މާލެ ދަތުރުކުރާ ބޯޓެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައިފި

މާލެއިން ފުރައިގެން ގއ.ވިލިނގިއްޔަށް ދަތުރުކުރި ބޯޓެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައިފިއެވެ.

އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިއު ސާރވިސްއާއި އެމްއެންޑީއެފް މާލޭ އޭރިއާ ކޯސްޓްގާޑް ސްކޮޑްރަންއިން ވަނީ އެއަލިފާން ނިއްވާލާފައެވެ. އިއްޔެ ހަވީރު 16:00 ހާއިރު ހިނގި މިހާދިސާގެ މަޢުލޫމާތު ލިބުމާއެކު ވ.ފުލިދޫގައި ހަރަކާތްތެރިވަމުންދިޔަ އެމްއެންޑީއެފް ކޯސްޓްގާޑް ކާނި ލޯންޗު ވަނީ ބޯޓުއޮތް ސަރަހައްދަށްގޮސް އެހީތެރިކަން ފޯރުކޮށްދީފައިކަމަށް އެމްއެންޑީއެފް އިން  މަޢުލޫމާތުދެއެވެ.

މިހާދިސާގައި އަލީފާން ރޯވެފައިވަނީ ބޯޓުގެ އިންޖީން ވަތުގައެވެ. އަލިފާންގަނޑު އިތުރަށް ފެތުރުމުގެ ކުރިން އެފްއާރުއެސްގެ ފަޔަރ ފައިޓަރުން ވަނީ އަލިފާންގަނޑު ކޮންޓްރޯލުކޮށް ނިއްވާލާފައެވެ.

އުދަރެސް ނަމަކަށް ކިޔާ މި ބޯޓުގައި މިހާދިސާ ހިނގިއިރު 10 ފިރިހެނުން ތިއްބެވެ. މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައިނުވާއިރު މިހާރު ބޯޓު އޮތީ ވ.ކެޔޮދޫގެ ހުޅަނގުން އެއް ނޯޓިކަލް މޭލު ބޭރުގައި ނަގިލި އަޅައިގެން ކަމަށްވެސް އެމްއެންޑީއެފް އިން މަޢުލޫމާތުދެއެވެ.

މީގެއިތުރުން "ނޫމަސް" ނަމަކަށް ކިޔާ ފަރުމަސްވެރިކަންކުރާ ދޯންޏެއް އެނބޫދޫ ފިނޮޅު ކައިރީ އޮތް ފަރަކަށް އެރާފައިވާކަމަށްވެސް އެމްއެންޑީއެފްއިންވަނީ މިރޭ ހާމަކޮށްފައެވެ.

މި ހާދިސާގެ މަޢުލޫމާތު ރޭ 8:30 ހާއިރު އެމްއެންޑީއެފް މާލޭ އޭރިއާ ކޯސްޓްގާޑް ސްކޮޑްރަންއަށް ލިބުމާއެކު ހާބަރ ކްރާފްޓް ލޯންޗްގައި ޑައިވަރުންގެ ޓީމެއް ވަނީ އެސަރަހައްދަށް ގޮސް އެހީތެރިކަންފޯރުކޮށްދޭން ފަށާފަ ކަމަށާ، މިގޮތުން ދޯނީގައި ތިބި 10 މީހަކު ހާބަރ ކްރާފްޓުގައި ވަނީ މާލެ ގެނެސްދީފައިކަމަށް އެމްއެންޑީއެފް އިން ބުނެއެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.