސް، ކައުންސިލްތަކުގެ ދައުރު މިހާރަށްވުރެ ދިގު ކުރެވެން ނެތުމާއެކު ޤާނޫނު އަސާސީއަށް އިސްލާޙު ގެނެސްގެންވެސް އެއީ ކޮންމެހެންވެސް ކުރަން ޖެހިފައިވާ ކަމެއް ކަމަށް މުޙްސިން ވިދާޅުވިއެވެ.
މުޙްސިނު ވިދާޅުވި ގޮތުގައި ރަށްރަށުގެ ކައުންސިލްތަކުން، ރަށްރަށުގެ ތަރައްގީއާ ގުޅުންހުރި ކަންކަން ކުރުމަށްޓަކައި ވެރިރަށް މާލޭގައި ހުންނަ ޕްލޭނިންގ މިނިސްޓްރީއަށް ނުވަތަ ހައުސިންގ މިނިސްޓްރީއަށް ސިޓީ ލައިގެން ކަމެއްގެ ހުއްދަ ނުލިބި ދިގުލައިގެންދާ ކަމަށެވެ. އަދި ރާއްޖޭގެ ރަށްރަށުގައި ހުންނަ ހުރިހާ މިސްކިތްތަކެއް މީގެކުރިން އިސްލާމިކް މިނިސްޓްރީގެ ބެލުމުގެ ދަށުގައި ހުއްޓައި، މިސްކިތްތައް ރަށްރަށުގެ ކައުންސިލްތަކާ ދާދިފަހުން ހަވާލު ކުރިނަމަވެސް،ކައުންސިލްތަކަށް ހަވާލު ކޮށްފައި ވަނީ ހަމައެކަނި މިސްކަތް ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
"އެ މިސްކިތްތަކަށް ބޭނުންވާ، މިސްކިތްތައް މަރާމާރު ކުރުމަށް، މިސްކިތްތަކަށް ބޭނުންވާ ވަސީލަތްތައް ގާއިމް ކުރުމަށް، ނޫނީ މިސްކިތް ފޮޅާ ސާފު ކުރުމަށް ބޭނުންވާ ބަޖެޓުގެ ބަޔެއް ކައުންސިލް ތަކަށް ހަވާލު ކުރެވިފައެއް ނުވޭ" މުޙްސިން ވިދާޅުވިއެވެ.
އޭނާގެ ވާހަކައިގައި އޭނާގެ ދާއިރާގައި ހިމެނޭ ނިލަންދޫގައި ހުންނަ ހަތަރު މިސްކިތުގެ ކަންކަން ކުރުމަށް މީގެކުރިން އިސްލާމިކް މިނިސްޓްރީން ރަށު ކައުންސިލަށް ދޫކުރަމުންދިޔަ ސާޅިހަކަށް ހާސް ރުފިޔާ މިހާރު ދިހަ ހާސް ރުފިޔާއަށް ކުޑަ ކޮށްފައިވާކަން ފާހަގަ ކުރެއްވިއެވެ. މިސްކިތަށް ބޭނުންވާ ފައިސާގެ އަދަދު ވަރަށް ބޮޑަށް ކުޑަ ކުރުމުގެ ސަބަބުން ނިލަންދޫގައި ހުރި މިސްކިތްތައް ބެލެހެއްޓުމުގެ މަސައްކަތް މިހާރު ކުރަމުން ދަނީ ރަށުގެ ރައްޔިތުން އަމިއްލައަށް ފަންޑު ހުޅުވައިގެން ނުވަތަ އަމިއްލަ ޖީބުން ޚަރަދު ކޮށްގެން ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
މުޙްސިން ވިދާޅުވީ މަޖިލީހަށް ހުށަހެޅު ޤަރާރުގައި ކައުންސިލް ތަކަށް ވަރަށް ފައިދާ ހުރި ކަންކަން ހުރުމާއެކު، އެ ކަންކަމުން ދާއިރާއެއްގައި ހިމެނޭ ރަށްރަށަށް ރަނގަޅު ފައިދާތަކެއް ކުރާނެތީ އޭނާ އެ ޤަރާރަށް ތާއީދު ކުރައްވާ ކަމަށެވެ.