3 ގަޑިއެއް ހާއިރުތެރޭ އެތައް ގެއެއް އަނދައި ހުލިވެއްޖެ

ފޮޓޯ: އެމް.އެން<ޑި..އެފް

00:02 - ހާދިސާ ހިނގި ސަރަހައްދުގެ ޖައްވު މިހާރު ފެންނަ ގޮތް: 

23:32- އަލިފާނުގެ ހާދިސާގައި ވީނުވީއެއް ނޭނގި ގެއްލިފައިވަނީ ތ. ބުރުންޏަށް ނިސްބަތްވާ 49 އަހަރުގެ އަންހެނެއް ކަމަށް ފުލުހުން ހާމަކޮށްފި. 

23:04- ވީނުވީއެއް ނޭނގި އަންހެނަކު ގެއްލިފައިވާ ކަމަށް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީގެ ޗީފް އެގެޒެކެޓިވް ހިސާން ހުސައިން ވިދާޅުވެއްޖެ. އޭނާ ހޯދުމުގެ މަސައްކަތް މިވަގުތުވެސް ފުލުހުންނާއި ރެސްކިއު ޓީމު ތަކުން ކުރަމުން ގެންދާކަމަށް ވިދާޅުވި. އެންޑީއެމްއޭގައި މިވަގުތަށް ބޭނުންވާ ވަރަށް ފެނާއި އަންނައުނާއި ތަކެތި އެބަހުރިކަމަށް ވެސް ހިސާން ވިދާޅުވި. އާއްމު ފަރާތްތަކުން ފެނާއި އަންނައުނު ފަދަ ތަކެތި ވަގުތީ ސެންޓަރުތަކަށް ގެންދިއުމުން ކޯޑިނޭޓްކުރުމަށް ދަތިތަކެއް ކުރިމަތިވާ ކަމަށް ވިދާޅުވި.   

22:43- އަލިފާނުގެ ހާދިސާ ހިނގައިގެން އުޅޭ ސަރަހައްދަށް ރައީސުލްޖުމްހޫރިއްޔާ ވަޑައިގެން ލިބުނު ގެއްލުންތައް ބައްލަވާލައްވައިފި. މީޑިއާއަށް މައުލޫމާތު ދެއްވަމުން އަލިފާން ކޮންޓްރޯލްވެފައިވާ ކަމަށް ރައީސް ވިދާޅުވި. "އެއް ގުދަނެއްގަ އަދިވެސް ރޯވެފައިހުރީ. އެތަންވެސް ވަނީ ކޮންޓްރޯލްވެފައި. ވީނުވީއެއް ނޭނގި އެކަކު އެބައުޅޭ، ކައުންޓު ނުކުރެވޭ އެކަކު. ހަތަރު ފަހަރަށް އިމާރާތް ބެލި އިރުވެސް އެމީހާއެއް ނުފެނޭ. އޭޑީކޭގަ 27 މީހުން ވަނީ އެޑްމިޓްކޮށްފަ. ސަރުކާރުގެ މުއައްސަސާތައް ގުޅިގެން ހާލުގައި ޖެހުނު މީހުންނަށް އެހީތެރިކަން ފޯރުކޮށްދިނުމަށް މިވަގުތު ދަނީ މަސައްކަތް ކުރަމުން." ރައީސް ވިދާޅުވި.

22:43- ކަލާފާނު ސްކޫލުގައި ގާއިމުކޮށްފައިވާ ވަގުތީ ހިޔާގައި 100 އަށްވުރެ ގިނަ މީހުން އެބަތިބިކަމަށް ނެޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީ އިން ހާމަކޮށްފި. ހާލުގައި ޖެހުނު ފަރާތްތަކަށް ތަކެތި ހަދިޔާކުރުމަށް ގިނަ ފަރާތްތަކަކުން ގުޅަމުންދާ ކަމަށް އެ އޮތޯރިޓީ އިން ހާމަކުރޭ.

