ރިޟްވާންގެ މައްސަލައާއި ގުޅިގެން ހައްޔަރު ކުރަން ޖެހޭކަމަށް ފެންނަ މީހުން ހައްޔަރުކުރުމުގެ ކޯޓު އަމުރަށް އެދުމުގެ ފުރިހަމަ ބާރު މަރު ތަހުގީގުކުރާ ކޮމިޝަނަށް ގާނޫން ލިބިދީފައިވާ ކަމަށް ކޮމިޝަނަރ އޮފް ޕޮލިސް މުޙައްމަދް ޙަމީދް ވިދާޅުވެއްޖެއެވެ.
ރިޟްވާންގެ މައްސަލައާއި ގުޅިގެން އާއްމުންގެ ކަންބޮޑުވުންތަކަށް ކޮމިޝަނަރ އޮފް ޕޮލިސް މިރޭ ވަނީ ޓުވިޓަރ މެދުވެރިކޮށް އެޑްރެސްކުރައްވާފައެވެ. ހަމީދު ވިދާޅުވީ ރިޔާސީ ކޮމިޝަންގެ ޤާނޫނުގެ ދަށުން އަޙްމަދު ރިޟްވާންގެ މައްސަލަ ތަހުގީގު ކުރުމުގެ ބާރު އޮތީ ހަމައެކަނި މަރު ތަހުގީގުކުރާ ކޮމިޝަނަށް ކަމަށެވެ. އަދި އެ ގާނޫނުގެ ދަށުން ހައްޔަރުކުރަން ޖެހޭ ކަމަށް ކޮމިޝަނަަށް ފެންނަ މީހުން ހައްޔަރުކުރުމުގެ އަމުރު ހޯދުމުގެ ފުރިހަމަ ބާރުވެސް ކޮމިޝަނަށް ލިބިދީފައިވާ ކަމަށެވެ.
މޯލްޑިވްސް ޕޮލިސް ސަރވިސް އަަށް ރިޟްވާންގެ މައްސަލަ ތަހުގީގުކުރުމުގެ ބާރު ނެތް ކަން ކޮމިޝަނަރ ވަނީ ފާހަގަކުރައްވާފައެވެ. އެހެންކަމުން މަރު ކަޮމިޝަނުގެ ފަރާތުން، އަމުރު ހޯދަން ކޯޓަށް ދިއުމުގެ ބާރު ފުލުހަށް ލިބިފައިނުވާ ކަން ވެސް ފާހަގަކުރެއްވިއެވެ.
މަރު ތަހުގީގުކުރާ ކޮމިޝަނުން ބަޔަކު ހައްޔަރުކުރުމުގެ އަމުރު ހޯދައިފިނަމަ ކޮމިޝަނަރ އޮފް ޕޮލިސްގެ ހައިސިއްޔަތުން، ހައްޔަރުކުރަންޖެހޭ މީހުން ވަގުތުން ހައްޔަރުކުރާނެ ކަމުގެ ޔަގީންކަން އާއްމުންނަށް ދެއްވިއެވެ.