ފަސްކުދިންނާއި ދެ އަންހެނުންގެ ފުރާނަ ސަލާމަތް ކުރުމަށް މެދުވެރި ކުރެއްވީ ވައިގޮޅިން އެރިމީހެއް

މިދިޔަ ހުކުރު ދުވަހުގެ ރޭ ހިނގާދިޔަ ބޮޑު އަލިފާނުގެ ޙާދިސާގައި މަރުވެފައިވަނީ ރަދުވާނީޔާގޭގައި އުޅުނު އަންހެނެކެވެ. އޭނާ ތާށިވެ ނުނުކުމެވިފައި ހުރީ އެގޭގެ ތިންވަނަ ބުރީގައެވެ.

އެ ގޭގެ ފަސްވަނަ ބުރީގައި ޙާދިސާ ހިނގި ވަގުތު ތިބީ ކުޑަ ފަސް ކުދިންނާ ދެ އަންހެނުންނެވެ. އެކުދިންގެ ޢުމުރަކީ 9 މަހާއި 9 އަހަރާދެމެދެވެ. އެންމެ ހަގުކުއްޖާގެ ޢުމުރަކީ އަށްމަހެވެ. ދެން ތިބީ ތިން އަހަރުގެ ކުއްޖަކާ ހަތަރު އަހަރުގެ ކުއްޖަކާއި ހަ އަހަރުގެ ކުއްޖަކާއި 9 އަހަރުގެ ކުއްޖެކެވެ. ދެން އެ ކުދިންގެ މަންމަ މެންނެވެ. އެއީ އެގޭގައި އުޅޭ ގދ. ރަތަފަންދޫއަށް ނިސްބަތްވާ ދެބޭންގެ އާޢިލާއެވެ.

ނަމާދު ވަގުތަށްވުމުން ރަދުވާނިޔާގޭ ފަސްވަނަ ބުރީގައި އުޅޭ ދެ އާޢިލާގެ ތެރެއިން އެއް އާއިލާގެ ފިރިހެން މީހާ އޭނާއަށް، ބޮޑު ބޭބޭ ކިޔާ އެގާރަ ވަރަކަށް އަހަރުގެ ކުއްޖަކު ގޮވައިގެން ނުކުތީ ޢިޝާ ނަމާދަށް ދިއުމަށެވެ. ގޭ ދޮރުން ނުކުތްތަނުން ތިލަފުށީ ގޭގައި ހުރި ގުދަނުގެ ތެރެއިން ދުންއަރާތަން އޭނާއަށް ފެނުނެވެ. ހަމައެވަގުތު ބޮތްކެއްގެ އަލި ފަދައިން އޮރެންޖް ކުލައިގެ އައްޔެއް އޭނާއަށް ފެނުނެވެ. ދެން ކުއްލި އަކަށް އިވުނު ގަދަ އަޑަކާއެކު ފެނުނީ ހުޅުފަޅައިގެން ގޮސް މުޅި ތަނަށް އަލިފާންގަނޑު ފެތުރިގަތްތަނެވެ. އޭނާއާއި އޭނާއާ އެކުގައި ހުރި ކުއްޖާއަށް ވެސް ސަލާމަތް ވެވުނީ ކިރިޔާއެވެ. ފެތުރިގަތް އަލިފާންގަނޑު ރަދުވާނިއާގޭގެ ދޮރު މައްޗާއެއްކޮށް އޮތީ ބައްދާލާފައެވެ. އަނބިދަރިންނާއި އެއްބަނޑު އެއްބަފާ ދައްތައާއި އޭނާ ދެ ދަރިންވެސް ތިބީ އަލިފާންގަނޑު ރޯވަމުން ފެތުރެމުން ދިޔަ ރަދުވާނިއާގޭގެ ފަސްވަނަ ބުރީގައެވެ. ގެއަށް ވަންނަން ބޭނުންވިއަސް އެކަން ވާކަށް ނެތެވެ. އަވަހަށް ފޯނު ނަގައިގެން އެމް.އެން.ޑީ.އެފް.ގެ ފަޔަރ އެންޑް ރެސްކިޔުއަށް ގުޅައި ހާދިސާ ރިޕޯރޓް ކުރިއެވެ.

