އަލިފާނުގެ ޙާދިސާގައި ހާލުގައި ޖެހުނުމީހުންނަށް ސަރުކާރުން މާލީ އެހީތެރިކަން ފޯރުކޮށްދެނީ

ރޭ މާލޭގައި ހިނގި އަލިފާނުގެ ޙާދިސާގައި ހާލުގައި ޖެހުނުމީހުންނަށް ސަރުކާރުން މާލީ އެހީތެރިކަން ފޯރުކޮށްދެއްވުމަށް ވަޒީރުންގެ މަޖިލީހުގެ ކުއްލި ބައްދަލުވުމުން ނިންމަވައިފިއެވެ. އަލިފާނުގެ ޙާދިސާގައި ހާލުގައި ޖެހުނުމީހުންނަށް ސަރުކާރުން މާލީ އެހީތެރިކަން ފޯރުކޮށްދެއްވުމުގެ ގޮތުން ފައިސާ ހަމަޖެއްސެވުމުގެ ކަންތައް ކުރިއަށް ގެންދަވަނީ މާލީ ވުޒާރާއިން ކަމަށް ވެސް ވަޒީރުންގެ މަޖިލީހުން ވަނީ ނިންމަވައިފައެވެ.

ވަޒީރުންގެ މަޖިލީހުގެ ކުއްލި ބައްދަލުވުމެއް ބޭއްވީ މިރޭ މާލޭގައި ހިނގި އަލިފާނުގެ ހާދިސާއާ ގުޅިގެން ސަރުކާރުން ކަންކަން ކުރިޔަށްގެންދާނެ ގޮތްތަކެއް ކަނޑައަޅައި މިފަދަ ހާދިސާތައް ތަކުރާރުވިޔަ ނުދިމަށްޓަކައި ކުރަންޖެހޭ ކަންކަމާ އަޅުއްވާނެ ފިޔަވަޅުތަކާ ގުޅޭގޮތުން މަޝްވަރާ ކުރެއްވުމަށެވެ. ވަޒީރުންގެ މަޖލީހުގެ ކުއްލި ޖަލްސާ މިރޭ ބޭއްވީ މުލީއާގޭގައެވެ.

އަލިފާނުގެ ޙާދިސާއާ ގުޅިގެން ހާލުގައި ޖެހުނު ފަރާތްތަކަށް ބޯހިޔާވަހިކަން ފޯރުކޮށްދިނުމުގެ ކަންކަން ނެޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީ އާއި ކަމާގުޅޭ އެހެން އިދާރާތަކާ ގުޅިގެން ކުރިޔަށްގެންދަވަން ވެސް ވަޒީރުންގެ މަޖުލީހުން ނިންމެވިއެވެ.

ވަޒީރުންގެ މަޖްލީހުން ވަނީ ކުރިޔަށް އޮތްތަނުގައި މިފަދަ ހާދިސާތައް ތަކުރާރުވިޔަ ނުދިމަށް އަޅުއްވަންޖެހޭ ފިޔަޅުތަކާ ބެހޭގޮތުން ވެސް މަޝްވަރާކުރައްވާފައެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.