މި ސަރުކާރުގެ ވެރިކަމުގައި ވ. އަތޮޅުން މީހުންބާލައި އަތޮޅު ވިއްކާލައިފާނެތީ ބިރުން، އެ އަތޮޅުގެ ރައްޔިތުން އުޅެން ނުޖެހޭނެކަމަށް ފަތުރުވެރިކަމާބޭ ވަޒީރު ވިދާޅު ވެއްޖެއެވެ. މި ސަރުކާރަކީ ރާއްޖޭގެ ކުދި ބޮޑު ރައްޔިތުންގެ ސަރުކާރެއްގެ ގޮތުގައި ކަށަވަރުވާނެކަމުގެ ޔަޤީންކަން ދެއްވާކަމަށް ވެސް ވަޒީރު ޢަލީ ވަޙީދު ވިދާޅުވިއެވެ. އެ މަނިކުފާނު މިހެން ވިދާޅުވީ ދުނިޔޭގެ ފަތުރުވެރިކަމުގެ ދުވަސް ފާހަގަ ކުރުމުގެ ޙަރަކާތްތައް ފެށުމުގެ ގޮތުން "ޖަޒީރާ ކެނޯ ރޭސް" ފެށުމަށް ވ. ކެޔޮދޫ ގޮނޑު ދޮށުގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުންނެވެ.
ފަތުރުވެރިކަމާ ބެހޭ ވަޒީރު ޢަލީ ވަޙީދު ވިދާޅުވީ ދުނިޔޭގެ ފަތުރުވެރިކަމުގެ ދުވަސް ފާހަގަ ކުރުމަށް އެންމެ މުހިންމު އަތޮޅުގެ ގޮތުގައި މިފަހަރު ޚާއްޞަ ކޮށްފައިވަނީ ރާއްޖޭގެ އެންމެ ކުޑަ އަތޮޅު ކަމުގައެވެ. މާލެއަށް ވެސް ފަތުރުވެރިކަމުގެ ދުވަސް ފާހަގަކުރަން ދިއުންއޮތީ ވ. އަތޮޅުގެ ޙަރަކާތްތަކަށް ފަހުގައިކަމަށް ވަޒީރު ފާހަގަ ކުރެއްވިއެވެ.
ވ. އަތޮޅުގައި ބޭއްވި "ޖަޒީރާ ކެނޯ ރޭސް" ގައި ރާއްޖޭގެ 17 އަތޮޅުން އަންހެނުންނާއި ފިރިހެނުން ވަނީ ބައިވެރި ވެފައެވެ. ކެނޯރޭސް ބާއްވައިފައިވަނީ ވ. އަތޮޅުގެ ކެޔޮދޫން ފެލިދުއަށް އަދި ފެލިދޫން ތިނަދުއަށް ރޭސް ނިންމާ ގޮތަށެވެ. ކެނޯރޭހުގައި ކެޔޮދޫން ފެލިދުއަށް ފަލިޖަހައިފައި ދިޔައީ މުބާރާތުގައި ބައިވެރިވި އަންހެނުންނެވެ. ފެލިދޫން ކެޔޮދުއަށް ފަލިޖަހައިފައި ދިޔައީ ބައިވެރިވި ފިރިހެނުންނެވެ.
ފަތުރުވެރިކަމުގެ ދުވަސް ފާހަގަ ކުރުމުގެ ގޮތުން ރޭ ވެސް ވ. އަތޮޅު ކެޔޮދޫގައި ތަފާތު ސަޤާފީ ހަރާކާތް ތައް ކުރިއަށް ގެންދިޔައެވެ. އެޙަރާކާތްތަކުގައި ކެޔޮދޫ އަންހެނުންނާއި ފިރިހެނުންގެ ތާރައާއި ސަގާފީ ކުޅުވަރުތައްވެސް ހިމެނެ އެވެ. އަދި ދިވެހި ފަންނާނުންގެ ތަފާތު ޙަރާކާތްތައްވެސް ކުރިއަށް ދިޔައެވެ.
