ގޮނޑުދޮށް ސާފުކުރުމުގެ ޤައުމީ ޙަރަކާތެއް ހުޅުމާލޭގައި ހޮނިހިރު ދުވަހު ބާއްވަނީ

ގޮނޑުދޮށް ސާފުކުރުމުގެ ޤައުމީ ޙަރަކާތެއް ހުޅުމާލޭގައި އަންނަ ހޮނިހިރު ދުވަހު ބާއްވަން ހަމަޖައްސަވައިފިއެވެ. ތިމާވެށްޓާ ބެހޭ ވުޒާރާއިން ހާމަކުރައްވައިފައިވާ ގޮތުގައި މިޙަރަކާތަކީ ގޮނޑުދޮށްތައް ސާފުކުރުމުގެ ބައިނަލް އަޤްވާމީ ދުވަސް ފާހަގަކުރުމަށް ހިންގަވާ ޤައުމީ ޙަރަކާތެކެވެ.

ގޮނޑުދޮށްތައް ސާފުކުރުމުގެ ބައިނަލް އަޤްވާމީ ދުވަސް ފާހަގަކުރުން ރަސްމީކޮށް ފެށުމުގެ ގޮތުން ހުޅުމާލޭގެ އަތިރިމަތި ސާފުކުރުމަށް ބޮޑު ޙަރަކާތެއް ހިންގުމަށް ހަމަޖައްސައިފައިވަނީ އެންވަޔަރަމަންޓް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ) އާއި އެޗްޑީސީ އާއި ޔޫއެންޑީޕީއާއި އީޔޫ ގުޅިގެންނެވެ. މިޙަރަކާތުން ނެގޭ ކުނީގެ އޮޑިޓެއް ހަދުމަށް ވަނީ ހަމަޖައްސައިފައިއެވެ. އޮޑިޓްގެ މަޢުލޫމާތި އީޕީއޭ އިން ހިއްސާ ކުރާނެކަމަށް ތިމާވެށްޓާ ބެހޭ ވުޒާރާއިން ހާމަކުރެއްވިއެވެ. މި ބިޔަ ޙަރަކާތުގައި ސަރުކާރުގެ ވުޒާރާތަކާއި ކުންފުނިތަކާއި އަމިއްލަ ޖަމާޢަތްތަކާއި ސްކޫލުތަކާއި އާއްމުންވެސް ބައިވެރިވާ ގޮތަށް ވަނީ ހަމަޖެހިފައެވެ.

ހުޅުމާލޭގައި ބޭއްވޭ ހަރަކާތުގެ އިތުރުން ރަށުފެންވަރުގައިވެސް ގޮނޑުދޮށްތައް ސާފުކުރުމުގެ ޙަރަކާތްތައް ހިންގުމަށް ކައުންސިލްތަކާއި އަމިއްލަ ފަރާތައް ގުޅިގެން ދަނީ މަސައްކަތް ކުރަމުންނެވެ.

މިދުވަސް ފާހަގަ ކުރުމަށް ގޮނޑުދޮށްތައް ހިމާޔަތް ކުރުމާބެހޭ ޕަބްލިކް ފޯރަމެއް، އާއްމުންނަށް ހުޅުވާލައިގެން ހޮނިހިރު ދުވަހުގެރޭ އަށެއް ޖަހާއިރު ޙުޅުމާލޭގައި ބޭއްވުމަށް ވަނީ ހަމަޖައްސައިފައެވެ.

ގޮނޑުދޮށްތައް ސާފުކުރުމުގެ ބައިނަލް އަޤްވާމީ ދުވަހަކީ ކޮންމެ އަހަރެއްގެ ވެސް ސެޕްޓެމްބަރ މަހުގެ ތިންވަނަ ހަފްތާގެ ހޮނިހިރު ދުވަހު ފާހަގަކުރަމުން އަންނަ ދުވަހެކެވެ. މިދުވަސް ފާހަގަ ކުރުމުގެ މައިގަނޑު ބޭނުމަކީ، މޫދަށާއި ގޮނޑުދޮށަށް ކުނި އެޅުން ހުއްޓުވައި ކުނިބުނި އެޅުމުގެ ސަބަބުން ކަނޑުގެ މާހައުލަށް ލިބޭ ގެއްލުންތަކާ މެދު އާއްމުން ހޭލުންތެރިކުރުވުމެވެ. މިދުވަހާ ގުޅިގެން ކޮންމެ އަހަރަކުވެސް ދުނިޔޭގެ އެކި ކަންކޮޅުތަކުން އެތައް ހާސް އިވެންޓެއް ބާއްވައެވެ. އަދި އެތައް މިލިއަން ބަޔަކު މިފަދަ އިވެންޓްތަކުގައި ބައިވެރިވެ އެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.