118 ގުޅުމަށްފަހު ދެން އޭނާ ގުޅީ އަނދަމުންދިޔަ ރަދުވާނިޔާގޭގެ ފަސްވަނަ ބުރީގައި ހުރި އޭނާގެ އަންހެނުންނަށެވެ. އަންހެނުންނަށް ގުޅައިފައި ކޮޓަރީގެ ފެންލައިޓުން ޖެހިގެން ހުރި ގޭގެ ޓެރަސްއަށް ފޭބޭތޯ މަސައްކަތްކުރުމަށް ބުނި ކަމަށް އޭނާ ބުންޏެވެ. އަންހެނުންނާއި ދަރިންނާއި ދައްތައާއި އޭނާގެ ދެ ދަރިން ސަލާމަތް ކުރަން ކިތަންމެ ބޭނުންވިއަސް މައްޗަށް އެރޭނެ ގޮތެއް ނެތެވެ. ޖެހިގެން ހުރި ގޭގެ ދޮރުމަތީގައިވެސް އޮތީ އަލިފާންގަނޑެވެ. އަލިފާންގަނޑު ފެތުރެމުން ދިޔަ ބާރު މިނާއެކު ހިތަށްވެރިވެފައިވާ ބިރުވެރިކަމާއި ހާސްކަމާއެކުވެސް ރޮއެ ހަޅޭ ނުލަވައި ކެތްތެރިކަމާއެކު، ދެމިހުރީ ﷲ ގެ ހަޟްރަތުގައި ދުޢާ ދެންނެވުމުގައި ކަމަށް އޭނާ ބުންޏެވެ. އެފަދައިން ދުޢާ މަތީގައި ހުއްޓާ އިރުގަނޑެއްފަހުން އޭނާގެ ކަންފަތުގައި ޖެހުނީ އޭނާގެ އަށްމަހުގެ ތުއްތު ދަރިފުޅުގެ ރުއިމުގެ އަޑެވެ. ކުއްލިއަކަށް އެއަޑާ ދިމާއަށް ދުއްވައި ގަނެވުނެވެ. އޭރު މީހަކު އެ ދަރިފުޅު އަތްދަނޑި މައްޗަށް ލައިގެން ދުވެފައި އޭޑީކޭއާ ދިމާއަށް ދާތަން ފެނުނެވެ. ފަހަތުން އޭޑީކޭއާ ދިމާއަށް ދުއްވައިގަނެވުނެވެ. އޭޑީކޭއަށް ދިޔަތާ އިރުކޮޅެއްގެތެރޭގައި އެހެންކުދިންނާއި އަންހެނުންނާއި އަދި ދައްތަ އާއި ދައްތަގެ ދަރިންވެސް އޭޑީކޭއަށް ގެނައެވެ. އެ ދެބެންގެ ޢާއިލާގެ އެއްވެސް މީހަކަށް އެއްވެސް ކަހަލަ އަނިޔާއެއް ނުވެއެވެ.

ރަދުވާނިޔާގޭގައި އުޅޭ ދެ އާޢިލާގެ ތެރެއިން އެއް އާއިލާގެ އަންހެން މީހާ ކިޔައިދިން ގޮތުގައި، ކޮއްކޮ އާއެކު ދޮށީ ދަރިފުޅު ނަމާދަށް ފޭބުމުން ޖެހިގެން ހުންނަ  ދަރިފުޅު ގޮވައިގެން ކޮޓަރިއަށް ވަންނަން އުޅެފައި، ސިޓިން ރޫމްގައި މަޑުކޮށްލީ ދަރިފުޅު ނަމާދު ކުރަން ބޭނުންވަނީ ޤުރުއާން ކިޔަވައި ނިންމާލުމަށް ފަހުގައި ކަމަށްވާތީއެވެ. ދަރިފުޅު ޤުރުއާން ކިޔަވަން އިނީ ސިޓިންރޫމްގައި ކަމަށްވާތީ ކޮޓަރިއަށް ނުވަދެ ދޮވެފައި ހުރި އެއްޗިހި ފަށްޖަހަން އޭނާވެސް ދަރިފުޅު ގާތު ސިޓިން ރޫމްގައި މަޑުކޮށްލީއެވެ. ކުއްލިއަކަށް އެއްޗެއް އަނދާ ވަސް ދުވާތީ ފުރަތަމަ ގޮސް ބަދިގޭ އުދުން ރޯކޮށްފައިތޯ ބަލާލިއެވެ. ބަދީގޭގައި އުނދުންވެސް ރޯކޮށްފައި ނެތުމުން ގޭގެ ދޮރު ހުޅުވާލައިފައި ބޭރު ބަލާލި ވަގުތު ދުމާ ހެދި ސިޑިވެސް ނުފެންނަ ކަމަށް އޭނާ ބުންޏެވެ. އަވަހަށް ސިޓިންގ ރޫމް ދޮރު ލައްޕާލިއިރު 9 އަހަރުގެ އަންހެން ދަރިފުޅު ހުރީ ވަރަށް ކަންބޮޑުވެ ހާސްވެ ރޮވޭ ގޮތް ވެފައިކަމަށް އޭނާ ކިޔައިދިނެވެ.