ދުނިޔޭގެ ފަތުރުވެރިކަމުގެ ދުވަސް ފާހަގަ ކުރުމަށް ވ. އަތޮޅުގައި ބާއްވާ ޙަރަކާތްތަކަށް ޚަރަދު ކުރަނީ ތަފާތު ކުންފުނިތަކުގެ ސްޕޮންސަރއިންކަމަށް އެރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ފަތުރުވެރިކަމާ ބެހޭ ވަޒީރު ޢަލީ ވަހީދު ވިދާޅުވިއެވެ.
ދުނިޔޭގެ ފަތުރުވެރިކަމުގެ ދުވަސް ފާހަގަކުރުމަށް ބާއްވާ އިތުރު ޙަރަކާތްތަކުގެ ތެރޭގައި މިއަދު ފެށިގެން މިމަހު 29 ށް ފަރޮކޮޅުފުށީގައި ޖޮބްފެއަރ ވެސް ބޭއްވުމަށް ވަނީ ހަމަޖައްސަވައިފައެވެ. މިމަހު 30 ވަނަ ދުވަހު އޯޕަންޑޭގެ ގޮތުގައި ފަތުރުވެރިކަމާ ބެހޭ ވުޒާރާގެ މަސަކަތްތަކާ ބެހޭގޮތުންސްކޫލުކުދިންނަށް މަޢުލޫމާތު ދިނުމުގެ ޙަރަކާތެއްވެސް ބޭވުމަށް ވަނީ ހަމަޖައްސަވައިފައެވެ.
ފަތުރުވެރިކަމުގެ ދުވަސް ފާހަގަ ކުރުމަށް، ރ. އަގޮނޅިތީމްގައި ޓޫރިސްޓް ވިޒިޓާރސް ސެންޓަރެއްގެ ބިންގާ އެޅުމަށް ވެސް ވަނީ ހަމަޖައްސަވައިފައެވެ. މިތަނުގެ ބިންގާ އަޅައިދޭނީ ޑިމޮކްރަސީއަށް ރާއްޖެއިން ކުރި ދަތުރުގައި އެންމެ ބޮޑު ޙަރަކާތްތެރޮކަމެއް ދެއްކި އެކްޓިވިސްޓުން ކަމަށް ފަތުރުވެރިކަމާ ބެހޭ ވަޒީރު ވިދާޅުވިއެވެ. މިސެންޓަރަކީ ރާއްޖެ ޑިމޮކްރަސީއަށް ކުރި ދަތުރުގެ މަޢުލޫމާތު އެއްތަނަކުން ލިބޭނެ އިންތިޒާމު ހަމަޖެއްސުމަށް ޤާއިމްކުރާ ސެންޓަރެކެވެ. އަނގޮޅިތީމަކީ ރައީސް ނަޝީދު އަރުވާލާފައިހުރި ރަށެވެ.
ފަތުރުވެރިކަމުގެ ދުވަސް ފާހަގަ ކުރުމަށް ދުނިޔޭގެ ފްރީޑައިވް ޗެމްޕިއަންނާއެކު، ދުނިޔޭގެ ރެކޯރޑް ފޮތުން ޖާގަ ހޯދުމަށް ފްރީޑައިވިންގެ ޙަރަކާތެއް ވެސް ބޭއްވުމަށް ވަނީ ހަމަޖައްސަވައިފައެވެ. ބަރޮސް އައިލެންޑްގެ ފަރުތެރޭގައި ބާއްވާ ފްރީ ޑައިވްގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙްވެސް ބައިވެރިވެ ވަޑައިގަންނަވާނެއެވެ.
ދުނިޔޭގެ ފަތުރުވެރިކަމުގެ ދުވަސް ފާހަގަ ކުރުމަށް ކުޑަކުދިންގެ ފުޓުބޯޅަ މުބާރާތެއްސް ވަނީ ފަށްޓަވައިފައެވެ. ފުޓުބޯޅަ މުބާރާތް ނިންމުން ބޭއްވުމަށް ހަމަޖައްސަވައިފައިވަނީ ވަރަށް ކުލަގަދަކޮށް ޚާއްޞަ އިނާމު ތަކާ އެކުގައެވެ.