22:31- ސަލާމަތާ ރައްކާތެރިކަމަށް ހުރަސް އެޅޭނެ އެއްވެސް ކަމެއް އޮވެގެން ނުވާނެކަމަށް ނައިބް ރައީސް ވިދާޅުވެއްގެ. ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް ސަރުކާރުން މަސައްކަތް ކުރައްވާނެކަމަށް ވިދާޅުވި. އަދި އާއްމުންގެ ފަރާތުން މިއަދު ލިބުނު އެއްބާރުލުން ފާހަގަކުރައްވައި އެފަރާތްތަކަށް ޝުކުރު އަދާކުރެއްވި. 

22:02- މިފަދަ ކުއްލި ނުރައްކަލު ހާލަތުގައި ކަމާ ގުޅޭ ފަރާތްތަކުގެ އިރުޝާދަށް ތަބާވެ އެއްބާރުލުން ދިނުން ވަރަށް މުހިއްމުކަމަށްް ހޯމް މިނިސްޓަރު ވިދާޅުވެއްޖެ.

21:45- ހާދިސާ ހިނގި ސަރަހައްދުގައި ފަޔަރ އެންޑް ރެސްކިއު ހުށިޔާރުކަމާއެކު މަސައްކަތް ކުރައްވަމުން ގެންދަވާކަން ޑިފެންސް މިނިސްޓަރ މާރިޔާ އަޙްމަދް ދީދީ ފާހަގަކުރައްވައިފި. އިމާރާތުގެ ތެރޭގައިތިބި ކަމަށް ބުނާ އެންމެން ސަލާމަތްކުރެވިއްޖެ ކަމަށް ވިދާޅުވި. ތުންތުންމަތިން އެތެރޭގައި ކުއްޖަކު ހުރިކަމަށް ބުނެގެން ރެސްކިއު ޓީމުން ހަތަރު ފަހަރު އެތެރެއަށް ވަދެ ޗެކްކުރުމުން ވެސް ކުއްޖަކު ނެތް ކަމަށް ވިދާޅުވި. ޔަގީންނުވާ ވާހަކަ ނުފެތުރުމަށް މިނިސްޓަރ އިލްތިމާސްކުރެއްވި. މިހާތަނަށް ކަލާފާނު ސްކޫލްގައި 50 މީހުން ރެޖިސްޓަރީ ކުރެވިއްޖެ. ކުޅިބަލަން އާއްމުން އެއްވުމުން ކުރަންޖެހޭ މަސައްކަތަށް ދަތިވާކަމަށް މިނިސްޓަރ ވިދާޅުވި

21:37- ރޯވެފައި ހުރި ސަރަހައްދުގައި ޕާކުކޮށްފައި ހުރި ވެހިކަލްތައް އެ ސަރަހައްދުން ނެގުމަށް ފުލުހުން އިލްތިމާސްކޮށްފި.

21:18- އަލިފާން ކޮންޓްރޯލް ކުރުމުގެ މަސައްކަތް ފަޔަރ އެންޑް ރެސްކިއު އިން ކުރަމުންދާއިރު، އެ ސަރަހައްދުގައި ދުމުގެ އަސަރު ކުރަމުންދާތީ އާއްމުން އެ ސަރަހައްދަށް ކައިރިނުވުމަށް އެމްއެންޑީއެފް އިން އިލްތިމާސްކުރޭ. 

21:03- އަލިފާން ރޯވެގެން އުޅޭ ސަރަހައްދަށް ނުދިއުމަށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީ އަދި ރެޑް ކްރެސެންޓުން އިލްތިމާސްކުރޭ. 

20:59- އަލިފާން ގަނޑު އަދިވެސް ކޮންޓްރޯލް ނުވެ އަދަމުން ދާކަމަށް ވަނީ މަޢުލޫމާތު ލިބިފައެވެ. އިތުރު ގެއެއްގައިވެސް އަލިފާން ރޯވެފައިވޭ. އަލިފާން ނިވުމަށް އެއަރޕޯރޓް ފަޔަރ ލޮރީ ދަނީ ހަރަކާތްތެރިވަމުން. 