"އަންހެން ދަރިފުޅު ވަސް ދުވަނީއޭ، ވަސް ދުވަނީއޭ ބުނެ އެ ވަގުތު ރޮއެގަތް. އޭރުފެނޭ ފެންލައިޓްތަކުން ދުންތައް މައްޗަށް އަރާތަން" ތިން ކުދިންގެ މަންމަ ކިޔައި ދިނެވެ.

އޭރު ގޭގެ ހުރިހާ ދޮރުތައް ހުރީ ލައްޕައިފައެވެ. ގޭތެރެއަށް ދުމުގެ އަސަރު މާބޮޑަށް ނުކުރި ނަމަވެސް ދުންތައް އަރާތަން ފެންލައިޓުތަކުން ފެންނަކަމަށް އޭނާ ބުންޏެވެ. ދެ ކުދިން ގޮވައިގެން ކޮއްކޮގެ ކޮޓަރިއަށް ވަންއިރު ކޮއްކޮގެ އަންހެނުން ހުރީ ނަމާދަށް ކަމަށް އެ އަންހެން މީހާ ބުންޏެވެ.

"ކޮއްކޮގެ އަންހެނުން ނަމާދަށް ހުރުމުން އަޅުގަނޑު އަދި ދަރިފުޅުވެސް ބޭނުންވީ ނަމާދު ކުރަން. އެކަމު އޭނާއަށް ނަމާދު ފުރިހަމައެއް ނުކުރެވުނު. ބިރުން ގޮސް ދެވަނަ ރަކުއަތުން ހުއްޓާލީ." އޭނާ ބުންޏެވެ. އޭނާ ބުނި ގޮތުގައި އޭނާގެ ކޮޓަރިއަށް ވަންނަމަ ދުން އެރިއަސް އެހާ އަވަހަކަށް ނޭނގޭނެއެވެ. އެއީ އަލީފާނުގެ ޙާދިސާގައި އެ ގޭގެ ތިންވަނަ ބުރީގައި ތާށިވެ މަރުވި ޝައުނާގެ ކޮޓަރި ހުންނަ ގޮތަށް ފަސްވަނަ ބުރީގައި ހުންނަ ކޮޓަރިކަމަށް އޭނާ ކިޔައި ބުންޏެވެ.

