ރިޟްވާންގެ މަރުގެ ރިޕޯޓާ ގުޅިގެން އިންޓެލްގައި މަސައްކަތްކުރާ ފަސް ފުލުހަކާމެދު ވަގުތުން ފިޔަވަޅު އެޅެންޖެހޭ: ރައީސް ނަޝީދު

ރިލްވާންގެ މަރުގެ ރިޕޯޓާ ގުޅިގެން އިންޓެލްގައި މަސައްކަތްކުރާ ފަސް ފުލުހަކާމެދު ވަގުތުން ފިޔަވަޅު އެޅެންޖެހޭ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ކުރީގެ ރައިސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވަފައި ވަނީ ރައްޔިތުންގެ މަޖިލީހުގެ އިދާރާގައި މިއަދު ހަވީރު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައެވެ. މިފަސް އޮފިސަރުގެ މަޢުލޫމާތުވެސް ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް ނަޝީދު ވަނީ ހާމަކުރައްވައިފައެވެ.

މިހާރުވެސް ވަޒީފާގެ މަސްޢޫލިއްޔަތު އަދާ ކުރައްވަމުން ނުގެންދަވާ އެފުލުހުންނަކީ އިންޓެލިޖެންސް ޑިޕާރޓްމަންޓްގައި މަސައްކަތް ކުރާ ޕޮލިސް ކޯޕްރަލް އިބްރާހީމް ރިއްފަތާއި އިންޓެލް ޑިޕާރޓްމަންޓްގެ ޑައިރެކްޓްރޭޓްގެ ޕޮލިސިންގ ޔުނިޓްގެ އެނަލިސްޓެއްކަމަށްވާ ޕޮލިސް ކޯޕްރަލް މުޙައްމަދު ޖިނާހާއި މި ދެ އޮފިސަރުންގެ އިމީޑިއެޓް ސްޕަވައިޒަރ އަޙްމަދު ޙަމީދު ޢަބްދުއްރަޙީމާއި އިންޓެލް ޑިޕާރޓްމަންޓްގެ ޓެކްނިކަލް ބައިގައި މަސައްކަތް ކުރައްވާ މުޙައްމަދު ފަޔާޒު އިސްމާޢީލާއި އިންޓެލް ޑިޕާރޓްމަންޓްގެ ކޮމަޓް ޕޮލިސިންގެ ބައިގެ މިހާރުގެ ހެޑް އިބްރާޙީމް ޙަލީލެވެ.

ކޯޕްރަލް ރިއްފަތާއި ޖިނާހަކީ ރިލްވާންގެ ފޯން ކޯލްތައް 24 އޭޕްރީލުން ފެށިގެން 21 ޖުލައި ހަމައަށް އަޑު އެހުމުގެ އިތުރުން އިމިގެރޭޝަން ކޮންރޯލަރ ހަސަން ޢަލީ އާ ބައްދަލުކޮށް ރިލްވާންގެ ވަގުޕާސްޕޯރޓް ހެދުމަށް މަސައްކަތްކުރި ދެ އޮފިސަރުން ކަމަށްވެސް ރިޕޯރޓާ ޙަވާލާ ދެއްވާ ރައީސް ނަޝީދު ވިދާޅުވިއެވެ. އަދި އެދެމީހުން އަޙަމަދު އަދީބާ ބައްދަލުކޮށް، އިންޓެލްގެ މަޢުލުމާތުދީފައިވާ ކަމަށްވެސް ވެއެވެ. މީގެ އިތުރުން މި ދެ ފުލުހުން އަދީބުގެ އަތުން ބޮޑެތި އަދަދު ތަކުން ފައިސާ ހޯދައިފައިވާކަމަށް މަރުކޮމިޝަންގެ ރިޕޯރޓްގައި ފާހަގަ ކޮށްފައިވާ ކަމަށް ރައީސް ނަޝިދު ފާހަގަކުރެއްވިއެވެ. ރިލްވާން ގެއްލިގެން އުޅޭކަމަށް އާއިލާއިން ރިޕޯރޓް ކުރުމުގެ ކުރިން 11 އޯގަސްޓްގައި ނޫސްވެރިއަކު ގެއްލިގެން އުޅޭކަމަށާއި ސެކިއުލާ މީހަކު ގެއްލިގެން ކަންބޮޑުވެގެން އެބައުޅޭކަމަށް ކޯޕްރަލް ރިއްފަތާއި ޖިނާހުގެ އިމީޑިއެޓް ސްޕަވައިޒަރ އަޙްމަދު ޙަމީދު ގާތުގައި ޖިނާހު ބުނެފައިވާކަމަށް ރިޕޯރޓާ ޙަވާލާދެއްވައި ރައީސް ނަޝިދު ވިދާޅުވިއެވެ. އަދި ދެމީހަކު ކަނޑުފައްތާ މަރާލަން އުޅޭކަމަށާއި އެކަމަށް ލޯންޗެއް ތައްޔާރުކޮށްފައި ވާކަން އިޓެލް ޑިޕާރޓްމަންޓަށް އެނގި އެކަމާމެދު ވިޔަވަޅު އަޅައިފައި ނުވާކަން ކޮމިޝަންގެ ރިޕޯރޓުން އެނގޭ ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.

މިހާތަނަށް އޮތް އެންމެ ބޮޑު ކަންބޮޑުވުމަކި ރިލްވާން މަރާލުމުގައި ބައިވެރިވިކަމަށް ތުޙުމަތު ކުރެވޭ ބަޔަކު އެތަނުގައި މިހާރުވެސް މަސައްކަތް ކުރަމުން ދިއުންކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް ނަޝީދު ފާހަގަ ކުރެއްވިއެވެ. އެ ފުލުހުންގެ ވާހަކަ ރައީސުލްޖުމްހޫރިއްޔާއާވެސް ޙިއްޞާކުރައްވައިފައި ވާނެކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ. ނިއުސް ކޮންފަރެންސް ދެއްވަމުންދާއިރު އެ ފުލުހުންނާމެދު ވާނީ ފިޔަވަޅު އެޅިފައިކަމަށް ދެކެވަޑައިގަންނަވާ ކަމަށް ރައިސް ނަޝީދު ވިދާޅުވިއެވެ.

 

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.