ފާއިތުވި ސެޕްޓެންބަރު މަހުގެ މެދުތެރޭގައި ސައޫދީ ތެޔޮ ކުންފުނި އަރާމްކޯގެ އެންމެ ބޮޑު ތެޔޮ ކާރުޚާނާއަށް ދިން ހަމަލާއާއެކު ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު ފާއިތުވި 28 އަހަރު ނުއުފުލޭ މިންވަރަށް އުފުލިގެން ދިޔައެވެ. ހުރިހާ ލޯތަކެއް ސައޫދީ އަރަބިއްޔާއާ ދިމާއަށް ހުއްޓިފައި ހުރި އިރު، އެންމެންގެ ހިތުގައި ވެސް އޮތް ސުވާލަކީ ސައޫދީ އަރަބިއްޔާ ހަދާނީ ކިހިނެއް ބާވައެވެ؟
އެމެރިކާގެ ސީބީއެސް ޓީވީ ޗެނަލުން އާދީއްތަ ދުވަހު ދުރަށް ދެއްކި ބަސްދީގަތުމެއްގައި ސައޫދީ ވަލީއަހުދު މުޙައްމަދު ބިން ސަލްމާން ވަނީ މި ސުވާލުގެ ޖަވާބު ދެއްވާފައެވެ. އޭނާ ވިދާޅުވީ ސަރަހައްދުގައި ހަނގުރާމައެއް ފެށިއެޖެނަމަ ދުނިޔޭގެ އިގްތިސާދު އަޑިއަޅާނެ ކަމުގައެވެ.
"ދުނިޔޭގެ ހަކަތައިގެ %30 ހުރީ މި ސަރަހައްދުގައި. ވިޔަފާރީގެ %20 ހުރަސްކުރަނީ މިސަރަހައްދުން. އަދި ދުނިޔޭގެ ޖީޑީޕީގެ 4% ހިއްސާކުރޭ." މުޙައްމަދު ބިން ސަލްމާން ވިދާޅުވިއެވެ.
"ތަސައްވަރުކޮށްލާ، މި ތިން ކަންތައް ހުއްޓިއްޖެއްޔާ (ވާނެ ގޮތް). އޭގެ މާނައަކީ މުޅި ދުނިޔޭގެ އިގްތިސާދު އަޑިއަޅާލުން. ސައޫދީ އަރަބިއްޔާ ނުވަތަ މެދުއިރުމަތީގެ އެކަންޏެއް ނޫން." އޭނާ ވިދާޅުވިއެވެ.
ވަލީއަހުދުގެ މި ވާހަކަފުޅުތަކާއެކު ސައޫދީ އަރަބިއްޔާ ވަނީ އީރާނާއެކު ސުލްހަވުމަށް މަސައްކަތްތަކެއްވެސް ފަށްޓާފައެވެ. އިއްޔެ ބޭރުގެ ނޫސްވެރިންނަށް މައުލޫމާތުދެއްވަމުން އީރާނު ސަރުކާރުގެ ތަރުޖަމާނު ޢަލީ ރަބީޢީ އިއްޔެ ވިދާޅުވީ މެދުވެރިންތަކެއްގެ ފަރާތުން ސައޫދީ އަރަބިއްޔާގެ ސިޓީތަކެއް ލިބިފައިވާ ކަމުގައެވެ.
ސައޫދީން އީރާނަށް ސިޓީ ފޮނުވީ ކޮން ފަރާތެއް މެދުވެރިކޮށްކަން އީރާނުން ހާމަކޮށްފައި ނުވެއެވެ. އެހެންނަމަވެސް، ޕާކިސްތާނުގެ ބޮޑުވަޒީރު އިމްރާން ޚާން އދ. ގެ އާއްމު މަޖިލީހުގައި ތަގުރީރުކުރެއްވުމަށް ނިއުޔޯކަށް ވަޑއިގަތް މަގުމަތީގައި ސައޫދީ އަރަބިއްޔާގެ ވަލީއަހުދާ ބައްދަލުކުރެއްވުމަށް ފަހު، ވިދާޅުވީ އީރާނާ ސައޫދީއަރަބިއްޔާއާ ދެމެދުގައި އުފެދިފައިވާ އަރައިރުން ހައްލުކުރުމަށް މެދުވެރިވެރިއެއްގެ ބައި އަދާކުރެއްވުމަށް ވަލީއަހުދު އޭނާގެ އަރިހުން އެދިވަޑައިގަތް ކަމުއެވެ.
އަނެއްކޮޅުން އިރާގުގެ ބޮޑުވަޒީރު ޢާދިލު ޢަބްދުލްމަހްދީ ވަނީ ސައޫދީ އަރަބިއްޔާއަށް ވަޑައިގެން ސަލްމާނު ރަސްގެފާނާ ބައްދަލުކުރެއްވުމަށް ފަހު، ސައޫދީ އަރަބިއްޔާއާ އީރާނުންވެސް ސުލްހަ ބޭނުންވާކަން ހާމަކުރައްވާފައެވެ.
އީރާނުން ސުލްއަށް ތައްޔާރަށް އޮތަސް، އީރާނުގެ ޝަރުޠުތަކެއް ވެއެވެ. އޭގެ ތެރޭގައި ސަރަހައްދުގައި ސައޫދީން ގެންގުޅޭ ސިޔާސަތު ބަދަލުކުރުމާއި، ޔަމަނުގައި ސައޫދީން ކުރާ ހަނގުރާމަ ހުއްޓާލުން ހިމެނެއެވެ.