ރަދުވާނިޔާގޭގެ ފަސްވަނަ ބުރީގައި އުޅޭ ދެ އާއިލާގެ ތެރެއިން އެއް އާޢިލާގެ ފިރިހެން  މީހާ ހާދިސާ ހިނގި ވަގުތު ހުރީ އެއާޕޯރޓުގައި ޑިއުޓީގައެވެ. އޭނާއަށް އަލިފާން ރޯވެގެން އުޅޭ ޚަބަރު ދިނީ އެކުގައި މަސައްކަތް ކުރާ މީހެކެވެ. އެކަމަކު އެ މީހާ ބުނިގޮތުން އަލިފާނުގެ ޙާދިސާ ހިނގީ އޯފްރޯޑް ގައެވެ. އެއީ ގެއާ އެހާ ކައިރި ތަނެއް ނޫންކަމުން، މާބޮޑަށް އަޅާނުލެވި މަސައްކަތުގައި އުޅުނީ ކަމަށް އޭނާ ބުންޏެވެ. މަސައްކަތުގައި އުޅެނިކޮށް ފިރިހެން މިހާގެ އުފަން ރަށުން ޢާއިލާގެ މީހަކު ފޯނު ކުރުމުން ފޯނު ނެގުމުން ގޭގައި އަލިފާން ރޯވެގެން އުޅޭ ޚަބަރު ދިން ކަމަށް އޭނާ ކިޔައި ދިނެވެ. ފޯނު ބަލާލިއިރު ގެއިން ކޮށްފައިހުރި ބައިވަރު ކޯލްތައް މިސްވެފައި ހުރި ކަމަށް އޭނާ ބުންޏެވެ. ދެން ގެއިން ފަހަރަކު މީހަކަށް ގުޅޭ ތޯ މަސައްކަތްކުރިއެވެ. އެކަމު އަންހެނުން ވެސް އޭނާގެ ކޮއްކޮވެސް ފޯނެއް ނުނަގައެވެ. ތަކުރާރުކޮށް ދެވަނަ ފަހަރަށް ގުޅުމުން އޭނާގެ ޅިޔަނު ފޯނު ނަގައިފައި ހުރިހާ ކުދިން ހޮސްޕިޓަލުގައި ތިބި ވާހަކަ ބުނުމުން، އަވަހަށް މާލެ އައީ ކަމަށް އޭނާ ބުންޏެވެ.

ރަދުވާނިޔާގޭގައި އުޅުނު އަނެއް އަންހެން މީހާ ބުނީ އޭނާގެ ފިރިމީހާ އަލިފާން ރޯވި ޚަބަރު ދިނުމަށް މަގުމަތީގައި ހުރެ ގުޅިއިރު ވެސް ދުންގަނޑު އެ އެޕާޓްމަންޓާ ހިސާބަށް އަރައިފިކަމަށެވެ. ކުޑަކުޑަ ކުދިން ކޮޅުގޮވައިގެން އެކަނި ތިބެން ޖެހުމުން ވަރަށް ބިރުގަނެ ކަންބޮޑުވިކަމަށް އޭނާ ވެސް ބުންޏެވެ. އެކަމުވެސް ރޮއެ ހަޅޭ ނުލަވައި ސަލާމަތަށް އެދި ދުޢާ ކުރުންމަތީގައި ދެމިތިބީއެވެ. އަލިފާން ރޯވިކަން އެނގުނީ ނަމާދަށް ފަށަނިކޮށްކަމަށް، ތިން ކުދިންގެ މަންމަ ކިޔައިދިނެވެ. ނަމާދު ނުކޮށްހުއްޓައި މަރުވެދާނެކަމަށް ބިރުން ފުރަތަމަ ބެލީ ނަމާދު ފުރިހަމަ ކޮށްލެވޭތޯ ކަމަށް އޭނާ ބުންޏެވެ.

މި ދެ އަންހެނުން ފަސް ކުދިން ގޮވައިގެން ފެންލައިޓުން ނުކުންނާނީ ކިހިނެއްތޯ ވިސްނަމުން ދިޔައިރުވެސް އެންމެ ހިނދުކޮޅަކަށް ވެސް ދުޢާކުރުން ހުއްޓައި ނުލާކަމަށް ބުންޏެވެ. އެވަގުތު ޖެހިގެން މައްޗަށް ހުރި ހަވަނަ ފްލޯގައި ތިބި ކުދިން ރޮމުން ސަލާމަތަށް އެދި ގޮވާ އަޑު އިވޭކަމަށް އެ ދެ އަންހެނުން ކިޔައި ދިނެވެ. އެ ދެ އަންހެނުންނާ އެކު ތިބި ކުދިންގެ ތެރޭގައި ކަންކަން ވިސްނޭވަރު ކުއްޖަކަށް ހުރީ ނުވަ އަހަރު އަންހެން ކުއްޖާ އެވެ. ނުވަ އަހަރުގެ ކުއްޖާ ބިރުން ހިފަހައްޓާ ނުލެވޭކަމަށް އޭނާގެ މަންމަ ކިޔައި ދިނެވެ.

