1949 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ ފުރަތަމަ ދުވަހު ޗައިނާއަށް ގެނައި ކޮމިއުނިސްޓް އިންގިލާބަށް 70 އަހަރު ފުރުން، ވާދަވެރިން ޖެހިލުންވާ ވަރުގެ ވަރުގަދަ ޒަމާނީ ހަތިޔާރާއެކު ޗައިނާއިން ފާހަގަކޮށްފިއެވެ.
މިއަދު އަސްކަރީ ޕެރޭޑަކީ ވާދަވެރިންނަސް ޗައިނާގެ އަސްކަރީ ބާރު ފުރިހަމައަށް ފެނިގެންދިޔަ ޕެރޭޑަކަށް ޗައިނާއިން ވަނީ ހަދައިފައެވެ.
މިއަދު ދައްކާލި ހަތިޔާރުގެ ތެރެއިން އެންމެ ފާހަގަކޮށްލެވޭ ހަތިޔާރަކީ އަޑަށްވުރެ އެތައް ގުނައެއް ބާރަށް ދަތުރުކުރުމުގެ ގާބިލުކަން ލިބިފައިވާ ނިއުކުލިޔާ މިސައިލެވެ. އުޅަނދަކުން އުދުއްސާލެވޭ ގޮތަށް ތައްޔާރުކޮށްފައިވާ ޑީއެފް-17 މިސައިލަކީ އަމާޒާއި ކައިރިވުމުން ރާޑަރުތަކަށް ނާރާ، ވައިގެ ދިފާއީ ނިޒާމުތަކަށް އަމާޒުނުކުރެވޭ ވަރަށް ވުރެ ތިރިން ދަތުރުކޮށް ހަމަލާދޭ މިމިސައިލު ފުރަތަމަ ޓެސްޓުކޮށްފައި ވަނީ 2017 ވަނަ އަހަރުގެ ނޮވެންބަރު މަހުގެ ތެރޭގައެވެ. އިނާ މޮންގޯލިޔާގެ ޖިއުކުއާން ސްޕޭސް ލޯންޗާ ސެންޓަރުގައި ކުރި، އެ ޓެސްޓުގައި ޑީއެފް-17 މިސައިލް ވަނީ 1400 ކިލޯ މީޓަރުގެ ރާސްތާއެއް 11 މިނިޓުގެ ތެރޭގައި ކަޑައްތުކޮށްފައެވެ. އެއީ އަޑަށްވުރެ ހަ ގުނަ އަވަސް ބާރުމިނެކެވެ.
މި މިސައިލާއެކު ޗައިނާއިން ވަނީ ވާދަވެރިންނަށް ގޮންޖަހާލި އެހެން މިސައިލެއްވެސް ދައްކާލާފައެވެ. އެއީ އެންމެ ދުރު ރާސްތާއަށް ދަތުރުކުރާ ބެލިސްޓިކް މިސައިލެވެ. ޑީއެފް-41 މިސައިލަކީ 12 ހާސް ކިލޯމީޓަރާއި 15 ހާސް ކިލޯމީޓަރާ ދެމެދުގެ ރާސްތާއަށް ދަތުރުކުރުމުގެ ގާބިލުކަން ލިބިފައިވާ މިސައިލެކެވެ. ސެންޓަ ފޯ ސްޓްރެޓީޖިކް އެންޑް އިންޓަނޭޝަނަލް ސްޓަޑީޒްގެ ދިރާސާއަކުން ދައްކާ ގޮތުގައި ޑީ-އެފް 41 މިސައިލެއް ޗައިނާއިން އުދުއްސާލާތާ 30 މިނެޓްގެ ތެރޭގައި އެމެރިކާއަށް ފޯރާނެއެވެ.
ޗައިނާގެ ކޮމިއުނިސްޓް ޕާޓީ ވެރިކަމަށް އައި އިންގިލާބުގެ 70 ވަނަ އަހަރީ ދުވަސް ފާހަގަކުރަން މިއަދު އޮތް ބިޔަ ޕެރޭޑުގައި ސިފައިންގެ 15 ހާސް މީހުންނާއި، 160 އަސްކަރީ މަތިންދާބޯޓާއި، 580 ވައްތަރުގެ އަސްކަރީ ސާމާނު ދައްކާލާފައި ވެއެވެ.
ޗައިނާގެ ލަޝްކަރުތަކުގެ ދާއިމީ ޚިދުމަތުގައި ސިފައިންގެ 2 މިލިއަން މީހުން ހަރަކާތްތެރިވާއިރު، ފާއިތުވި އަހަރު ޗައިނާއިން ވަނީ އަސްކަރީ ކަންކަމަށް 250 ބިލިއަން އެމެރިކާ ޑޮލަރު ހޭދަކޮށްފައެވެ.
China ah bunelanbeynumee india in mi qaum alhuvethikuran ulhefinama india thalhaa sunaafathi kurumahffahu Mithanah araashey. Beynumehnoon indiage alhuvethikameh.