މަސްތުވާތަކެއްޗާ ދެކޮޅަށް ފުލުހުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން ހިންގި ދެ އަޮޕަރޭޝަނެއްގައި މަސްތުވާތަކެއްޗާއެކު ދެމީހަކު ށ.މިލަންދޫން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފިއެވެ.
މި މައްސަލާގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވަނީ 34 އަހަރުގެ ފިރިހެނަކާއި 38 އަހަރުގެ ފިރިހެނުންނެވެ. މި ދެމީހުންނަކީވެސް ދިވެހިންނެވެ.
މި ދެމީހުންގެ ތެރެއިން 34 އަހަރުގެ މީހާ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވަނީ މަސްތުވާތަކެތި ގެންގުޅޭކަމަށް އާންމު ފަރާތަކުން ދިން މައުލޫމާތަކާއި ގުޅިގެން ށ.މިލަންދޫ ޕޮލިސް ސްޓޭޝަނުން ހިންގި އޮޕަރޭޝަނެއްގައި 2016 ނޮވެމްބަރ 8 ވަނަ ދުވަހުގެ 08:15 ހާއިރު އޭނާ ދިރިއުޅޭ ގޭގެ ކޮޓަރިންނެވެ. އޭނާ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސް އޭނާގެ ހަށިގަނޑާއި ދިރިއުޅޭ ކޮޓަރި ބަލައިފާސްކުރިިއިރު އޭނާ ލައިގެން ހުރި ޖިންސްގެ ކުރިމަތީ ޖީބުން މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި ރަބަރު ޕެކެޓެއް ފެނިފައިވެއެވެ.
38 އަހަރުގެ މީހާ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވަނީ މަސްތުވާތަކެތި ބޭނުންކުރާކަމަށް ލިބުނު މައުލޫމާތަކާއި ގުޅިގެން ށ.މިލަންދޫ ޕޮލިސް ސްޓޭޝަނުން ހިންގި އޮޕަރޭޝަނެއްގައި 2016 ނޮވެމްބަރ 8 ވަނަ ދުވަހުގެ 13:15 ހާއިރު އޭނާ ދިރިއުޅޭ ގޭގެ ގިފިލިތެރެއިންނެވެ. އޭނާ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސް ހަށިގަނޑާއި އެސަރަހައްދު ބަލައިފާސްކުރިއިރު ގިފިލީގެ ފާރުން ބޭރަށް އެއްލައިލާފައިއޮތް ވޮލެޓެއްގެ ތެރެއިން މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި 10 ރަބަރު ޕެކެޓު ފެނިފައިވެއެވެ.
މި ދެމީހުންގެ ބަންދާމެެދު ގޮތެއް ނިންމުމަށް ށ.ފުނަދޫ މެޖިސްޓްރޭޓް ކޯޓަށް ހާޟިރުކުރުމުން މިނިސްޓްރީ އޮފް ހޯމް އެފެއާޒުން ކަނޑައަޅާ ތަނެއްގައި ބަންދުގައި ބަހައްޓައިގެން ތަޙްޤީގު ކުރިއަށް ގެންދިއުމަށް 10 ދުވަހުގެ މުއްދަތެއް ދީފައިވެއެވެ.
މި މައްސަލަ ށ.މިލަންދޫ ޕޮލިސް ސްޓޭޝަނުން ދަނީ ތަޙްޤީގު ކުރަމުންނެވެ.