އެހެން ތިއްބާ ވައިގޮޅިން މީހަކު އަރައި އެ އެޕާރޓްމަންޓަށް އެރެން ހުރި ގޮތް އޮޅުން ފިލުވިއެވެ. ލާނެ ސޯޓެއް ދިނުމަށް އެދުމުން އެ މީހާއަށް އެތަނުން އެކެއްގެ ފިރިމީހާގެ ސޯޓެއް ދިނެވެ. ފިރިހެން މީހާ ތިރިއަށް ގޮސް ފުލުހުން ގޮވައިގެން އަންނަން ވީ ދެތިން މިނެޓެއްހާ އިރުކަމަށް ދެ އަންހެނުން ކިޔައިދިނެވެ. ރަދުވާނިޔާގޭގެ ފަސް ވަނަ ފްލޯގައި ތާށިވެފައި ތިބި ފަސް ކުދިންނާއި ދެ އަންހެނުން ސަލާމަތް ކޮށްދިނީ ވައި ގޮޅިން އެރި ފިރިހެން މީހާއާއެކު އައި ފުލުހުންނެވެ. އެ ހާދިސާގައި އެގެއިން ސަލާމަތްކޮށްގެން އެންމެ ފުރަތަ ނެރުވުނީ ފަސްވަނަ ބުރީގައި ތިބި މި ފަސް ކުދިންނާއި ދެއަންހެނުން ކަމަށް ވެއެވެ. އެ ދެ އަންހެނުން ބުނީ އެމީހުންނަށް ސަލާމަތް ވެވުނުއިރު އެ ފްލޯގައި އަލިފާނެއް ނުހިފާ ކަމަށެވެ. އެމީހުން ސަލާމާތްވާން ވަން ކޮޓަރިއަކީ ވަރަށް އެތެރޭގައި ހުރި ކޮޓަރިއެއް ކަމުން ދުމުގެ އަސަރުވެސް މާބޮޑަށް އެ ކޮޓަރިއަށް ނުކުރާ ކަމަށް އެ ދެ އަންހެނުން ބުންޏެވެ.

ސަލާމަތްވާނެ ގޮތެއް ނެތްނަމަ ކުދިން ގޮވައިގެން ޖެހިގެން ހުރި ގޭގެ ޓެރަސްއަށް ފުންމާލުމަށްވެސް ތިބީ ނިންމައިގެންކަމަށް ދެ އަންހެނުން ކިޔައި ދިނެވެ. އެކަމު އިސްކޮޅުން ކުރުވީމާ އެކަކު ފުންމާލާފަ އަނެކަކު ކުއްޖާ ދިއްކޮށްލުމުންވެސް އަތް ނުފޯރަފާނެތީ ފުރަތަމަ އެ ގޮތަށް ސަލާމަތް ވާން މަސައްކަތް ނުކޮށްތިބީކަމަށް އެ ދެ އަންހެނުން ކިޔައިދިނެވެ. އެމީހުން ސަލާމަތްކުރި ފުލުހުންވެސް މަސައްކަތްކުރީ ހަމަ އެގޮތަށް ކަމަށް އެ ދެ އަންހެނުން ކިޔައި ދިނެވެ.

"ނުވަ އަހަރުގެ ކުއްޖާ އެކަނި އުޅުނީ ބިރުން. އަހަރެމެން ދެމީހުންނަށް ވެސް އޭނާ ހިފާއްޓާ ނުލެވޭ، އެހެން ކުދިން މާބޮޑަކަށް ނޭނގޭ އެކަމާ ދޭތެރޭ ވިސްނާކަށް ކުޑަވީމާ، ސިފައިން އައިމަ އެމީހުން ތިބީ އުފަލުން، އަހަނީ ކޮބައި ހެއްޔޯ ބަޑި. އެމީހުން ބޭނުންވީ ސިފައިން ބަޑިއާއެކު އަންނަން." އެއް އަންހެނަކު ހެވިފައި ހުރެ ކިޔައިދިނެވެ.

ނުވަ އަހަރުގެ އަންހެން ކުއްޖާ ހަމައަކަށް އެޅުނީ އޭނާގެ ބައްޕަ ފެނުނުމުން ކަމަށް އެކުއްޖާގެ މަންމަ ކިޔައި ދިނެވެ.