20:51- ހާދިސާގައި އަސަރުކުރި ފަރާތްތަކަށް ރައިސް އިބްރާހީމް މުހައްމަދު ޞާލިހް ވަނީ ހަމްދަރްދީގެ މެސެޖެއް ފޮނުއްވާފައި. ހާދިސާ ހިނގައިގެން އުޅޭ ސަރަހައްދުގެ އަލިފާން ކޮންޓްރޯލް ކުރުމުގެ މަސައްކަތް ކުރިއަށްދާ ކަމަށާއި އަދިއެހީ ބޭނުންވާ ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ އިންތިޒާމު ހަމަޖައްސަވާފައިވާ ކަމަށް އެމަނިކުފާނު ވިދާޅުވި.

20:35- އޭޑީކޭ ހޮސްޕިޓަލުގެ އާންމު ޚިދުމަތްތައް މެދުކަނޑާލައި އަލިފާނުގެ ޙާދިސާއާ ގުޅިގެން ގެންދާ މީހުންނަށް ފަރުވާ ދިނުމަށް އިމަރޖެންސީ ސެންޓަރެއް ޤާއިމު ކޮށްފި. އޭޑިކޭއަށް ފަރުވާ ހޯދުމަށް ގެންދެވުނު މީހުންގެ ތެރޭގައި ބޮޑު އަނިޔާއެއް ލިބިފައިވާ މީހަކު ނެތްކަމަށް އެހޮސްޕިޓަލުން މަޢުލޫމާތު ދޭ. ފަރުވާ ދެވިފައިވާ މީހުންނަކީ ދުމުގެ އަސަރުކޮށްގެން ފަރުވާ ދެވިފައިވާ މީހުންކަމަށް ވެސް ހޮސޕިޓަލުން މައުލޫމާތު ދޭ. ހޮސްޕިޓަލަށް ގިނައިން ގެންގޮސްފައި ވަނީ ކުޑަކުދިން.

20:29- އަލިފާނުގެ އަސަރުކޮށްފައިވާ ގެތަކުގެ މީހުންނަށް ވަގުތީ ތަނެއްގެ ގޮތުގައި ކަލާފާނު ސްކޫލް ހަމަޖައްސާފައިވާ ކަމަށް ނެޝެނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީ އިން ހާމަކޮށްފި . އެހިތެރިކަން ބޭނުންވާ ފަރާތްތަކުން ކަލާފާނު ސްކޫލަށް ދިއުމަށް އެ އޮތޯރިޓީ އިން އިލްތިމާސްކުރޭ.

20:22- އެމްއެންޑީއެފްގެ ފަޔަރ އެންޑ ރެސްކިއު އިން ދަނީ އަލިފާން ކޮންޓްރޯލް ކުރުމަށް މަސައްކަތް ކުރަމުން. 

20:20- އެސަރަހައްދުގެ ގޭގެތަކަށް އަލިފާން ފެތުރެމުން ދާތީ މީހުން ނެރެ ރައްކާތެރި ސަރަޙައްދުތަކަށް ދަނީ ގެންދަމުންނެވެ. ބައެއް މީހުން އޭޑީކޭއަށް ގެންގޮސް ފަރުވާ ދެމުންދާ ކަމަށް ވެސް ފަރުވާދެމުން އެބަދެއެވެ. 

20:02- ހެންވޭރު އަބަދަށް ފެހިމަގުގައި ހުރި ގެއެއްގައި އަލިފާން ރޯވެ އަނދަމުން އެބަދެއެވެ. އަލިފާން ރޯވެފައި ވަނީ ހެންވޭރު ފެހިއާބާދުގައި ހުންނަ ކެމިކަލް ގުދަނެއްގައި ކަމަށް މަޢުލޫމާތު ލިބިފައި ވެއެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.