ރަދުވާނިއާގޭގެ ފަސްވަނަ ބުރިއަކީ އެ ގޭގެ އެންމެ ގިނަ ކުޑަކުދިން އުޅުނު އެޕާޓްމަންޓެވެ. އެ ފަދަ ނުރައްކާތެރި ހާދިސާއެއް ހިނގިއިރު ދެ އަންހެނަކު އެކަނި ކުޑަކުޑަ ކުދިންތަކެއް ގޮވައިގެން، އަނދަމުން ދިޔަ ގެއެއްގެ ތެރޭގައި ތިބި ޚަބަރު ލިބުމަކީ ކަންބޮޑުވެ ހާސްނުވެ ނުދާނެ ކަމެކެވެ.

ރަދުވާނިޔާގޭގެ ފަސްވަން ބުރީގައި ދިރިއުޅޭ ރަތަފަންދުއަށް ނިސްބަތްވާ ދެބެންގެ އާޢިލާ އިން ބުނީ އެމީހުން ސަލާމަތްކުރެއްވުމަށް މާތްﷲ މެދުވެރި ކުރެއްވި، ބޭބެ އަށާއި ފުރާނަ ސަލާމަތް ކޮށްދެއްވުމަށް މަސައްކަތްކޮށްދެވި ސިފައިންނާއި ފުލުހުންނަށް ވަރަށް ބޮޑަށް ޝުކުރު އަދާ ކުރާ ކަމަށެވެ.

ހުކުރު ދުވަހުގެ އަލިފާނުގެ ޙާދިސާގައި ރަދުވާނިޔާގޭގެ ތާށިވެފައި ތިބި ފަސް ކުދިންނާއި ދެ އަންހެނުން ސަލާމާތްކުރުމަށް މެދުވެރިވި ބޭބެ އަކީ އެތަނުގެ އެޕާޓްމަންޓެއްގައި އުޅޭ ބޭބެއެއް ކަމަށް އެ އާއިލާއިން ބުންޏެވެ. އޭނާ އެހީތެރިވެދިނީ ހަމައެކަނި އެ ފަސް ކުދިންނާ ދެ އަންހެނުން ސަލާމަތް ކުރުމަކަށް ނޫނެވެ. ވަރަށް ގިނަ މީހުން ސަލާމަތްކޮށްދިނުމުގައި މެދުވެރިއަކަށް އެ ބޭބެ ވާކަމަށް ރަދުވާނިއާގޭގެ ފަސްވަނަ ބުރީގައި ދިރިއުޅޭ ދެ އާއިލާއިން ބުންޏެވެ. މީހުން ސަލާމަތް ކުރުމުގައި އެ ބޭބޭއަށް އެކި ވަރުގެ އަނިޔާތައްވެސް ލިބިފައިވާކަމަށް އެ މީހުން ކިޔައި ދިނެވެ. އަލިފާނުގެ ޙާދިސާގައި މީހުން ސަލާމަތްކުރުމުގެ، ހަޤީޤީ ހީރޯ އަކީ ފަސް ކުދިންނާ ދެ އަންހެނުންގެ އިތުރުން ރަދުވާނިޔާގޭގެ އެކި އެޕާޓްމަންޓް ތަކުގައި ތާށިވެފައިވާ މީހުން ސަލާމަތް ކުރުމަށް ސިފައިންނާއި ފުލުހުންނަށް އެހީތެރިވެދިން ބޭބެ ކަމަށް ރަތަފަންދުއަށް ނިސްބަތްވާ ދެބެންގެ އާޢިލާއިން ދެކެއެވެ.

.................

ނޯޓު: މި ރިޕޯރޓްގައި ރަދުވާނިޔާގޭގެ ދިރިއުޅުނު މީހުންގެ ނަންތައް ނުލިޔުނީ ނަން ޖެހުމަށް އެމީހުން އިޢުތިރާޒް ކުރުމުންނެވެ. އަދި ބޮޑެތި މީހުންގެ ފޮޓޯވެސް ނުޖެހީ އެކަމަށް އިޢުތިރާޒް ކުރުމުންނެވެ. ނަމަވެސް ކުދިންގެ ފޮޓޯ ޖަހައިފައި އެވަނީ އެމީހުން އެކަމަށް އިޢްތިރާޒު ނުކޮށް ހުއްދަ ދީގެންނެވެ.

1 ޚިޔާލު

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.